ހައިރާނުން ހައިރާނެވެ. ދިވެހި ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ބުރޫއަރާ ފަދަ ސިއްރު އެއްބަސްވުންތައް ހަދައިގެން ސިއްރުކޮށްގެން ތިއްބައި، އޭގެ ތެރެއިން ނުރައްކާތެރި އެއްބަސްވުމެއް ބޭޒާރުވުމުން އެކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރައްވާން މަސައްކަތްޕުޅުކުރެއްވުމުގެ ކުރީން، ރައްޔިތުންގެ މަންދޫބުން އަވަސްވެވަޑައިގަންނަވާންވީ ރައްޔިތުންނަށް އޮޅުވައިލެވޭތޯތޯއެވެ! ޤައުމިއްޔަތަށް ކުލުނެއް ހުރިއްޔާ ހުރި މީހަކު ނުހައްގުން ކުށްވެރި ކުރެވޭތޯއެވެ! މި ފަދަ މީހުންގެ ހިތުގައި ދިވެހި ޤައުމާ މެދު ކުލުނެއް އަގަލެއް ވެސް ނެތީބާވައެވެ. އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ދޮގު ވާހަކަ ދެއްކުން ކަމަށް ބަލައިގެން ހަގީގަތް ހާމަކުރެއްވުމަކާ ނުލައި، ފިޔަވަޅުއަޅާން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަކީ ކޮން ފަދަ ލަދުވެތިކަމެއްތޯއެވެ! އަޅުގަނޑު މި އިޝާރާތްކުރީ، އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ޓަކައި އިންޑިއާ ސަރުކާރާ އެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނެ އާންމުކުރި ލިޔުމުގެ ފަހަތުގައި ހިމެނޭ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުޅަހެޅުއްވި ކުއްލި މައްސަލައަށް އިޝާރާތްކޮށެވެ. މިއީ ލަދުވެތި ހުށަހެޅުއްވުމެކެވެ.
އުތުރު ތިލަފަޅާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފައި އޮތް އެއްބަސްވުން ފަޅައި އަރައި، ހާމަވުމުގެ ކުރީން އޭގައި ހުރި ނުރައްކާތެރި ވާހަކަތައް ނޭނގުނަސް، އެއީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭނުމަށް ތަރައްޤީކުރާ ތަނެއްކަން އަޅުގަނޑުމެންނަށް އޮޅިފައެއް ނެތެވެ. މިކަން އެނގުމަކީ ކުށެއް ކަމުގައި ވާނަމަ އަޅުގަނޑާ މެދު ވެސް ފިޔަވަޅުއަޅުއްވާށެވެ. ނަމަވެސް މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމަކީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން ކޮންމެ ދިވެއްސަކަށް ލިބިފައިވާ ހައްގަކަށް ވާތީ މި ވާހަކަ ދެއްކުމުގެ ހައްގު އަޅުގަނޑަށް ވެސް އެބައޮތެވެ. ނަމަވެސް އަޅުގަނޑަށް މި ކަން އެނގުނީ އިންޑިއާގެ އޮންލައިން ނޫސްތަކުންނެވެ. އިންޑިއާގެ އޮފިޝަލުންނާ ޙަވާލާދީ ލިޔެފައި ހުރި ޚަބަރުތަކުންނެވެ. އެއީ ތެދެއްކަން ސާބިތުވަނީ އިންޑިއާގެ ނޫސްތަކުގައި ހުރީ ދޮގު ވާހަކައެއް ކަމަށް ވިދާޅުވެ ސަރުކާރުން އެ ކަމަށް އިންކާރު ނުކުރެއްވީމައެވެ. ރައްދެއް ނުދެއްވީމައެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ބަސްފުޅެއް ވިދާޅުނުވެ ހަނު ހުންނެވީމައެވެ. އަދި ދިވެހީންގެ މަޞްލަޙަތާ ގުޅިފައިވާ މިހާ ޙައްސާސް މައްސަލައެއް ފެންމަތިވެ، އެކަމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެތައް މެންބަރުންނެއް ސުވާލު އުފައްދަވަމުން ގެންދެވި އިރު ވެސް އެ މައްސަލަ، ޤާނޫނުއަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ސަލާމަތީ ޚިދުމަތްތަކާ ބެހޭ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ"އަށް ހުށަ ނޭޅުއްވީތީއެވެ. މިއީ ޤާނޫނުއަސާސީއިން ލާޒިމުކޮށްފައި ކަމެއް ކަމަށް ވިޔަސްވެހެވެ.
އަނެއް ކޮޅުން ރައްޔިތުންގެ މަޞްލަޙަތާ ގުޅޭ މިފަދަ ކަންކަމަކީ ފަހެލިކަމާއެކު ކުރާންޖެހޭ ކަމަކަށް ވިޔަސް، އަދި ފަސާދައަށް ހުންނަ ދޮރުތައް ބަންދުކޮށް ދައުލަތުގެ ކަންކަން، ހާމަކަން ބޮޑު ގޮތެއްގައި (ފަހެލިކޮށް) ކުރާން ބާރުއެޅުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން ދައުލަތުގެ ކޮންމެ ލިޔުމެއް ވެސް އެ ކަމަށް އެދޭ ފަރާތްތަކަށް ހާމަކުރާން ޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައި ވިޔަސް، މިއިން އެއްވެސް އެއްބަސްވުމެއް، ނުވަތަ އެއްބަސްވުމެއްގެ ބައެއް ނަމަވެސް ހާމަކުރާން ކަމާބެހޭ އިދާރާތަކުން ދެކޮޅު ހައްދަވައި އެ ޤާނޫނުގެ ބާރާއި ބޭނުން ވަނީ ކަނޑުވައިލައްވައިފައެވެ. އަދި އިންޑިއާ ސިފައިންނާ ބެހޭ ގޮތުން ދައުލަތުގެ އެކި ފެންވަރުގެ ބޭފުޅުން އެކި ގޮތަށް ވާހަކަފުޅު ދެއްކެވުމުގެ ސަބަބުން އެ ބޭފުޅުން އެބަ އިތުރުފުޅު ހައްދަވާކަން އާދައިގެ އިންސާނަކަށް ވެސް އެނގޭވަރު ކުރައްވައިފިއެވެ. އެހެންވީއިރު، ހިންދުސްތާނުޓައިމްސްގައި އަދި މިނޫނަސް އެހެން ނޫސްތަކުގައި ބަޔާންކޮށްފައި ހުރި ފަދައިން އުތުރު ތިލަފަޅު ތަރައްގީކުރަނީ އިންޑިއާގެ ކަނޑުގެ ސިފައިންގެ ބޭނުމަށް ޓަކައިކަން އެއްވެސް އޮޅުމެއް ނެތި އެ ވަނީ ހާމަވެފައެވެ. މި ކަމަށް ގޮންޖައްސަވާން ކެރިވަޑައިގަންނަވާނަމަ، އުތުރު ތިލަފަޅާ ބެހޭ ގޮތުން އެއްބަސްވި ތިޔަ ވިދާޅުވާ "ޞައްޙަ" އެއްބަސްވުން ހާމަކުރައްވާންވީނޫންތޯއެވެ! ޤައުމީ ސަލާމަތަށް ނުރައްކާ ހުރީ މި ފަދަ އެއްބަސްވުންތައް ސިއްރުކުރީމައެވެ. ރައްޔިތުންގެ މަޞްލަޙަތު ބޮޑީ މި ފަދަ އެއްބަސްވުންތައް ސިއްރު ނުކޮށް ހާމަކުރުމުގައެވެ. ދައުލަތުގެ ކަންކަން ފަހެލިކޮށް ކުރެއްވުމުގައެވެ.
ހަމަ މި ފަދައިން އިންޑިއާއިން ދަރަންޏަށް ފައިސާ ނަންގަވައިގެން، ދިވެހީން ދަރަނި ދައްކާން ޖެހޭ ގޮތަށް "ތަރައްގީކުރާން" އުޅޭ ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެ ބަދަރަކީ "އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒެއް" ނޫންކަން ސާބިތުކޮށްދެއްވުމަށް ޓަކައި އެ އެއްބަސްވުން ވެސް ހާމަކުރައްވާންވީ ނޫންތޯއެވެ! ހަނިމާދޫ ރައްޔިތުންނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ޤައުމީ ސަލާމަތާއި ރައްކާތެރިކަން އޮތީ މި ގޮތުގައެވެ. ރައްޔިތުންގެ މަޞްލަޙަތު ބޮޑީ ވެސް މި ގޮތުގައެވެ.
އައްޑުއަތޮޅު ހިތަދޫގައި ހަދާ (ސަރުކާރުން ވިދާޅުވާ ގޮތުގައި) ފުލުހުންގެ ވިދާރާގެ އިމާރާތްތަކަކީ "އިންޑިއާގެ އެއްގަމު ސިފައިންގެ މަރުކަޒެއް" ނޫންކަން ސާބިތު ކޮށްދެއްވުމަށް ޓަކައި، އެ ލިޔުންތައް ހާމަކޮށްދެއްވާންވީ ނޫންތޯއެވެ! އައްޑޫގައި އޮތް "ގަމު ބައިނަލްއަޤުވާމީ ވައިގެ ބަނދަރު" އިންޑިއާ ސިފައިންގެ ބޭނުމަށް ދިގު މުއްދަތަކަށް ދޭން ނޫޅުއްވާކަން ސާބިތުކޮށްދެއްވުމަށް ޓަކައި އެ އެއްބަސްވުންތައް ވެސް ހާމަކޮށްލައިދެއްވާންވީ ނޫންތޯއެވެ!
ހައްދުންމަތީ އިސްކަންދަރު ވައިގެ ބަނދަރުގައި އިންޑިއާ ސިފައިން ޤާއިމުގެ ތިބޭން އެއްބަސްވެފައި ނުވާނަމަ، ހައްދުންމަތީގައި އެ ތިބެނީ ކޮން ކަހަލަ "ޓެކްނީޝަނުން"ކަން ހާމަކޮށްލެއްވުމަށް ޓަކައި އެކަމާ ބެހޭ އެއްބަސްވުމެއް އޮތް ނަމަ، އެ އެއްބަސްވުން ވެސް ހާމަކޮށްލައްވަންވީ ނޫންތޯއެވެ! ނުވަތަ އެ ފަދަ އެއްބަސްވުމެއް ނެތް ނަމަ، ހައްދުންމަތީގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލައްވާންވީ ނޫންތޯއެވެ! މިއިން އެއްވެސް ކަމެއް ކުރައްވާން އުޅުއްވާންވީ ނޫންތޯއެވެ! ނެތްނަމަ ނެތޭ ސާފުކޮށް ވިދާޅުވާންވީ ނޫންތޯއެވެ!
މި ހަފުތާގައި ހާމަވި (ނުވަތަ ލީކުކޮށްލި) އެއްބަސްވުން އެއީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި އެއްޗެކެވެ. ރައްޔިތުންގެ ފަރާތުން ބަސްވިދާޅުވާން، ރައްޔިތުން "އިންތިޚާބުކޮށްފައި" ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އެއީ ސަރުކާރުން ޢައްޔަންކުރެއްވި މެންބަރުންނެއް ނޫނެވެ. އެއީ ސަރުކާރުގެ މަންދޫބުންނެއް ނޫނެވެ. އެއީ ރައްޔިތުންގެ ޙައްޤުގައި ވާކާލާތުކުރައްވާން ތިއްބެވި ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ ވަކީލުންނެވެ. އެކަން ހަނދުމަފުޅު ނެތް ނަމަ، (ހަނދުމަފުޅު ނެތޭނެ ކަމަކަށް ނުދެކެމެވެ.) އެކަން ހަނދުމަފުޅުކޮށް އަރުވާން ބޭނުމެވެ. ވީމާ، ފުރަތަމަ ކުރައްވާންވީ ކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމެޓީއަށް އެ އެއްބަސްވުންތައް ހޯއްދަވައިގެން ދިރާސާކުރެއްވުން ނޫންތޯއެވެ! އެއީ، ލީކުވެގެން އުޅެނީ އަސްލެއް ނެތް (ނަގުލީ) އެއްޗެއް ކަމަށް ވާނަމަ އެކަން ވެސް ކަށަވަރުކުރައްވައި މަޖިލީހުގެ މެންބަރުން ތަމްސީލުކުރައްވާ ޢާންމު ރައްޔިތުންނަށް ތަސައްލީއެއް ދެއްވާންވީ ނޫންތޯއެވެ! ރައްޔިތުން ކުށްވެރިކުރައްވާން ރައްޔިތުންނާ ދެކޮޅަށް ވަކާލާތުކުރައްވާންވީކީ އޭގެ ފަހުން ނޫންތޯއެވެ!
ހާމަވެގެން އުޅޭ "އެއްބަސްވުމަކީ" ބަޔަކު ހަދައިގެން އުޅޭ، އަޞްލެއް ނެތް (ނަޤުލީ) އެއްޗެއް ކަމަށް ސާބިތުވެއްޖެ ނަމަ، އެއީ ވަރަށް ވިޔާނުދާ ޢަމަލެއްކަން ޔަގީނެވެ. އެހެން ވެއްޖެ ނަމަ، ދެން އެކަން ކުރި ބަޔަކު ހޯއްދަވައި އިޖުތިމާޢީ މަޞްލަޙަތަށް ޓަކައި ފިޔަވަޅުއަޅުއްވާ ވާހަކަފުޅު ދައްކަވައި އެކަން ކުރައްވާންވީއެވެ. އެއީ ހަމަ ކުރައްވާންޖެހޭނެ ކަމެއްކަމަށް އަޅުގަނޑު ވެސް އެއްބަހެވެ. ނަމަވެސް މި ކަން އޮތީ މީގެ އަނެއް ކޮޅަށް ކަމަށް ވެއްޖެ ނަމަ، އެ ފަދަ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ޤައުމަށް ޣައްދާރުވުން ކަމާމެދަކު ޝައްކެއް ނެތެވެ. އެއީ ޤައުމަކަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. ފަހުން މި ދެންނެވި ގޮތަށް މެދުވެރި ވިޔަސް، އެއީ ކިތަންމެ "ބޮޑު" ބޭފުޅުންތަކެއް ކުރެއްވި ކަމެއް ކަމަށް ވިޔަސް އެ ބޭފުޅުންނާ މެދު ވެސް ފިޔަވަޅު އެޅުއްވުމުގެ ބާރު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އޮންނާނެއެވެ. އެއީ މަޖިލީހުގެ ޒިންމާއެކެވެ. އެއީ ތެދެއް ކަމުގައި ވާނަމަ އެ އެއްބަސްވުން ވާނީ ޤާނޫނުއަސާސީއާ ޚިލާފު އެއްބަސްވުމަކަށެވެ.
އަޅުގަނޑު ނިންމައިލަމުން ވެސް ދަންނަވައިލާނަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. މިއީ ހަމައެކަނި ކެމްޕޭނު ދުވަސްވަރު އެކަން އޮންނަ ގޮތެއް ނޫނެވެ. މެންބަރުންގެ ދައުރަކީ ރައްޔިތުންގެ ޙައްޤުގައި ޤާނޫނުތައް ހެއްދެވުމާއި އިޞްލާޙުކުރެއްވުމާއި ރައްޔިތުންގެ ފަރާތުން ވަކާލާތުކުރެއްވުމާއި ސަރުކާރު ހަމަމަގުން ކައްސައިލިޔަ ނުދެއްވައި ރައްޔިތުންނަށް ޖަވާބުދާރީކުރެއްވުމެވެ. ރައްޔިތުންނަށް ޓަކައެވެ. ރައްޔިތުންނާ ދެކޮޅަށް ވަކާލާތުކުރައްވައި ރައްޔިތުން ބިރުގެންނެވުމަކީ ރައްޔިތުންގެ މަންދޫބުންގެ ޒިންމާއެއް ނޫނެވެ. އަދި އެއީ ކުރައްވައިގެން ވާނެ ކަމެއް ވެސް ނޫނެވެ. ތިޔައީ އަޅުގަނޑުމެން (ރައްޔިތުން)ގެ ވަކީލުންނެވެ. ތިޔަ ބޭފުޅުން އަޅުގަނޑުމެން އިންތިޚާބުކުރީ، އަޅުގަނޑުމެން އެންމެންނަށް ތިޔަ ޢިމާރާތަށް ވަދެ، ވާހަކަދައްކައި ބަހުސްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނުވާތީ، އަޅުގަނޑުމެންގެ މަޞްލަޙަތުގައި ވަކާލާތުކޮށްދެއްވާން ވަޢުދުވެވަޑައިގަތީމާ، އެކަމަށް އިތުބާރުކޮށްގެންނެވެ. ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން އިޙުތިރާމްކުރަނީ އަޅުގަނޑުމެން (ރައްޔިތުން)ގެ މަޞްލަޙަތުގައި ވަކާލާތުކުރައްވާނެތީއެވެ. ވީމާ އެ އިތުބާރާއި އިޙުތިރާމް ދަމަހައްޓަވައިދެއްވާށެވެ!
