Support Us

ކުރު ވާހަކަ: އަނިޔާގެ އަލިފާނަކީ ނިއްވާލެވޭ އެއްޗެއް ނޫނެވެ.

ޚަލީފާ މައުމޫނު ތުއްޕުޅުއިރު، އެ މަނިކުފާނުގެ މުދައްރިސު އެމަނިކުފާނުގެ ގައިކޮޅުގައި ޖެއްސެވިއެވެ. ދެން، މުދައްރިސު އެ ފަދައިން ކަންތައްކުރެއްވީ ކީއްވެތޯ އެއްސެވުމުން، މުދައްރިސު ވިދާޅުވިއެވެ. "އެއްޗެއް ނުބުނެ މަޑުން ހުންނަވާށެވެ!" އަދި، މިފަދައިން ކަންތައްތައް ތަކުރާރުކުރައްވައި، މުދައްރިސު މައުމޫނުގެ ގައިކޮޅުގައި އެތައް ދުވަހަކު ޖެއްސެވި ކަމަކަށް ވެއެވެ. އަދި އެއީ ކީއްވެތޯ ސުއާލުކުރައްވަވާ ކޮންމެ ފަހަރަކު ވެސް މުދައްރިސުގެ ޖަވާބަކަށްވަނީ އެއްޗެއް ވިދާޅުނުވެ މަޑުން ހުންނެވުމަށެވެ.

އޭގެ ވިއްސަކަށް އަހަރު ފަހެވެ. މިހާރު މައުމޫނަކީ ޚަލީފާއެވެ. އިސްލާމީ އުއްމަތުގެ ވެރިޔާއެވެ. އެއް ދުވަހަކު، ޚަލީފާ މައުމޫނުގެ ދަރުބާރަށް މައުމޫނުގެ މުދައްރިސު ހާޒިރުކުރެވުނެވެ. ދެން، މުދައްރިސު ކުރެން ޚަލީފާ މައުމޫނު ސުއާލުކުރެއްވިއެވެ. "މުދައްރިސު އަޅުގަނޑު ގައިގާ ޖެއްސެވީ ކީއްވެތޯއެވެ؟"

ޖަވާބުގައި މުދައްރިސު ދެންނެވިއެވެ. "މަނިކުފާނު އެ ހާދިސާ އަދިވެސް ހަނދުމަފުޅު އެބަހުރި ދެއްތޯއެވެ؟"

ޚަލީފާ މައުމޫނު ވިދާޅުވިއެވެ. "އާދޭހެވެ! އެ ކަން ހަނދާން ނެތޭނީ ކިހިނަކުންތޯއެވެ؟ ކަމަކުން ކަމަކާ ނުލާ މުދައްރިސު ޖެއްސެވީމާ އެކަން ހަނދާނެއް ނުނެތޭނެ ނޫންތޯއެވެ؟ އެހެންވެ، އެ ކަމުގެ ސަބަބު ހޯދަން ބޭނުން ވެގެން މިއަދު މުދައްރިސު މި ދަރުބާރަށް ހާޒިރުކުރެވުނީއެވެ."

"އެންމެ ރަނގަޅެވެ!" މުދައްރިސު ދެންނެވިއެވެ. "އެކަމުގެ ސަބަބު މިއަދު ބަޔާންކޮށްދޭނަމެވެ." މުދައްރިސުގެ ވާހަކަ ކުރިއަށް ގެންދެވިއެވެ. "މަނިކުފާނުގެ ބައްޕާފުޅަށް ފަހު، ޚަލީފާކަމަށް އިސްވެވަޑައިގަނަންނަވަން އޮތީ މަނކުފާނު ނޫންތޯއެވެ؟ އެހެންވެ، މަނިކުފާނު ޚަލީފާ ކަމަށް އިސްވެވަޑައިގަތުމުން، ހަނދުމަފުޅު ބަހައްޓަން ޖެހޭނޭ ވަރަށް ވެސް މުހިއްމު ކަމެއް ހަނދާން ކޮށްދިނުމުގެ ގޮތުން ކަންތައް އެގޮތަށް ކުރީއެވެ. މަނިކުފާނު ޚަލީފާއަކަށް އިސްވެވަޑައިގަތުމަށް ފަހު އެންމެ މުހިއްމު ކަމަކީ ވެރިކަން ކުރެއްވުމުގައި އަދުލުވެރިވެލެއްވުމެވެ. އެއްވެސް ހައްގަކާ ނުލައި، މަނިކުފާނު ގައިކޮޅުގައި އަޅުގަނޑު ޖެހި މަތިން މަނިކުފާނު ހަނދުމަފުޅު ނެތިގެންނުދޭ ނޫންތޯއެވެ؟ ހަމަ އެހެންމެ، ބޭއިންސާފުން މީހަކާ ދޭތެރޭ ކަންތައްކޮށް، އޭނާއަށް އަނިޔާއެއް ދީފި ނަމަ، ނުވަތަ އޭނާއަށް އަނިޔާއެއް ކޮށްފި ނަމަ، އެ މީހެއްގެ ހިތުން އެކަން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. އެހެނީ އަނިޔާއަކީ ރޯކޮށްލައި، އަދި، ދުވަހެއްގައިވެސް، ނިއްވާލުވޭނޭ އަލިފާނގަނޑެއް ފަދަ އެއްޗެކެވެ. އޭގެ ދިލަ ހޫނުގެ އަސަރު، އަބަދުގެ އަބަދަށް، ހިތުގައި ބިންވަޅު ނެގި، ހަރުލާފައި ހުންނާނެއެވެ."

[ނޯޓު: ލިއުމުގައި އެވާ އެއް ތަސްވީރު ދައްކުވައިދެނީ މުދައްރިސަކު ކުއްޖަކަށް އަދަބުދެއްވާ ތަނެވެ. އަނެއް ތަސްވީރު ދައްކުވައިދެނީ ޚަލީފާ މައުމޫނުގެ ދަރުބާރު ރަމްޒުކޮށްދޭ މަންޒަރެކެވެ.]