Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: ބޮކަށް ޖެހުނު ހާލުގެ ވާހަކަ

ތަސްވީރުން އެ ފެންނަނީ އިލްމުވެރިން ހިންގި އިލްމީ ތަޖުރިބާއެއްގެ މަންޒަރެވެ. ބޮކުގެ އަމަލުތައް ހުންނަ ގޮތް ދެނެގަތުމަށްޓަކައެވެ. ހޫނު ފެންއެއްޗަކަށްލައި ފެން ހުނުކުރަމުން ގެންދިޔައެވެ. ފެންގަނޑު ހޫނުކުރި ވަރަކަށް ބޮއް ވެސް، ފެންގަނޑުގެ ހޫނު މިނާ އެއްވަރަށް އޭގެ ހަށިގަނޑުގެ ހޫނުމިން މައްޗަށް ގެންގޮސް، ފެންގަނޑުގެ ހޫނުމިން ތަހައްމުލުކުރެއެވެ. އެންމެ ފަހުން، ފެންގަނޑު ކެކިގަނެ، ފެނުގެ ހޫނުމިނުގެ ދަރަޖައަށް، އޭގެ ހަށިގަނޑުގެ ހޫނުމިން ބޮކަށް ގެންގޮސް، ފެންގަނޑުގެ ހޫނުމިން ތަހައްމުކުރެވޭވަރު ބޮކަށް ނުވެ، ފެންގަނޑުގައި ބޮއް ކެކިގެން މަރުވިއެވެ.

މި ތަޖުރިބާ ތަކުރާރުކޮށް ހިންގުމަށް ފަހު، އިލްމުވެރިން ނިންމީ ބޮއް މަރުވި މައިގަނޑު ސަބަބަކީ، ފެން ހޫނުވެގެން ނޫން ކަމެވެ. ނަމަވެސް، ފެންގަނޑުގެ ހޫނުމިނާ އެއްވަރަށް ބޮކު ހަށިގަނޑުގެ ހޫނުކަން ގެންދެވޭތޯ މަސައްކަތްކުރަން އުޅުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މި މަސައްކަތްކުރަން އުޅުމުން، އެ ފުރުސަތު އޮތް އިރުވެސް، ބޮކަށް ފެންގަނޑު ތެރެއިން ފުންމާ ނުލެވުނީއެވެ.

ބޮކުގެ މިވާހަކަ ބުނެދޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގުޅުންތައް ގޯސްވެ، އެކަމުގެ ދަތިތައް ތަހައްމުލުކުރަން އަބަދު އުޅެންވެއްޖެ ނަމަ، މީހާ ހަލާކުވެ ހިނގައިދާނޭކަމެވެ. ގުޅުންތައް ގޯސްވެ، އުނދަގޫތައް ދިމާވަމުން ދާއިރު، އެ ގުޅުމުގެ ތެރެއިން ނިކުންނަންޖެހޭ ވަގުތުގައި އެ ގުޅުންތައް ދޫކޮށްލާފައި އެއިގެ ތެރެއިން ނިކުންނަން ޖެހޭނެއެވެ. މިސާލަކަށް ކައިވެނީގެ ގުޅުމެއްގައި ހުރި އަންހެނެކެވެ. ކައިވެނީގެ ގުޅުން ގޯސްވެ، އޭނާއަށް އަނިޔާ ލިބެމުންދާ ނަމަ، ބޮއް ކަންތައް ކުރި ފަދައިން، ދޫދީދީ އެކަން ތަހައްމުލުކޮށްލައިގެން ހުންނަންވެއްޖެ ނަމަ، އާޚިރު ނަތީޖާއަކަށް ވެގެންދާނީ ބޮކަށްވީ ގޮތެވެ. ބޮއް ފެންގަނޑުގައި ކެކި ނިމި ދިޔަފަދައިން، އަނިޔާ ލިބެމުންދާ އެ ގުޅުމުގައި މީހާ ނިމިދާނީއެވެ. އެހެންވެ، ދޫދޭންވީ ކިހާވަރަކަށްތޯ ބަލައި، އެކަމުން މަންފާއެއް ނުކުރުމުން، ދެން ޖެހޭނީ 'ކެކެމުންދާ އެ ފެންގަނޑެއް ފަދަ' ގުޅުމުގެ ތެރެއިން ބޭރަށް ފުންމާލައިގެން، ތިމާގެ ނަފްސު އަވަހަށް ސަލާމަތްކުރާށެވެ. އެހެން ނޫނީ ބޮކަށް ވީހެން ކެކި ނިމިގެން ހިނގައިދާނެއެވެ.