Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ

މައްސަލައަކީ ފާސިދު ސަރުކާރެއް، ދައުލަތް ހިންގުމުގެ ނިޒާމެއް އޮތުމެއް ނޫނެވެ. މައްސަލައަކީ އެކަމާ ރުހި، އެކަން ދިފާއުކުރާނޭ ރައްޔިތެއް (ޕަބްލިކެއް) އޮތުމެވެ. ގައުމުގެ އިގުތިސާދު ވެއްޓި، ގައުމު ބަނގުރޫޓުވެގެން ދަނީ ގައުމުގައި ފައިސާ އުފައްދާނޭ މުއްސަނދިކަމާއި މަސްދަރުތަކާއި އެކަންކުރުމުގެ އެކަށޭނަކަން ނެތިގެންނެއް ނޫނެވެ. ގައުމުގައި ޚިޔާނަތްތެރިންނާއި ވައްކަންކުރާ މީހުންނާއި ޣައްދާރުން އިންތިހާއަށް އިތުރުވެފައިވާތީއެވެ. މުޅި އުއްމަތަކީ ތިމާމެންކަމަށް ދެކޭ މީހުން، އާދެ، މުޅި ގައުމަކީ ތިމާމެންގެ އަމިއްލަ ތަރިކަ މުދަލެއްކަމުގައި ދެކޭ މީހުންގެ އަތްމައްޗަށް ގައުމުގެ ވެރިކަމުގެ ލަގަން ދޫކޮށްލައިގެން ކުޅިބަލަން ތިބުމުގެ ސަގާފަތެއް އަށަގެންފައި އޮތުމެވެ. އަދި އެހެންވުމުގެ ސަބަބުން، ތަނުގެ މުއްސަނދިކަން މަދު ބަޔެއްގެ އަތް މައްޗަށް ގޮސް، އެކަން އެ ގޮތުގައި ދެމިއޮންނާނޭ ފަދަ ނިޒާމެއް، އެންމެ ކުރިއްސުރެ ގާއިމުކުރެވި، އެ ބޭއިންސާފުގެ ނިޒާމު ވަރުގަދަ ކުރުމުގެ މަގު ރައްޔިތުންނަށް ފަހިކޮށްދެވޭތީއެވެ.

މި ދިޔަ ގަރުނުގެ މެދެއްހާ ހިސާބު، ސީރިޔާގެ ސިޔާސީ މައިދާނުގައި ހަރަކާތެރިވެލެއްވި އިލްމުވެރި ބޭކަލެއް ކަމުގައިވާ މަރުހޫމު މުސްތަފާ އައްސިބާއީ، އޭނާގެ 'ހަޔާތް އުނގަންނައިދިން ފިލާވަޅުތައް' މި ފޮތުގައި ވިދާޅުވެފައިވާ ފަދައިން، 'އަންނަހާ ވެރިޔަކަށް އަތްތިލަބަޑި ޖަހަން' ތިބޭ ރައްޔިތެއް އޮތުމެވެ. ކޮންމެ ފަދަ ގޮތަކަށް ކަންތައް ވަމުން ދިޔަޔަސް، ރުހިފައި ތިބޭ ރައްޔިތެއް ތިބުމެވެ. މިފަދަ ގުނބޯ ހެއްދޭ ރައްޔިތެއް އޮތުމުން، ވެރިކަމަށް އަންނަ ކޮންމެ ބަޔަކަށްމެ އެމީހުންގެ ކިބައިން ނާޖާއިޒު ފައިދާ ނެގޭ ގޮތް ވެއެވެ! ރައްޔިތުން ބައިބައިކޮށް، އެއްބަޔަކީ ރަނގަޅު ބައިކަމުގައި ދައްކުވައި އަނެއްބަޔަކީ ނުރަނގަޅު ބައި ކަމުގައި ދެއްކޭ ގޮތް ވެއެވެ. ހޭލުންތެރިކަން ކުޑަ، ފަސޭހައިން ގުނބޯ ހެއްދޭ ރައްޔިތެއް، ޅެންވެރިޔާ ސިފަކޮށްދެނީ އަންނަނިވި އިބާރާތުންނެވެ.

من شاء منكم أن يعيـــــــــــــــــش اليوم وهو مكرم

فليمس لا سمع ولا بصر لديه ولا فم

މިއަދަށް އުޅެން، ބޭނުންވި ނަމަ ޝަރަފާ އެކީގައި އިއްޒަތާ

އަނގައެއް، ލޮލެއް، އަދި ކަންފަތެއް، ނެތް މީހަކަށް، ވާށޭ މުޅިން

فارضوا بحكم الدهر مهــــــــــــما كان فيه تحكم

ރުހިގެން ތިބޭށޭ މީ ޒަމާނުގެ ގޮތް ކަމަށް ހީކޮށްލަމުން

ފުރިހަމަވި އިސްތިބްދާދު އޮތް ނަމަވެސް، ގަޔާވެވިފާ ނިކަން

إن قيل هذا شهدكم مر فقولوا علقم

މާމުއި އެއީ ހިތި އެއްޗެކޭ ބުނެވިއްޖެ ނަމަ ފަސްޖެހި ނުލައި

އާނ! ހަމަ އެއީ ހިތި ހަބަރެކޭ ބުނަމުން ގޮވާށޭ ހަރު އަޑުން

أو قيل إن نهاركم ليل فقولوا مظلم

އަދި ހަމަ ދުވާލުގެ މެންދުރަށް މީ ރޭނގަޑޭ ބުނެވޭ އިރަށް

ބުނެލާށެ އާނ! މީ ރޭނގަޑޭ ގަދަ ވެސްމެއޭ ކަޅު އަނދިރިކަން

إن قيل إن ثمادكم سيل فقولوا مفعم

ކުޑަކުޑަ މިތާ އޮތް ފެން ފޮދެއް ފެނުނަސް އެއީ ބޮޑު ސައިލެކޭ

ބުނެވޭ އިރަށް ވެސް އާނއެކޭ ބުނެލާށެ މާ ކަޑެކޭ ވި ފުން

أو قيل إن بلادكم يا قوم سوف تقسم

فتحمدوا وتشكروا وترنحوا وترنموا

ރަށްތައް ބަހާލައި ވެރިވުމަށް ކަންތައް ވަނީއޭ ބުނެވުނަސް

ހަމްދާޝުކުރުކޮށް، ލަވަކިޔައި ނަށަމުން ދުވާށޭ އަދި ހެމުން

މި ގޮތް ބަދަލުވާން ވެއްޖެއެވެ. ރަށްތައް ބަހާލައި، ތިމާމެންގެ އަމިއްލަ މިނިވަންކަމަށް ބުރޫ އެރުމުގެ ބިރު ހީވެފައި އޮތް ވަގުތެއް މިއޮތީ އައިސްފައެވެ. އެހެންވެ، ކަންކަން، ބަދަލުކުރުމުގެ މަސައްކަތް ފެށުމުގެ ސަބަބުތައް މިއޮތީ މެދުވެރިވެފައެވެ. އާ ޒުވާނުންތަކެއް، މިކަމާ ކުރިމަތިލައި، މި މައްސަލަތައް ރަނގަޅަށް ދިރާސާކޮށް ބަލަންވެއްޖެއެވެ.

ތަނުގެ މުއްސަނދިކަމަކީ މަދު ފަރުދުން ކޮޅެއްގެ އަތްމަތީގައި އޮންނަން ޖެހޭނޭ ކަމެއްކަން ގަބޫލުކުރުން ދޫކޮށްލުމުގެ ވަގުތު އަތުވެއްޖެއެވެ. އެއްވެސް މީހަކީ އޭނަ ބުނާހާ އެއްޗެއް އެއީ ވަހީ ބަސްފަދައިން ގަބޫލުކުރަން ޖެހޭނޭ އެއްޗެއް ނޫންކަން ދެނެގަންނަން ޖެހޭ ވަގުތު އަތުވެއްޖެއެވެ. އެންމެނަށް ފަސޭހައިން ދިރުއުޅެވޭނޭ ނިޒާމެއް ބިނާކުރުމުގެ މަސައްކަތް ކުރަން ފަށަންވެއްޖެއެވެ. މިއީ އެހެން ބަޔަކު ކުރަން ޖެހޭނޭ ކަމެއް ނޫނެވެ. އެހެން ބަޔަކަށް މިކަން ނުވެސް ކުރެވޭނެއެވެ. މިކަން ކުރަން ޖެހޭނީ އަމިއްލައަށެވެ. އަމިއްލަ ތާރީޚު ތަންގީދީ ނަޒަރަކުން ބަލައި ކިޔައިގެންނެވެ. މިފަދައިން ކަންތައް ކުރި އެހެން މީހުންގެ ތަޖުރިބާގެ ވާހަކަތައް ކިޔައި، އެ ތަޖުރިބާތަކުން ފިލާވަޅާއި އިބުރަތްވެސް ހާސިލުކޮށްގެންނެވެ. މުޅި އުއްމަތަކީ ތިމާ ކަމުގައި ނުދެކި، ކުރާ މަސައްކަތުގެ އަމާޒަކީ ތިމާ ކަމުގައިވެސް ނުދެކި، މުޅިން ރައްޔތިންގެ ލާބައާއި ފައިދާއާއި އެ ނިޒާމެއްގައި އެކުލެވޭނޭ ނިޒާމެއް ގާއިމުކުރުމަށްޓަކައެވެ.