Support Us

ތަސްވީރެއް ކިޔައިދޭ ވާހަކަ: "ފިތުނަ ހޭލައްވައި ފިތުނައިގެ އަޑުގަދަކުރުވި މީހަކަށް ލައުނަތް ހުއްޓެވެ!"

ފިތުނަ (فتنة) އަކީ ބުރުސޫރަ މާ ރީތި އަންހެން ކުއްޖެއް ނޫނެވެ. ފިތުނަ ދުނިޔޭގައި އުޅުނު ޒަމާނުގެ އާދަކާދަ ނިޔާކުރި ގޮތުން މިއީ ޒަވާޖީ ހަޔާތެއް ފެށުމަށް އޮތް ހުރަހަކަށް ނުވެއެވެ. ދަރިފުޅުގެ ކައިވެނީގެ ކަންތައް ހަމަޖައްސަނީ މައިންބަފައިން ކަމަށް ވުމުންނެވެ. އަދި މިގޮތަށް ކައިވެނި ހަމަޖެހިގެން ދާއިރު، ކައިވެނީގެ ކުރިން ފިރިހެން ކުއްޖާއަށް އަންހެން ކުއްޖާ ނުފެންނަ ފަހަރު ވެސް އަންނާތީއެވެ.

ކޮންމެއަކަސް، ރަށުގެ އާދަކާދަ ނިޔާކުރާ ގޮތުން ފިތުނައާ ވެސް މީހަކާ ކައިވެނި ކުރެވިއްޖެއެވެ. ފިތުނައިގެ ފިރި މީހާއަށް އޭނާގެ އަލަތު އަނބިމީހާގެ މޫނާއި ސޫރަ ފެނުނީ ކައިވެންޏަށްފަހު އެވެ. އަދި، އަނބި މީހާގެ މޫނު ފެނުމުން، ފިރިމީހާ އެކަނބުލޭގެއާ ހިތާވާ ގޮތެއް ނުވިއެވެ. ދެން ފިރިމީހާ ނިންމީ ފުރައިގެން އެހެން ރަށަކަށް ދާށެވެ.

ދަތުރުގެ ކަންތައް ހަމަޖައްސައި، ޖެހިގެން އައިރޭ ފިރިމީހާ ފުރަން ނިންމިއެވެ. އަދި ފަތިހުގެ ވަގުތުގައި ގެއިން ވަރަށް ސިއްރުސިއްރުން ފިރިމީހާ ނިކުތެވެ. ނަމަވެސް، ފިރިމީހާގެ މަންމައަށް ހޭލެވި އޭނާ ދަނީ ކޮންތާކަށްތޯ އެހުމުން ޖަވާބުގައި މަންމަ ގާތު ފިރިމީހާ ބުންޏެވެ. "އަހަރެން މިރަށް ދޫކޮށް މި ދަނީއެވެ." "ދެން ފިތުނަ ކޮބާ ހެއްޔެވެ؟" މަންމަ އެއްސެއެވެ. ޖަވާބުގައި ދަރިފުޅު ބުންޏެވެ. "ފިތުނަ އޮތީ ހަމަހިމޭނުން ނިދާފައެވެ. ފިތުނަ ހިލުވާލައި ހޭލައްވާލައި މުޅި ތަނުގައި ފިތުނައިގެ އަޑު ގުގުމާލުމަށް މެދުވެރިކުރި މީހަކަށް މާތްރަސްކަލާނގެ ލައުނަތް ހުއްޓެވެ!"

އާދެ، މީސްމީހުން ބަލަންވީ ވަރަށް ނުބަލައި، އެންމެ ފަހުން، އެ ހެދުނީ ގޯހެއްކަން އެންމެނަށް އެނގި ހިނގައިދާނޭ ހިސާބަށް ދިޔުމުން ފިތުނައިގެ ބިއްދޮށުގައި ފިލަން އުޅެއެވެ. އެ ހެދުނީ ގޯހެކޭ، ތިކަމަކީ އާންމު މީހާއަށް ގެއްލުން ހުރި ކަމެކޭ މީހުން ކިޔަން ފަށައިފި ނަމަ، ފިތުނައިގެ ބިއްދަށަށް ވަދެ، ފިތުނަ ހޭލުއްވަައި ތަން ފިތުނަ ނުކުރުމަށް ގޮވައެވެ.

މިފަދަ ގޮތަކަށް ފިތުނައިގެ ނިވަލުގައި އާންމުންގެ މަސްލަހަތު އިސްނުކޮށް، ނުވަތަ އާންމު މަަސްލަހަތާ އިދިކޮޅަށް، ސިޔާސަތުތައް ރާވައި ކަންތައް ކުރާ ސަރުކާރުތައް ހިމެނެއެވެ. މީގެ އެންމެ ރަނގަޅު އެއް މިސާލަކީ ސައުދި އަރަބިޔާގެ ނޫސްވެރިއެއް ކަމަށްވާ ޖަމާލު ޚަޝޯގީ މަރާލައި ކުދިކުދިކޮށްލި މައްސަލައެވެ.

ސައޫދީ އެރޭބިޔާއިން ދުށީ ޖަމާލު ޚަޝޯގީއަކީ ފިތުނަ އުފައްދާ މީހެއް ކަމެވެ. ސަބަބަކީ ސައުދީ އަރޭބިއްޔާ އަށް ފާޑުކިޔައި ލިޔުންތައް ލިޔެ އަދި ވާހަކަތައް ދައްކައި އެކިއެކި ބަހުސްތަކުގައި ބައިވެރިވުމެވެ. ސައުދީގެ ރަސްމީ ފަރާތްތަކުން މިކަން މާނަކުރީ އެކަމަކީ ފިތުނަ އުފެއްދުންކަމެވެ. ސައުދީން ކަންތައް ކުރާނީ އަބަދުވެސް އެންމެ ރަނގަޅަށް ކަމަށް ވެފައި، މިކަމާ އިދިކީލަ ވާގޮތަކަށް އެއްޗެއް އެކަކު ބުނިކަމަށް ވިޔަސް، ފިތުނަ ހިލި "އޭނާގެ" ބޯ ހިއްލާލައި ފިތުނައިގެ އަޑު ގަދަވެދާނެ ކަމަށް ސައޫދީން ދުށްޓެވެ. އެހެންވެ، ނަތީޖާއަކީ ފިތުނަ ހިލުވައިލައި ހޭލައްވާލަން އުޅޭ މީހުންގެ ދުވަސް ދުއްވާލުމެވެ. އާދެ، ޖަމާލު ޚަޝޯގީ މަރައިލުމެވެ. އެކަން ނިމިގެން ދިޔައީ އެގޮތަށެވެ.

މިފަދަ ފިތުނަ ހޭލުއްވާނުލައި ނިދަން ބާއްވާ ވާހަކައަކީ ރާއްޖޭގެ ސިޔާސީ ސަގާފަތާ ވެސް ވަރަށް ގުޅުން ހުރި ކަމެކެވެ. ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު، ރާއްޖޭގައި އާ ގާނޫނު އަސާސީއެއް ތައާރުފުކުރެވެންދެން ގާނޫނެއް އޮވެއެވެ. "ރައްޔިތުންނާ ސަރުކާރު ޖައްސައި ފިތުނަ އުފެއްދުމުގެ ގާނޫނެވެ." މި ގާނޫނަކީ ވަރަށް ވެސް މޮޅު ގާނޫނެކެވެ. ވެރިކަން ކުރަން ތިބޭ ބަޔަކަށެވެ. އެ ގާނޫނު ވެރިކަން ކުރަން ތިބޭ މީހުންނަށް މޮޅުވަނީ މި ގާނޫނު ސާފުނުވެފައި ގާނޫނު ފުޅާވުމުންނެވެ. ވެރިކަން ކުރާ ބަޔަކު ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ މީހެއްގެ މައްޗަށް ވެސް މި ގާނޫނު ހިންގާލައި ކުށްވެރިކުރުމުގެ ފުރުސަތު އޮވެއެވެ. ސަރުކާރު ނުރުހޭ އެއްޗެއް ބުންޏަސް، ނުވަތަ ލިޔުނަސް އެމީހެއް ބަންދުވެ، ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ހިސާބަށް ވެސް ދެއެވެ. އެއް މިސާލު ލިޔެލާނަމެވެ. ހަތްދިހައިގެ ކުރީކޮޅު މަޖީދިއްޔާގައި އުޅުއްވި އަޅުގަނޑުމެންގެ ދިވެހި މުދައްރިސެކެވެ. މަޖީދިއްޔާގެ އިންޓޯލު ގަޑީގައި އެދުވަސްވަރު މެރިންޑުރައިވްގެ އަތިރިމަތީގައި ހުންނަ ކުޑަ ސައި ހޮޓަލަކަށް ހުރިހާ ދިވެހި މުދައްރިސުންހެން ދުރުވެއެވެ. އެތަނަށް އެއްދުވަހު ސައިގަޑީގައި މި ނަންގަތް މުދައްރިސާ މީހަކު ސުއާލެއް ކުރިއެވެ. އޭނާގެ އަޚަކު ބަންދުކުރެވުނީ ކޮންކަމަކާ ބެހޭ ގޮތުންތޯ ސުއާލުކޮށެވެ. ޖަވާބުގައި މި ނަންގަތް މުދައްރިސު ބުނުއްވިއެވެ. މާ ބޮޑު ކަމެއް ނުކުރިޔަސް މީހަކު ބަންދުކޮށްފާނެ ނޫން ހެއްޔެވެ؟

ދެން ޖެހިގެން އައި ދުވަހު، މުދައްރިސު އިސްކޫލަކުން ނުފެނެއެވެ. ފަހުން، ޚަބަރު ލިބުނު ގޮތުގައި މުދައްރިސު ބަންދުކުރެވުނީއެވެ. އޭނާގެ ވާހަކަވީ ރައްޔިތުންނާއި ސަރުކާރު ޖައްސައި ފިތުނަ އުފައްދާ ވާހަކައަކަށެވެ.

އަޅުގަނޑުމެންގެ ތެރޭގަައި އޮތް މި ސަގާފަތަކަށް މާ ބޮޑު ބަދަލެއް އައި ތަނެއް އަދި ނުފެނެއެވެ. އެ ވަގުތެއްގައި އޮތް ސަރުކާރަކަށް ކިރިޔާ ފާޑުކިޔަސް އެމީހަކު ބަންދުކުރެވޭ ގޮތް އަދިވެސް އޮވެއެވެ. އެކިއެކި ނަންނަމުގައެވެ. މިފަދައިން ބަންދުކުރެވޭނޭ ކޮންމެވެސް ގަވާއިދެއް އޮވެއެވެ. މިހާރު އޮންނަ މިކަހަލަ ދެމޭ ރަބަރު ގަވާއިދުތަކުގެ ތެރޭގަައި ނިރުބަވެރިކަމުގެ ގާނޫނު ހިމެނެއެވެ. އަދި، ފައިސާ ދޮވުމުގެ ގާނޫނު ވެސް ހިމެނެއެވެ. އަދި، މި ދުވަސްކޮޅު އެންމެ ފަސޭހައިން މީހުން ކުށްވެރިކުރެވޭ ގަވާއިދަކަށް ވެފައި މި އޮތީ ކޮވިޑާ ގުޅިގެން ކަނޑައަޅާލާ ގަވާއިދުތަކާ ޚިލާފުވުމުގެ މައްސަލައެވެ.

މިފަދަ ގަވާއިދުތައް މައްސަލައަކަަށް ވަނީ، އެ ކަންކަން ހިންގެނީ ވަކި ބައެއްގެ މައްޗަށްވާތީއެވެ. އާދެ، ސަރުކާރުގެ ނުރުހުމުގެ ނަޒަރު އެމީހެއްގެ މައްޗަށް ނުވަތަ އެ ބައެއްގެ މައްޗަށް ހުއްޓިފައިވާ މީހުންގެ މައްޗަށެވެ. މިފަދަ މީހަކު ނުވަތަ ބަޔަކު އެ ބުނާ ގަވާއިދަކާ ޚިލާފުވެއްޖެ ނަމަ، ފިތުނަ ހިލުވައި، ހޭލައްވައި ފިތުނައިގެ އަޑު ގަދަކުރާ ބަޔަކަށް ވެއެވެ. ނަމަވެސް، ސަރުކާރުގެ ރުހުމުގެ ނަޒަރު އެބައެއްގެ މައްޗަށް އޮތް ބަޔަކު މިފަދަ ގަވާއިދުތަކާ ޚިލާފުވުމުން އެއީ މައްސަލައަކަށް ނުވެއެވެ. އެ ގަވާއިދުތަކުން އެފަދަ މީހުން އިސްތިސްނާކުރެވިފައިވާތީއެވެ.

އާދެ، ސަރުކާރުން އަބަދުވެސް ކަންތައް ކުރާނީ ރަނގަޅަށްކަން، އާންމު ރައްޔިތުން ގަބޫލުކުރަންޖެހޭ ސަގާފަތް ދިރި އެބައޮތެވެ. އެއާ ޚިލާފަށް އަމަލުކޮށްފި ނަމަ، ރައްޔިތުންނާއި ސަރުކާރާ ޖައްސައި ފިތުނަ ހިލުވާލާ ކަމަށް ބެލެވެއެވެ. ދެން، އިވޭނީ، އެއްކަލަ ފިރިކަލޭގެ ބުނި ބަހެވެ. "ފިތުނަ ހޭލައްވާލި މީހަކަށް ނުވަތަ ބަޔަކަށް މާތްރަސްކަލާނގެ ލައުނަތް ހުއްޓެވެ!"