Support Us

އުހުދު ހަނގުރާމައިން ފެނުނު ބަދަލުހިފުމުގެ މަންޒަރަކާއި އެކަމާ ގުޅޭ ބައެއް ވާހަކަ

ހަނގުރާމަތަކަކީ ނޭދެވޭ އެތައް މަންޒަރެއް ދައްކުވައިދޭ ކަމެކެވެ. އިންސާނާގެ މަތިވެރި ސިފަތަކާއި އަދި އޭނާގެ އެންމެ ދަށުދަރަޖައިގެ ސިފަތަކެވެ. ހިޖުރީ ސަނަތުން ތިންވަނަ އަހަރުގައި ހިނިގި އުހުދު ހަނގުރާމައިގައިވެސް މި ދެ ބާވަތުގެ މަންޒަރު ފެނުނެވެ.

ކީރިތި ރަސޫލާ ﷺ ދިފާއުކުރުމަށްޓަކައި ލޮންސިތަކެއް ކުރިމައްޗަށް ނިކުމެ، އަބޫ ތަލްހާ އޭނގެ ހަށިގަނޑު ކީރިތި ރަސޫލާ ﷺ ގެ އައްޑަނަ އަކަށް ހަދާލި މަންޒަރެވެ. ކީރިތި ރަސޫލާ ﷺ ގެ ކަނާތްޕުޅުންނާއި ވާތްޕުޅުން ހަމަލާތައް ދެއްވި އުއްމު އުމާރާއެވެ. ކީރިތި ރަސޫލާ ﷺ ވަޅުގަނޑަކަށް ވެއްޓި ވަޑައިގަތުމުން، ދިފާއުގައި އެ ކަލޭގެފާނުގެ ހަށިކޮޅު މައްޗަށް ވެއްޓިވަޑައިގެންނެވި އަބޫ ދުޖާނާއެވެ. މި ފަދަ މަންޒަރުތަކުން، ގަބޫލުކުރާކުރުން ތަކުގެ ވަރުގަދަ ކަމާއި އެކަމުގެ ހައްގުގައި، ހައްގު ގޮތުގައި، ފިދާވާ މަންޒަރު ފެނެއެވެ.

މި ލިޔުން ކޮޅުގައި، ފާހަގަކޮށްލަން ބޭނުންވަނީ، އުހުދު ހަނގުރާމަ ދެއްކި މީގެ އިދިކޮޅު މަންޒަރެކެވެ. އިންސާނީ ނަފްސުގައި ލެއްވިފައިވާ ހުތުރު ދަށު ދަރަޖައިގެ މަންޒަރެކެވެ. ހަބަޝީގެ ތޫނު ސީދާ ލޮންސީގެ ހަމަލާއިން ހަމްޒާގެފާނު އަވަހާރަވުމުން ފެނިގެން ދިޔަ މަންޒަރެވެ. ހިންދު އައިސް، ހަމްޒާގެފާނުންގެ މޭމަތީ ވަޅިއަޅައި، ފަޅާލައި، އެކަލޭގެފާނުންގެ މޭ ނަގައި ދޫލި މަންޒަރެވެ. ހަމްޒާއަތްޕުޅުން ހިންދުގެ ގާތް ތިމާގެ ބައެއް މީހުން ބަދުރު ހަނގުރާމައިގައި މަރުވެފައި ވުމުން، ބަދަލު ހިފުމުގެ ގޮތުންނެވެ. ހަމްޒާގެފާނު ޝަހީދުވެ އަވަހާރަވުމުން، ބަދަލު ހިފުމުގެ އަލާއެއް ނުކެނޑުނެވެ. އެކަން ކެނޑި، ހިންދުގެ ހިތަށް ފިނިކަން އައީ ހަމްޒާގެ މޭ ނަގައި، އޭގައި ދޫ ލެވުމުންނެވެ. (ފަހުން ހިންދު އިސްލާމްވިއެވެ.)

މިފަަދަ މަންޒަރުތައް މިހާރު ވެސް ފެންނަމުން ދެއެވެ. ތިރީގައިވާ ތަސްވީރަށް ބަލާލާށެވެ. މީހުން އެ ސޫރައެއް މަތީ ހިނގާ ގޮތަށް އެ އޮތީ ކާކުގެ ސޫރައެއް ހެއްޔެވެ؟ އިރާގުގެ ކުރީގެ ރައީސް ސައްދާމު ހުސައިންގެ ސޫރައެވެ. މި މަންޒަރުން ފެންނަނީ ރައީސް ސައްދާމު ހުސައިންގެ މައްޗަށް ދަންޖެއްސުމުގެ ހުކުމް އިއްވި ގާޒީ ނިޔާވުމާ ގުޅިގެން ބޭއްވުނު ތައުބީނުގެ ޖަލްސާއެކެވެ. މި ޖަލްސާގައި ހިތާމަ ފާޅުކުރުމާއި ވަކިވެ ދިޔަ މީހާގެ ހެޔޮ އަމަލުތައް ހަނދާންކުރުމަށް ވުރެ ބޮޑަށް ފެނިގެންދަނީ 'މޭގައި ދޫލައި ލޭގެ ރަހަބަލައި' ބަދަލުހިފައި ހިތަށް ފިނިކަން ގެންނަން އުޅޭ މަންޒަރެވެ. ރައީސް ސައްދާމު ނެތި ދިޔަތާ ސާދަ އަހަރުވީ އިރުވެސް، އެ ބަދަލު ހިފުމުގެ އަލިފާންގަނޑު ނިވުމެއް ނެތެވެ!

ބަދަލު ހިފުމުގެ ރޫހު މިހާ ވަރުގަދައަށް އުފެދެނީ ކީއްވެ ބާވައެވެ؟ ތަނުގައި ގަބަލިއްޔަތުގެ (ޓުރައިބަލިޒިމް) ރޫހު އަށަގަންފައިވާތީއެވެ. ކޮންމެ މީހަކަށް ވެސް މުހިއްމު ވަނީ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅުވަނީ އޭނާގެ ގަބީލާއެވެ. މީހަކު، ނުރަނގަޅު ކަމެއް ކޮށްފިނަމަ، އެމީހަކަށް އޭގެ އަދަބު ލިބުމުން ނުފުދެއެވެ. އޭނާ ފަޅައިލައިގެން އޭނަގެ މޭ ގަނޑު ނަގައި ދޫލައިގެން މެނުވީ ހިތަށް ފިނިކަމެއް ނުލިބެއެވެ.

އަޅުގަނޑުމެންނަކީ ވެސް އިންސާނުން ކަމަށް ވާތީވެ، އިންސާނީ ރިވެތި ސިފަތަކާއި ހުތުރު ސިފަތައް އަޅުނޑުމެންގެ ތެރެއިން ވެސް ފެނެއެވެ. ގަބަލިއްޔަތުގެ ރޫހުގެ ސަބަބުން ވެސް އިންސާނީ ހުތުރު ސިފަތައް ފެނި ފެނި ހުރެއެވެ. އިހުގައި މިކަން ފެންނަނީ އަވަށުވެރި ވާވާދަވެރިކަމުގެ ހައްދު ފަހަނައަޅާ ދިޔުމުންނެވެ. ރަށްރަށުގެ މެދުގައި ވާދަވެރިކަމުގެ ވާދަވެރިކަން ހައްދުފަހަނައަޅާ ދިޔުމުންނެވެ. އަތޮޅުތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ހައްދު ފަހަނައަޅައި ދިޔުމުންނެވެ. މި ފަދަ ކަންތައް ކުޅިވަރުގެ ދަނޑުތަކުން މިއަދު ވެސް ފެނެއެވެ. ދާދި މިދާކަށް ދުވަހު، ދަނޑެއްގެ މަސްނުވީ ވިނަގަނޑު ހަލާކުކޮށްލުން މީ މިކަން ހާމަވެގެން ދިޔަ ފަހުގެ މަންޒަރުތަކުގެ ތެރެއިން މަންޒަރެކެވެ.

މީގެ އިތުރުން މިހާރު، ކޮންމެ ދުވަހަކު ފެންނަ ގަބަލިއްޔަތުގެ މަންޒަރެއް އެބައޮތެވެ. ސިޔާސީ ގަބަލިއްޔަތުގެ މަންޒަރެވެ. ރަނގަޅު ވަނީ ސިޔާސީވެރިންގެ ސިޔާސަތުތަކެއް ނޫނެވެ. ތިމަންނަގެ ސިޔާސީ ގަބީލާގެ މީހާއެވެ. އެމީހަކުގެ އެކަށޭނަ ކަމާއި ހުނަރަށް ބެލުމެއް ނެތި، ކޮންމެ ފަދަ ގެއްލުމެއް އެމީހާގެ ކިބައިން ނުވަތަ އެމީހާ ތަމްސީލުކުރާ ސިޔާސީ ގަބީލާއިން ފެނުނު ކަމުގައި ވިޔަސް، އެއީ ގޯސް ކަމެއް ނޫނެވެ. ގޯސްވަނީ އިދިކޮޅު ގަބީލާއެވެ.

ތަނުގެ ސިޔާސީ ނިޒާމު ބިނާވެގެން ވަނީ، ބޭރު ފުށުން އެއަށް ކޮންމެ ނަމެއް ކީކަމުގައި ވިޔަސް، ހަގީގަތުގައި، އެކަން ބިނާވަނީ ގަބަލިއްޔަތުގެ މައްޗަށް ކަމަށް ވެއްޖެ ނަމަ، އެ ނިޒާމުވާނީ ފާސިދު ނިޒާމަކަށެވެ. ކުނިވެ ހަލާކުވެފައިވާ ނިޒާމަކަށެވެ. ތަނަށް ހަގީގީ ކުރިއެރުން ލިބުމަށް ހުރަސް އަޅާ ނިޒާމަކަށެވެ. އެހެނީ ގަބަލިއްޔަތުގެ ނިޒާމު ބިނާވަނީ ނަފުރަތުގެ މައްޗަށެވެ. އެ ނިޒާމު ދަސްކޮށްދީ ބާރުއަޅަނީ ރަނގަޅު މީހުން، ކަންކަން ކުރެވޭ ނަޒާހަތްތެރި މީހުން، އިސް މަގާމުތަކަށް ގެންނާކަށް ނޫނެވެ. ގަބަލިއްޔަތުގެ ނިޒާމު ބާރު އަޅަނީ ތިމާގެ އިދިކޮޅު ގަބީލާ މީހުން މަގާމުތަކާ ދުރުކުރުމަށެވެ. ތިމާގެ ގަބީލާގެ ފަރާތުން އެ މަގާމުތަކަށް 'ހިމާރެއް' ކުރިމަތިލާފައި ހުއްޓަސް އޭނައަށް ފެންނާނީ ހިމާރެއް ނޫނެވެ. އޭނާއަށް ފެންނާނީ އޭނާގެ އިދި ކޮޅު ގަބީލާގެ މީހާއެވެ. އޭނާގެ މޭ ނަގައި ދޫލާން ޖެހޭނޭ ކަމެވެ.

ގަބަލިއްޔަތުގެ ރޫހު ފިލުވާލައިގެން މެނުވީ ޖަމާއީ ސިފައެއްގައި ކުރިއަކަށް ނުދެވޭނެއެވެ. ގަބަލީ ނިޒާމުތައް އޮތް ތަންތަނަށް ކަޅިއެއްލާށެވެ. އަރަބި ކަރައަކީ ވަރަށް ރަނގަޅު މިސާލެކެވެ. ފައިސާ ހުރެގެން ކުރިއަށް ދެވޭ ކަމަށް ވަންޏާ އެމީހުންނަށް ކުރިއަށް ދެވި، 'ފުރަތަމަ ދުނިޔޭގެ' ގައުމުތަކުގެ ސަފުގައި ފައި ހަރުކޮށްލެވުނީހެވެ. ނަމަވެސް، ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ބޭރު ގައުމުތަކަށް އަމިއްލަ ގައުމު ވިއްކާލާފަައި ނަމަވެސް، ތިމަންމެންގެ ގަބީލާގެ ވެރިކަން ދިފާއުކުރަން ވުމުން ހަގިގީ ކުރިއެރުމެއް ނުލިބެއެވެ. ރަނގަޅު ގޮތުގައި އެ މަސައްކަތް ކުރާނޭ ވަގުތެއް ވެސް ނޯވެއެވެ. ތިމަންމެންގެ ގަބީލާ މީހުން ނޫން އެހެން އެންމެންނަކީ، އެއީ ތިމަންގެ ގައުމުގެ މީހުން ކަމަށް ވިޔަސް، ޖާނީ ދުޝްމަނުންނަށް ވެގެންދަނީއެވެ.

އެހެންވެ، އަޅުގަނޑުމެންގެ ތެރެއަށް ގެނައި، ޕާޓީ ޑިމޮކުރަސީއަކީ ގަބަލިއްޔަތުގެ އާ ސަފުހާއަކަށް ވެގެން ހިނގައްޖެއެވެ. ނަމަވެސް، މިއީ ވެސް ބަދަލު ނުކުރެވޭނޭ ކަމެއް ނޫނެވެ. މިކަމަކީ ތިމާއަށް ވެސް، އަދި، ގައުމަށް ވެސް ގެއްލުން ހުރި ކަމެއްގެ ގޮތުގައި ދެކި، ގަބަލީ މީހަކަށް ނުވުމުން، އެކަމަށް ހައްލު އަންނާނެއެވެ. މިއަދު މިއޮތީ އަނެއްކާ ވެސް ތިމަންނާ ތާއީދުކުރަނީ ގަބަލިއްޔަތުގެ ނިޒާމަށްތޯ ނުވަތަ ނޫންތޯ ތިމާ އިމްތިހާނު ކުރެވޭ ދުވަހެކެވެ! ގަބަލިއްޔަތުގެ ނިޒާމުގެ އަވައިގައި ޖެހި، ގައުމު ވިއްކާލުން ވެސް ހަމަ އެންމެ ރަނގަޅު ކަމެކޭ ބުނާ ބުނުން، ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ހުށަހަޅައި ތިމާމެންގެ ޒަމީރުގެ ކޮށުމުގެ އަޑު، ފަނޑުވެފައި އޮތް ދުވަސް ވަރެއްގައި، އަދި މަރުނުވެ އޮތް އެ ޒަމީރުގެ ބަލިކަށި އަޑު އެހުމުގެ ފުރުސަތު އޮތް ދުވަހަކެވެ. އުއްމީދު ކުރާ ހިތްވަނީ، ހަމްޒާގެފާނުގެ މޭގަނޑުގައި ހިންދު ދޫލި ފަދައިން ކަންތައް ނުކުރާނޭކަމެވެ. ނަފުރަތާއި ރުޅިވެރިކަން އެއްކިބާކޮށް، ގަބަލިއްޔަތުގެ އަވައިގައި ޖެހުމުން ދުރުވެ، ކަމަށް އެކަށީގެންވާ، ކަންކުރެވޭ މީހުން ހޮވައި އިންތިޚާބު ކުރާނޭ ކަމަށެވެ.

[ނޯޓު: މި ލިއުމުގައިވާ ތަސްވީރުތަކުން އެ ފެންނަނީ ގަބަލިއްޔަތުގެ ނިޒާމުގެ އަވައިގައި މީހުން ކުރާ ދަށުދަރަޖައިގެ އަމަލުތަކެވެ. ތިމާ ނުރުހޭ މީހާ، އޭނާ ދުނިޔޭގައި ނެތަސް، އޭނާއަށް އިހާނެތި ކުރުން އެއީ ރަނގަޅުކަމެއް ކަމަށް ހަދާލާ މަންޒަރެވެ. މަރާލުމުން ބަަދަލު ހިފުމުގެ އެދުން ނުފުދި، އެންމެ އަނިޔާވެރި ބޭރަހުމީ، ލާއިންސީނީ، އަނިޔާތައް ދީގެން، ބަދަލު ހިފުމުގެ ކަރުހިއްކަން މަސައްކަތް ކުރެވޭތަނެވެ! މީގެ ތެރޭގައި ކޮރެއާގައި ހިނގި ބައެއް ކަންކަން ތަމްސީލުކޮށްދޭ ބައެއް މަންޒަރާއި، ދަ މެސެޖް، މި ފިލްމުގައި ހަމްޒާގެފާނު ހަށިކޮޅު ކައިރީ ހިންދު އިށީނދެ އިންނަތަން ދައްކުވައިދޭ މަންޒަރު ހިމެނެއެވެ.]