Support Us

ކުރު ވާހަކަ: މީހަކަށް ލިބުނު ރަންގަނޑެއްގެ ވާހަކަ

ޔޫރަޕުގެ ގައުމުތަކުން ދުނިޔޭގެ އެހެން ގައުމުތައް އިސްތިއުމާރުކުރި ދުވަސްވަރު، އާދެ، މީލާދީ ސަނަތުން 15 ވަނަ ގަރުނުން ފެށިގެން 20 ވަނަ ގަރުނާ ހަމައަށް އަންނަންދެން، އެމީހުންގެ މުސްތައުމަރާތުތަކަށް އެ މީހުންގެ މީހުން ހިޖުރަކޮށް ވަޒަންވެރިވުމަށް ތަފާތު ސަބަބުތައް ހުއްޓެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ރަން ހޯދައި މުއްސަނދިވާން މަސައްކަތް ކުރުމެވެ.

މި ގޮތުން ރަން ހޯދުމުގެ މަސައްކަތް ކުރެވުނު އެއް ގައުމަކީ އޮސްޓުރޭލިޔާއެވެ. ރަން އޮތް ކަމަށް ބެލެވުނު ހިސާބުތަކަށް މީހުން ގޮސް ރަން ހޯދުމުގެ މަސައްކަތްތައް ކުރިއެވެ. ރަނުގެ ބިން ބިމުގައި ވަޅުވަޅު ކޮނެ ރަން ހޯދުމުގެ މަސައްކަތް ގަދައަށް ކުރިއެވެ. މި މަސައްކަތް ހުއްޓުނު ފަހުން ވެސް، މީސްމީހުން، ކުޅިވަރެއްގެ ގޮތުގައި، އިހުގައި މި މަސައްކަތްކުރި ހިސާބުތަކަށް ގޮސް، ވަޅު ކޮނެ، ރަން ހޯދަން އުޅެއެވެ.

އަދި، ބައެއް ނާދިރު ފަހަރުފަހަރު، ރަނުގެ ގާގާގަނޑު (ނަގެޓު) ފެނެއެވެ. މިއަދުގެ ވާހަކަ ގުޅެނީ 'ރަނުގެ ގާގަނޑަކާއެވެ'! އެއަށް ކުރުކޮށްލާފައި 'ރަންގަނޑެކޭ' ކިޔާނަމެވެ. އާދެ، ދެން ވާހަކައިގެ ތަރުޖަމާ ލިޔެލާނަމެވެ.

ޖޯން އާއި ޖޭން ކައިވެނިކޮށްގެން އުޅޭތާ ދެ އަހަރެއްހާ ދުވަސް ފަހުން ލޯބިލޯބި ކުއްޖެއް ލިބިއްޖެއެވެ. އެކަން ފާހަގަކުރުމުގެ ގޮތުން، ޖޯން އުފަލުން ނޫހަކާ ގުޅާފައި އޭނާއަށް ހަތަރު ކިލޯގެ އަގު ބޮޑު ރަންގަނޑެއް ލިބިއްޖެ ވާހަކަ ބުންޏެވެ. މިއީ 'މާވަހަރެއް' ލިބުން ކަހަލަ ކަމެކެވެ. އެހެންވެ، ގިނަ ބަޔަކު މި ވާހަކަ އަޑުއަހަން ބޭނުންވާނެ ކަމަށް ބަލައި، ނޫހުން ގަސްތުކުރީ އެ ރަންގަނޑާ ބެހޭ އިތުރު މައުލޫމާތު ހޯދައިލުމަށް ޖޯންއާ ބައްދަލުކޮށް ބައެއް ސުއާލުކޮށްލާށެވެ. އެހެންވެ، އެކަމަށްޓަކައި ޖޯންގެ ގެއަށް ރިޕޯޓަރަކު ފޮނުވިއެވެ.

ރިޕޯޓަރަކު ޖޯންގެ ގެއަށް ދިޔައިރު އޭނާ ގެއަކު ނެތެވެ. ނަމަވެސް އޭނާގެ އަންހެނުން ޖޭން ގޭގައި އުޅެއެވެ. ދެން، ޖޭންއަށް، އޭނާ އައި ސަބަބު، ރިޕޯޓަރު ބަޔާންކޮށްދިނެވެ. ޖޯންއަށް ހަތަރު ކިލޯގެ ބޮޑު ރަންގަނޑެއް ލިބުނު ކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދާލަން ބޭނުންވާ ވާހަކައާއި އަދި އެ ގޮތުން، ޖޯންއާ ސުއާލުތަކެއް ކޮށްލަން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. ޖޯން ގޭގައި ނެތުމުން، ރިޕޯޓަރުގެ ސުއާލުތަކަށް ޖޭންއަށް ޖަވާބު ދެވިދާނެތޯ ޖޭން ކުރެން ރިޕޯޓަރު އެއްސެވެ.

ޖޭންއަށް ވެގެން އުޅޭ ގޮތް ވިސްނުނެވެ. އަދި، ރިޕޯޓަރުގެ ސުއާލުތަކަށް ޖަވާބު ދެވިދާނެ ކަމަށް ބުނެ، ރިޕޯޓަރު ގެއަށް ވެއްދިއެވެ. ދެން ތިރީގައި މިވަނީ އެ ދެމީހުންގެ ދެމެދުގައި ހިނގި ބަސްދީގަތުމެވެ.

ރިޕޯޓަރު: ޖޯންއަށް ހަތަރު ކިލޯގެ ރަންގަނޑެއް ލިބުނު ވާހަކަ އެއީ ތެދެއް ހެއްޔެވެ؟

ޖޭން: އެއްވެސް ޝައްކެއް ނެތެވެ. އެއީ ހަމަ ހައްގު ތެދެވެ.

ރިޕޯޓަރު: ޖޯން އަށް ރަންގަނޑު ފެނުނު ތަން އަހަންނަށް ދައްކާލެވިދާނެ ހެއްޔެވެ؟

ޖޭން: ނޫން ނޫނެކެވެ. އެކަމާ ޖޯން ވަރަށް ބޮޑަށް ދެކޮޅުހަދައެވެ. އަދި، އޭގެ އިތުރުން އެއީ އަމިއްލަ ތަނެކެވެ. ބަންޑާރަ ތަނެއް ނޫނެވެ.

ރިޕޯޓަރު: އެ ތަން މިގެއާ ވަރަށް ދުރު ހެއްޔެވެ؟

ޖޭން: ނޫނެކެވެ. ވަރަށް ކައިރިއެވެ. އަދި، ދާދި ފަސޭހައިން އެ ހިސާބަށް ފޯރަފާނެއެވެ.

ރިޕޯޓަރު: އެންމެ ރަނގަޅެވެ. ޖޯންއަށް އޭނާގެ ރަންގަނޑު ލިބުނީ ކިހާ ދުވަހަކު ވަޅު ކޮނުމުގެ މަސައްކަތް ކުރި ފަހުން ހެއްޔެވެ؟

ޖޭން: ދެ އަހަރެއްހާ ދުވަހު އެ މަސައްކަތުގައި އުޅުނު ފަހުންނެވެ.

ރިޕޯޓަރު: އެއީ ވަރަށް ފުން ވަޅެއް ހެއްޔެވެ؟

ޖޭން: ތިލައެކޭ ބުނާ ހިތެއް އަހަރެން ނުވެއެވެ.

ރިޕޯޓަރު: އެހެންވެއްޖިއްޔާ އަޅެ ބުނެދީ ބަލާށެވެ! އެ ވަޅު ކޮނުމުގެ މަސައްކަތް ޖޯން ކުރަނީ ކޮން އިރަކު ހެއްޔެވެ؟

ޖޭން: ވަޅު ކޮނުމުގެ މަސައްކަތުގައި ޖޯން ގިނައިން އުޅެނީ ރޭގަނޑުގެ ހަމަހިމޭން ވަގުތުގައެވެ.

ރިޕޯޓަރު: ޖޯން ކިހާ ގަދައަކަށް ވަޅު ކޮނުމުގެ މަސައްކަތް ކުރޭ ހެއްޔެވެ؟

ޖޭން: ވަރަށް ގަދައަށް މަސައްކަތުގައި އުޅެއެވެ. މަސައްކަތް ނިންމާލާއިރު ހުންނަނީ ދާހިތްލާ ފޯވެފައެވެ.

ރިޕޯޓަރު: އެ ތަން ކޮނުމުގެ މަސައްކަތް ކުރި ފުރަތަމަ މީހަކީ ޖޯން ހެއްޔެވެ؟

ޖޭން: ޖޯން ގަބޫލުކުރާ ހިތްވާ ގޮތަކީ އެއެވެ.

ރިޕޯޓަރު: ޖޯންގެ ކުރިން، އެހެން މީހަކު އެ ތަން ނުކޮންނަކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

ޖޭން: އަހަރެން މިހުރީ ތި ސުއާލުގެ ސީދާ ޖަވާބު ދެވޭ ފަދަ މަގާމެއްގައެވެ. އެތަނުގެ މިލްކުވެރިކަން އަބަދުވެސް އޮތީ އަހަރެންގެ އަތްމަތީގައި ކަމަށްވާތީއެވެ.

ރިޕޯޓަރު: އެހެންދޯއެވެ! ދެން، ކަނބުލޭގެ އެ ތަން ޖޯންއަށް ވިއްކާލީ ހެއްޔެވެ؟

ޖޭން: ނޫން ނޫނެކެވެ! ވިއްކައެއް ނުލަމެވެ. ނަމަވެސް، މި ވަގުތު، އެ ތަން ބޭނުން ކުރުމުގެ ޝަރުއީ ހުއްދަ އޮތީ ހަމައެކަނި ޖޯންއަށެވެ.

ރިޕޯޓަރު: ޖޯންގެ ކޮނުމުގެ މަސައްކަތުގައި އޭނާއަށް އެހީވެދޭނެ މީހަކު އުޅޭ ހެއްޔެވެ؟

ޖޭން: އާނއެކެވެ. އޭނަގެ ދަށުން އަހަރެން މަސައްކަތްކުރަމެވެ.

ރިޕޯޓަރު: ޖޯންއަށް ލިބިފައި އޮތް، އެތަން ބޭނުންކުރުމުގެ ބާރު، އެހެން މީހަކަށް ވިއްކާލަފާނެހެން ހީވޭހެއްޔެވެ؟

ޖޭން: ހިޔެއްނުވެއެވެ. އެ މަސައްކަތް އޭނާ ކުރަނީ އެއްވެސް ފޫހިކަމެއް ނެތި، ވަރަށް ގަޔާވެ، ހަމަ ކުރާހިތުންނެވެ.

ރިޕޯޓަރު: ދެން އެންމެ ރަނގަޅެވެ. އެތަން އަހަންނަށް ނުދެއްކި ކަމުގައި ވިޔަސް އެތަނުން ލިބުނު ރަންގަނޑު އަހަންނަށް ދައްކާލެވިދާނެ ހެއްޔެވެ؟

ޖޭން: ތިކަމުގައި އެއްވެސް މައްސަލައެއް ނެތެވެ.

(ދެން ޖޭން އޭނާގެ ދަރިފުޅު ރިޕޯޓަރަށް ދައްކާލިއެވެ. އެ ހިސާބުން، ރިޕޯޓަރު އަނބުރައިގަނެގެން ވެއްޓުނެވެ. އާދެ! ކޮންމެ ލަފްޒެއް އޭގެ ލަފްޒީ މާނައިގައި މާނަކުރަންވެއްޖެ ނަމަ، ސިއްހަތަށް ވެސް ގެންލުންވެ، އަނބުރައިގަންނަ ގޮތް ވެއެވެ!!)

(ކަވަރ ފޮޓޯއިން އެ ފެންނަނީ އޮސްޓުރޭލިޔާގައި ޔޫރަޕްގެ މީހުން ރަން ހޯދަން އުޅުނު އުޅުން ދައްކުވައިދޭ ކުރެހުމެކެވެ.)

(ތަރުޖަމާއެއް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
313

One Response

  1. ވަރަށް މޮޅު. އަދަބިއްޔާތުގެ މޮޅުކަމަކީ މިހިރީ! ކޮން ފަދަ ވާހަކައެއްތޯ އޭނާ އެންމެ އަދަބީ ބަހުރވައިން އެ ހާމަކޮށްލީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *