Support Us

ކަނު މީހުންގެ ރާއްޖެ- އެޗް.ޖީ. ވެލްސް

ކަނު މީހުންގެ ރާއްޖެ، މި ފޮތަކީ އިނގިރޭސި މަޝްހޫރު ލިޔުންތެރިއެެއް ކަމަށްވާ އެޗް.ޖީ. ވެލްސްގެ ކުރު ވާހަކައެކެވެ. ވާހަކައިގެ ޚުލާސާއެއް ހުށަހަޅާލައި އޭގެ މާނަކުރުމެއް ލިޔެލުމުގެ ކުރީގައި ވެލްސްގެ ކުޑަ ތައާރުފެއް ލިޔެލާނަމެވެ.

ވެލްސް އުފަންވެ ވަޑައިގަތީ 1886 ވަނަ އަހަރުއެވެ. އިނގިރޭސި ވިލާތުގެ ބްރޯމްލީއޭ ކިޔުނު ރަށެއްގައެވެ. ވަރަށް ކުޑައިރުއްސުރެން ވެލްސް ފޮތްކިޔުއްވަން ފެއްޓެވިއެވެ. ކިޔަވާ ވިދާޅުވުމަށް ފަހު ކިޔަވައިދެއްވުމުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އެއަށް ފަހު، އާމްދަނީ ހޯއްދެވުމުގެ ގޮތުން ކުރު ވާހަކަ ލިޔުއްވަން ފެއްޓެވިއެވެ. އަދި، އޭނާގެ ލިޔުއްވުންތައް ކާމިޔާބު ލިޔުއްވުންތަކަކަށްވެ، ދިގު ފޮތްތައް ލިޔުއްވަން ފެއްޓެވިއެވެ.

ވެލްސްގެ މަޝްހޫރު ކުރު ވާހަކަތަކުގެ ތެރޭގައި އެވާހަކައާ މެދު އެއްޗެއް މިއަދު ބުނަން ގަސްދުކުރާ ކަނު މީހުންގެ ދުނިޔެ ހިމެނެއެވެ. އޭނާ ބެލެވިފައި ވަނީ ފަރަންސޭސި ޖޫލްސް ވާންސްއާ އެކު، ސައިންސުގެ ޚިޔާލީ ވާހަކަ ލިޔުމުގެ ބާނީ ކަމުގައެވެ. ވައިގެ ދަރުތުތަކާއި ޓޭންކު ހަނގުރާމަތައް ދުނިޔޭގެ އަލިކަން ދުށުމުގެ މާކުރިން މިކަންކަމުގެ ވާހަކަ އޭނާގެ ޚިޔާލީ އިލްމީ ވާހަކަތަކުގައި ގެނެސްފައިވެއެވެ. އޭނާގެ އިލްމީ ޚިޔާލީ ވާހަކަތަކުގެ ތެރޭގައި ވަގުތުގެ މެޝީން ހިމެނެއެވެ.

އޭނާއަކީ ތާރީޚީ ފޮތް ފޮތް ވެސް ލިޔުއްވި ލިޔުންތެރިއެކެވެ. ތާރީޚީ ރޮނގުގައި އޭނާގެ އެންމެ މަޝްހޫރު ފޮތް ކަމުގައި ބެލެވެނީ ދުނިޔޭގެ ކުރު ތާރީޚެއް މި ފޮތެވެ. ވެލްސް އަވަހާރަވީ 1946 ވަނަ އަހަރުގައެވެ.

ދެން މިއަދުގެ ވާހަކަ – ކަނު މީހުންގެ ރާއްޖެ – މިވާހަކައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ! މިވާހަކައިގެ ޚުލާސާ ލިޔެލާނަމެވެ. ވާހަކައިގެ ހާދިސާތައް ހިނގަނީ ދެކުނު އެމެރިކާގެ ޚިޔާލީ ވާދީއެއްގެ ތެރޭގައެވެ. މި ވާދީގައި އުޅުނު މީހުންނަށް ބައްޔެއް ޖެހި އެބަލީގެ ސަބަބުން އެ ރަށުގެ މީހުން ކަނުވާން ފެށިއެވެ. މާ ގިނަ ދުވަސްތަކެއް ނުވަނީސް، ރަށުގެ ހުރިހާ މީހުން ކަނުވިއެވެ. އަދި، އެ ގޮތުގައި އުޅެން އެމީހުން އާދަވިއެވެ. ފެނުމުގެ ހިއްސުން އެމީހުން މަހުރޫމުވެފައި ވުމުން، އެމީހުންގެ އެހެން ހިއްސުތައް ތޫނުވެގެން ދިޔައެވެ. ހާއްސަކޮށް ބަސްމޮށުންތެރިކަމުގައި އެމީހުންގެ ކުޅަދާނަކަން އިތުރުވެގެން ދިޔައެވެ.

ދެން އެއް ދުވަހަކު، ނުޏޭޒް އޭ ކިޔުނު ފަރުބަދައަށް އަރައި އުޅުނު މީހަކު ފަރުބަދަ މަތިން ކައްސާލައިގެން ކަނު މީހުންގެ ރާއްޖެއަށް އާދެވުނެވެ. މި މީހުންގެ ހާލު ފެނި، މި މީހުން ދެކޭ ދެކުންތައް އެނގުނެވެ. އެ މީހުން ދެކޭ ގޮތުގައި މުޅި ދުނިޔެއަކީ އެމީހުންގެ ދުނިޔެއެވެ. އެމީހުންގެ ދުނިޔެއިން ބޭރުގައި އެހެން އެއްވެސް ތަނެއް އޮތް ކަމަކަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އަދި، ޚުދް، އިންސާނުންނަކީ ކަނު ބައެއް ކަމުގައި އެމީހުން ގަބޫލުކުރެއެވެ.

ކޮންމެއަކަސް ނުޏޭޒް ގަސްދުކުރީ މި މީހުންގެ ސައްހަ ނޫން ގަބޫލުކުރުންތައް ބަދަލުކުރާށެވެ. މި މީހުންގެ ދުނިޔެއިން ބޭރުގައި ވެސް ދުނިޔެއެއް އޮތްކަން ވިސްނައިދޭ ގަސްދުކުރިއެވެ. އަދި، އޭނާގެ ލޯ ސަލާމަތުން ހުރި ކަމާއި ފެނުގެ ހިއްސަކީ ވެސް އޮންނަ ހިއްސެއްކަން އޮޅުންފިލުވައިދޭން ވެސް ނިންމިއެވެ.

އެތައް ދުވަހެއް ވަންދެން ނުޏޭޒް ކަނު މީހުންގެ ރާއްޖޭގެ މީހުންނަށް އެމީހުންގެ ތަސައްވުރުތައް ބަދަލުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއްނުވިއެވެ. އެމީހުން ނިންމީ ނުޏޭޒްއަކީ ބުއްދި ހަމަނުޖެހޭ މޮޔައެއްކަމެވެ. އަދި، މިކަމުގެ ސަބަބަކީ އޭނާ އެ ދައްކާ ފެނުމުގެ ހިއްސުކަމެވެ. ދެން އެމީހުން ނިންމީ އެ ބުނާ ފެނުމުގެ ހިއްސެއް ހޯދައި އެ ހިއްސުގެ ދުވަސް ދުއްވާލުމަށެވެ. މިކަން ކުރުމުގެ ކުރީގައި ނުޏޭޒް ސިއްރު ސިއްރުން ކަނު މީހުންގެ ރާއްޖެ ދޫކޮށް ދިޔައެވެ.

މި ވާހަކަ ތަފާތު ގޮތްގޮތަށް މާނަކުރެވިދާނެއެވެ. އެއް ގޮތަކީ ވަކި ކަހަލަ ނިޒާމެއްގެ ތެރޭގައި އެތައް ދުވަހެއް ވަންދެން، ހަރުލައިފައި ތިބި ބަޔަކަށް އެ ނިޒާމުގެ ތެރެއިން ނިކުތުން އުނދަގޫވާނޭ ކަމެވެ. ކަނު މީހުންގެ ރާއްޖޭގެ މީހުން ތިބީ އެ މީހުންގެ ކަނު ދިިިރިއުޅުމުގެ ނިޒާމަށް ހޭނި ދިރިއުޅުމުގެ ހަމައެކަނި ގޮތަކީ އެއީކަން ހިތުގެ އަޑިން ގަބޫލުކޮށްގެންނެވެ. އެހެންވެ، ކޮންމެ މީހަކު އެހެން ގޮތަކަށް ވާހަކަ ދައްކައިފި ނަމަ، އެމީހަކު ވަނީ މޮޔަޔަކަށެވެ.

މިނޫން އެހެން ގޮތްގޮތަށް ވެސް މި ވާހަކަ މާނަކުރެވިދާނެއެވެ. ވިސްނުމުގެ މަގު ހިނގަނީ ފިކުރީ އޮނިގަނޑުގެ ތެރޭގައި ކަމެވެ. އާދެ، ޕެރަޑައިމެއްގެ ތެރޭގަައި ކަމެވެ. ވަކި ފިކުރީ އޮނިގަނޑެއްގެ ތެރޭގައި ވިސްނާ ފިކުރުކުރާ މީހަކު، އެހެން ރާއްޖެއަކަށް ދިޔަޔަސް އޭނާގެ ވިސްނުން ހުންނާނީ އޭނާގެ ފިކުރީ އޮނިގަނޑުގެ ތެރޭގައެވެ. އެ ރާއްޖޭގައި ހިނގާ ކަންކަން އޭނައަށް މާނަކުރެވޭނީ އޭނާގެ އަމިއްލަ ފިކުރީ އޮނިގަނޑުގެ ތެރެއިންނެވެ.

ތަފާތު ގޮތްގޮތަށް މި ވާހަކަ މާނަކުރެވުނު ކަމުގައި ވިޔަސް، މި ވާހަކައިން ދޭހަވާ އެއް މާނައާ އެއްބަސްވެވިދާނެއެވެ. މީހުން ވިސްނައި ފިކުރުކުރާ ގޮތް ބަދަލުވުމަކީ އެހާ ފަސޭހައިން ވާނޭ ކަމެއް ނޫނެވެ. އެ ބަދަލު އަންނަނީ ފިކުރީ އޮނިގަނޑު އާދެ، ޕެރަޑައިމް، ބަދަލުވެގެންނެވެ. އެކަން ވާން ދުވަސް ނަގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
311

One Response

  1. އަހަރެންނަށް މިލިއުން ކިޔާލުމުން ދޭހަވީ ވަރަށްވެސް ތަފާތު މާނައެއް އަހަރެމެން ރާއްޖޭގެ ރައްޔިތުން ގަބޫކުރާ ގޮތްް ނޫނަސް އެހެން ގޮތްތައް ހުރިކަމާ އެކަން ގަބޫލުނުކުރުމީ އަހަރެމެންގެ ޖާހިލުކަން ކަމަށް ލިއުންތެރިޔާގެ ލިއުމުގެ އަޞްލަކީ އެއީ ނޫން ކަމަށްވެދާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *