Support Us

ކޮލަމް: ދޭހަ

ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް މެސެޖު ލިބުނުބާ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ނަތީޖާ އިން ސަރުކާރަށް ފިލާވަޅެއް ލިބޭނެ ބާވައެވެ؟ ޢާއްމު ގޮތެއްގައި ވެރިކަމެއްގެ މެދުތެރެއިން ބޭއްވޭ އިންތިޚާބަކީ، ވެރިކަންކުރާ ބައެއްގެ މަސައްކަތް ރައްޔިތުން ބަލައިގަންނަ މިންވަރު އެންމެ ރަނގަޅަށް ދެނެގަނެވޭނެ ގޮތްކަމަށް ވަރަށް ގިނަ ޑެމޮކްރަސީތަކުން ދެކެއެވެ. ވެރިކަމުގައި އޮތް ރައީސުލްޖުމްހޫރިއްޔާގެ ޕާޓީ އަށް ދިވެހި ދައުލަތުގެ ހުރިހާ ބާރެއް ވަރަށް ފުރިހަމައަށް ލިބިފައި އޮންނަތާ  ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމަނިކުފާނުގެ ޕާޓީގެ ސުޕަމެޖޯރިޓީ އެވެ. ޖޫޑިޝަރީ ހަމައަކަށް އެޅުވުމުގެ ފުރިހަމަ ބާރު (ހިނގަމުންދާ ޝަރީޢަތާ ބެހުމެއް ނޫން) އެ މަނިކުފާނުގެ ޕާޓީއަށް އޮތީ ލިބިފައެވެ. މުސްތަޤިއްލު މުއައްސަސާތަކަށް އިސްކުރެވެނީ އެ މަނިކުފާނުގެ ޕާޓީން ބޭނުންވާ ބައެކެވެ. ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތުމުންނެވެ. ސިޔާސީ މަޤާމުތަކުގެ ނަމުގައި ޕާޓީގެ އެކްޓިވިސްޓުންނާއި، ވަފާދާރީންނަށް ބޮޑެތި ނަންނަމުގައި މަޤާާމްތައް ހަމަޖެއްސެއެވެ. މަސައްކަތެއް ނެތި، ނަންބޯޑު ޖަހައިގެން ތިބޭ މަޤާމެވެ. ފަނަރަހާސް ރުފިޔާ އާއި ތިރީސް ފަސްހާސް ރުފިޔާ އާއި ދެމެދުގެ މުސާރައެއްގައެވެ. ސަރުކާރުގެ އެންމެ ބޮޑު ޚަރަދަކަށް ވެފައި އޮންނަނީ މުއައްޒަފުންނަށް މުސާރަ ދިނުމެވެ. ކުންފުނިތަކުގެ ބޯޑުތަކަށާއި އެތަންތަން ހިންގަން މީހުން ހޮވުމުގެ ހުރިހާ ބާރެއް ސަރުކާރަށް ލިބިފައި އޮވެެއެވެ. "ހެޔޮވެރިކަމެއް" ކުރަން އިތުރަށް ބޭނުންވަނީ ކޮން ބާރެއްތޯއެވެ؟ ޤާނޫނުތަކުގެ ބޭރުން، ކުރާ އަމުރުތަކަށާއި، އަމަލުކުރެވޭ ގޮތަށް ބަލާލާއިރު ރައީސުލްޖުމްހޫރިއްޔާއާ އެއް ފެންވަރެއްގައި ދައުލަތް ހިންގުމުގެ ބާރު އޮންނަ މީހުން ތިބޭހެން ވެސް ބައެއް ފަހަރު ހީވެއެވެ. ބަސްމަގު ހުންނަ ގޮތުންނެވެ. އެފަދަ ކަންކަން ހުއްޓުވުމުގެ ބާރު އޮންނަ ފަރާތްތަކުން އެފަދަ ކަންކަން ނުހުއްޓުވުމުން، މުޖުތަމަޢުގައި ބަައިބައިވުމާއި ހަމަނުޖެހުމާއި ފަސާދަ އަށް ދޮރު ހުޅުވޭނެއެވެ. އެފަދަ ކަންކަން ދޫކޮށްލައިފައި އޮތުމުން ފެންނާނެ ރަގަޅަކަށް ވުރެ ބޮޑަށް ފެންނާނީ ނުބައެކެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވެރިކަންކުރާ ޕާޓީގެ ބައެއް މެމްބަރުން ދެކެވަޑައިގަންނަަވާ ގޮތުގައި ވެރިކަން އޮތީ އެބޭފުޅުންގެ އަތްޕުޅަކު ނޫނެވެ. އެހެން ވިދާޅުވެވެނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް، އެއިރުގެ އިދިކޮޅު ޕާޓީތަކުން އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރުމުންނެވެ. ރިޔާސީ އިންތިޚާބުގެ ކާމިޔާބީ އަކީ އެއިރުގެ ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ކުރި މަސައްކަތުގެ ނަތީޖާ އެވެ. އެ އެމަސައްކަތުގެ ނުވަތަ އެއްބަސްވުމުގެ ބަދަލަކީ އެކުގައި މަސައްކަތްކުރި އިދިކޮޅު ޕާޓީތަކަށް ސަރުކާރުގެ ބައެއް އިސް މަޤާމްތައް ފުރުުމުގެ ފުރުޞަތު ދިނުމެވެ. އާ ރައީސް މަޤާމާ ޙަވާލުވެވަޑައިގެންނެވުނުތާ އެއް އަހަރު ފަހުން ޢާއްމުއިންތިޚާބެއް ބޭއްވުނެވެ. އެ އިންތިޚާބުގައި ޕާޓީތަކުން ކުރިމަތިލީ ވަކިވަކިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް ކާމިޔާބު ކުރީ މިހާރު ވެރިކަންކުރާ މައި ޕާޓީންނެވެ. ޢާއްމު އިންތިޚާބަކީ ރިޔާސީ އިންތިޚާބަށް ފަހު ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. ވެރިކަމާމެދު ރައްޔިތުންގެ ޚިޔާލު ދޭން ލިބުނު ފުރަތަމަ ފުރުޞަތެވެ. ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރި ބައެއް ޕާޓީތަކުން ޢާއްމު އިންތިޚާބުގައި އެންމެ ގޮނޑިއެއްވެސް ކާމިޔާބު ނުކުރެވުނެވެ. މިހެންވުމާއި އެކު ވެރިކަން ކުރާ މައި ޕާޓީން، ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތްކުރި ޕާޓީތަކާއި، ސަރުކާރުގެ މުހިއްމު ބޮޑެތި ބައެއް ނިންމުންތަކާއި ބެހޭގޮތުން މަޝްވަރާ ނުކުރެވުނަސް، އަޅުގަޑުގެ ނަޒަރުގައި އެކަމާމެދު ޝަކުވާ ކުރެވޭނެ ޖާގައެއް ނެތެވެ. ރައްޔިތުންގެ ނިންމުމަށް ބެލުމުންނެވެ. ރިޔާސީ އިންތިޚާބަށް ފަހު ބޭއްވުނު އިންތިޚާބުގައި ރައްޔިތުން ދެކޭގޮތް ވޯޓުގެ ޒަރީޢާއިން ހާމަކޮށްދީފައި އޮތުމުންނެވެ. ވެރިކަން ކުރާ މައި ޕާޓީއަށް ސުޕަމެޖޯރިޓީ ދީގެންނެވެ. ކުރު ގޮތަކަށް ދަންނަވާނަމަ މިހާރު އޮތް ވެރިކަމަކީ ވެރިކަންކުރާ މައި ޕާޓީގެ ވެރިކަމެކެވެ. ވެރިކަމުގައި ހަދާ ހުރިހާ ގޯހެއްގެ ޒިއްމާ ނަގަންޖެހޭނީ އެ ޕާޓީންނެވެ.

މާލެއަށް ނިސްބަތްވާ ސަރަހައްދަކީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު ސަރަހައްދެވެ. އިންތިޚާބުތަކުގައި، މި ސަރަހައްދު ވެފައި އޮންނަނީ ރައްޔިތުންގެ ސިޔާސީ މޫނުބަލާ ލޯގަނޑަށެވެ. ފާއިތުވި އަހަރުތަކުގައި މާލޭގެ އިންތިޚާބުތަށް ކާމިޔާބު ކުރަމުން ގެންދިޔައީީ މިހާރު ވެރިކަންކުރާ މައި ޕާޓީންނެވެ. ފާއިތުވި ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ބާރުގަދަ ސަރަހައްދުތަކުން އެ ޕާޓީގެ ބާރު ވަނީ ކުޑަވެފައެވެ. މާލޭގެ މޭޔަރުކަމުގެ ގޮނޑިވެސް ވަނީ ވެރިކަން ކުރާ މައި ޕާޓީ އަށް ގެއްލިފައެވެ. ކައުންސިލް އިންތިޚާބުގައި ބައެއް ސަރަހައްދުތަކުން ވެރިކަންކުރާ މައި ޕާޓިގެ ބާރު ކުޑަވުމުގެ މައިގަނޑު ސަބަބުތަކެއް ކަމުގައި އެ ޕާޓީގެ ބައެއް އިސް މީހުން ބުނަނީ އެ ޕާޓީގެ މިހާރުގެ ސިޔާސަތެވެ. ޕާޓީގެ އެތެރޭގައި އޮންނަ ކޯޅުމެވެ. އަމިއްލަ އެދުމާއި ބާރާއި ނުފޫޒު އަތުލުން ނުވަތަ ފޭރިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ކޯޅުމެވެ. އެއީ ރަނގަޅު ވާހަކައަކަށް ވެސް ވެދާނެއެވެ. އަޅުގަނޑުމެން ދެކޭގޮތުގައި އާދައިގެ ރައްޔިތުންގެ ހިތްހަމަނުޖެހުން ސަރުކާރާ މެދު އޮތީ ހަމައެކަނި ގެދޮރުގެ މައްސަލައިގައެއް ނޫނެވެ. ސަރުކާރުން ކަންކަން ނުކުރެވޭތީވެއެވެ. ލަސްކަމުންނެވެ. ކުޑަކުޑަ ކަމެއް ކުރުމަށް ވެސް އެތައް ދުވަހެއް ނަގައެވެ. ސަރުކާރުން ކުރަންޖެހޭ ކަންތައް ކުރެވެނީ ފިނިހަކައިގެ ދުވެލީގައެވެ. ސަރުކާރު ހިންގުމުގައި އޮންނަ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ. ރައީސް ޔާމީނުގެ ވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނީވެސް ކަރަޕްޝަނާއި އަނިޔާވެރިކަމުގެ މައްސަލާގައެވެ. އެ ކަރަޕްޝަނުގެ ތެރެއިން ވެސް ޔާމީނު ހޮސްޕިޓަލެއް ދެއްވިއެވެ. ފާލަމެއް ދެއްވިއެވެ. ހުޅުމާލޭގެ ތަރައްޤީގެ މަޝްރޫޢު ހަލާކުކޮށްލައިގެން ނަމަވެސް ބައެއް ރައްޔިތުންނަށް ކަރަޕްޝަނުގެ ތެރެއިން ވިޔަސް ބޯހިޔާވެހިކަމުގެ މަގު ތަނަވަސްކޮށްދެއްވިއެވެ. މި ސަރުކާރުން މިހާތަނަށް ކޮށްދިން ކަމެއްގެ ގޮތުގައި ފެންނަނީ އިންޑިއާ ސަރުކާރާއި ސިފައިންނާއި އެކު އެއްބަސްވުންތައް ހަދައިގެން ރާއްޖޭގެ ތަފާތު ސަރަހައްދު ތަކުގައި އެމީހުންނަށް ތިބެވޭނެ ގޮތަށް އެކި ނަންނަމުގައި މަޝްރޫޢުތައް ފައްޓައިދިނުމެވެ. އިންޑިއާއިން ލޯނު ނަގަމުންދިއުމެވެ. އެއްެވެސް ބެލުމެއްނެތިއެވެ. ކޮންމެ ކަމެއް ކުރުމަށް ވެސް އިންޑިއާއިން މީހުން ހޯދުމެވެ. އިންޑިއާ މެދުވެރިވެގެން ކަންކަން ކުރުމުގެ މައްސަލައެއް އޮތީއެއް ނޫނެވެ. އެމީހުން ކަންކަން ކޮށްދިނުމުގެ މަޤްޞަދާ މެދު ބިރުގަންނަނީ އެވެ. އަޅުގަނޑުމެންގެ ޚާރިޖީ ވަޒީރު މިހާރުވެސްވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައެވެ. ލަފާކުރެވޭ ގޮތުގައި މިދަތުރުފުޅުގައި އެއްބަސްވުމެއްގައި ސޮއިކުރެވޭނީ އިންޑިއާގެ ނުވަތަ އިންޑިއާ ސިފައިންގެ އެހީތެރިކަމާއި އެކު ޓުރާންސްޕޯޓު މިނިސްޓުރީގެ މަސައްކަތްތައް ހަލުއިކުރެވޭނެ ގޮތެއް ހޯދުމަށެވެ. އުޅަނދެއް އެތެރެކުރުމަށް ފަހު ގޭގެ ގަރާޖުގައި ބޭއްވުމަށް ފަހު އެ އުޅަނދު އެތެރެކުރުމުގެ ލައިސަންސް ނެގުން ކަހަލަ މުހިއްމު ކަންތަކެވެ. އަދި ހުރިހާ ލިއުންތަކެއް ފުރިހަމަ ކުރުމަށް ފަހު އުޅަނދެއް ރަޖިސްޓުރީ ކުރަން ހައެއްކަ މަސްދުވަސް ނެގުން ފަދަ ކަންކަމެވެ. އަދި ބޭރު ކުންފުނިތަކުން ފޮނުވާ އިންވޮއިސްގައި ތައްގަނޑު ޖެހޭނެ ގޮތެއް ހެދުމުގެ މުހިއްމު ކަމެވެ.

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދެކެވުނީ ރިޒޯޓުތަކުން ފަތުރުވެރިންގެ އަތުން ހުރުމަށް ނަގާ އަގާމެދުގައެވެ. އެ އަގު ރަނގަޅު ނޫންކަމުގައި ވެއެވެ. އަދި ރާއްޖޭގައި ހަރުލާ މިންވަރު ކުޑަކަމުގައި ވެއެވެ. ދެކެވުނު ވާހަކަތަކަށް ބަލާއިރު މަކަރާއި ހީލަތް ހަދާކަމަށް ތުހުމަތު ކުރެވެނީއެވެ. އެއީ ރަނގަޅު ތުހުމަތަކަށް ވިޔަސް އަދި ނުވިޔަސް ޤާނޫނުން އެފަދަ ކަންތައްތައް ބެލުމަށް ތަފާތު މުއައްސަސާތަކާއި ހަވާލު ކުރެވިފައިވެއެވެ. ޓޫރިޒަމް މިނިސްޓުރީ އާއި މީރާ އާއި އޯޑިޓް އޮފީހާއި ފައިނޭންސް މިނިސްޓްރީ އާއި އެމް.އެމް.އޭ އެވެ. ރައްޔިތުން ހިތްހަމަނުޖެހެނީ ސަރުކާރުން ގެންގުޅޭ މިހަކަލަ މައިކްރޯ މެނޭޖްމަންޓު ސިޔާސަތާ ހުރެއެވެ. ރައްޔިތުންނަށް ނުރުހުން ދެއްކޭނީ އިންތިޚާބެއްގައެވެ. ވޯޓުންނެވެ. ވޯޓުލާން ޙައްޤު މީހުންގެ ތެރެއިން އެންމެ ސަތާރަ ޕަސެންޓުގެ މީހުން މާލޭގެ މޭޔަރުކަމުގެ މަޤާމަށް ވޯޓުލުމަކީ ވެސް ރައްޔިތުން ދިން މެސެޖެކެވެ. ވޯޓުލާން ނުދާ މީހުންގެ ތެރޭގައި ވެރިކަންކުރާ ޕާޓީގެ މީހުން ތިބޭނެކަމާމެދު ވެސް އެއްވެސް ޝައްކެއްނެތެވެ. އެހެންނަމަވެސް ސަރުކާރަށް މެސެޖް ލިބުނުކަން ޔަޤީނެއް ނޫނެވެ.