އަލްބަޓް އައިންސްޓައިންގެ އިތުރު ތައާރުފަކަށް ބޭނުން ނުވެއެވެ. އަސްރާނީ މި ޒަމާނުގައި އުފެދުނު އެންމެ ވަރުގަދަ ތިން ސައިންސުވެރިންގެ ތެރޭގައި ހިމެނޭ، އަދި އޭގެ ތެރެއިން ވެސް އެންމެ ވަރުގަދަ ސަައިންސުވެރިޔޭ ބުނެވިދާނެ އިލްމުވެރިޔާއޭ ބުނުމުން ފުދެއެވެ. އަނެއް ދެ ސައިންސުވެރިންނަކީ އިސްހާކް ނިޔުޓަންއާއި ސެޓެފަން ހޯކިންގްއެވެ.

މަތީގައިވާ ތަސްވީރުގައި ލިޔެވިފައިވާ ލިޔުންކޮޅުން ވެސް ފެންނަން އޮތް ފަދައިން، އައިންސްޓައިން ފާހަގަކުރަނީ ރަނގަޅު ސުއާލުކުރަން ދަސްކުރުމެވެ. އަދި، ގިނަ ވަގުތު ހޭދަކޮށްގެން ވެސް ކުރަންޖެހޭ ރަނގަޅު ސުއާލުކުރަން އެނގިއްޖެ ނަމަ، މައްސަލަތައް ހައްލުކުރަން ފަސޭހަވާނެކަން އޭނާ ފާހަގަކުރެއެވެ.
އޭނާގެ މި ސުއާލުކުރުމުގެ ވާހަކަ ގުޅެނީ އިލްމީ ދިރާސާތުތައްކުރުމާއެވެ. އިލްމީ ދިރާސާތުތަކުގެ ބޭނުމަކީ މައްސަލަތަކަށް އިލްމީ ހައްލު ހޯދުމެވެ. އެފަދަ ހައްލު ހޯދުމުގެ ފުރަތަމަ ކަމަކީ ހައްލުކުރަން އުޅޭ މައްސަލައަކާ ބެހޭ ގޮތުން ކުރަން ޖެހޭ ރަނގަޅު ސުއާލުކުރުމެވެ. ކުޑަކުޑަ މިސާލަކުން މިކަން އިތުރަށް ސާފުވެދާނެެހެން ހީވެއެވެ. މަސްދޯނީގެ އިންޖީނު އިސްޓާޓު ނުކުރެވުނީ ކަމަށް ހީކޮށްލާށެވެ. އާދެ، މި އޮތީ މައްސަލައެކެވެ. ދެންވީ، އިންޖީނު ހުއްޓެން އޮންނާނީ ކޮންކޮން ކަމެއްތޯ ހިތަށް ގެނެސް، ރަނގަޅު ސުއާލުތަކެއް ކުރާށެވެ. މިސާލަކަށް އިންޖީނުގައި ފިނިހިފުމެވެ. ތެޔޮ ހުސްވުމެވެ. އަދި މިނޫންވެސް މިފަަދަ ސުއާލެވެ. ދެން، ވަކިވަކިން، އެ ސުއާލުތަކުގެ ޖަވާބު ހޯދުމުން އިންޖީނު ހުއްޓުނީ ކީއްވެތޯ ހޯދިދެއެވެ.
މި މައްސަލަ، ރަނގަޅު ސުއާލުކުރުމުގެ މައްސަލަ، އެހެން ދާއިރާތަކާ ވެސް ގުޅުވާލެވިދާނެއެވެ. ކިޔެވުމުގެ ދާއިރާއެވެ. ކިޔަވާ ކުދިން ވެސް، ކިލާހުގައި، ފިލާވަޅާ ބެހޭ، ރަނގަޅު ސުއާލު މުދައްރިސާ ކުރަން ދަސްކުރަން ޖެހެއެވެ. ފިލާވަޅު ރަނގަޅަށް ފަހުމުވެ ދިޔުމަށްޓަކައެވެ.
މީގެ އިތުރުން، އިންޓަވިޔު ކުރާ މީހުންނާއި ނޫސްވެރިންނަށް ވެސް، ރަނގަޅު ސުއާލުކުރުން ވަރަށް މުހިއްމެވެ. މިސާލަކަށް ހިންގޭ ބޮޑު ބިޔަ މަޝްރޫއަކާ ބެހޭ ގޮތުން ކަމާ ބެހޭ ފަރާތުން ނޫސް ވެރިންނަށް މައުލޫމާތުދޭ މަންޒަރު ހިތަށް ގެންނާށެވެ. އެކަމާ ބެހޭ ތަފާތު ސުއާލުތައް ކުރެވިދާނެއެވެ. އެ ތަނުގެ އިމާރާތްތަކާ ބެހޭ ގޮތުންނެވެ. އެމަޝްރޫއު ހިންގާ މީހުންނާ ބެހޭ ގޮތުންނެވެ. މަޝްރޫއު ނިމުމުން އެތަނުގައި އުޅޭ ބަޔަކާ ބެހޭ ގޮތުންނެވެ. އެތަނުގެ ބާރު އާޚިރުގައި އޮންނާނީ ކޮން ބަޔެއްގެ އަތުގައިތޯއާ ބެހޭ ގޮތުންނެވެ. މިއީ ހައްތަހާ ވެސް ރަނގަޅު ސުއާލެވެ. ނަމަވެސް، މި ސުއާލުތަކުގެ ތެރެއިން، އެންމެ މުހިއްމު ވާނީ މަޝްރޫއު ހިންގާލުމަށް ބޭނުންވާ ފައިސާއާ ބެހޭ ސުއާލެވެ. މަޝްރޫއުގެ ޚަރަދުތަކުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟ މި ފައިސާ ހޯދާނީ ކިހިނެއްތޯއާއެވެ؟ ފައިސާގެ މައްސަލަ މުހިއްމު ވަނީ ކީއްވެ ކަން އެންމެނަށް ވެސް އެނގެއެވެ. މިސާލަކަށް މީހަކު އޭނާގެ ގެ ދިހަބުރިއަށް އިމާރަތް ކުރަން ބޭނުންވެއްޖެ ނަމަ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިމާރާތްކުރުމުގެ ފައިސާ ހޯދުމެވެ. އޭނާ އަމިއްލައަށް އެފައިސާ ހޯދައި، އިމާރަތް ކޮށް ނިންމައިފި ނަމަ، އިމާރާތް އޮންނާނީ އޭނާގެ އަތް މަތީގައެވެ. މި ގޮތަށް އިމާރަތްކޮށް ނިމުމުން، އެހެން މީހެއްގެ ބާރުގެ ދަށަށް އިމާރަތް ދިޔުން އެއީ ބުއްދި ގަބޫލުކުރާނޭ ކަމެއްކަމަށް އެކަކުވެސް ދެކޭނޭ ހެނެއް ހިޔެއް ނުވެއެވެ.
ކޮންމެ އަކަސް، ކަންކަމުގެ މައުލާމާތުދީ، އެކަމާ ބެހޭ ސުއާލުތައް ކުރަން ހުޅުވާލެވިއްޖެ ނަމަ، ކުރަން ޖެހޭ މުހިއްމު ސުއާލުތައް، ކުރަންޖެހޭ ރަނގަޅު ސުއާލުތައް ކުރަން ދަސްކުރަން ޖެހެއެވެ. ކުރަން ޖެހޭ ރަނގަޅު ސުއާލުކުރެވިއްޖެ ނަމަ، އައިންސްޓައިން ބުނެފައި އޮތް ފަދައިން މައްސަލައްތައް ހައްލުވުމުގެ އިތުރުން، މައްސަލަތައް ސާފުވެގެންދޭ ވެސް މެއެވެ.
