Support Us

އެފްރިކާގެ އިލްމުވެރިއެއްގެ ވާހަަކައާއި އެ ވާހަކައާ ގުޅޭ އެހެން ވާހަކައެއް

ތިރީގައި އެވާ ޓުވީޓުގެ ތަރުޖަމާ ލިޔެލަމެވެ.

އެފްރިކާގެ ޑޮކްޓަރަކު ބުނެއެވެ.

  1. ފަރަންސޭސި ވިލާތުގެ ކާރުތައް ހަދަނީ މޮރިތޭނިޔާއިން ނަގައިގެން ގެންނަ ދަގަނޑުންނެވެ.
  2. ފަރަންސޭސި ވިިލާތުގެ ކަރަންޓު އުފައްދަނީ ނައިޖަރުން ނަގައިގެން ގެންނަ ޔުރޭނިޔަމްއިންނެވެ.
  3. ފަރަންސޭސި ވިލާތުގައި ބޭނުންކުރާ ޕެޓުރޯލު އުފައްދަނީ ގަބޯންއިން ނަގައިގެން ގެންނަ ތެލުންނެވެ.
  4. ފަރަންސޭސި ވިލާތުގެ ފޯނު (ކޭބަލްތައް) ހަދަނީ ކޮންގޯއިން ނަގައިގެންނަ ކޭބަލް (ހަދާ) ރަތުލޯއިންނެވެ.
  5. ފަރަންސޭސި ވިލާތުގައި ބޭނުންކުރާ ފަރުނީޗަރު ހަދަނީ ކޮންގޯއިން ކަނޑައިގެން ގެންނަ ލަކުޑިންނެވެ.
  6. ފަރަންސޭސި ވިލާތުގައި ހަދާ ޗޮކުލެޓު ތައްޔާރުކުރަނީ އައިވަރީ ކޯސްޓުގައި ހައްދައިގެން ގެންނަ ކޮކޯއިންނެވެ.

ދެން، މި ވާހަކަކޮޅު ނިންމާލަނީ މި އިބާރާތުންނެވެ. "[ފަރަންސޭސި ވިލާތަކީ] ވައްކަމުގެ މައްޗަށް ގާއިމުވެފައި އޮތް ދައުލަތެކެވެ."

މަތީގައި އެވާ ވާހަކަކޮޅާއި އޭގެ މައްޗަށް ބިނާކޮށް ނެރެފައި އޮތް ނަތީޖާއަކީ ވާހަކައިގެ އެއް ބައެވެ. އޭގެ އަނެއްބައިވެސް ފުރިހަމަކޮށްލަން ޖެހެއެވެ. މަތީގައި ބުނެފައިވާ ގޮތަށް ކަންތައްތައް ކުރުމަށް ފަރަންސޭސިވިލާތަށް މަގުފަހިވި ގޮތެވެ. އާދެ، އެކަމަށް އެހީވާނެ، ބަޔާންކުރެވިފައިވާ ގައުމުތަކުގެ މީހުން ތިބި ކަމެވެ. އެ މީހުންގެ އަމިއްލަ ފައިދާއަކަށް އެމީހުންގެ ގައުމުގެ މުއްސަނދިކަން ފޭރިގަތުމަށް އެހީވެދިން މީހުންނެވެ. އަދި، މިކަމާ މެދު އެއްވެސް އެއްޗެއް ނުބުނެ ހަނުންތިބި ރައްޔިތަކު (ޕަބްލިކެއް) އެ ގައުމުތަކުގައި ތިބި ކަމެވެ. ފަރަންސޭސި ވިލާތަކަަށް، އެމީހުން ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނޭ ތަނުގެ ބަޔަކާއި އަދި، އެތަނުގައި ހަނު ތިބޭ ރައްޔިތަކު ނުވި ނަމަ، ފަރަންސޭސި ވިލާތް ކީއްކުރަން ހެއްޔެވެ؟ އެހެން އެއްވެސް ބަޔަކަށް އެތަންތަނުގެ ޚައިރާތުތަކެއް، އެމީހުން ބޭނުން ގޮތަކަށް، ނަގައިގަނެގެން ނުގެންދެވުނީހެވެ.

ދެން، އޮތީ މިކަމާ ގުޅޭ މާ ކައިރިން ފެންނަން އޮތް ވާހަކައެކެވެ. ރާއްޖޭގެ ވާހަކައެވެ. ރާއްޖޭގެ ޓޫރިޒަމްގެ ކުރު ތާރީޚަށް ބަލާލާށެވެ. ފުރަތަމަ ދިހަވަރަކަށް ނޫނީ އެއަށް ވުރެ ގިނަ ދުވަސްތައް ވަންދެން، އެ ރަށްތަކުން ފައިދާ ހޯދީ ކޮން ބަޔެއް ހެއްޔެވެ؟ ކުޑަ ވަރުވާއަކަށް އެ ރަށްތަައް އެންމެ އިހުއްސުރެން ލިޔެގެން އުޅުނު މީހުންނާއި އެ ރަށްތަައް ތަރައްގީކުރި މަދު ބަޔެކެވެ. ޝައްކެއް ނެތް ގޮތުގައި އެ ރަށްތައް ތަރައްގީކުރި މީހުންނަށް އެމީހުން ކުރި މަސައްކަތުގެ އަގާއި ފައިދާ ލިބެންޖެހެއެވެ. ނަމަވެސް، އެ ރަށްތައް އެއީ އެމީހުންގެ މިލްކިއްޔާތެއްގެ ގޮތުގައި އުމުރަށް އޮންނާކަށް ނުޖެހެއެވެ. އެ ރަށްތަކުން ލިބޭ ފައިދާ އެންމެންގެ މައްޗަށް ބެހިގެން ދާންޖެހެއެވެ. އެތަންތަނުގައި އުފެއްދޭ ވަޒީފާތަކުގެ ޒަރިއްޔާއިންނާއި އެ ތަންތަނުން ނެގޭ ޓެކްސްގެ ތެރެއިންނެވެ. އެ ތަންތަނުގެ ވަޒީފާތަކުގައި މަސައްކަތްކުރާ މީހުންނަށް ދެވޭ އެކަށީގެންވާ މުސާރައާއި މަސައްކަތްކުރުމުގެ އޮނިގަނޑުގެ ތެރެއިންނެވެ. މިކަންތައްތައް އޮތީ އެންމެ އެކަށީގެންވާ ގޮތުގައޭ ނުބުނެވޭނެއެވެ. މިސާލެއްގެ ގޮތުން ލިޔެލަމެވެ. އެންމެ އިހުއްސުރެން، މުސާރައިގެ ގޮތުން، ދިވެހިންނާ ބިދޭސީންނާ ތަފާތުކުރެވޭ ކުރުމެއް އޮވެއެވެ. އެއް މަސައްކަތެއް ކުރިކަމުގައި ވިޔަސް، ދިވެއްސަކަށްވީތީ، ބައެއް ފަހަރު، މުސާރަ ކުޑަކުރެވިފައި އޮވެއެވެ.

ދެން ޓުއަރިޒަމްގެ ތާރީޚުގެ ދެން އޮތް އަހަރުތަކުގައި ކަންތައްވީ ގޮތުގެ މައްޗަށް ބަލާލާށެވެ. ސަރުކާރުތަކުގެ ބޭކާރު ޚަރަދުތައް ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ރަށްތަކާއި ފަޅުތައް ވިއްކާލި މަންޒަރަށެވެ. އާދެ، މަތީގައި ބަޔާންކުރެވުނު ފަރަންސޭސިން އެމީހުންގެ އިހުގެ ކޮލޮނީތަކުން ފައިދާ ނެގީ އެތަންތަނުގެ މީހުން އެފައިދާ ނަގަން އެހީވެދީގެން ފަދައިން، ރަށްތަކާއި ފަޅުތައް ބޭރު މީސްމީހުންގެ އަތަށް ދިޔައީ ތަނުގައި އެކަމަށް މަގުފަހިކޮށްދޭނޭ ބަޔަކު ތިބެގެންނެވެ. އެކިއެކި ބަހަނާތައް ދައްކައިގެންނެވެ. އެބަހާނާތަކުގެ ޚުލާސާއަކީ އަމިއްލައަށް އެކަން ނުވާނޭ ކަމެވެ. ތިމަންމެން ފަގީރުކަމެވެ. ނަމަވެސް، ހަމަގައިމުވެސް، ސަރުކާރުގެ އިސް ސަފުގައި ތިބި އެންމެންނަށް ވެސް އެނގުނު ކަމެއް އޮތެވެ. ރަށްތައް ވިއްކާފައި އެކަމުން އަމިއްލަ ފައިދާ ނެގުމެވެ. އަދި، ދުނިޔޭގެ ބޮޑެތި މުއްސަނދިން ހެން، ދިރިއުޅުމަށެވެ!

ދެން އަނެއް ވާހަކައެވެ. އުތުރުތިލަފަޅުގެ ވާހަކައެވެ. އެއި އިންޑިޔާގެ ތަނެެއްގެ ގޮތުގައި ހަމަޖެހިގެންދާ ވާހަކައެވެ. މިއީ އިންޑިޔާ މީހުން ކުށްވެރިކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ އެމީހުންނަށް އެކަމުގެ މަގުފަހިކޮށްދިނީ ކޮން ބަޔެއްހެއްޔެވެ؟ އެކަމާ ބެހޭ ލިޔުން ކިޔާލުމުން އެކަން ސާފުވާނެއެވެ. އެ ލިޔުމުގައި އޮތް ގޮތުން، އެ މަޝްރޫއުއަށް ހޭދަވާ ހުރިހާ ޚަރެދެއް ކުރަނީ ރާއްޖޭގެ ރައްޔިތުންގެ ފައިސާއިންނެވެ. އެމް.ޑީ.ޕީ. ނޫނީ ޕީ.އެމް. ނޫނީ އަދާލަތު ނޫނީ އެހެން އެއްވެސް ޕާޓީއެއްގެ ނޫނީ އެ ޕާޓީތަކުގައި މަތިހަށި ނަގައިގެން އުޅޭ މީހެއްގެ ޖީބުން ނަގާ ފައިސާއަކުން ނޫނެވެ. މިފައިސާ ދެނީ ލޯނެއްގެ ގޮތުގައި އިންޑިޔާއިންނެވެ. އާދެ، އެތަން ހެދުމަށް ހޭދަވާ ޚަރަދުން ވެސް އެމީހުން ފައިދާ ނަގައެވެ. ދެން އޮތީ އެތަން ހެދުމަށް ފަހު، އެތަން ހިންގައި ބަލަހައްޓައި މަރާމާތުކޮށް އަދި އެތަނުގެ ހަރަކާތްތަކަށް ހިނގާނޭ ޚަރަދެވެ. މި ޚަރަދުގެ ވެސް ބޮޑު ބައެއް ދައްކަން ޖެހެނީ، އެ ލިޔުމުގއި އޮތް ގޮތުން ދިވެހި ރައްޔިތުންނެވެ! މިކަމާ ބެހޭ ގޮތުން ލިޔުމުގައި ލިޔެފައި އޮތީ މިކަމުގެ ޚަރަދަކީ 'ހިއްސާކުރަން ޖެހޭ ޚަރަދެއް ކަމެވެ.' ކޮން ސިފައަކުން ކަމެއް ނޭނގެއެވެ. ދެބައިކުޅަ އެއްބައިތޯ ނޫނީ ތިންބައިކުޅަ ދެބައިތޯ ނޫނީ ކިހިނެއްތޯއެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އެކަން ވެސް ކަނޑައަޅާނީ އިންޑިޔާއިން ކަމެވެ.

ދެން ހެއްޔެވެ؟ މި ހުރިހާ ޚަރަދެއް ރާއްޖޭގެ ރައްޔިތުން ކުރުމަށް ފަހު، އުތުރު ތިލަފަޅަކީ ރާއްޖޭގެ ބާރުގެ ދަށުގައި އޮންނަ ތަނެއް ނޫނެވެ. އެ ލިޔުން ކިޔާލާށެވެ. އެ ތަނަކީ އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަތަނެކެވެ. އާދެ. ރާއްޖޭގެ ރަށެއް، ރާއްޖޭގެ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެ ހެދުމަށް ފަހު، އެއީ އެހެން ތަނެއްގެ ބާރުގެ ދަށުގައި އޮންނަން ޖެހޭ ތަނަކަށް ވާން ޖެހޭ ގޮތެއް ނުވިސްނެއެވެ.

މިތަނުން ފެނިގެން މި ދަނީ ފަރަންސޭސިން އެފްރިކާގެ ގައުމުގެ ޚައިރާތުތައް 'ވަގަށް' ނަގައިގެން ގެންދަން މެދުވެރިވި ގޮތުގެ ނަމޫނާ މިސާލެކެވެ. އާދެ، ކުރިން ފާހަގަކޮށްލިހެން، ތިމާމެންގެ އަމިއްލަ ޖީބަށް ލާން ލިބޭ ވަގުތީ ފައިދާއަކަށްޓަކައި، ތިމާމެންގެ އަމިއްލަ ގައުމަަށް ޚިޔާނަތްތެރިވާން ކެރޭ ބަޔަކާއި އެފަދަ ބޮޑު ޚިޔާނަތުގެ އަމަލެއް ހިނގަމުންދާއިރު، އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބޭ ރައްޔިތެއް (ޕަބްލިކެއް) އޮންނަ ގައުމަކަށް ގައުމުވީމައި އެފަދަ ޚިޔާނާތުގެ އަމަލުތައް ބޭރު މީހުންނަށް ހިންގޭ ގޮތް ވާ ގޮތުގެ ދިރިހުރި މިސާލެކެވެ.

(މަތީ ފޮޓޯއިން އެފެންނަނީ ކޮންގޯއިން ކަނޑައިގެން ޔޫރަޕަށް ގެންދެވޭ ލަކުޑީގެ މަންޒަރެކެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

2 Responses

  1. Not correct at all. France is an industialisd nation with mnafacturing. Thts not stealing..tht is tecnologcal superiority. Raw materials purchased ar not stolen but purchased at international market price.

    1. އިސްތިއުމާރީ ތާރީޚު ކުޑަކޮށް ބަލާލުން މުހިއްމު. އިސްތިއުމާރީ ބާރުތައް އެބާރުތަކުގެ ދަށުގައިވާ ތަންތަނުގެ ޚައިރާތުތައް ގެންދިޔަ ގޮތް ދެނެގަންނަން. މީގެ އެންމެ ވަރުގަދަ އެއް މިސާލަކީ އިންޑިޔާ އިނގިރޭސިން 'ކިރުފެލާ ގެރިއަކަށް' ވެފައި އޮތް އޮތުން.

      މީގެ އިތުރުން އެތަންތަނަށް މިނިވަންކަން ލިބުމުން، އެ ޚައިރާތުތަކުގެ އަގުތައް އެ ބާރުތައް ބޭނުންވާ ގޮތަކަށް ކަނޑައަޅާލެވޭ ގޮތް. އެފްރިކާގެ އިލްމުވެރިޔާ އޭނާގެ ވާހަކައިގައި އިޝާރަތް ކުރެވެނީ އެކަމަށް.

      ދެން ފުރާންސިން އެފްރިކާގައި ކުރި ބައެއް ކަންތައް ނޯޓުކޮށްލާނަން:
      1. ގިނީގެ ޓޫރޭ 1958ގައި މިނިވަންކަން ހޯދަން މަސައްކަތްކުރުމުން ފުރާންސްއިން ކަންތައްކުރި ގޮތް ބަލާލުން މުހިއްމު. ގުނީގެ ތަންތަން ފުރާންސް އިން ހަލާކުކޮށްލިގޮތް
      2. ޓޯގޯއިން 'އިސްތިއުމާރީ ދަރަނީގެ' ނަމުގައި ފުރާންސްއިން ޓޯގޯއިން ނަގަން ނިންމި ފައިސާގެ ކަންތައް ބަލާލާ. އެދަރިނީގެ އަދަދު، 1963 ގައި ޓޯގޯގެ ބަޖެޓުގެ %40 އަށް އެރި.
      3. ޓޯގޯގެ ޒައީމު އޮލިމްޕިއޯ އާއި މާލީގެ ޒައީމު މޮޑީ ކެއިޓާ އަވަހާރަކޮށްލެވުނު ގޮތް ބަލާލާ. ސަބަބަކަށްވީ ފުރާންސްގެ ކޮންޓުރޯލުގެ ދަށުން ނިކުންނަން މަސައްކަތް ކުރެވުން. މިކަން ކުރުމުގައި ފުރާންސްގެ ދައުރަކީ ކޮބައިކަން ވެސް ބަލާލާ. މީގެ އިތުރުން، ފުރާންސްގެ އަތް ދަށުން ނިކުންނަން މަސައްކުރި އެފްރކާގެ ގައުމުތަކަށް އަސަކަރީ އިންގިލާބު ގެނެސް އެތަން ތަނުގެ މިނިވަން ލީޑަރުން މަރާލެވުނު ގޮތް ބަލާލާ. މީގެ އެންމެ ފަހުގެ އެއް މިސާލަކީ އަލްޖީރިޔާގައި 1990ގައި ހިނގި މަދަނީ ހަނގުރާމަ. ފުރާންސްއިން ބޭނުން ނޫން ބަޔަކު ވެރިކަމަށް އިންތިޚާބުވުމާ ވިދިގެން ފުރާންސުގެ ބާރުގެ އެހީގައި އަލްޖީރިޔާގެ ލަޝްކަރު އިންތިޚާބު ކެންސަލްކޮށް ހަނގުރާމަ ފެށެން މެދުވެރިވީ.
      4. ކުރީގައި ނަންގަނެވުނު 'އިސްތިއުމާރީ ދަރަނި' އެފްރިކާގެ ސާދަ ގައުމެއްގެ މައްޗަށް ފުރާންސު ފަރުލުކުރި. އަދި، އެ ގައުމުތަކުގެ ގައުމީ ރިސާވް ފުރާންސްގެ ގައުމީ ބޭންކުގައި ބަހައްޓަން މަޖުބޫރު ކުރުވި. މި ފައިސާގެ އަދަދު 500 ބިލިޔަން ޑޮލަރު ކަމުގައި ލަފާ ކުރެވޭ!
      5. ފުރާންސުގެ ކުރީގެ އެފްރިކާގެ ކޮލޮނީތަކަށް، އެ ކޮލޮނީތަކުގެ ޚައިރާތުތައް ފުރާންސް ނޫން އެހެން ގައުމަކަށް ވިއްކުމުގެ މިނިވަންކަމެއް ނޯވޭ. އެކަމުގައި ފުރާންސަށް އިސްކަންދޭ މަޖުބޫރު.
      މި ފަދަ ގޮތެއްގައި ކަންތައްތައް ހުރުމުން، އެފްރިކާގެ އިލްމުވެެރިޔާ އޭނާ ލިޔެފައި އޮތް ލިޔުން ލިޔުނީ.
      މިކަންކަމާ ބެހޭ ލިޔުންތައް ވަރަށް ގިނަ. ތިރީގައި ލިންކު ދެވިފައިވާ ލިޔުމުން ވެސް މީގެ ބައެއް މައުލޫމާތު ލިބޭނެ.
      https://www.ieri.be/en/publications/wp/2019/f-vrier/france-still-exploiting-africa

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *