Support Us

ކޮލަމް: ދޭހަ

ކަންތައްތައް މި ހިނގަނީ މި ކަންކަން އޮންނަންވާ ގޮތަށްބާ؟

ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަޅުގަނޑުމެން ވަރަށް އިޙްތިރާމްކުރަމެވެ. އެ ތަންތަނުން ބައެއް ފަހަރު ބައެއް ކަންކަމާ ބެހޭގޮތުން ދައްކާ ވާހަކަ ޤަބޫލުނުކުރުމަކީ އެ ތަންތަނުގެ އިޙްތިރާމް ކުޑަކުރުމެއް ނޫނެވެ. ނުކުރެވޭނެ ކަންތައްތައް ކުރެވޭނެ ކަމަށް ބުނުމުން ނުކުންނަ ނަތީޖާ އެވެ. ބޭރު ޤައުމަކުން ރާއްޖެ އަށް ޙަމަލާއެއް ދީފިނަމަ އެ ޙަމަލާއަކުން ރާއްޖެ ސަލާމަތްކުރުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ދިފާޢީ ބާރަކު ނެތެވެ. އަޅުގަނޑުމެންނަށް ޖެހޭނީ އަވައްޓެރި ޤައުމެއްގެ އެހީ ހޯދާށެވެ. ރާއްޖެ އަކީ ކުޑަކުޑަ، ފަޤީރު، މަދު، ލުއި ހަތިޔާރުކޮޅެއް ހުރި ޤައުމެކެވެ. އެހެނެއްނޫނެވެ. ރާއްޖޭގެ އަތޮޅެއްގައި ބަޣާވާތެއް ކޮށްފިނަމަ މިހާރު އެކަމެއް ފުނޑުފުނޑުކުރެވިދާނެ އެވެ. ހިމަންދޫގައި ކުރަން އުޅުނު ކަހަލަ ކަމެއް މުލުން ލުހެލުމުގެ ބާރު އަޅުގަނޑުމެންގެ އެބަހުއްޓެވެ.

އަވައްޓެރި ޤައުމަކުން ރާއްޖެ އަށް ޢަސްކަރީ އެހީއެއްގެ ގޮތުން ދިން ހެލިކޮޕްޓަރު އަނބުރާ ގެންދިއުމަށް ކުރީގެ ސަރުކާރުން އެދުމުން ވެސް އެކަމެއް ނުވިއެވެ. މިހާރުގެ ސަރުކާރުން އެދުނަސް އެކަމެއް ނުވާނެއެވެ. މި ސަރުކާރުން އެދުނަސް އެދޭނީ އިތުުރު ހެލިކޮޕްޓަރެއް ގެނައުމަށެވެ. އަޅުގަނޑުމެންގެ ރާއްޖެއަކީ މިނިވަން ޤައުމެކޭ ބުނެ އަޅުގަނޑުމެން ބޭނުންވެއްޖެ ހިނދެއްގައި ހެލިކޮޕްޓަރުވެސް ފޮނުވާލެވިދާނެ ކަމަށް ދައްކާ ވާހަކަ މީގެ ފަންސާހަކަށް އަހަރުގެ ކުރިން އުޅުނު ބައެއް މީހުން ޤަބޫލުކޮށްފާނެއެވެ. މި ޒަމާނުގައި އެކަކުވެސް ޤަބޫލު ނުކުރާނެއެވެ. ޙަޤީޤަތަކީ އަޅުގަނޑުމެންނަށް މިނިވަންކަން އޮތީ އަޅުގަނޑުމެންގެ އަވަށްޓެރި ބޮޑެތި ބާރުތަކުން މިނިވަންކަން ދޭން ބޭނުންވާ ވަރަށެވެ. އެ ހިސާބުގައެވެ.

އުތުރުތިލަފަޅުގައި، އުތުރުކަރައިގެ އަސްކަރީ މަރުކަޒެއް ހަދާ ވާހަކަ އުތުރުކަރައާއި ބޭރުގެ އެހެން ޤައުމުތަކުގެ ނޫސްތަކުގައި ވަރަށް ތަފްސީލުކޮށް ލިޔެފައި ހުރެއެވެ. ރާއްޖެއިން ބުނަނީ އެެއީ ހަޤީޤަތެއް ނޫން ކަމަށެވެ. އުތުރުކަރައިގެ އެހީގައި ޑޮކްޔާޑެއް އުތުރުތިލަފަޅުގައި ހަދާކަމުގައި ވެއެވެ. ތިރީސް އަހަރު ދުވަހުގެ މުއްދަތެއް ދީގެންނެވެ. ބައެއް ޚަބަރުތަކުން ބުނާގޮތުގައި، އެ މުއްދަތު އިތުރުކުރުމާއި ބެހޭގޮތުން ދެފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އޮޓޮމެޓިކުން އިތުރު ތިރީސް އަހަރު ދުވަހުގެ މުއްދަތު އިތުރުވެގެންދާނެ ކަމުގައިވެއެވެ. އެތަނުގައި މަސައްކަތްކުރާ މީހުންގެ މައްޗަށް ދިވެހިރާއްޖޭގެ ޤާނޫނު ނުހިގާނެ ކަމުގައި ވެއެވެ. އެއީ ބޭރު ޤައުމުތަކުގެ އަސްކަރީ މަރުކަޒުތައް ބެހެއްޓުމަށް އެއްބަސްވާ އެހެން ޤައުމުތަކުގައި ވެސް އެކަން އޮންނަ ގޮތެވެ. މިކަމާއި ބެހޭގޮތުން ލިއާ ދިވެހި ނޫސްވެރިންގެ "ގަލަން" އަތުލުމަށް އެކި ގޮތްގޮތަށް މަސައްކަތްކުރެވެއެވެ. ސަރުކާރުން ކަމުގެ ހަޤީޤަތެއް ހާމައެއް ނުކުރެެއެވެ. އުތުރުތިލަފަޅަކީ ވަކި ސަރުކާރެއްގެ ނުވަތަ ވަކި ޕާޓީއެއްގެ ތަނެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ތަނެކެވެ. އެތަނަށް ހަދާ ގޮތުގެ ޙަޤީޤަތް އަޅުގަޑުމެންނަށް އެނގެން ބޭނުންވެއެވެ.

މިހާރު ކަންތައްތައް މި ހިގަނީ މިކަންކަން އޮންނަންވާ ގޮތަށް ބާވައެވެ؟

ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ މަޖިލީހެވެ. ތިންބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް އޮންނަނީ ޤާނޫނު ހެދުމުގެ ބާރެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މަޖިލީހުގެ މެމްބަރަކަށް ވިޔަސް، މަޖިލީހުގައި ހިނގާ ބަހުސްތަކުގައި ބައިވެރިވެވަޑައިގެންނެވޭނެ ބޭފުޅެއް ނޫނެވެ. މަޖިލީހުގައި ހިނގާ ބަހުސުތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުނަމަ ރައީސްކަމުން އެކަހެރިވެވަޑައިގަންނަވަންވީއެވެ. މަޖިލީހުގައި އާދައިގެ މެމްބަރެއްގެ ގޮތުގައި އިންނަވަންވީ އެވެ. މަޖިލީހުގައި ދެކެވޭ ކޮންމެ ވާހަކައަކަށް އަނގަފުޅު ބޭނުމުގެ ފުރުޞަތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ނޯވެއެވެ. ރައީސްގެ މަސްއޫލިއްޔަތަކީ ޤާނޫނާއި މަޖިލީހުގެ ޤަވައިދާ އެއްގޮތަށް ޖަލްސާތައް ކުރިއަށް ގެންދިއުމެވެ. ޖަލްސާތައް ޤާނޫނާއި ޤަވައިދާ ޚިލާފަށް ދާހިނދެއްގައި ޤާނޫނާއި ޤަވައިދުގެ އިމުގެތެރެއަށް ގެނައުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާންވާނީ މައްސަލަ އުފައްދަވާ ބޭފުޅަކަށް ނޫނެވެ. އަމަންއަމާންކަމާއި ސުލްޙަމަޞްލަޙަތު ދަމަހައްޓަވާ ބޭފުޅަކަށެވެ. ޤައުމުގައި ނުތަނަވަސްކަމާއި ކަންބޮޑުވުމާއި ހަމަނުޖެހުން ހިނގާ ގޮތަށް މަޖިލީހުގައި ވެސް އަދި މަޖިލީހުން ބޭރުގައި ވެސް މަޖިލީހުގެ ރައީސް ވާހަކަ ދެއްކެވުމަށް މަޖިލީހުގެ ސުލޫކީ މިންގަނޑާއި މުޖުތަމަޢުގެ ޢާއްމު ސުލޫކީ މިންގަނޑު ވެސް ހުއްދައެއް ނުކުރެއެވެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި "ރީނދޫ ޑެމޮކްރަސީ"ގައި ވެސް މިކަން އޮންނާނީ މިގޮތަށެވެ.

މިހާރު ކަންތައްތައް މި ހިނގަނީ މިކަންކަން އޮންނަންވާ ގޮތަށް ބާވައެވެ؟

ސަރުކާރުން ހުށައަޅާ މައްސަލަތަކުގައި ދަޢުވާކުރާ ފަރާތަކީ ޕުރޮސިކިއުޓަރ ޖަނަރަލް އެެވެ. އެމަނިކުފާނުގެ ނިންމެވުމަކީ ސަރުކާރުން ދަޢުވާއެއް ކުރުމުގައި ފަހު ނިންމެވުމެވެ. މުހިއްމު، ނާޒުކު މައްސަލަތަކުގައި، ސަރުކާރުން ދަޢުވާއެއް ކުރުމުގައި ވަކި ގޮތެއް ނިންމާނީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ވެސް އޮންނަ ގޮތަށް އެތަނުގެ އެންމެ އިސް ތަޖުރިބާކާރުންގެ މަޝްވަރާގެ މަތިން ކަމުގައި ލަފާކުރެވެއެވެ. ޕުރޮސިކިއުޓަރ ޖަނަރަލްގެ އޮފީހަކީ ސަރުކާރުން ދަޢުވާ ކުރުމުގެ މުއައްސަސާ އެވެ. އެކަމުގައި ފަހު ބަސް ބުނަނީ އެތަނުންނެވެ. ސަރުކާރުގެ ބައެއް އެހެން މުސްތަޤިއްލު މުއައްސަސާތަކުން ބައެއް މައްސަލަތަކުގައި، ޕުރޮސިކިއުޓަރު ޖަނަރަލްގެ ނިންމެވުން ރަނގަޅު ނޫން ކަމަށް އެބަ ބުނެއެވެ. ދަޢުވާކުރުމާ ބެހޭގޮތުން ޕުރޮސިކިއުޓަރ ޖަނަރަލް ނިންމެވި ނިންމެވުމަށް، އެތަންތަނުގެ ރަސްމީ ހައިސިއްޔަތުން ހާމަކަން ބޮޑުކޮށް، ގޮންޖެހިދާނެ ބާވައެވެ؟ ޢާއްމު ފަރުދީ ލޮލަކުން ބަލާލާއިރު ޝަރީޢަތަށް ސާބިތުވާނެ ކަމަށް ފެންނަ ބައެއް މައްސަލަތަކަކީ، ޝަރީއަތުން ބަލާއިރު ޝަރީޢަތަށް ސާބިތުނުވާ މައްސަލަތަކެއް ކަމުގައި ވެފައި އެބަހުއްޓެވެ. ބަންޑާރަނައިބުގެ އޮފީހުން ސަރުކާރުގެ ދަޢުވާކުރި ޒަމާނުގައި، ޝަރީއަތަށް ފޮނުވޭ ބައެއް މައްސަލަތައް ޝަރީޢަތުން ސާބިތުނުވުމުގެ ޝަކުވާ އެ ޒަމާނުގެ ބައެއް ފަނޑިޔާރުން ކުރެއްވިއެވެ. އެބޭފުޅުންގެ ޝަކުވާ އަކީ ޝަރީޢަތަށް ސާބިތު ނުވާނެކަން ބަންޑާރަނައިބުގެ އޮފީހަށް އެނގިތިބެ، މައްސަލަ ޝަރީޢަތަށް ފޮނުވުމެވެ. އެކަމުގެ ސަބަބުން ބުރަ، ބޭކާރު މަސައްކަތްތަކެއް ކުރަންޖެހުމެވެ. އެޓަރނީ ޖެނަރަލް އޮފީހުން އެވާހަކައާ ދެބަހެއްނުވެއެވެ. އެތަނުން ބުނަނީ ބައެއް މައްސަލަ، އެތަނަށް ފޮނުވާ އޮފީހުން، ޝަރީޢަތުން ގޮތެއް ނިންމުމަށް ބޭނުންވާ ކަމުގައެވެ. އަދި ބައެއް މައްސަލަތަކުގައި އެޓާރނީ ޖަނަރަލްގެ އޮފީހުންވެސް ޝަރުޢީ ނިންމުމެއް ބޭނުންވާ ކަމުގައެވެ. މިދައުރުގެ ކޯޓުތަކުގެ ޙުކުމްތައް އަޑުއަހާލުމުން، މިގޮތަށް ކަންތައް ކުރުމުން ނުކުންނާނެ ކަމަށް ފެންނަ މައްސަލައަކީ ފަނޑިޔާރުގެ ޙުކުމުގައި އެކަން ފާހަގަކުރެއްވުމެވެ. އަދި ބަލަންވާ ވަރަށް ނުބަލައި މައްސަލަ ޝަރީޢަތަށް ފޮނުވުމުގެ ބަދުނާމުވުމެވެ.

ފަހަކަށް އައިސް  މުސްތަޤިއްލު ބައެއް މުއައްސަސާތަކުން ވެސް އެތަނާ ނުބެހޭ ކަންކަމާ ބެހެމުންދާތަން ފެނެއެވެ.

މިހާރު ކަންތައްތައް މި ހިނގަނީ މި ކަންކަން އޮންނަންވާގޮތަށް ބާވައެވެ؟

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
211

3 Responses

  1. ތިއަކަހަލަ މިސާލެކެވެ. މިނިވަން ކަމަކީ ހަމައެކަނި ބޭރުގެ ސިފައިން ގައުމުން ބޭރު ކުރުން ކަމުގައި ދެކޭ މީހުން އެބައުޅެއެވެ. ބަރުމާއަކު ބޭރުގެ ސިފައިންނެއް ނެތެވެ. އެކަމަކު ރައްޔިތުންނަށް އޮތީ ކޮން މިނިވަން ކަމެއް ހެއްޔެވެ؟
    އެގޮތަށް މިގައުމުގަ 5 އަހަރު ވެރިކަމެއް ކޮށްފަ އެދިއައީ ރައްޔިތުންގެ މަޖިލީހުގަ އަސްކަރިއްޔާއިން ސަފުތައް ރުކުރުވާލާފަ ތިބެގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތާރީހުގަވެސް ނާންނަ ކަޅު ދުވަސްތަކެތް ނިމި ހިނގެއްޖެއެވެ. އެގޮތަށް ގަތަރުގަ އެމެރިކާގެ ބޭހެއް އެބަ އޮވެއެވެ. ގަތަރަކީ މިނިވަން ގައުމެއްބާވޭ ހިތަށް އެބަ އަރައެވެ.

  2. ކަލޭ ތިޔަދައްކާ ހާސަރު އަހަރެމެން ގަބޫލެއްނުކުރަން. މިނިވަންކަން ގެއްލެނީ ތިޔަފަދަ އަޅުވެތިކަމުގެ ޝައިތޯނީ ވިސްނުން އިސްކުރާތީ. މިނިވަންކަމަކީ ބައެއްގެ އުނގުގަ އޮވެގެން ލިބޭނެ އެއްޗެއްނޫން.

  3. ޒަފަރެވެ! ތިޔައީ މަޑުމަޑުން މި ނޫހުގައި ވެސް ސަރުކާރު ޕްރޮމޯޓް ކުރުމަށް ޓަކައި އިނޑިއާގެ އެންބަސީއިން ހަދިޔާ ލިބިގެން އުޅޭ މީހެއް ހެއްޔެވެ؟ އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވައިލުމުގެ ބާރު ސަރުކާރަށް އޮންނާނެއެވެ. ޔާމީންގެ ސަރުކާރުން އެ މީހުން ފޮނުވައިލާން އުޅުނީމާ ބަހަނާ ދެއްކީ އިންޑިއާގެ ރިޝްވަތު ނަގައިގެން ތިބި އަސްކަރީންގެ ބަޔަކާއި ތިޔަ ކަހަލަ ޚާއިނުންގެ ބަޔެއްގެ ހިތްވަރު ދީގެން، އިންޑިއާގެ އެހީގައި މި ސަރުކާރު ގެންނާނެ ކަން ޔަގީކަން ދިނީމައެވެ. ޔާމީން ދެ ވަނަ ފަހަރަށް ހޮވުނު ނަމަ، ދެވަނަ ފަހަރަށް ދާށޭ ނުބުންޏަސް އިންޑިއާގެ މީހުން އަމިއްލައަށް ދިޔައީހެވެ. ގައުމުތައް ހަލާކުވަނީ ތިޔަ ކަހަލަ ޚާއިނުންގެ ސަބަބުންނެވެ. "ޒަފަރޭ" ކިޔައިގެން ތިޔަ ލިޔަނީ ނޫހުގެ އެޑިޓަރު ކަމަށް ވިއްޔާ މި ކޮމެންޓް ނުޖަހާނެތާއެވެ. އޭރުން ނޫހުގެ ހަގީގަތް އެނގުނީއެވެ. މި ހިރީ ބަލާށެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *