Support Us

ބުއްދިވެރި ހަކީމެއްގެ ބަސްކޮޅެއް: ހިޔަޅާއި ކުއްތާގެ ވާހަކައެއް

ހިޔަޅު މަކަރުވެރިވެފައި އޭގެ ނުރައްކާތެރިކަން ބޮޑުވެ، އޭގެ ފަރާތުން ގެއްލުން ލިބުމުގެ އިހުތިމާލު ބޮޑު ވިޔަސް، އެއަށް މީސްތަކުން މަދަހައާއި ސަނާ ކިޔައެވެ. މީހެއްގެ ވިސްނުމާއި ހީލަތްތެރިކަން ބޭނުންކޮށްގެން ކަންތައް ކުރަމުން ދާއިރު، އޭނާއަކީ 'މޮޅު’، 'ބޯ ރަނގަޅު' މީހެކޭ ބުނެ، ސަނާ ކިޔުމުގެ ގޮތުން ހިޔަޅެކޭ ބުނެއެވެ. މިފަދަ އިބާރާތްތައް ބޭނުންކުރާއިރު، ހިޔަޅަށް ސަނާ ކިޔޭތަން ފެނެއެވެ.

ނަމަވެސް، އޭގެ ފަރާތުން ފައިދާ ލިބިލިބި ހުންނަ ޚިދުމަތްތެރި އަދި ވަފާތެރިކަން މަތީ އަބަދަށް ދެމިހުންނަ ކުއްތާ ދެރަކޮށްލައި ނިކަމެތި ކޮށްލެވެއެވެ. މީހަކަށް އިހާނަތްތެރި ބަސްތައް ރައްދުކޮށް އޭނާ ދެރަކޮށް، ނިކަމެތިކޮށްލުމުގެ ގޮތުން އޭނާއަށް ދިމާއަށް ކުއްތާއެކޭ، ބަޅެކޭ، ކިޔެއެވެ.

އާދެ، ވަރަށް ގިނަ ފަހަރަށް، މީސްތަކުން ހަމްދާއި ސަނާކިޔަނީ އޭނާގެ ފަރާތުން ނުރައްކަލާއި ގެއްލުން ލިބޭ މީހާއަށެވެ. އަދި، ހަމަ އެހެންމެ، އޭނާގެ ފަރާތުން ޚިދުމަތާއި ފައިދާ ލިބިލިބި ހުންނަ މީހާ ދެރަކޮށްލައި އޭނާއާ މެދު އިހާނަތްތެރިކޮށް ހިތެއެވެ.

އާދެ، އަގުހުންނަނީ މަކަރުވެރިކަމާއި ހީލަތްތެރިކަމުގައެވެ. ބުއްދިވެރިޔަކީ ދޮގުހަދައި އޮޅުވާލާ މީހާއެވެ. ތެދުވެރިކަމާއި ވަފާތެރިކަމުގައި އެއްވެސް އަގެއް އޮތް ކަމަކަށް ނުބެލެވެއެވެ. ތެދު ބުނެ، ވަފާތެރިކަން މަތީ ހުރުމަކީ މޮޔަކަމެއްގެ ގޮތުގައި ބެލެވެއެވެ.

ރަނގަޅު ނުރަނގަޅަށްވެ، ނުރަނގަޅު ރަނގަޅަށް ވަނީ ކީއްވެބާވައެވެ؟ މީހުންގެ ނަޒަރު ހުއްޓެނީ ބޭރުފުށުގެ މައްޗަށެވެ. ޗާލާކީ ވާހަކަތަކުގެ މައްޗަށެވެ. އެ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިކަން ދެނެގަންނަން، އަމަލުތަކާއި އެ އަމަލުތަކުގެ ފަހަތުގައި އޮންނަ ނިޔަތާއި މަގުސަދާ ދޭތެރޭ އަމިއްލަ ވިސްނުން ހިންގާލަން ބޭނުން ނުވުމެވެ. އެހެންވީމާ މަކަރުވެރި ހިޔަޅު ފެންނަނީ ހެޔޮ އެދޭ މޮޅު، ގާބިލު މީހާގެ ގޮތުގައެވެ!