Support Us

ލަފްޒަކާއެކު ހިނދުކޮޅެއް- ޝަމާތަތުގެ މާނައިގެ މައްޗަށް ބަލައިލުން

ޝަމާތަތުގެ މާނަ، އެންމެ ސާދާ ގޮތެއްގައި ބުނާނަމަ، ބުނެވޭނީ، ފޮނިވެގަތުމެވެ. ނަމަވެސް، އެ ލަފްޒުގެ ހަގީގީ މާނަ، 'ފޮނިވެގަތުމޭ' ބުނުމަކުން ވެސް، ދޭހައެއް ނުވެއެވެ. އެހެންކަމަށް ވާއިރު، އެ ލަފްޒުގެ މާނަ ވިސްނައިގަނެ، ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟

ޝައްކެއް ނެތް ގޮތުގައި 'ޝަމާތަތުގެ' މާނައިގައި ފޮނިވުމުގެ އުންސުރު، ބައި، ހިމެނެއެވެ. ނަމަވެސް، މިއީ އޭގެ މައިގަނޑު މާނަ ކަމުގައި ނުބުނެވޭނެއެވެ. އެ ލަފްޒުގެ މައިގަނޑު މާނަ ގުޅެނީ، އެހެން ބަޔަކަށް ލިބޭ ދެރައަކާއި ނުވަތަ ހިތާމައަކާ ވިދިގެން ތިމާގެ ހިތަށްވެރިވާ ޚާއްސަ އުފަލަކާއެވެ. ތިމާގެ ދުޝްމަނަކަށް، ނުވަތަ ތިމާގެ ޚަޞްމަކަށް ގެއްލުމެއް ނުވަތަ ދެރައެއް ލިބުމުން އެކަމާ ގުޅިގެން ތިމާ ވާ އުފަލާއި ހިތްހަމަ ޖެހުމާއެވެ. އިނގިރޭސި ބަހުން، ޝަމާތަތުގެ މާނަ ދޭހަކޮށް ދިނުމަށް ބޭނުންކުރަނީ ޖަރުމަނު ބަހުގެ އަސްލުން އައިސްފައި އޮންނަ "ޝާޑެންފޮރޯއިޑެ Schadenfreude މި ލަފްޒެވެ.

މި ލަފްޒާ ބެހޭ ގޮތުން މިއަދު އެއްޗެއް ބުނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ މިދިޔަ ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ބައެއް ނަތީޖާއާ މެދު، އެއްބަޔަކު އުފާކޮށް، އެކަމުގައި ހައްދުފަހަނައަޅައި ގޮސް، ޝަމާތަތުގެ ޝުއޫރުތައް ފާޅުކުރެވޭތަން ފެންނާތީއެވެ. މީސްމީހުންނަށް ތާއީދުކުރުމާއި ނުކުރުން ބިނާވާން ޖެހޭނީ ހުނަރާއި އެކަށޭނަކަމުގެ މައްޗަށެވެ. އެހެން މީހަކަށް، ނުވަތަ ބަޔަކަށް، އޮންނަ ރުޅިއަކާއި ނަފުރަތުގެ މައްޗަކަށް ނޫނެވެ. ހަމަ އެހެންމެ، ކާމިޔާބީ ފާހަގަކުރަން ޖެހޭނީ ވެސް ނަފްރަތުގެ މައްޗަކަށް ނޫނެވެ. ކާމިޔާބުކުރި މީހާގެ ޚަސްމުގެ މައްޗަށް އޮންނަ ރުޅިއަކާއި ހަސަދަވެރިކަމާއި ނަފްރަތާއި ހިތް ނުބައިވުމާއި، ހެޔޮނޭދުމުގެ މައްޗަކަށް ނޫނެވެ. އާދެ، މިހުރިހާ މާނައެއް އެއްކޮށްލާފައި ބުނާ ނަމަ، ޝަމާތަތުގެ މައްޗަަކަށް ނޫނެވެ.

ކާމިޔާބުތައް ފާހަގަކުރަން ޖެހޭނީ ކިހިނެއް ހެއްޔެވެ؟ މިކަމުގެ ވަރަށް ރީތި އިބުރަތްތެރި ފިލާވަޅެއް ކީރިތި ގުރުއާނުން ލިބެން އޮވެއެވެ. ނަޞްރު ސޫރަތުގައެވެ. ނަޞްރުގެ މާނައަކީ ކޮބައި ހެއްޔެވެ؟ ކާމިޔާބެވެ. މި ސޫރަތުގައި އޮންނަނީ ސަލާމާއި ސަލަވާތްލެއްވި ކައު އިތުރު ރަސޫލާ، އެކަލޭގެފާނުންގެ ރިސާލަތު، މިޝަން، ކާމިޔާބީއާއެކު ނިންމަވާލެއްވުމުން ކަންތައް ކުރައްވަންވީ ގޮތާ މެދު އިރުޝާދު ދެވިފައެވެ. "فسبح بحمد ربك واستغفره" މި ފަދައިންނެވެ. އެކާމިޔާބީއަށްޓަކައި، މާތްރަސްކަލާނގެއަށް، ތަސްބީހައެއްހެން، މާނައަކީ ގިނަގިނައިން، ޝުކުރުކޮށް، އަދި، އެކަލާނގެ ކިބަފުޅަށް އިސްތިޣްފާރުކުރުމަށް، ފާފަފުއްސެވުމަށް، އެދި ދެންނެވެމުގެ އިރުޝާދެވެ. އާދެ، ކާމިޔާބު ފާހަގަކުރަންވާނީ ހިތްތިރި ކަމާއެކުގައެވެ. އެ ކާމިޔާބުގެ މެދުވެރިންނަށް ޝުކުރުއަދާކުރުމުގައެވެ. އެންމެ ފުރަތަމަ، އެކަން މެދުވެރިވުމަށް އޮތް މަގު ފަހިކޮށްދެއްވައި މިންވަރުކޮށް ދެއްވި ކަމަށްޓަކައި، މާތްރަސްކަލާނގެ ކިބަފުޅަށެވެ. އެއަށް ފަހު، އެކަން ހަގީގަތަކަށް ހަދާލުމަށްޓަކައި އެހީވެދިން، އެހެން އެންމެނަށް ވެސް ޝުކުރުއަދާ ކުރަން ޖެހެއެވެ. ދެން، އެކަން ކާމިޔާބު ކުރަން އުޅުމުގައި، އެނގި ނަމަވެސް، ނުވަތަ ނޭނގި ނަމަވެސް، ކުރެވިދިޔަ، ކުށްތަކަށް ފާހަގަކޮށް އެކަމަށް މާފުއެދެން ވެސް ޖެހެއެވެ.

މިފަދައިން ކަންތައް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކާމިޔާބުގެ ވަގުތުތަކުގައި ހިތުގައި އުތުރި އަރާފާނޭ ނުރަނގަޅު ޖަޒުބާތުތައް ނެތިކޮށްލުމެވެ. ފޮނިވެގަތުމާއި ކިބުރުވެރިވުމާއި މަމޮޅުވެ ދިޔުމުގެ ޖަޒުބާތުތަކެވެ. އަދި، ތިމާގެ ޚަސްމާ ދިމާކޮށް، އެއްޗެހި ކިޔައި، ޝަމާތަތުގެ ޝުއޫރު ފާޅުކުރުމުން ވެސް ދުރުހެލިވުމެވެ.

ދެން، މިކަމާ ގުޅޭ އެހެން ވާހަކައެވެ! އިންތިޚާބެއްގެ ކާމިޔާބީ ފާހަގަކުރުން، އެކަން ކުރަން އޮންނަ ހެޔޮ ގޮތުގައި ކުރެވިއްޖެ ނަމަ، އެކަމާ ގުޅިގެން ޝަމާތަތުގެ ޝުއޫރު ފާޅުނުކުރާ ނަމަ، މި ހިސާބުން އިނތިޚާބު ނިމުނީކަމަށް ނުބެލެވޭނެއެވެ. ދެން ކުރިއަށް އޮންނާނީ މާ ބުރަ މަސައްކަތެކެވެ. އިންތިޚާބުގައި ކާމިޔާބީ ހޯދި މީހުން ޒިންމާކުރުވުމުގެ މަސައްކަތެވެ. ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ހަނދާންކޮށްދިނުމުގެ ބުރަ މަސައްކަތެވެ. އިންތިޚާބެއްގެ އަމާޒަކީ މީހަކު ބަލިކުރުމެއް ނޫނެވެ. މީހަކު ހޮވުމެވެ. އޭނާ ހޮވަނީ، ކަންކަން ކުރުމުގެ، ކަންކަން ކުރުމުގެ ސިފަ، އޭނާގެ ކިބައިގައި ހުންނާނެ ކަމަށް ދެކިގެންނެވެ. އެހެންވެ، އޭނާ ހޮވުމަށް ފަހު، ދެން އަމާޒަކަށް ވާންޖެހޭނީ އޭނާ ލައްވައި ކަންކަން ކުރުވުމެވެ. މިސާލަކަށް މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ މަތިން ހަނދާންކޮށްލާށެވެ! މިކަމުގެ އުނދަގޫ ރާއްޖޭގެ އާބާދީގެ ބޮޑުބަޔެއް ތަހައްމުލުކުރަން ޖެހެއެވެ. ނަމަވެސް، މިކަމުގެ ހައްލެއް އަދިވެސް ހޯދޭ ގޮތެއް ނުވެއެވެ. އެކަމުގެ ހައްލު ނެތިގެންނެއް ނޫނެވެ. މަސްއޫލުވެރިންގެ ކިބައިގައި އެކަން ކުރުމުގެ ވަރުގަދަ އެދުމެއް ނެތީ މައެވެ. މިއަދު މިއޮތީ، އެކަން ވެއްޖައުމަށް ދާންދެން، ހުއްޓާނުލައި، އެކަން ކުރުމުގެ މަތިން ހަނދާންކޮށްދޭންވީ ވަގުތު އައިސްފައެވެ. އެކަމުގެ ފަންނީ މީހުންނާއި މަޝްވަރާކޮށް، އެކަމުގެ ހައްލަކީ ކޮބައިތޯ ހޯދައި، އަމަލީ ގޮތުން އެފަދަ މީހުންގެ ޕުލޭން ހިންގާލަންވީއެވެ. އަދި، އެހެން ތަންތަނަށް ވެސް ދިމާވެފައި އޮތް މައްސަލަތަކުގެ ހައްލު ހޯދުމުގެ މަސައްކަތް ކުރުމަށް ހަނދާންކޮށްދީ އެކަން ކުރުވުމަށް ބާރުއަޅަންވީއެވެ. މައްސަލަތަކާ މެދު ލިޔެގެންނެވެ. ޚާއްސަ ސިފައެއްގައި ކަމާ ބެހޭ ފަރާތްތަކަށް ލިޔާ ސިޓީތައް މެދުވެރިކޮށެވެ. ކަމާ ބެހޭ މީސް މީހުނާ ބައްދަލުކޮށްގެންނެވެ. އަދި، އާންމު ސިފައެއެއްގައި، މައްސަލަތަކާ ބެހޭ ގޮތުން، ނޫސްތަކާއި މަޖައްލާތަކުގައި ލިޔެގެންނެވެ. ރޭޑިޔޯއާއި ޓީ.ވީ ވެސް މެދުވެރިކޮށް ވާހަކަދައްކައިގެންނެވެ.

އާދެ، އިންތިޚާބެއް ކާމިޔާބުވުމުން، އެއި ޝަމާތަތުގެ ޝުއޫރު ފާޅުކުރަންވީ ވަގުތެއް ނޫނެވެ. ޝަމާތަތުގެ ޝުއޫރު ފާޅުކުރެވޭ ނަމަ، އިންތިޚާބެއް ކާމިޔާބުވުމުން، އެކަން ނިމުނީ ކަމުގައި ބެލެވިދާނެއެވެ. ނަމަވެސް، އެއީ އެކަން އޮންނަން ޖެހޭނޭ ގޮތެއް ނޫނެވެ. މީހަކަށް، އިންތިޚާބެއް ކާމިޔާބުވުމުން، ދެން އޮންނަން ޖެހޭނީ، އޭނާގެ ބޮލުގައި، އެ ކާމިޔާބީ އެޅުވި ޒިންމާތައް، އުފުލުވި ވާޖިބުތައް، އާދެ، އެކާމިޔާބީގެ މަސްއޫލިއްޔަތު، އެންމެ ފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ ވަގުތު، މިހާރު އަތުވެއްޖެކަން، އޭނާއަށް، ހުއްޓާނުލައި، އެންމެންވެގެން – އޭނާއަށް ތާއީދުކުރި މީހުންނާއި ނުކުރާ މީހުން ވެސް ހިމެނިގެން- ހަނދާންކޮށް ދިނުމެވެ.