Support Us

ކުރު ވާހަކައެއް

މުދައްރިސު ކިލާހަށް ވަންނަވާފައި، ކިލާސް ކުދިންނާ މުޚާތަބުކޮށް ބުނުއްވިއެވެ. "ކަލޭމެން ކުދިން ދަތުރެއްގެ މަތީގައިވާ ކަމަށް ހީކޮށްލާށެވެ! އަދި، ކަލޭމެންގެ ޖީބުގައި 86،400 ޑޮލަރު އޮތް ކަމަށް ވެސް ހީކޮށްލާށެވެ. ދެން، މީހަކު އައިސް ކަލޭމެންގެ ޖީބުން 10 ޑޮލަރު ނަގައިގެން ދުއްވައިގެންފިއްޔާ ކަލޭމެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ކަލޭމެންގެ ޖީބުތަކުގައި ބާކީ އޮތް 86،390 ޑޮލަރު ހިފައިގެން ދަތުރައިގެން ކުރިއަށް ދާނީ ހެއްޔެވެ؟ ނުވަތަ 10 ޑޮލަރު ހޯދަންވެގެން އެމީހާ ފަހަތުން ދުވާނީ ހެއްޔެވެ؟

ދެން ޖަބާވުގައި ކުލާހުގައި ތިބި ކުދިން ބުންޏެވެ. ޖީބުގައި ބާކީ ހުރި ފައިސާ ހިފައިގެން ދަތުރައިގެން ކުރިއަށް ދާނީއެވެ.

ނަމަވެސް، މީސްތަކުން ކަންތައް ކުރަނީ ތިބުނާހެނެއް ނޫނެވެ. މުދައްރިސު ބުނުއްވިއެވެ. އެ ދިހަ ޑޮލަރައިގެން މީސްތަކުން އުޅެ، އަދި އެކަމުގެ ސަބަބުން، ބާކީ ހުރި ފައިސާވެސް ބީވެގެންދާނޭ ގޮތަށް، އެމީހުން ކަންތައް ކުރެއެވެ.

ދެން ކުދިން އެއްސެވެ. އެއީ ކިހިނެއްވާނޭ ކަމެއްތޯއެވެ؟ އެފަދައިން ކަންތައް ކުރާނީ މޮޔައެއް ނޫން އެހެން ކާކުތޯއެވެ؟

މުދައްރިސު އޮޅުންފިލުވައިދެއްވިއެވެ. ދުވާލަކަށް ކަލޭމެން ކުދިންނަށް 86،400 ސިކުންތު ލިބިފައި އޮވެއެވެ. ކަލޭމެން ކުއްޖަކާ ދިމާއަށް 10 ސިކުންތުގެ ނުރުހޭ ނުވަތަ ރުޅިއަންނަ ކަހަލަ ބަހެއް މީހަކު ބުނެފި ނަމަ، އެކަމާ ކަންބޮޑުވެ ފިކުރުކުރުމުގަައި، ދުވަހުގެ ދެން ބާކީ އޮތް 86،390 ސިކުންތު ކަލޭމެން ކުދިން ނަގާލައެވެ!

އެހެންވެ، މީހެއްގެ ފަރާތުން ދިމާވާ ހިތްހަމަނުޖެހޭ ކުޑަކުޑަ ކަމަކާ ހުރެ، ނުވަތަ އިވޭ ނުރުހޭ ބަހަކާ ހުރެ، ނުވަތަ ޖެއްސުމަށް ބުނާ ބުނުމަކާ ހުރެ، މުޅި ދުވަސް ހޭދަކޮށްލާކަން ނުވާނެއެވެ. އެންމެން ރުއްސުމަކީ ވާނޭ ކަމެއް ނޫނެވެ. އަދި، ކުރަން ޖެހޭނޭ ކަމެއް ވެސް ނޫނެވެ. އެންމެން ހަސަދަނުލާނޭ ގޮތަކަށް، ނުނީ ރުހޭ ގޮތަކަށް އެއްޗެއް ނުބުނެވޭނެއެވެ. މީހުން ރުހުމާއި ނުރުހުން އެމީހުންގެ އަތްމައްޗަށް ދޫކޮށްލާށެވެ. ކަލޭމެން ކުދިން، ތިބީ ހައްގު ގޮތުގައި ކަމަށް ކަލޭމެން ކުދިން ގަބޫލުކުރާ ނަމަ، އަދި، އެއްވެސް މީހަކަށް އެއްވެސް ދޯކާއެއް ކަލޭމެން ކުދިން ނުދޭ ނަމަ، ކަލޭމެން ކުދިން ހިތްހަމަނުޖެހި ކަލޭމެން ކުދިންގެ ދުވަސް ޚަރާބުކޮށްލާނޭ ސަބަބެއް ނެތެވެ. ވަގުތުގެ އަގު ފައިސާގެ އަގަށް ވުރެ އެންމެ ތަންކޮޅެއް ވެސް ކުޑައެއް ނޫނެވެ. އެހެނީ ފައިސާ ހޯދަނީ ވަގުތު ބޭނުންކޮށްގެންނެވެ. އެހެންވެ، ކަލޭމެން ކުދިން ބުނި ފަދައިން، ވަގުތު ބޭކާރުކުރާ، މޮޔައިންނަށް ކަލޭމެން ކުދިން ނުވާށެވެ!

ދެން، އަވަހަށް ފޮތްތައް ހުޅުވައި ފިލާވަޅައިގެން ކުރިއަށް ދަމާ އަންނާށެވެ!