ޑީ.އެން.އޭ އަކީ އިލްމީ، ފަންނީ އަދި ސިޔާސީ މަސައްކަތް ހިމެނިގެންދާނެ ޤައުމީ ހަރަކާތެއް ކަމުގައި، އެ ހަރަކާތުގެ ތަރުޖަމާނު އަބްދުﷲ ޝުޖާއު ވިދާޅުވެއްޖެއެވެ.

"ދިވެހި ގައުމީ ހަރަކާތް" ނުވަތަ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އުފެއްދުމަށް މަސައްކަތް ފެށިކަން އިއުލާންކުރުމަށް މިރޭ ބޭއްވި ރަސްމީ ފުރަތަމަ ބައްދަލުވުމުގައި ތައާރަފެއް ދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން، ކުރީގެ ފިލްމު ޑައިރެކްޓަރު އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް ވިދާޅުވީ މިއީ ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ވަރުގަދަކުރުމުގެ ރޫހެއް ކަމަށެވެ.
"މި ހަރަކާތަކީ އިލްމީ، ފަންނީ އަދި ސިޔާސީ މަސައްކަތް ހިމެނިގެންދާނެ ޤައުމީ ހަރަކާތެއް. މިއީ އަޅުގަނޑުމެން، ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ވަރުގަދަކުރުމުގެ ރޫހެއް. އެކި ސިފަސިފައިގައި މިއަދުގެ ހާލަތަށް ރިއާޔަތްކޮށް، ވަރަށް ޤާބިލް، ވަރަށް ގިނަ ބޭފުޅުންގެ މެދުގައި މިފަދަ މޫވްމަންޓެއް އުފެދެމުންދާތާ ދުވަސްކޮޅެއްވެއްޖެ،" ޝުޖާއު ވިދާޅުވިއެވެ. "މިއީ ފަހަރެއްގައިވެސް ޒުވާބު ދީ، މަސްލަހަތު ނަގާލާ، ފިތުނަފަސާދަ އިތުރު ކުރުމަށް ހުޅުވޭ ދޮރެއް ނޫން. މިއީ މަސްލަހަތަށް އެދި ކުރިއަށްދާ، ރައްޔިތުންގެ ހަމަހަމަ ޕްލެޓްފޯމެއް. ދީނީ، ޤައުމީ ފިކުރުގެ ރޫޙް… ދިވެހި ޤައުމީ ހަރަކާތް."
ޝުޖާއު ވިދާޅުވީ، މި ހަރަކާތުގައި އެކިއެކި ފަންތީގެ، އެކިއެކި ވިސްނުމުގެ އެތައް ބަޔަކު ބައިވެރިވަމުން އަންނަ ކަމަށާއި، ގައުމީ ރޫހައިގެން ކުރިއަށްދާން ޝައުގުވެރިކަން ހުރި ކޮންމެ ފަރާތަކަށް ވެސް ޑީ.އެން.އޭގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.

ޑީ.އެން.އޭއާ ބެހޭ ތަފްސީލް ދެއްވަމުން ޝުޖާއު ވިދާޅުވީ، އެ ހަރަކާތުގެ މަސައްކަތް ފެށުމަށްޓަކައި، ލޯގޯއެއް ފަރުމާކޮށް ޗާޓަރެއް ނުވަތަ އަގުދުނާމާއެއްގެ ޑްރާފްޓެއްވެސް މިހާރު އެކުލަވާލައިފައިވާ ކަމަށާއި، ނަމަވެސް ލޯގޯ ފާސްކޮށް އަގުދުނާމާ އެކަށައަޅާނީ ވީހާ ގިނަ ބައެއްގެ މަޝްވަރާއަށްފަހު ކަމަށެވެ.
ދިވެހި ޤައުމީ ޙަރަކާތުގެ އަޤުދުނާމާގެ ޑްރާފްޓްގެ މުހިންމު ނުކުތާތައް
- ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި، ސައްތައިން ސައްތަ މުސްލިމް ބައެއް ކަމުގައި ވީހިނދު،
- އަމިއްލަ މިނިވަން ދައުލަތެއް ކަމުގައި ވީހިނދު،
- ދިވެހި ދައުލަތް ހެޔޮގޮތުގައި ހިންގުމުގައި، ނަޒާހަތްތެރި، ޒިންމާދާރު އުސޫލުތައް ދަމަހައްޓައި ޢަދުލުވެރި ދައުލަތެއް ކަމުގައި ވުމަށް އެދޭ ހިނދު،
- ދިވެހި ރާއްޖެއަކީ ޒަމާންވީ ފަޚުރުވެރި ތާރީޚަކާއި އަމިއްލަ މިނިވަން ވެރިކަމެއް ކުރަމުން އައި ގައުމެއް ކަމުގައި ވީހިނދު،
- ޒަމާނުއްސުރެ ދިވެހިން ދަމަހައްޓަމުން އައި، ދިވެހިންގެ އަމިއްލަ މިނިވަން ވެރިކަމަށް ބުރޫނާރާނޭ ގޮތެއްގެ މަތީން، ޚާރިޖީ ސިޔާސަތުތަކާއި ދާޚިލީ ސިޔާސަތުތައް ކަނޑައަޅައި، އެކަންކަން ތަންފީޒު ކުރަންޖޭހޭނެ ކަމަށް ގަބޫލުކުރެވޭ ހިނދު،
- އަމިއްލަ ޤާނޫނު އަސާސީއެއް އެކުލަވައިލާ އޭގެ މައްޗަށް އަމަލުކުރެވި، އެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ދަމައިލެވޭ، ދިވެހިރާއްޖޭގެ ސަރަޙައްދު ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި، ގުޅިފައިވާ ސަރަޙައްދުތަކަކީ ދިވެހި ގައުމުގެ މިލްކެއްކަމުގައި ވީހިނދު،
- ދިވެހި ކޮންމެ ރައްޔިތަކީ އަމިއްލަ މާދަރީ ބަހެއްކަމުގައިވާ ދިވެހިބަހާއި އެ ބަހަށް ލިބިގެންވާ ޚާއްޞަ ސިފަތައް ދަމަހައްޓަމުން އައި ރައްޔިތެއްކަމުގައި ވީހިނދު،
- ދިވެހި ކޮންމެ ރައްޔިތަކީ ޒަމާނުއްސުރެ، އަމިއްލަ މަސައްކަތްތެރިކަމާއި ދިވެހިންގެ އަމިއްލަ ސަގާފަތަކާއި ގަބޫލުކުރާ ހަމަތަކަކާއި އުސޫލުތަކަކާއި އިޖުތިމާޢީ އަމިއްލަ އަޚްލާޤީ ރީތި ސިފަތަކެއް ދަމަހައްޓަމުން އައި ރައްޔިތެއް ކަމުގައި ވީހިނދު،
"އިސްވެ ބަޔާން ކުރަނިވި ކަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށާއި އަދި އެކަންކަން ކުރާން ކަނޑައަޅާ ފަރާތްތަކުން އެކަންކަން ކުރޭތޯ ކަށަވަރު ކުރުމަށާއި އެ ކަންކަން ކުރުމަށް ކަނޑައަޅާ ފަރާތަކީ ތިމާ ކަމުގައި ވެއްޖެ ހިނދެއްގައި، އަމާނާތްތެރި ކަމާއި އިޚުލާޞްތެރި ކަމާއި ނަޒާހަތްތެރިކަމާއެކު އެކަންކަން ތަންފީޒުކޮށް ދެމެހެއްޓުމަށާއި އެކަންކަމަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށާއި އަދި އެ ފަދަ ކަމެއް ކުރާކަމަށް އެއްވެސް މީހެއްގެ ފަރާތުން ފެންނަ ނަމަ، ތިމާއަށް ހުއްޓުވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ހުއްޓުވުމަށް އަޤުދުވަމުއެވެ."

މިރޭގެ ބައްދަލުވުމުގައި ޝުޖާއުގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު އާއި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާހަކަ ދެއްކެވިއެވެ.



advertisment
2 Responses
ދެން ކިހިނެއްބާ ވާންވީ
Mi qauma heyo edhi emeehunnaa baiverive musthaqbal rangalhu kuran nukunnanvee