Support Us

ޖާސޫސުކުރުމާއި އިންސާނާގެ ހަވާ ނަފްސުގެ އެދުންތަކުގެ ގުޅުން

އަރަބިންގެ ވެރިންނާ މެދު، އިޒުރޭލުގެ ބޮޑުވަޒީރަކު ބުނިކަމަށް އޮންނަ ބުނުމެއް އޮވެއެވެ. 'އެމީހުންގެ ތެރޭގައި ނުގަނެވޭނޭ އެކަކުވެސް ނެތެވެ. އެނގެން ޖެހެނީ ދައްކަން ޖެހެނީ ކޮން އެއްޗެއްތޯއާއި ކިހާ ވަރެއް ކަމެވެ. ބައެއް ފަހަރު ފައިސާ ދައްކަން ޖެހިދާނެއެވެ. އަނެއްބައި ފަހަރު، އެއީ އެހެން ކަމަކަށް ވެސް ވެދާނެއެވެ."

އަދިވެސް، އޭނާ ބުނެފައި އޮވެއެވެ. "އަހަރުމެންގެ ޖާސޫނުން، އެމީހުންގެ ވެރިންގެ ތެރޭގައި، އެންމެ މަތިން ފެށިގެން އެންމެ ތިރިއަށް ދަންދެން، ތިބޭނެއެވެ." (މި ދެބުނުމުގެ ހަގީގަތާއި އިޒުރޭލުގެ ޖާސޫސީ އިދާރާ، މޮސޭޑު، މަސައްކަތްކުރާ ގޮތުގެ ފިކުރެއް، ގޯޑަން ތޯމަސްގެ 'ގިޑިއޯންސް ސްޕައިސް’، މި ފޮތުން ލިބޭނެއެވެ.)

މިނަކަލު ކޮށްލެވުނު ދެ ބުނުން، ރިޝްވަތުދީ މީހުން ގަތުމާއި، އެންމެންގެ ތެރޭގައި ވެސް ޖާސޫސުން ބޭތިއްބުން، މި ދެކަމުގެ ދެމެދުގައި އޮތް ގުޅުމަކީ ކޮބާހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގެ މައްޗަށް ސީދާ އެއްޗެއް ބުނުމުގެ ކުރިން، މިކަމަށް އަލިއަޅުވާލަދޭ އެހެން ބުނުމެއްގެ މައްޗަށް ބަލާލާނަމެވެ. "ލޯބިވެވި، އެހެނަސް މިނިވަނެއްގެ ގޮތުގައި: ދެ ފިރިހެނެއްގެ ދެމެދުގައި ތާށިވި އަންހެނެއްގެ ވާހަކަ" މި ފޮތުގައި އޮތް ބުނުމެކެވެ. މި ފޮތުގައި ލިޔެވިފައި އޮވެއެވެ.

"އެނދުމަތީ އޮވެ، އޭގެ ތެރެއަށް އަހަރެން ވެއްޓިގަތް މަޅީގެ މައްޗަށް ވިސްނާލުމުން، އަހަންނަށް އެނގުނީ، ތަފާތު ގޮތްގޮތަށް އިންސާނުން ހައްލާލެވޭކަމެވެ. ކުޑަކުދިން، ޗޮކްލެޓު ދީގެންނެވެ. ޒުވާނުންނަށް، ޑުރަގްސް ދީގެންނެވެ. ނުފޫޒު ގަދަ މަގާމުތަގުގައި ތިބޭ މީހުންނަށް، ފައިސާ ދީގެންނެވެ. އަދި ބައެއް ފަހަރު، އަހަރެން ހައްލުވައިލި ފަދައިން، ޝަހުވަތުގެ އެދުމުގެ ސަބަބުންނެވެ. އިންސާނާގެ ނަފްސުގެ ކުރިމައްޗަށް އޭނާ ހައްލުވާލާނޭ ކަމެއް ކުރިމަތިވުމުން، އެކަމަށް އޭނާގެ ނަފްސު ދީލާލައެވެ. މިހެން ކަންތައް ކުރަނީ، ކުރިއަށް އޮތް ދުވަސްތަކާއި ހަފްތާތަކާއި މަސްތަކާއި އަދި ކިއެއްތަ؟ އަހަރުތަކުގައި ވެސް، މިކަމުގެ ހިތި ނަތީޖާއާ، ކުރިމަތިލާން ޖެހޭނެކަން އިންސާނުންނަށް އެނގޭ އިރުވެސް މެއެވެ."

އާދެ، ދެންމެ ނަންގަތް ބުނުމުގައި ޚުލާސާކޮށްލެވިފައި އެ އޮތީ އިންސާނާ އޭނާގެ ނަފްސާއި އަދި އޭނާގެ ގައުމު ވެސް ވިއްކާލަން ކުރިމަތިކުރާ ހަވާ ނަފްސުގެ އެދުންތަކެވެ. އެއްޗިއްސާއި ފައިސާ ފަދަ މާއްދީ އެދުންތަކާއި ޝަހުވާނީ އެދުންތަކަށް ދަހިވެތިވުމެވެ. އަދި، މީގެ އިތުރުން، މަގާމާއި ޖާހަށް ދަހިވެތިވުމެވެ. އަމިއްލަ ބާރާއި ވެރިކަން ދެމެހެއްޓަށް ދަހިވެތިވުމެވެ.

ދެން، ރިޝްވަތު ދީގެން މީހުން ގަނެލުމުގެ މައްސަލައާއި ޖާސޫސުކުރުމުގެ މައްސަލައާ ދެމެދު އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ހައްސާސީ މައުލޫމާތު ޖަމާކުރުމެވެ. ގައުމީ އަމްނާއި ސަލާމަތާ ބެހޭ މައުލޫމާތުގެ އިތުރުން، ލީޑަރުންނާއި އަދި ވެސް ނުފޫޒު ގަދަ އެހެނިހެން މަގާމުތަކުގައި ތިބޭ މީހުންގެ ޒާތީ ކަންކަމާއި އެމީހުންގެ ތަބީއަތާ ބެހޭ މައުލޫމާތު ދެނެގަތުމެވެ. އެފަދަ މީހުންގެ 'ހިތަށް ވާސިލުވެވޭނޭ ގޮތް' ދެނެގަތުމަށްޓަކައެވެ. ބައެއް ފަހަރު އެމީސްމީހުންގެ ހިތަށް ވާސިލުވެވެނީ އެމީހުންގެ 'ބަނޑުތެރެއިން' ލާފައެވެ. އަނެއް ބައިފަހަރު ދަށްބަޑަށް ވުރެ ކުޑަ ތަންކޮޅެއް ތިރީ މަގަކުންލައިގެންނެވެ. އަނެއް ބައިފަހަރު، އެމީހުންގެ އަމިއްލަ ނަފްސު އެމީހުން އަމިއްލައަށް ފުއްޕާލާފައި އޮންނަ ފުއްޕާހަމުގައި އަނގަޖަހައި ފުމެލައި، އިތުރަށް ފުއްޕާލައިގެންނެވެ.

މިފަދަ ހައްސާސީ މައުލޫމާތުތައް ޖަމާކުރުމުގައި ޖާސޫސޫން ދެމިތިބެއެވެ. އެ މީހުން ތިބޭނީ ތިމަންނަމެންނަކީ ޖާސޫސުންނޭ ކިޔައިގެން މޭގައި އެހެން ޖަހައިގެންނެއް ނޫނެވެ. ބައެއް ފަހަރު، ތަނުގެ ވަޒީފާތައް އަދާކުރުމުގައެވެ. ގާތް އެކުވެރިންގެ ގޮތުގައެވެ. ވަރަށް އާދައިގެ މަސައްކަތްތަކުގައެވެ. ދަނޑުވެރިންނާއި މަސްވެރިކަން ކުރުމުގެ ޚާދިމުންގެ ގޮތުގައެވެ. ޑުރައިވަރުންގެ ގޮތުގައެވެ. ގޭގޭގެ ނޯކަރުންގެ ގޮތުގައެވެ.

މަތީގައި، އިޒުރޭލުގެ ބޮޑުވަޒީރު ބުނެފައި އޮތް ބުނުން– ވެރިންނަށް ތިބޭ މީހުން ގަތުމާއި އެކަމަށްޓަކައި ޖާސޫސުކުރުން– އެއީ ހަމައެކަނި އިޒުރޭލުން ކުރާ ކަމެއް ނޫނެވެ. ބާރު ގަދަ ހުރިހާ ގައުމުތަކަން ހެން ވެސް ހިނގާ ކަންކަމެވެ. ޚާއްސަ ގޮތެއްގައި، ބޮޑެތި ގައުމުތައް، ކުދި، އެއްވެސް ބާރެއް، އަގުލާނީ، ސިކުނޑީގެ، (އިންޓެލެކްޗުއަލް) ހޭލުންތެރިކަމެއް ނެތް، ތަންތަނުގެ މައްޗަށް، ވެރިވެގަންނަން މަސައްކަތް ކުރަން ބޭނުން ވުމުންނެވެ. މިފަދަ ހޭލުންތެރި ކަމެއް ނެތުމުން، އަޅުގަނޑުމެން ކިޔާ ގޮތުން ނަމަ، ދާދި ފަސޭހައިން، "ގުނބޯ ހެދޭ' ބައަކު އުޅޭ ތަނެއްގައި، އެތަނުގައި އުޅޭ ގަނެލެވިފައިވާ ލީޑަރެއްގެ ވާހަކައަށް އެ މީހުން ހެއްލިގެންދާކަން މާ ގިނަ ވަގުތުއް ނުނަގާނެކަން ބާރުގަދަ ގައުމުތަކުން ދެކެއެވެ. ގަނެލެވިފައިވާ އެފަދަ "ލީޑަރަކު’، ރޭގަނޑަކީ ދުވާލޭ ބުންޏަސް، ނޫނީ މާމުޔަކީ ހިތި އެއްޗެކޭ ބުންޏަސް، އެއީ ވަހީ ބަސްފުޅެއް ކަމުގައި ބަލައި، އެކަން ދިފާއުކުރަން ގުނބޯތައް ނިކުންނާނެއެވެ. ޅެންވެރިޔާ ބުނެފައިވާ ފަދައިންނެވެ:

إن قيل هذا شهدكم مر فقولوا علقم

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި

އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން

أو قيل إن نهاركم ليل فقولوا مظلم

އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭގަނޑޭ ބުނެވޭ އިރަށް

ބުނެލާށެ އާނ! މީ ރޭގަނޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން

މިފަދަ ގޮތެއްގައި ކަންތައްކުރަމުންދާ އިރު، ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާކަށް ނުޖެހެއެވެ. އެހެނީ އެއީ ވިކި، ގަނެވިފައިވާ ލީޑަރުނަށް، އެ ވަގުތަކު އެމީހުންގެ އަމިއްލަ މަސްލަހަތު ނިޔާކުރާ ގޮތެއްގެ މަތިން، ކޮށައި މަށައި، ބަދަލުކޮށްލެވޭ އެއްޗަކަށްވާތީއެވެ. ޑިމޮކުރަސީއާއި ރައްޔިތުން އެދޭ ގޮތާއި، އާންމު ރައުޔަށް ވެސް ރިއާޔަތް ކުރާކަށް ނުޖެހެއެވެ. ޑިމޮކުރަސީ ވެސް، ގާނޫނުވެސް، ހުރިހާ ކަމެއް ވެސް ނިމިގެން ދަނީ ހަމައެކަނި، ވިކި، ގަނެލެވިފައިވާ ލީޑަރުގެ ދުލުން ނިކުންނަ އެއްޗަކަށް ބެލެވިގެންނެވެ! އާދެ، ފަރަންސޭސި ރަސްގެފާނު ސޯޅަ ލުއީ ބުނި ފަދައިން، "ގާނޫނު ނިކުންނާނީ އަހަރެންގެ ދުލު ކުރިންނެވެ!" މިފަދަ މަންޒަރެއް، މިހާރު، އަޅުގަނޑުމެންގެ ކުރިމަތީ ތަމްސީލުވެގެންދާތަން ފެންނަހެން ހީވެއެވެ! ކުލީ ބެރެއްގެ ޖެހުމެއް ކުޅެމުންދާ ރާގަކާއި އެ ރާގަށް، ހޮރުތަކުން ގުނބޯތައް ނިކުމެ، ނަށަމުންދާ ތަނެވެ. ސުއާލަކީ، ކުރިމަތީ މިކަން ތަމްސީލުވެގެންދާ އިރު، މި މަންޒަރު ފެންނާނީ ކިތައް މީހުންނަށް ބާވައެވެ؟

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11

One Response

  1. ބައެއްފަހަރު މީޑިޔާގައި ދެކެވޭ ބައެއް ވާހަކަ ތަކަކީ ކޮންމެވެސް އެހެން ވާހަކައެއް ފޮރުވަން ނުވަތަ އެވާހަކައެއްގެ މުހިންމުކަން އަނެކުންނަށް ވިސްނުނަ ނުދޭން ދައްކާ ވާހަކަ ތަކަށްވެސް ވެދެއެވެ. އެގޮތުން އެފަދަ ލީޑަރުން އެމީހުންގެ ބައެއް ޑްރާމާތައް އިހުދެންނެވި ފަދަ ވަގުތުތަކާއި އަދި ކަންކަމާއި ގުޅުވައިގެންވެސް ކުޅެފާނެކަން ދެން ތިބީން ނުވަތަ މަންޒަރު ބަލާ މީހުން ވިސްނަންޖެހޭ ފަހަރު އަންނާނެއެވެ. މިހާރުގެ މި އިވެމުންދާ އަޑުތަކަކީ އެފަދަ ޑްރާމާއަކަށް ނުވާނެ ނުވަތަ ނުވޭ ބާވައެވެ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *