އިބުނު ޚަލްދޫނަކީ މީލާދީ ސަނަތުން 14 ވަނަ ގަރުނުގައި އުޅުއްވި އަރަބި އިސްލާމީ އިލްމުވެރިއެކެވެ. އޭނާއަކީ މުއައްރިކެވެ. އަދި ފަލްސަފާވެރިއެކެވެ. އޭނާ ބެލެވިފައިވަނީ އިޖުތިމާއީ އިލްމުގެ މުއައްސިސުކަމުގައެވެ. އޭނާގެ މަޝްހޫރުކަން ގުޅިފައިވަނީ އޭނާ ލިޔުއްވި ހަތް ޖިލްދުގެ ތާރީޚު ފޮތާއެވެ. އަދި ވަކިން ޚާއްސަ ގޮތެއްގައި މި ތާރީޚުގެ ފުރަތަމަ ޖިލްދުކަމުގައިވާ އޭގެ މުގައްދިމާއާއެވެ. މި މުގައްދިމާގައި ބޮޑެތި ދައުލަތްތައް އުފެދި، ބޮޑުވެ، ވެއްޓޭ ގޮތުގެ މައްޗަށް ބައްލަވާލައްވާފައި ވެއެވެ. ތިރީގައި ލިޔެވިފައިވަނީ މި މުގައްދިމާއިން ނެގިފައިވާ ވާހަކަ ކޮޅެކެވެ.
އިބުނު ޚަލްދޫނު ވިދާޅުވަނީ ގޮތެއް ފޮތެއް ނެތް މީހުންނާއި ބުއްދި ހަމަނުޖެހޭ މީހުން، އާދެ، ކަމުގެ އެކަށޭނަކަން ނެތް މީހުން ސިފައިންގެ އިސް މަގާމުތަކަށާއި ގާޒީ ކަމަށާއި އާންމު ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުގެ ވެރިކަމަށް އިސްކޮށްގެން ނުވާނޭ ކަމެވެ. އެހެނީ، އޭނާ ވިދާޅުވާ ގޮތުގައި، މިފަދަ ނުމީސް މީހުންނާ ބޮޑެތި މަގާމުތައް ހަވާލުކުރުމުން، އެ މީހުންގެ އުޅޭނީ، އެމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ބަދަލުގައި އެއްވެސް ކުށެއް ނެތް މީހުންނަށާއި ކަމުވޮށިވެގެންވާ މީހުންނަށް އަނިޔާކޮށް އެ މީސްމީހުން ނިކަމެތިކޮށް ދެރަކުރުމުގެ މަސައްކަތުގައެވެ. އެމީހުން އެފަދައިން ކަންތައް ކުރަނީ، އެމީހުންނަށް ކިތަންމެ ބޮޑު މަގާމެއް ލިބުނުކަމުގައި ވިޔަސް، އަބަދު ވެސް އެމީހުންގެ އުނިކަމާއި ނުކުޅެދޭކަމާއި އެމީހުންގެ އިޖުތިމާއީ ދަށު ދަރަޖައިގެ މަތިން ހަނދާން ނުނެތޭ ކަމެވެ. އަދި މިކަން އެމީހުންގެ ނަފްސުގައި ނުފިލައި، ހަރުލާފައި ހުންނަކަމެވެ. މިކަމުގެ ސަބަބުން، އާދެ، ނުމީހުންނާ ބޮޑެތި މަގާމުތައް ހަވާލުކޮށް، އެ މީހުންގެ މަސްއޫލިއްޔަތު އަދާ ނުކުރެވުމުގެ ސަބަބުން، އާޚިރު ނަތީޖާއަކަށްވަނީ ވެރިކަން ވެއްޓި ދައުލަތްތައް ނިމުމަކަށް އައުމެވެ.
އިބްނު ޚަލްދޫނުގެ މި ބަސްކޮޅުން ދެތިން ކަމެއް ފާހަގަކޮށްލެވެއެވެ. ގައުމުގެ އިސް މަގާމުތަކުގައި ތިބެން ޖެހެނީ، އެ މަގާމުތަކާ އެކަށީގެންވާ، އެ މަގާމުތަކުގެ މަސްއޫލިއްޔަތު އުފުލޭވަރުގެ ގާބިލުކަން ހުރި މީހުންނެވެ. މިފަދަ މަގާމުތަކުގެ މަސްއޫލިއްޔަތު އުފުލުމަށްޓަކައި އެ މަގާމުތައް ހަވާލުކުރެވޭ މީހުންގެ ކިބައިގައި ޚާއްސަ ސިފަތަކެއް ހުންނަން ޖެހެއެވެ. ކަމާ ބެހޭ އިލްމުވެރިކަމާއި އިދާރީ ގާބިލުކަމެވެ. ތެދުވެރިކަމާއި އިޚުލާސްތެރިކަމެވެ. މީގެ އިތުރުން، އެމީހުންނަކީ، ޖަމާއަތުގެ ކަންކަން ހިންގުމާ ހަވާލުކުރެވިފައިވާ ބައެއްކަމަށް ވުމުން، ގައުމާއި ޖަމާއަތުގެ މަސްލަހަތުތަކަށް އިސްކަންދީގެން މަސައްކަތްކުރުމުގެ ސިފަ ވެސް ހުންނަންޖެހެއެވެ.
މި ދެންނެވި ސިފަތަކުގެ ތެރެއިން، އިލްމުވެރިކަމާއި ހުނަރުތަކަކީ ކިޔަވައިގެން ލިބިގަނެވޭނޭ ކަންކަމެވެ. ދެން ހުރި ސިފަތައް، އާދެ، ތެދުވެރިކަމާއި އިޚުލާސްތެރިކަމާއި، ޖަމާއަތުގެ މަސްލަހަތް އިސްކޮށްގެން މަސައްކަތްކުރުމުގެ ސިފަތައް، މިކަންކަމީ ވެސް ތައުލީމީ ނިޒާމުގެ ތެރެއިން ލިބިގަނެވިދާނޭ ކަންކަމެވެ. އެއީ ތައުލީމީ ނިޒާމުގެ ތެރެއިން މިފަދަ މުޖުތަމައީ އަގުތައް ފޯރުކޮށްދެވޭ ނަމައެވެ.
މިފަދަ މުޖުތަމައީ އަގުތަކުގެ މަސްދަރަކީ ގައުމުގެ ދީނީ އުނގަންނައިދިނުންތަކެވެ. އިރުމައްޗާއި ހުޅުނގުގައި ވެސް މިކަން އޮތީ މިފަދައިންނެވެ. މިސާލަކަށް، ހުޅަނގުން ވަރަށް ގިނައިން އިވޭ ވާހަކައެކެވެ. އެ މީހުންގެ މުޖުތަމައީ އަގުތައް ޔަހޫދީ އަދި މަސީހީ ދީނުގެ އަސާސީ ފޮތްތަކާ ގުޅިފައި އޮންނަ ވާހަކައެވެ. ހަމަ އެހެންމެ، މުސްލިމުންގެ މުޖުތަމައުތަކުގައި ވެސް އެމީހުންގެ މުޖުތަމައީ އަގުތައް ގުޅިފައި އޮންނަނީ އެ މީހުންގެ ދީނީ މަސްދަރުތަކާއެވެ. އެހެންވެ، ތައުލީމީ ނިޒާމުން ބޭރުން ވެސް، މި އަގުތައް ފޯރުކޮށްދެވެއެވެ. އާއިލާތަކުގެ ތެރެއިންނެވެ. ދީނީ އަދި ގައުމީ އީދުތައް ފާހަގަކުރުމުގެ ތެރެއިންނެވެ.

އެހެންވެ، އިބްނު ޚަލްދޫނު އެ ފާހަގަކުރައްވާ ކަންތައް– އިސް މަގާމުތަކަށް އެކަށީގެންވާ މީހުން އިސްކުރުން– މިކަން ކުރުމުގައި އާންމު ރައްޔިތުން ހޭލުންތެރިވާން ޖެހެއެވެ. އެ ފަދަ މަގާމުތަކަށް އިންތިޚާބުކޮށް ހޮވުމުގައި، އެކަމަށް ބޭނުންވާ އިލްމީ އަދި އިދާރީ ގާބިލުކަން ހުރުމާއި، ދެންވެސް ނަންގަނެވުނު، އަޚުލާގީ ސިފަތައް ލިބިގެންވީ މީހުން އިންތިޚާބުކޮށް ހޮވުމަށެވެ. އެކަން މި ގޮތުގައި ނުކުރެވިއްޖެ ނަމަ، އެ ފަދަ މަގާމުތަކަށް އަންނާނީ، އިބްނު ޚަލްދޫނު ފާހަގަކުރައްވާ ގޮތުގައި، އެމީހުންގެ ފަރާތުން ގައުމަށް ބޮޑެތި ގެއްލުން ލިބޭނޭ ނުމީސް މީހުންނެވެ. އެއްވެސް ދީނީ އަގެއް ގަބޫލުނުކުރާ، މުޖުތަމައުގެ އަގުތަކަށް އިހުތިރާމު ވެސް ނުކުރާ، ހަމައެކަނި، ތިމާމެންގެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ކަންތައްތައް ކުރާ މީހުންނެވެ. އާޚިރު ނަތީޖާއަކީ، އިބްނު ޚަލްދޫނު ފާހަގަކުރައްވާފައިވާ ފަދައިން، ދައުލަތް އުވިގެން ދިޔުމެވެ. ގައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލިގެން ދިޔުމެވެ. މުޅި ގައުމު ހަލާކުވެގެން، ވުޖޫދުން ފޮހެވިގެން، ނެތިގެން ދިޔުމެވެ.

One Response
އިބްނި ޙަލްދޫމްގެ ބަސްފުޅުގެ ތެދުކަން މިއަދު ދިވެހި މުޖތަމަޢުން ވަރަށް ރީތިކޮށް ފެންނަކަން ހިތާމއާއެކު ވެސް ޖެހެނީ ގަބޫލުކުރާށެވެ.