Support Us

ކޮލަމް: ވިނަވި

އުވަގަލުން ރޭނުން: މިއީ ކިހިނެއް ފެށުނު ކަމެއް؟

ދިވެހިރާއްޖޭގައި އިހުޒަމާނުގައި ގެދޮރު އަޅައި އުޅުނީ ދަނޑިފަނުންނެވެ. އެހެން އަޅާ ގޭގެ އަވަސް އަވަހަށް މަރާމާތުކުރަންޖެހެއެވެ. މިއަށްވުރެ ފަސޭހަގޮތެއް ފެނުނީ 20 ވަނަ ޤަރުނުގެ ރޭގައެވެ. އެއީ އުވަޔާއި ގަލުން ރޭނުމެވެ. އެ ދުވަސްވަރު އަދި ސިމެންތި އާއްމުކޮށް ލިބޭކަށް ނުހުރެއެވެ. އެހެންކަމުން ސިމެންތީގެ ބަދަލުގައި އުވަ ބޭނުންކޮށްގެން އިމާރާތްކުރަން ފެއްޓިއެވެ.

އުވައަކީ މީގެ 4000 އަހަރު ކުރިން ޤަދީމީ އިންޑިއާގައި އީޖާދުކުރި އެއްޗެކެވެ. އެދުވަސްވަރުގެ މީހުން އެއިން ފައްޅިފައްޅިއާއި ގޭގެ ބިނާކޮށްހެދިއެވެ. ވަރަށް ކުރީއްސުރެ ރާއްޖޭގައި ވެސް އުވަދަވައި ބޭނުންކުރަމުން އައިސްފައިވެއެވެ. އެންމެ ކުރިން އުވަ ބޭނުންކޮށް އުޅުނީ އިމާރާތް ކުރާކަށެއް ނޫނެވެ. ދުފުމަށް، ބިލެތްހުނީގެ ގޮތުގައެވެ. ރޭނުމަށް އުވަ އެންމެ ކުރިން ބޭނުންކުރެވުނީ މާލޭގެ ވަށައިގެން ލެވުނު ދިފާއީ ފާރުތަކަށާއި ބުރުޒުތަކަށެވެ.

މީގެ އެންމެ މުހިންމު މަސައްކަތްތައް ކުރެއްވީ އައްސުލްޠާން މުހައްމަދު ޢިމާދުއްދީން 1 (1620-1648) އެވެ. އައްސުލްޠާނު މުހައްމަދުޝަމްސުއްދީން 3 ގެ ރަސްކަމުގައި (1903-1934) ބިނާކުރި 3 ބުރީގެ އުސްގެކޮޅަކީ މީހަކު ދިރިއުޅެން ފުރަތަމަ އުވައިން ރާއްޖޭގައި އިމާރާތް ކުރި ބިނާކަމަށް ވެދާނެއެވެ. ހަމަ އެ ރަސްކަމުގައި 1919ގައި މުލީއާގެ އިމާރާތްކޮށް ނިމުނެވެ.

 

ކޮންމެއަކަސް އުވަގަލުން އިމާރާތްކުރުން އިތުރުވީ ދެވަނަ ބޮޑުހަނގުރާމައިގެ ފަހުންނެވެ. އެގޮތުން އެ ދުވަސްވަރު ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން ތަނަވަސް މީސްމީހުންގެ ގެދޮރު ވެސް އުވައިން ބިނާކުރެވުނެވެ.

އުވަ ދަވާގޮތް އިހުޒަމާނުއްސުރެ ދިވެހިން ދަނެއެވެ. އުވަދަވަނީ އުވަވަޅެއްގައެވެ. އެވަޅުވަޅު އާއްމުކޮށް ކޮނެއުޅުނީ ފުއްޓަރު ފަރާތު އަތިރިމަތީގައި ދެފަސްބެދޭ ހިސާބުގައެވެ. ވަޅުކޮނެފައި އެ ވަށައިގެން ދަނޑިއާއި ތޮށަލިން ކައިރިފަށުގައި ފުޅަފެއް އަޅައެވެ. ދެން އޭގެތެރޭގައި އުވަދަރު ކައްޗަށް އަތުރައެވެ. އުވަދަރުގެ ގޮތުގައި ބޭނުންކުރަނީ އެހެން ބޭނުންތަކަށް ކަމުނުދާ ދެރަވަރު ލަކުޑިއާއި މަތިވަރު ދެރަ ރުއްރުކުގެ ގުޅިއެވެ. އިހުޒަމާނުއްސުރެ އުވަދެވުވުމަށް ކަނޑާ ލަކުޑީގެ މިންވަރު ވަނީ ފުދޭވަރަކަށް ހިފެހެއްޓިފައެވެ. ލަކުޑި ކަނޑަނީ ސަރުކާރުން ދޫކުރާ ލަކުޑި ސިޓީއަށެވެ. އެހެނަސް ވަގަށް ލަކުޑި ކަނޑާ މީހުން ވެސް މަދެއްނޫނެވެ.

ވަޅުގައި ދަރު އަތުރާއިރު އެއްފަރާތުގައި، އެތެރެއަށް ކުދި ދަރު އަޅަން ބާގަނޑެއް ބަހައްޓައެވެ. އެއިން އެތެރެއަށް ލަނީ ހިކި ފުޅައްޕާއި އިހަލާއި ހޯއްޔާއި އަދި މިނޫން ވެސް ފަސޭހައިން ރޯވާ ކުދި ދަރެވެ. އުވަވަޅަށް ހުޅުލާނީ އެ ބާގަނޑުންނެވެ. އެގޮތަށް ކުދި ދަރު ލުމުގެ ބޭނުމަކީ ބޮޑެތި ދަރުގައި ރޯވަންދެން ހުޅުގަނޑު ދެމެހެއްޓުމެވެ. ބޮޑެތި ދަރުތަކުގައި ރޯވެ އަނދަންފެށީމާ އޭގެ މައްޗަށް އަކިރި އަޅައެވެ. މިގޮތުން ލަކުޑިތައް ބަންދުތަނެއްގައި އަނދާތީ ވަޅުތެރޭގެ ހޫނުގަދަވެ އަކިރިތައް އުވައަށް ބަދަލުވެއެވެ. އުވަވަޅު ނިވާލަންދެން އަނދައަނދައި އެތަކެއް ދުވަހު ހުރެއެވެ.

އާއްމުކޮށް އުވަވަޅެއް ނިވާލަނީ ދެތިން ދުވަސް ކޮށްފައެވެ. ނިވަނީ ބާލިދީއަކުން ނުވަތަ ޑަބިޔަލަކުން މޫދުލޮނު އަޅައިގެންނެވެ. ލޮނު އެޅުމުން އަލިފާންގަނޑު ނިއްވާލެވުމުގެ އިތުރަށް އުވަތައް ވަޔާ ބުރައިގެންދިޔުން ހުއްޓުވެއެވެ. ވަޅު ނިއްވާލުމަށްފަހު އުވަތައް ގެޔަށް ގެންގޮސް ފައްލަވަކުރާނީއެވެ.

ރޭނުމުގައި ދެން ކުރަން ޖެހޭ ކަމަކީ ހަތައާއި ހިރިގަލާއި އެހެނިހެން ގައު ނެގުމެވެ. ރާނަން ކަމުދާ ބޮޑުމިނަށް ގައު ތެޅުމަށްފަހު ފުނިޖަހާފައި ބަހައްޓަނީއެވެ. ރާނަން ދެން ބޭނުންވަނީ ދޮންވެއްޔެވެ. ވެލި ހޯދުމަށްފަހު އެވެސް ފުނިޖަހާފައި ބަހައްޓަނީއެވެ. އިހުޒަމާނުގައި އަމިއްލަ ރަށު ގޮނޑުދޮށުން ވެލިނެގެއެވެ. ނަމަވެސް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން އެކަން މަނާކުރެވުނެވެ. ފަހުން މީހުން އުޅޭ ރަށްރަށުގެ ފަޅުން ވެލި ނެގުން ވެސް މަނާކުރެވުނެވެ. އޭގެ ފަހުން ފަޅުރަށްރަށުގެ ގޮނޑުދޮށްތަކާއި ފަޅުފަޅުން ވެސް ވެލިނެގުން މަނާކުރެވުނެވެ. ފަހުންފަހުން ވެލި ނެގެނީ ހަމައެކަނި އެތެރެވަރީގައި ހުންނަ ގިރިފަޅުންނެވެ.

ގަލާއި ވެލި އެއްކުރެވުނީމާ ވަލަށް ގޮސް މުޑި ކަނޑައެވެ. މިކަމަށް އާއްމުކޮށް ބޭނުންކުރަނީ ކަނޑޫފަދަ ތެދަށް ހުންނަ ގަސްގަހެވެ. ކަށިކެޔޮ ހޮޅު ވެސް ބޭނުންކުރެއެވެ. އެއިން، ރާނަންއުޅޭ ގޭގެ 4 ކަނުގައި 4 މުޑިޖަހައެވެ. ބޮޑު ގެއެއްނަމަ އިތުރު ކަންތަކުގައި ވެސް މުޑި ޖަހައެވެ. ކޮންމެ ބިތެއްގެ ވެސް ދެ ކޮޅު ދެ މުޑީގެ މަތީގައާއި ތިރީގައި ރަހައަށް ދެ  ދަނޑި އައްސައި މަތިން ތިރިއަށް އޮލަނބު ބާލާއެވެ. މިގޮތުން ކޮންމެ ކަނެއްގައި އޮލަނބެއް ހުންނާނެއެވެ. އޮލަނބުގެ ބޭނުމަކީ ކަންތައް ސީދާކޮށް، ތެދަށް، އޮލަނބަށް ބެހެއްޓުމެވެ. ބިތެއް ރާނަމުންދާއިރު އެ ބިތެއްގެ ދެ އޮލަނބުން ރޯނެއް ރަހަކޮށް ދަމާނެއެވެ. އެ ރޮދި ދަމާނީ ރާނަން ޖެހޭ ހިސާބުގެ މައްޗާ ހިސާބުގައެވެ.

ދެން އޮންނާނީ ބިންގަލަށް ކޮނުމެވެ. ކޮންނާނީ އަޅާ ގޭގެ ފާރުފާރު ހުންނަންވާ ތަންތަނުގައެވެ. ކޮންނަނީ ދޮޅު ފޫޓުހާ ފުނަށެވެ.  ބިންގާއަޅަނީ ރަނގަޅު ސާޢަތެއްގައި އެދުރު ބޭކަލަކު ގެނެސް ކިޔެވެލި ކިޔަވައިފައެވެ. ބިންގާއަޅާއިރު ފުރަތަމަ އުވަ ގަށާނީއެވެ. އެކަން ކުރާނީ އުވަދޯންޏެއްގައި އުދަލިންނެވެ. މިހާރު ހުންނަކަހަލަ ޓިނު އުވަދޯނި ނުހުންނައިރު އުވަ ގަށައިހެދީ އޮށިން ގަތާފައި ހުންނަ އުވަދޯންޏެއްގައެވެ. އުވަ ގަށަން އަޅާނީ އުވަ ޑަބިޔަލަކަށް ތިން ޑަބިޔާ ވެއްޔެވެ. ދެން އެ އޮލަވާވަރަށް ފެނެވެ. އުވަ ގެށުނީމާ އޭގެ ފަށަލައެއް ކޮނެފައިވާ ކޯރުގައި ފަތުރައި އޮމާންކުރެއެވެ. ދެން އޭގެ މަތީގައި ގާތައް ރޯނާ ސީދާކޮށް އަތުރައެވެ. ކޮންމެ ކަނެއްގައި ވެސް ބާއްވަނީ ތަންކޮޅެއް ބޮޑު ވަރުގަދަ ގަލެކެވެ. އޭގެ ބޭނުމަކީ ކަންތައް ގަނބައިގެން ނުގޮސް ހިފެހެއްޓުމެވެ.

އެންމެ ކުރީގައި ފާރު ރާނައި އުޅުނީ ދެ ބިތުގައި ދެ ފިލާ ޖަހައިގެންނެވެ. އެއީ ފާރު އެއްވަރަށް އޮލުނބަށް ބެހެއްޓުމަށެވެ. ދެ ފިލާ ދޭތެރޭގައި ގައު އަތުރައި މައްޗަށް އުވަ ފަށަލައެއް އަޅައެވެ. ދެން އަނެއްކާ ވެސް ގާ ފަށަލައެއް އަތުރައި މައްޗަށް އުވަ އަޅާނެއެވެ. މިހެންގޮސް ފިލާގެ މަތީ ކައިރިއާ ހަމަވުމުން އެ ދުވަހުގެ ރޭނުން ނިންމާލައެވެ. ރާނާމީހުން ގެއަށް ދާއިރު ދާނީ ވާރޭ މޫސުމެއްނަމަ ރޭނި ބައި ތޮށަލިން ހިޔާކޮށްފައެވެ.

ކޮންމެ ދުވަހަކު ވެސް ރާނާ މީހުން މަސައްކަތަށް ދާނީ ގޭގެ ވެރިމީހާ އެއިރަކު އުޅޭ ގެޔަކުން ހެނދުނުގެ ނާސްތާކޮށްގެނެވެ. މެންދުރު ކެއުމާއި ހަވީރު ސައި ގެންދާނީ ރާނާ ތަނަށެވެ. މިކަމުގައި ގާތްތިމާގެ މީހުންގެ އެހީތެރިކަން ވެސް ލިބެއެވެ. އެގޮތުން ބައެއް ގަޑިގަޑިއަށް އެމީހުން ކާން ފޮނުވައިދެއެވެ.

ފިލާޖަހައިގެން ރާނާ ތަންތަނުން ފިލާ ނައްޓާލައި އޭގެ މައްޗަށް ރޭނޭނީ އެތަން ހިކުނީމައެވެ. އާއްމުކޮށް އެއީ ތިން ހަތަރު ދުވަހެވެ. އެހާތަނަށް އެހެން ފާރުތައް ރޭނޭނެއެވެ. ފިލާ ޖަހައިގެން ރޭނީމާ ފާރުގައި އުވަޖަހަން ނުޖެހި ފުދޭވަރަކަށް ރީއްޗަށް ހުރެއެވެ.

ފިލާނުޖަހައި، މޮޅެތި ރާނާ މީހުން ރޭނީމާ ފާރު މާރީއްޗަށް އެއްވަރަށް ހުރެއެވެ. އެގޮތަށް ރާނާއިރު ގާތައް އެއްވަރު ކުރަނީ ދަމާފައިވާ ރޯނަށް ބަލައިގެންނެވެ. ރާނަން ބޭނުންވާ އުވަ ގަށައިގެން ގެނެސް  އަޅާފައި ބަހައްޓަނީ އުވަ މަތިގަނޑެއްގައެވެ. އެއީ ކޮޅުބިތް ކަތިކޮށް ހުންނަ މަތިނެތް ފޮށިގަނޑެކެވެ. އެއިން އުވަނަގައި ރާނާ ތަނަށް އަޅައި އެއްވަރުކުރާނީ ހަންޖަކުންނެވެ. ފާރުގެ ތިރީ ބައި ބިންމަތީގައި ތިބެގެން ރޭނެއެވެ. މަތީ ބައި ރާނަނީ އަށިއަޅައިގެން އޭގެ މައްޗަށް އަރައިގެނެވެ.

މޮޅަށް ހަދާ ގޭގޭގައި ރާނާ ހިޔާކޮށް ނިމުނީމާ ފާރުތަކުގައި އުވަޖަހާނެއެވެ. އުވަޖަހަން ފުރަތަމަ ހަނދިން ފާރަށް އަތްބުޑު އުވަ އުކައެވެ. މޮޅު މީހަކު އަތްބުޑު އުވަޖެހީމާ ހުންނާނީ ރީތި ޑިޒައިނަކަށެވެ. ބައެއް މީހުން އިތުރު ކަމެއް ނުކޮށް އެގޮތަށް ވެސް ބަހައްޓައެވެ. ފާރު އިތުރަށް އޮމާންކުރާނަމަ ދިގު ފަތިގަނޑކުން ކަހައި އެއްވަރުކުރެއެވެ. އެކަން ކުރާއިރު އުވައިގެ ތެރޭގައި އޮއްގަލާއި އަކިރި ހުރިއްޔާ އެ ނަގައި އެއްކައިރިކުރާނެއެވެ. އޭގެ ފަހުން އަތްފިލާގަނޑުއަޅައި އޮމާން ކުރެއެވެ. އެންމެ ފަހުގެ ކަމަކީ އޮލަކޮށް އުވަގިރައި އެ ލައިގެން އޮމާން ކުރުމެވެ. އޮމާންކުރާނީ ހަނދިންނެވެ.

މި ހިސާބުން ގެ ރޭނުމުގެ ބައި ނިމުނީއެވެ. އެއާ ގުޅިގެން ދެން އޮންނާނީ މަތިވަޑާންގަނޑު ހަދައި ހިޔާކޮށް ގެއަށް ވަނުމެވެ. އެއީ މި މައުޟޫއުން ބޭރެވެ.

(ނޯޓް: ގެ ރޭނުމުގެތެރޭގައި ޘަޤާފީގޮތުން ކުރާ ކަންކަން ރާއްޖޭގެ އެކި އަތޮޅުތަކުގައި ތަފާތެވެ. މި ލިޔުމުގައި އަސާސެއް ކަމަށް ބަލާފައިވަނީ އައްޑުއާއި ފުވައްމުލަކުގައި އެކަންކަން ކުރަމުންއައި ގޮތެވެ.)