Support Us

ކުރު ވާހަކަ: ކޮރަޕްޝަން ނައްތާލުން

އިބްތިދާއީ މަދަރުސާއެއްގެ ނާޒިރު، މަދަރުސާގެ ދޮރުވާނުގެ އަންހެން ކޮއްކޮއާ ކައިވެނިކުރިއެވެ. ދެން، އެ ނާޒިރު، އޭނާގެ ދޮރުވާނު ޅިޔަނަށް ޚާއްސަ ގޮތެއްގައި ބަލަން ފެށިއެވެ. ވާނީ ވެސް އެހެންތާއެވެ! އެއީ އަންހެނުންގެ ބޭބެ ވިއްޔާއެވެ!

ކޮންމެއަކަސް، މުދައްރިސަކަށް ނާދެވޭ ފަހަރުފަހަރު، ނާޒިރު، އޭނާގެ ޅިޔަނު ގާތު، އެ މުދައްރިސުގެ ކިލާސް ނަގައިދޭން ބުނުއްވައެވެ. "މި ވެނި މުދައްރިސަކު މިއަދު އުޅުއްވަނީ ބަލިވެއެވެ. އެހެންވެ، ޅިޔަނު ގޮސް އޭނާގެ ގަޑި ފުރާލާށެވެ." އޭނާގެ ޅިޔަނު ގާތު، ނާޒިރު ބުނެއެވެ.

މާ ރަނގަޅަށް މަދަރުސާގެ ކަންތައްތައް، އެންމެ މަތިން ނުބެލެހެއްޓުމުގެ ނަތީޖާއަކަށްވީ، ޅިޔަނު ދޮރުވާނު، ކިލާސް ނަގަމުންނަގަމުން ގޮސް، އޭނާގެ ތަޖުރިބާގެ މައްޗަށް ބަލައި، މަދަރުސާގެ މުދައްރިސަކަށް އޭނާ ހަމަޖެހިގެން ދިޔުމެވެ.

ދުވަސްތައް ފާއިތުވެ، ދުވަސްތަކުގެ ކަންތައްތައް ވެސް ދައުރުވަމުން ގޮސް، މަދަރުސާގެ ނާޒިރަށް ވަޒީފާގެ ކުރިއެރުން ލިބި، ތައުލީމީ ވުޒާރާގެ ތައުލީމާ ބެހޭ ޑިރެކްޓަރުކަން ލިބުނެވެ. ދެން، ހަމަ ވަގުތުން، އޭނާގެ ދޮރުވާނު ޅިޔަނަށް ވެސް ވަޒީފާގެ ކުރިއެރުން ދިނެވެ. މުދައްރިސެއްގެ މަގާމުން، މަދަރުސާގެ ނާޒިރުގެ މަގާމަށް ބަދަލުކުރިއެވެ.

އަނެއްކާވެސް ދުވަސްތައް ފާއިތުވެ، ކަންތައްތަކަށް ވެސް ބަދަލު އަތުވެއްޖެއެވެ. މިހާރު ތައުލީމާ ބެހޭ ޑިރެކްޓަރު، ތައުލީމާ ބެހޭ ވަޒީރުކަމަށް ބަދަލުވެއްޖެއެވެ. ދެން، ހަމަ ވަގުތުން، ދޮރުވާނު ޅިޔަނަށް ވެސް، ވަޒީރު، ވަޒީފާގެ ކުރިއެރުން ދިނެވެ. މަދަރުސާގެ ނާޒިރުކަމުން ތައުލީމާ ބެހޭ ވުޒާރާގެ ތައުލީމާ ބެހޭ ޑިރެކްޓަރު ކަމެވެ. އަދި އެ ވަޒީފާއާއެކު ލިބޭ ބޮޑު އޮފީހަކާއި ކާރަކާއި ޚާދިމުންވެސް އަޅުގަނޑުމެންގެ ދޮރުވާނު ޅިޔަނަށް ލިބުނެވެ. އޭނަގެ ދަށުން މަސައްކަތްކުރާ މުފައްތިޝުންނާއި އެކިއެކި އިދާރީ މީހުންނެވެ. އޭނާއަށް ތާއިދުކޮށް ޚުޝާމަދުކުރާ މީހުންނެވެ.

ދެން، އެއް ދުވަހު، ނޫސް ބަލާލިތަނާ، ދޮރުވާނު ޅިޔަނަށް އޭނާ ސިއްސުވާލި ޚަބަރެއް ލިބުނެވެ. ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ސެޓުފިކެޓުތައް ބަލައި، އެމީހުން ވަޒީފާ އަދާކުރަނީ އެކަށީގެންވާ އިލްމާއި ހުނަރު ލިބިގެންތޯ ތައުލީމީ ވުޒާރާއިން ބަލަން ނިންމި ޚަބަރެވެ.

ދެން، މިކަމާ، ދޮރުވާނު ޅިޔަނު ކަންބޮޑުވެ، ސީދާ އޭނާގެ ޅިޔަނު ތައުލީމީ ވަޒީރަށް ގުޅިއެވެ. ގުޅާފައި ވުޒާރައިން ކުރަން އުޅޭ ކަމަކީ ތެދެއްތޯ އެއްސެވެ. އަދި، އޭނާގެ ވަޒީފާ އަދާކުރުމަށް ތައުހީލުކުރުވާނޭ އެއްވެސް ސެޓުފިކެޓެއް ނެތްކަން ޚުދު ވަޒީރަށް ވެސް އެނގޭނެ ވާހަކަ އޭނާ ބުންޏެވެ.

ދެން ޖަވާބުގައި ދޮރުވާނު ޅިޔަނު ގާތު ވަޒީރު ބުންޏެވެ. "ޅިޔަނާއެވެ! ކަންބޮޑު ނުވާށެވެ! އެކަން ބަލާނީ ކޮމިޓީއެއްގެ ދަށުންނެވެ. އެ ކޮމިޓީގެ އެންމެ އިސް މީހަކަށް އިންނާނީ ޅިޔަނެވެ!"

އާދެ، ކޮރަޕްޝަނާ ހަނގުރާމަކުރުމުގެ ލާމަސީލު މިސާލެކެވެ!