Support Us

ކުރު ވާހަކަ: އެތަކާއި ހިންޏެއްގެ ވާހަކަ

އެއް ދުވަހަކު އެތަކާއި ހިންޏެއް ބަންޑާރަ ހަނޑޫ ގުދަނަށް ވަނެވެ. ވައްކަން ކުރުމުގެ ނިޔަތުގައެވެ. އޭގެ ބުރިކަށިމައްޗަށް ހަނޑޫ ބަސްތާއެއް ލައިގެން އެތް ނިކުމެގެން ހިނގައިގަތެވެ. ހިނިވެސް، ހަނޑޫ ގުދަނުގެ ބިންމަތިން ހަނޑޫ ފުކެއް ނަގައިގެން ހިނގައިގަތެވެ.

އެތުގެ ނަސީބު ރަނގަޅުކަމުން ވެސް ކަންނޭނގެއެވެ. ހަނޑޫ ގުދަނުން ހަނޑޫ ބަސްތާއެއް ހިފައިގެން އެތް ދިޔަތަނެއް، ހަނޑޫ ގުދަނުގެ ފާރަވެރިޔާއަކަށް ނުފެނުނެވެ. ނަމަވެސް، ހިނީގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ. ހަނޑޫ ފުކެއް ތުނބު ޖައިގެން، ކުޑަކުޑަ ހިނި ދިޔަތަން، ހަނޑޫ ގުދަނުގެ ހުޝިޔާރު ފާރަވެރިޔާގެ ތޫނުފިލި ލޮލުގައި އަޅައިގަތެވެ. އަދި، ހިނި ހިފައި ހައްޔަރުކޮށް ސިފައިންނާ ހަވާލުކުރިއެވެ.

އަނެއް ދުވަހު ރަށުގެ ހުރިހާ ބޮޑެތި ނޫސްތަކުގައި، ހިނީގެ ވައްކަމުގެ ޖަރީމާގެ ވާހަކަ، މައި ސުރުޚީއެއްގެ ގޮތުގައި ލިޔެވިފައި އޮތެވެ. އަދި، ވަރަށް ހަރުކަށި އިބާރާތުން ހިނީގެ ފާސިދު އަމަލު ކުށްވެރިކުރެވިފައި ވެސް އޮތެވެ. ނަމަވެސް، އެތުގެ ވާހަކައެއް ނެތެވެ. ވާނީ ވެސް އެހެންތާއެވެ! ބަންޑާރަ ހަނޑޫ ގުދަނުން، ހަނޑޫ ބަސްތާއެއް ވަގަށްނަގައިގެން އެތް ދިޔަ ކަމެއް އެކަކަށް ވެސް ނޭނގޭ ވިއްޔާއެވެ. އަނެއްކޮޅުން، ގުދަނުގައި ހަނޑޫ ބަސްތާތައް ފުނިޖަހައިފައި އޮންނައިރު، އެންމެ، ހަނޑޫ ބަސްތާއެއް އުނިވިޔަސް، އެކަން ފާހަގައެއް ނުކުރެވޭނެ ވެސްތާއެވެ! ނަމަވެސް، ބިންމަތިން އުނިވާ ހަނޑޫ ފުއް އޮތް ތަން ވަރަށް ސާފުކޮށް ފެންނަން އޮންނާނެތާއެވެ.

ކޮންމެއަކަސް، ހިނީގެ ވައްކަމުގެ ގަޒިއްޔާ ތަހުގީގުކޮށް، ހިނީގެ މައްސަލަ ޝަރީއަތަށް ފޮނުވުނެވެ. ހެއްކާއި ގަރީނާއާ ވެސް އެކުގައެވެ. ހިނި ތުނބުގައި ހަނޑޫ ފުއް އޮތް ފޮޓޯ ޝަރީއަތަށް ފޮނުވުނެވެ. އަދި ހަނޑޫ ފުކުގައި ކުޅު ހުރުމުން، ޑީ.އެން.އޭ.ގެ ޓެސްޓު ހަދައި ބެލިއިރު، އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ހިނީގެ ކުޅުކަން ސާބިތު ކުރެވުނެވެ. އަދި، ހިނީގެ ތުނބުގައި އޮތް ހަނޑޫ ފުކާއި ގުދަނުގައި ހުރި ހަނޑުލާއި އަޅާ ކިޔުމުން، އެ ހަނޑޫ ފުކަކީ ގުދަނުން ނެގިފައިވާ ހަނޑޫ ފުކެއްކަން ވަރަށް ސާފުކޮށް ޝަރީއަތަށް ސާބިތުކޮށް ދެވުނެވެ.

ކޮންމެއަކަސް، ޝަރީއަތުގައި ހިނީގެ ކުށް ސާބިތުވިއެވެ. އަދި، ބަންޑާރަ ހަނޑޫ ގުދަނުން ހަނޑޫ ފުކެއް ވަގަށްނެގި ކަމުގެ ކުށުގައި ހިނީގެ މައްޗަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައެވެ. އެ މުއޤދަތުގެ ތެރެއިން ފަސްއަހަރު އޮތީ ބުރަ މަސައްކަތް ވެސް ކުރަންޖެހޭ ގޮތުގައެވެ.

މި ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބައިހެއްޔެވެ؟ ބޮޑެތި ބިޔަ ޖަނަވާރުތަކަށް ގާނޫނުތަކުން ސަލާމަތްވުމުގެ މަގު ފަހިވެފައި އޮންނަ ކަމެވެ. އެތަކީ ބޮޑު ބިޔަ އެއްޗަކަށްވެ، އޭގެ ބުރިކަށިމައްޗަށް ހަނޑޫ ބަސްތާ ލުމުން، ފާރަވެރިޔަކަށް ވެސް ނޫނީ ގާނޫނަކަށް ވެސް އެ ހަނޑޫ ބަސްތާ ފެންނަ ގޮތެއް ނުވެއެވެ. ފާރަވެރިޔާ ވެސް އަދި ގާނޫނު ވެސް މާ ކުރީއެވެ. އެހެންވެ، އެތް ބޮޑުވީމައި، ފާރަވެރިޔާއަށް ވެސް، އަދީ ގާނޫނުގެ ލޮލަށް ވެސް، އެތުގެ ބުރިކަށި މަތީ އޮންނަ އެއްޗެއް ނުފެންނަނީއެވެ. އަނެއް ކޮޅުން ގާނޫނީ އަދާލަތުގެ ތިލަފަތަށް އެތެއް ލާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ހަލާކުވާނީ ތިލަފަތް ނޫން ހެއްޔެވެ؟ އަދާލަތުގެ އެ ތިލަފަތުގައި ބޮޑެތި ބިޔަ ޖަނަވާރުތައް ލެވޭހާ ބާރެއް ނުހުންނާނެ ނޫން ހެއްޔެވެ؟ އަނެއްކޮޅުން ކުދި ކުދި ޖަނަވާރުތައް އަތުލައި ގަތުމަކީ ފަސޭހަކަމެވެ. އާރެއް ބާރެއް ވެސް ނެތީމައެވެ.

ދެން، އެތް ކަންތައް ކުރީ ކިހިނަކުން ކަމަށް ހެއްޔެވެ؟ ރޯދަމަސް ވެސް އަންނާތީވެ، ޖަންގަލީގެ ހިނިތަކާއި އަދި ވެސް އެހެން ކުދި ޖަނަވާރުތަކަށް ހަނޑޫ ބަސްތާއިން ހަނޑޫ ކޮޅެއް ދިނީއެވެ.

އަނެއް ދުވަހު، ރަށުގެ ހުރިހާ ހުރިހާ ބޮޑެތި ނޫސްތަކުގައި އެތުގެ ދީލަތިކަމުގެ ވާހަކަ ލިޔެފައި އޮތެވެ. އަދި، ރަށުގެ މުފްތީ، އެންމެންނަށް ޚާއްސަ އިލްތިމާސްއެއް ކުރެއްވިއެވެ. އެތުގެ ދީލަތި ކަމަށްޓަކައި އެއަށް ދުއާކުރުމަށެވެ. ދުޅަ ހެޔޮ ސިއްހަތަކާއި ތަނަވަސް ދިރިއުޅުމެއްވެސް އެތަށް ދެއްވުމަށް އެދިއެވެ. އެތުގެ ދީލަތި އިހުސާންތެރިކަމަށްޓަކައި އޭގެ ހެޔޮ ޖަޒާ ދެއްވުމަށް އެދިވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1111

2 Responses

  1. މިއީ ހަމަ ސީދާ މިހާރުގެ ސަރުކާރަށް ވަށް ބަސްބަހުން ޖަހާފައިވާ ލިޔުމެއް. ލިޔުން ކުށްވެރި ކުރަން

    1. ތިހެން ކަމަށްވާ ނަމަ. ތިބުނަނީ މިހާރު ކަންތައް ހިނގަނީ މިހެންނޭތަ؟ އެހެން ކަމަށް ވަންޏާ ކުށްވެރި ވާން ޖެހޭނީ ކުށުގެ އަމަލެއް ނޫންތަ؟ ލިޔުމެއް ނޫނެއްނު؟ ދެން، އެއީ މިހާރު ކަން ހިނގާ ގޮތް ނޫން ނަމަ، ބައެއްގެ ބޮލުގައި ތި އަޅުވަނީ ދޮގު ތުހުމަތެއް. އެހެން ވީމާ ކުށްވެރި ވާނީ ބައެއްގެ ބޮލުގައި ދޮގު ތުހުމަތެއް އެޅުވި މީހުން ނޫންތަ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *