Support Us

ބައްޕަގެ ހަނދާންކޮށްލަ ދިނުމެއް

އެއް ދުވަހު އަހުމަދު އޭނާގެ ބައްޕައާ އަދި ބައްޕަގެ ރަހުމަތްތެރިންނާއެކު ދަތުރެއްގައި ދިޔައެވެ. ދަތުރުގައި ރޭގަނޑު ދަންވަންދެން ހޭލައި ތިބެފައި ނިދާފައި، ފަތިސް ނަމާދަށް ހޭލެވުނީ އަހުމަދަށާއި އޭނާގެ ބައްޕައަށެވެ. ނަމާދު ނިމިގެން އަހުމަދު، އޭނާގެ ބައްޕަ ގާތު ބުންޏެވެ.

"ދަތުރު އައިސް މިއުޅޭ އެކަކުވެސް ނަމާދަކަށް ނުހޭލައެވެ. އެއީ މާ ރަނގަޅު ބައެއް ނޫންތާއެވެ!"

މިހެން ކިޔައި އެމީހުންނަށް ނުރުހުމުގެ ބަސްތައް ބުނުމުން، އަހުމަދުގެ ބައްޕަ ޖަވާބުގައި ބުންޏެވެ.

"ތިޔަހެން މީހުންނާ ދިމާއަށް އެއްޗެހި ކިޔާކަށް ނުވާނެއެވެ. ދަރިފުޅު ހެޔޮކަމެއް ކުރުމަކުން، އެހެން މީހުންގެ މައްޗަށް ބޮޑުވެގަނެ އެމީހުންނާ ދިމާއަށް ބަދުބަސް ބުނުމުގެ ހައްގެއް ދަރިފުޅަކަށް ނުލިބެއެވެ. އެ މީހުން ވެސް ތެދުވާނެއެވެ. ތެދުވެގެން ނަމާދު ވެސް ކުރާނެއެވެ. އަހަރުމެން ހަނދާންކުރަން ޖެހޭ ކަމެއް އެބައޮތެވެ. އިންސާނާގެ ހިތަކީ ދާދި އަވަހަށް ބަދަލުވާ އެއްޗެކެވެ. ހެޔޮ ގޮތުގައި މިއަދު ހުންނަ މީހާ، އޭނާއަށް ދިމާވާ ކޮންމެވެސް ކަމެއްގެ ސަބަބުން، އެހެން ގޮތަކަށް އެނބުރިދާ ގޮތް ވެދާނެއެވެ. ނުރަނގުޅު މަގެއްގައި ހުންނަ މީހާ، ހަމަ ހެޔޮ މަގަށް އެނބުރުން ވެސް ދާދި ކައިރިއެވެ. މިކަމަށް އިޝާރަތްކޮށް އޮންނަ ހަދީސެއް އޮވޭ ނޫން ހެއްޔެވެ؟ އިންސާނާގެ ހިތް އޮންނަނީ މާތްރަސްކަލާނގެ ބާރުގެ ދަށުގައި ކަމުގައި ބުނެފައި އޮންނަ ހަދީސެވެ. އޭނާގެ ހިތް އެގޮތް މިގޮތަށް ބަދަލުވާން އިރާދަފުޅުކުރައްވާ ވާހަކައެވެ. މީގެ މާނައަކީ މީހުން، ވަކި ގޮތެއް ޚިޔާރުކުރުމަށް ނުނީ ނުކުރުމަށް، މާތްރަސްކަލާނގެ މަޖުބޫރުކުރައްވަނީކީ ނޫނެވެ. ނަމަވެސް، އެ ބުނަނީ، މީސް މީހުންނާ އެކިއެކި ސަބަބުތައް ކުރިމަތިވުމުން، އެ މީސްމީހުން އެކި ގޮތްގޮތަށް ބަދަލުވާން ނިންމުމުން، އެކަން އެގޮތަށް ވުމަށް އެކަލާނގެ ދޫކޮށްލައްވަނީއެވެ."

އަހުމަދު ގާތު، އަދިވެސް ބައްޕަ ބުންޏެވެ. މީހަކު ކުށެއް ކުރާހާ ފަަހަރަކު، ނުވަތަ ދީނީ ވާޖިބެއް އަދާ ނުކުރެވޭ ކަމަށް ތިމާއަށް ފެންނަ ތަނުން، ވަގުތުން، އެ މީހާއާ ދިމާއަށް، ސީދާކޮށް ވިޔަސް ނުވަތަ ނުސީދާކޮށް ވިޔަސް، ފާޅުގައި އެއްޗެހި ކިޔަނީ ކަމަށް ދޭހަވާ ގޮތަށް އެއްޗެއް ބުނުމަކީ ރަނގަޅު ކަމެއް ނޫނެވެ. އިސްލާމީ ރިވެތި އަދަބުގެ ތެރެއިން ވެސް ހިމެނޭ ކަމެއް ނޫނެވެ. ކޮންމެ މީހަކުވެސް، މާތްރަސްކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވުމަށް ފަހު، އޭނާ އެވަނީ ރޫހާނިއްޔަތުގެ މަގުގައެވެ. ނަފްސު ތާހިރުކޮށް އިސްލާހުވުމުގެ މަގުގައެވެ. އެމަގުގައި އެކި މީހުން ތިބެނީ އެކި ހިސާބުގައެވެ. އެއްބަޔަކު ކުރީގައެވެ. އަނެއް ބަޔަކު ތަންކޮޅެއް ފަހަތުގައެވެ. ނަމަވެސް، އެންމެވެސް ދަތުރުކުރަމުން އެދަނީ އިސްލާހުވުން އަމާޒުފަތްގަނޑަކަށް ހަދައިގެންނެވެ. އެހެންވެ، އުސޫލެއްގެ ގޮތުން، އޭނާގެ ނަފްސު އިސްލާހުކުރުމުގެ މަގުގައި އެމީހަކު ހުރި ހިސާބެއްގައި ހުރެ، އޭނާގެ އިސްޕީޑުގައި ދަތުރުކުރަން ދޫކޮށްލުން ރަނގަޅު ކަމަށް ބައްޕައަށް ފެނެއެވެ. މިފަދަ ކަންކަމުގައި، އެއްވެސް ސިފައެއްގައި، މަޖުބޫރީ ގޮތް ދައްކައި، ތިމާ ދެކޭ ގޮތް އެހެން މީހުންގެ މައްޗަށް ފާކުރަން އުޅެއްޖެ ނަމަ، ހެޔޮލަފާ މީހުން އުފެދުމަށްވުރެ، މުނާފިގުން އުފެދެން ގާތެވެ. މީހަކަށް ނަސޭހަތް ދޭންވެއްޖެ ނަމަ، ވަކިން، އެހެން އެއްވެސް މީހަކަށް ނޭނގޭ ގޮތުގައި ނަސޭހަތްދޭށެވެ!"

"ދަރިފުޅަށް ތެދު މަގުގައި ހުރެވުނީތީ އެކަމަށް މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދުކޮށް ޝުކުރުކުރާށެވެ. އަދި އެ މަގުގައި ދެމިހުރެވޭތޯ މަސައްކަތް ކުރާށެވެ. ދަރިފުޅު ސުވަރުގެ ދިޔުން ބިނާވަނީ ދަރިފުޅުގެ ހެޔޮ އަމަލުތަކުގެ މައްޗަށެވެ. އެހެން މީހުންގެ ހެޔޮ އަމަލުތަކުގެ މައްޗަކަށް ނޫނެވެ. އަދި، ދަރިފުޅު ސުވަރުގެދާން އެހެން މީސްމީހުން ނަރަކައަށްލާކަށް ނުޖެހެއެވެ. އެކަންކަމަކީ ދަރިފުޅުގެ އަތްމަތީ އޮންނަ ކަންކަމެއް ނޫނެވެ. އެކަން އޮންނަނީ މާތްރަސްކަލާނގެ އިރާދަފުޅުގެ މަތީގައެވެ. އެހެންވެ، ހެޔޮކަންތައް ކުރެވުމުން، އެހެން މީހުން އެކަން ނުކުރާކަން ފާހަގަކުރަން ނޫޅޭށެވެ. އޭގެން އެނގެނީ އަމިއްލައަށް ތިމާ ސޯލިހުވެ، އަމިއްލައަށް ތިމާއީ މާ ބޮޑު ތަގުވާވެރިއަކަށްވާން އުޅޭ ކަމެވެ. އެހެންވެ، ހެޔޮކަމެއް ކޮށްފައި، އެކަން ކުރެވުނު ކަމަށްޓަކައި ހަމްދުކޮށް ޝުކުރުކުރާށެވެ. އެހެން މީހުން އެކަން ނުކުރާ ވާހަކަ ނުދައްކާށެވެ!