Support Us

ކުރު ވާހަކަ: ހިޔަޅުގެ ނަސޭހަތް

ބައްޕަ ހިޔަޅު ދަރިފުޅު ހިޔަޅަށް ނަސޭހަތްތެރިވެ ބުންޏެވެ. "ދަރިފުޅާއެވެ! ކޮންމެ ފަދަ މީހެއްގެ ގެއެއްގެ ކުކުޅު ކޮށިން ފިޔޮށް ޖަހައިގަނެގެން ކެޔަސް އެންމެ ރަނގަޅެވެ. ނަމަވެސް އަވަށު މުފްތީގެ ކުކުޅު ކޮށިން ފިޔޮށް ޖަހައިގަންނަން ނުހަދައްޗެވެ.

ދެން ދަރިފުޅު ހިޔަޅު ބައްޕަ ހިޔަޅާ ސުއާލުކޮށް އެހިއެވެ. "އެއީ ކީއްވެ ހެއްޔެވެ؟"

ޖަވާބުގައި ބައްޕަ ހިޔަޅު ބުންޏެވެ. "އޭރުން، މުފްތީ އަހަރުމެން ހިޔަޅުންނާ ދެކޮޅަށް ފަތުވާ ނެރެފާނެއެވެ. އަހަރުމެންގެ މަސް ހަލާލުކޮށް، އަހަރުމެން ހިފައި، ކަތިލައި އަހަރުމެންގެ މަސް ކެއުމަށް ހިތްވަރުދީއެވެ. ދެން، އެކަމަށް ބާރު ދިނުމުގެ ގޮތުން ހެކިތައް ހޯދައި، އެކަމަށް ބާރު ލިބޭނޭ ގޮތަށް އެ ހެކިތައް މާނަކުރާނެއެވެ. ކަނޑު މަހަކީ އަހަރުމެންގެ މަސް ފަދަ އެއްޗެއް ކަމަށް ހަދައި އަޅާކިޔައި، ގިޔާސްކޮށް ވެސް ހެކި ނެރޭނެއެވެ. އެހެންވީމާ މުފްތީގެ ކުކުޅު ކޮއްޓާ ގާތް ނުވާށެވެ. ދެން އެހެން ކޮންމެ ކޮއްޓަކުން ފިޔޮކާ އަދި ކުކުޅު ހާ ވެސް ނަގައި ކެޔަސް މައްސަލައަކަށް ނުވާނެއެވެ!"

ހިޔަޅުގެ ނަސޭހަތުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އާދެ، ޖަމާއަތުގެ ކަންތައްތައް ބޮއްސުންލައި، އެކަން ކަމަކީ ރަނގަޅު ނުކުރެވޭނޭ ކަމެއް ކަމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް، ގަބޫލުކުރެވުމުން، އެންމެންގެހެން ވެސް މަގުސަދަކަށް އޮންނަނީ ތިމާގެ އަމިއްލަ ކަންތައްތަކައިގެން އުޅުމެވެ. ސީދާ ތިމާގެ މަސްލަހަތާ ގުޅޭ ކަމަކަށް ބުރު ނާރާހާ ހިނދަކު، ކޮންމެ މީހަކު ކޮންމެ ފަދަ ކަމެއް ކުރިޔަސް ވަރިހަމަވާ ގޮތް ވެއެވެ. އާދެ، އިންފިރާދިއްޔަތާއި މަވަތިކަން ގައުމުގައި ފެތުރިދެއެވެ.

މިކަމުގެ ނަތީޖާއަކީ ޖަމާއަތުގެ މަސްލަހަތު ދިފާއުކުރުމުގެ ބާރާއި އިޚުތިޔާރު އެބަޔަކާ ހަވާލުކުރެވިފައިވާ، މީހުން، އެމީހުންގެ ޒިންމާ އަދާކުރުމުން އެއްކިބާވުމެވެ. ޖަމާއަތުގެ މަސްލަހަތު އިސްނުކޮށް، އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަންތައްތައް ކުރުމެވެ. އަދި، އެފަދައިން ކަންތައް ކުރުމަށް ފަހު، އެކަމާ ނުރުހޭ މަޑުމަޑު އަޑެއް އިވިއްޖެ ނަމަ، އެ އަޑު ވެސް ނެތިކޮށްލުމުގެ ގޮތުން އެކިއެކި ބަހަނާތައް ދައްކައެވެ. ދެން، އެ އަޑުވެސް ނެތި، އެމީހުން ކުރާ ހުރިހާ ކަމެއް ހަނދާން ނެތިގެންދެއެވެ.

މި ދިޔަ ދެތިން ހަފްތާއެެއްގެ ތެރޭގައި މިކަހަލަ ދެތިން ވާހަކައިގެ އަޑެއް އިވުނެވެ. ތިލަފަޅުގެ ވާހަކައާއި ރައްޔިތުކަން ދޫކޮށްލާ ވާހަކައާއި ވެންޓިލޭޓަރުގެ މައްސަލައިގެ ވާހަކައެވެ. އަދި، އޭގެ ކުރިން، ޝާހީ ރޭޕުގެ މައްސަލައާއި ޓުއަރިޒަމް މިނިސްޓުރީއާ ގުޅޭ ރޭޕުގެ ވާހަކައެވެ. ހުރިހާ ކަމެއް ވެސް، ކުޑަ ހިރުފުސް ކޮޅެެއް އަރުވާލާފައި އޮބިގެން ހިނގައްޖެއެވެ. ދަރުމަހުއްޓެވެ!

ދެން، ވެންޓިލޭޓަރުގެ ވާހަކައިގައި ބުނާ ގޮތުން، ބަޔަކު ރައްޔިތުންގެ ފައިސާތަކެއް، ވެންޓިލޭޓަރުތައް ގަތުމަށް ނެގިއެވެ. ނަމަވެސް، ވެންޓިިލޭޓަރުތަކެއް ލިބުނު ކަމަކަށް ނުވިއެވެ. ނަމަވެސް، މީގައި ވައްކަމުގެ 'އުންސުރު' ހަމަ ނުވާކަމުގެ ނޯޓެއް، ކަމާ ބެހޭ ފަރާތުގެ ފަންސުރުން، ލިޔެ ނެރުނެވެ. ދެން، އިވުނީ މި މައްސަލަ އިތުރަށް ބެލޭނީ 'ބައިނަލް އަގުވާމީ އާބިޓްރޭޝަން' އަކަށް ގޮސްގެން ކަމެވެ. އާދެ، ރާއްޖޭގައި ހިނގާ ވައްކަމުގެ މައްސަލަތައް ދެން ބެލޭނީ ޔޫ.އެން.ގެ ކަމާ ބެހޭ ފަރާތުން ނޫނީ އިންޓަނެޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ކަމުގައި ބުނާ އަޑުވެސް އިވިދާނެއެވެ. އެއީ މުފްތީގެ ކުކުޅު ކޮށިން ވައްކަން ކުރުމާ ބެހޭ މައްސަލަ ނޫން އެހެން މައްސަލަތަކެވެ!

މިފަދަ ކަންކަމާއި އަޑުތަކަކީ އިވިފައި، ފަނޑުވެ ނެތިގެން ދާނޭ އަޑުތަކެކެވެ. ހިރަފުސް ބޯ މަގުމަތީގައި ދުއްވާފައިދާ ކާރެއް، އަރުވާލާ ހިރަފުސްކޮޅު، އިރުކޮޅަކުން އޮބިދާ ގޮތަށެވެ! އާދެ، މިފަދަ ހުރިހާ ކަމެއް ވެސް، ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ހަނދާނުން ފޮހެވި ދެއެވެ. އެހެންވެ، ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ގަވާއިދުތައް އޮތްތާނގައި އޮއްވައި، އެ މީހަކު ބޭނުން ގޮތަކަށް ކަންތައް ކުރެވި، ނިންމާލެވޭގޮތް ވެއެވެ. އާދެ، ގައުމީ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ ވެރިންނާއި ސިޔާސީ ވެރިންގެ އިތުބާރު ގެއްލި، ތަނުގައި އިންފިރާދިއްޔަތުގެ ގޮތް ފެތުރި، ޖަމާއަތުގެ މަސްލަހަތާ މެދު ވިސްނުމުގެ ބޭނުމެއް ނެތްކަމަށް ދެކުމުގެ ނަތީޖާއެވެ.

އެހެންވީމާ، ބައްޕަ ހިޔަޅު ބުނިފަދައިން، މުފްތީގެ ކުކުޅު ކޮއްޓައް ގެއްލުން ނުލިބޭ ގޮތަށް، އާދެ، ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންގެ މަގާމުތަކަށް ގެއްލުން ލިބި، އެ މަގާމުތައް އެމީހުންގެ އަތުން ބީވެ ދިޔުމުގެ ބިރު ކުރިމަތިނުކުރުވާ ގޮތަކަށް، އެންމެން ވެސް އެމީހަކަށް ވަދެވުނު ކުކުޅު ކޮއްޓަކަށް ވަދެ، ވައްކަން ކުރަމުން ގެންދަންވީއެވެ! އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ މައްސަލަ ނިމިގެންދިޔަ ގޮތާއި އެކަމުގައި ޝާމިލުވީ މީހުންނޭ ބުނާ މީހުންނަށް އަދަބުތައް ބަހާލެވިގެން ދިޔަ ގޮތުގެ މައްޗަށް ބަލައި، އެކަމުން ހިތްވަރު ލިބި ގަނެގެން، މިފަދައިން ވައްކަންތަކޮށް، ޚިޔާނަތުގެ އަމަލުތައް ވެސް ހިންގަމުންދާންވީއެވެ.