Support Us

ކޮލަމް: ދޭހަ

ސަރވިސް ޗާޖުގެ މައްސަލަ އަދި ހައްލެއްނުވޭ

ސަރވިސް ޗާރޖުގެ މައްސަލައަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ މެދުގައި ވަރަށް ބޮޑު މައްސަލައެކެވެ. ސަރވިސް ޗާޖަށް ލިބޭ ފައިސާ، ބައެއް ތަންތަނުން އެ ތަނެއްގައި މަސައްކަތްކުރާ މީހުންގެ މެދުގައި ނުބެހޭތީ ވެއެވެ. ނުވަތަ ބެހުން ލަސްވާތީވެއެވެ. ނުވަތަ ބަހަން ބައިއެޅޭ މިންވަރާ މެދު ހިތްހަމަނުޖެހޭތީވެއެވެ. ސަރވިސްޗާޖް ބެހުމާ ބެހޭގޮތުން، ރާއްޖޭގައި މިހާރު ޤާނޫނެއް އޮތުމުން ސަރވިސްޗާޖަށް ލިބޭ އެއްޗެއް ބަހަންޖެހޭނެކަން ވަރަށް ރަނގަޅަށް ކަށަވަރުވެއެވެ.

ފަތުރުވެރިކަމުގެ ޞިނާޢަތަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން ލާމެހިގެން ހިނގާ ޞިނާާޢަތެކެވެ. މިސާލަކަށް ދަންނަވާނަމަ ރާއްޖެ އަށް ޗުއްޓީއެއް ހޭދަކުރަން އަންނަ މީހަކު ރިޒޯޓެއްގައި ނުވަތަ ގެސްޓު ހައުސެއްގައި ހުއްޓަސް، އެ ހިސާބަށް އެމީހަކަށް އާދެވެނީ ތަފާތު އެތައް ބައެއްގެ ޚިދުމަތް ހޯދައިގެންނެވެ. މަތިންދާބޯޓާއި ލޯންޗުފަހަރުގައިވެސް ދަތުުރުކޮށްގެންނެވެ.

ސަރވިސްޗާޖް ނެގުމުގެ ޤާނޫނުން ބާރު ލިބިގެން ހެދޭ ޤަވައިދު ވެސް މިހާރު ގެޒެޓް ކުރެވިއްޖެ އެވެ. ސަރވިސް ޗާޖާ ބެހޭ ޤާނޫނު ހެއްދެވި ބޭފުޅުންނަށް ވެސް އަދި ފަހުން އެ ޤާނޫނުގެ ދަށުން ޤަވައިދު ހެއްދެވި ބޭފުޅުންނަށް ވެސް ސަރވިސް ޗާޖާ ބެހޭ ޤާނޫނު ތަންފީޒްކުރަން ފެށުމުން އެ ޞިނާޢަތަށް ވާނެ ގޮތެއް ތަޞައްވުރުކުރެވިފައެއް ނުވެއެވެ. އަދި ފަތުރުވެރިކަމުގެ ކުދިކުދި ވިޔަފާރި ހިންގާ ފަރާތްތަކަށް ކުރިމަތިވާނޭ ދަތިތަކާ މެދު އެއްގޮތަކަށް ވެސް ވިސްނަވާފައެއް ނުވެއެވެ. އެބޭފުޅުންގެ ވިސްނެވުމަކީ(ލަފާކުރެވޭ ގޮތުގައި)، އަވަހަށް (ލޯކަލް އިލެކްޝަނުގެ ކުރިން) ސަރވިސް ޗާޖް ލިބުން ޔަޤީންވާނެ ގޮތެއް ހެދުމެވެ. ފައިސާ ނަގަން އެންމެ ފަސޭހަ ގޮތަކަށެވެ. އިތުރު ހިސާބެއް ހެދުމެއް ނެތި ފައިސާ ނަގަން އެންމެ ފަސޭހަ ވާނީ އެތަނަކަށް ވަންނަ ޖުމުލަ އަދަދުގެ ފައިސާގެ ޕަސެންޓެއް ނެގުމެވެ. އެތަނަކަށް ވަންނަ ފައިސާއަކީ އެތަނަކުން ދޭ ޚިދުމަތަކަށް ދައްކާ ފައިސާއެއްތޯ ބެލުމެއް ނެތިއެވެ. ގަވައިދު ބުނާގޮތުން ކޮންމެ މަހަކު ސަރވިސް ޗާޖަށް ލިބޭ ވަރު ޙައްޤުދާރުންނަށް އެނގެންޖެހެއެވެ. ދެން އޮތީ ޖޫރިމަނާގެ ވާހަކަ އެވެ. ލައްކައިން ޖޫރިމަނާ ކުރެވެއެވެ. ކޮންކަމަކާތޯއެވެ؟ ޓެކްސަށް ދައްކަންވާ ފައިސާއެއް ނުދައްކައިގެނެއް ނޫނެވެ. ޚިދުމަތަކަށް ނެގޭ އެއްޗެއް އެކަން އޮންނަ ގޮތަށް ނުކުރެވިިގެންނެވެ.

ސަރވިސްޗާޖް ނެގުމުގެ ޤާނޫނާއި ޤަވައިދު ހެދިފައި އޮތްގޮތުން ޑަބަލް ސަރވިސްޗާޖް ނެގޭގޮތް ދިމާވެއެވެ. މިސާލަކަށް ދަންނަވާނަމަ މެހެމާނަކު 100 ޑޮލަރުގެ ޑައިވަކަށް ހިނގައްޖެނަމަ، އެ ޑައިވަށް އޭނާގެ އަތުން ނެގެނީ 123.20 ޑޮލަރެވެ. އެއީ ޑައިވަށް 100 ޑޮލަރާއި ސަރވިސް ޗާޖަށް 10 ޑޮލަރާއި ޓީ.ޖީ.އެސް.ޓީ (12 ޕަރސެންޓު) އަށް 13.20 ޑޮލަރެވެ. ފަތުުރުވެރިކަމުގެ ޚިދުމަތްދޭ ގިނަ ތަންތަނުގައި ޑައިވް ސެންޓަރު ހިންގަނީ ވަކިތަނެއްގެ ގޮތުގައެވެ. އެތަނުން ދޭ ޚިދުމަތެއްގެ ހިސާބުކިތާބު ބަލަހައްޓަނީ އެތަނަކުންނެވެ. މިހެންވުމާއެކު ޑައިވް ސެންޓަރުން އެ ރިޒޯޓު ނުވަތަ ގެސްޓުހައުސްގައި ހުރި މީހާ ހޯދި ޚިދުމަތުގެ ބިލް އެތަނުގެ އެޑްމިނިސްޓުރޭޝަނަށް ފޮނުވައެވެ. ގެސްޓުހައުސަކަށް މީހުން ދިރިއުޅޭ ރަށެއްގެ ޑައިވް ސެންޓަރަކުން ބިލް ކުރީ 116.60 ޑޮލަރަށް ކަމަށް ބަލަމާތޯއެވެ. އެއީ ޑައިވަށް 100 ޑޮލަރެވެ. ސަރވިސް ޗާޖަށް 10 ޑޮލަރެވެ. ޖީ.އެސް.ޓީ އަށް 6.60 ޑޮލަރެވެ. ޖީ.އެސް.ޓީގެ ބާކީ 6.60 ޑޮލަރު ދައްކަނީ އަގު ނަގާ ތަނަކުންނެވެ. މިހެން ދިމާވުމުން މި ޚިދުމަތެއް ދޭ ގެސްޓު ހައުސަށް، މި ޚިދުމަތުން އެންމެ ސެންޓެއް ވެސް ނުވަންނާނެ އެވެ. ޚިދުމަތްދޭ ފަރާތުންނާއި އަގުނަގާ ފަރާތުން ވެސް 10 ޑޮލަރުގެ ސަރވިސް ޗާޖެއް ނެގުމުން، އެއް ޚިދުމަތަކަށް 20 ޑޮލަރުގެ ސަރވިސް ޗާޖެއް ނެގުނީއެވެ.

ސަރވިސް ޗާޖު ނެގުމުގެ ކަންތައް މިވަގުތު އޮތް ގޮތުން، ފައިސާ ނަގާ ފަރާތުން ނުދޭ ޚިދުމަތަކުން ސަރވިސް ޗާޖު ނެގުމާ ދުރަށް ދިއުމަށް، މަތިންދާބޯޓުގެ ދަތުރާއި ސސާ ދައްކާ ގޮތަށް ހަދައިފިނަމަ ފަތުރުވެރިންނަށް ވަރަށް އުނދަގޫވާނެއެވެ. އަދި އެމީހުންގެ ފަރާތުން ޝަކުވާ އާއި ހިތްހަމަނުޖެހުން އަންނާނެ އެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ރަނގަޅު ކަމަކަށްްޕީޑު ލޯންޗުގެ ދަތުރާއި ޑައިވް ސެންޓަރު ފަދަ ތަންތަނުންދޭ ޚިދުމަތަށް ފަތުރުވެރިއާ ވަކިވަކިން ފައިވެސް ނުވާނެއެވެ.

ސަރވިސް ޗާޖު ނެގުމުގައި ނުކުންނަ އަނެއް މައްސަލަ އަކީ ބޭރުން ދެވޭ ޚިދުމަތެއްގެ ސަރވިސް ޗާޖުގެ ޒިއްމާ، ފަތުރުވެރިއާ ހުންނަ ތަނަކުން އުފުލަންޖެހުމެވެ. ހުރުމުގެ ޚިދުމަތު ދޭ ގިނަ ތަންތަނުން، އެތަނަށް ފަތުރުވެރިން ދިއުމުގެ ދަތުރުފަތުރުގެ ކަންތައްތައް ހަމަޖައްސައިދެއެވެ. މަތިންދާބޯޓު ދަތުރާއި ލޯންޗު ދަތުރެވެ. އެ ތަންތަަނުން ޓިކެޓުގެ އަގު ކަމަށް އަންގާ އަދަދަކަށް ހުރުމުގެ ޚިދުމަތު ދޭ ތަންތަނުން ފައިސާ ދައްކައެވެ. އެ ފައިސާ އަކީ އެހެން ތަނަކުން ހޯދި ޚިދުމަތަކަށް، އެތަނަކުން ދައްކަންޖެހޭ ފައިސާ އެވެ. އެހެންނަމަވެސް ފަތުރުވެރިއާގެ އަތުން އެ ފައިސާ ނަގަނީ އޭނާ ހުންނަ ތަނަކުންނެވެ. ފަތުރުވެރިއާ ހުންނަ ތަނަކަށް ވަންނަ ޖުމުލަ ފައިސާގެ ތެރެއަށް ފަތުރުވެރިއާ ރާއްޖޭގައި ކުރާ ދަތުރުފަތުރުގެ ޓިކެޓުގެ ޚަރަދު ވެސް ވަންނާނެ އެވެ. އެތަނަކަށް ވަންނަ މުޅި ޖުމުލަ އަދަދުން ސަރވިސް ޗާޖު ނެގޭނަމަ އެ ފައިސާ އެ ނެގެނީ އެތަނުން ނުދެވޭ ޚިދުމަތަކަށެވެ. މިސާލަކަށް ދަންނަވާނަމަ ފަތުރުވެރިއަކު މަތިންދާބޯޓު ޓިކެޓެއް 120 ޑޮލަރަށް ބުކްކުރީއެވެ. ބާރަ ޕަރސެންޓު ޓީ.ޖީ.އެސް.ޓީއާ އެކު އޭނާ އަށް ބިލް ކުރަނީ 134.40 ޑޮލަރަށެވެ. އެ ޓިކެޓް ވިއްކައިގެން އެ ޚިދުމަތެއް ދޭ ތަނަކަށް އެކައްޗެއްވެސް ނުވަދެއެވެ. އޭގެ މާނައަކީ އެއަރލައިނުން ސަރވިސް ޗާޖު ނުނަގާނަމަ ރިޒޯޓުތަކާއި ގެސްޓުހައުސް ތަކުން، އެތަންތަނުން ނުދޭ ޚިދުމަތަކަށް 10 ޕަސެންޓުގެ ސަރވިސް ޗާޖެއް ނަގަންވީތޯއެވެ؟ އެއަށް ކިއާނީ ކީކޭތޯއެވެ؟ ހަމަ ގައިމުވެސް އިންޞާފެކޭ ނުކިއޭނެއެވެ. ރާއްޖޭގެ އެތެރޭގެ ވައިގެ ދަތުރުތަކަށް ފަތުރުވެރިން ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑެވެ. އެއަރލައިނުން ޓިކެޓުގެ ސަރވިސް ޗާޖު ނަގާގޮތަށް ހަމަޖެހިއްޖެ ނަަމަ ރާއްޖެ އަންނަ ފަތުރުވެރިން ކުރާ ތަޖުރިބާ މާ ރަނގަޅު ނުވެދާނެއެވެ.

އެެއްކަމެއް ރަނގަޅު ކުރުމަށް ހިޔަކަން ގޯސްކުރުން ވެސް ރަނގަޅެއް ނޫނެވެ. ފަތުރުވެރިކަމުގެ ޚިދުމަތު ދޭ ބައެއް ތަންތަނުން ތެދުވެރިކަމާ އެކު ސަރވިސް ޗާޖު ނުދޭތީވެ މަޖިލީހުން އެ އޮތީ ލޯކަލް ގަވަރންމެންޓުގެ އިންތިޚާބުގެ ކުރިން ޤާނޫނެއް ފާސްކޮށްފައެވެ. ޤާނޫނުން، ޤަވައިދު ހެދުމަށް ހަވާލާ ދިން ފަރާތުން އެ އޮތީ ޤަވައިދެއް ވެސް ހަދައިފައެވެ. ގެޒެޓުވެސް ކޮށްފައެވެ. އިންތިޚާބުގެ ކުރިންނެވެ. މިކަމާމެދު އަޅުގަޑުމެން ދެކެނީ ކިހިނެއްތޯއެވެ؟

އަމާބުނީތީވެ ފަރަށް ދިޔައީ އެވެ.