Support Us

ލެނިންގެ ރަން ބުދުގެ ވެރިމީހާގެ ވާހަކަ: ސިޔާސީ އިންތިހާޒީންގެ ވާހަކައިގެ މިސާލެއް

ސޯވިއޭޓު ޔުނިޔަންގެ ދުވަސްވަރު، ޔަހޫދީއަކު ރޫސީވިލާތުން އިޒުރޭލަށް ހިޖުރަކުރަން ނިންމިއެވެ. މޮސްކޯގެ ވައިގެ ބަނދަރުން އޭނާގެ ދަބަސްތައް ފާސްކުރިއެވެ. އަދި، ފާސްކުރި އޮފިސަރަށް ރަނުން ހަދާފައިވާ ލެނިންގެ ބުދެއް ފެނިގެން ސުއާލުކުރިއެވެ. "މިއީ ކޮން އެއްޗެއް ހެއްޔެވެ؟" ޖަވާބުގައި ބުދުގެ ވެރިޔާ ބުންޏެވެ. "މަނިކުފާނެވެ! މަނިކުފާނުގެ ސުއާލުކުރެއްވުން ރަނގަޅެއް ނޫނެވެ. މިއީ އެއްޗެއް ނޫނެވެ. މިއީ ސޯވިއެޓު ޔުނިއެންގެ ބާނީއެވެ. ސޯވިއެޓް ޔުނިއަން ގާއިމުކޮށް ރޫސިންނަށް ފާގަތިކަމާއި މަތިވެރިކަން ގެނެސްދިން ވަރުގަދަ ޒައީމެވެ. އެ ޒައީމުގެ ބުދު އަޅުގަނޑު މިގެންދަނީ މި މަތިވަރި ޒައީމުގެ ހަނދާން އާކޮށް ދިރުވުމުގެ ގޮތުންނެވެ. އެހެންވީމާ މަނިކުފާނު ވިދާޅުވާން ޖެހޭނީ 'މިއީ ކޮން ބޭފުޅެއް ހެއްޔެވެ؟ މިއީ ކޮން އެއްޗެއްހޭ ނޫނެވެ." ކޮންމެއަކަސް ބުދުގެ ވެރިޔާގެ ޖަވާބާ މެދު އޮފިސަރު ހިތްހަމަޖެހި އޭނާ ދިޔުމުގެ އިޒުނަ ދިނެވެ.

ބުދުގެ ވެރިޔާ އިޒުރޭލުގެ ޓެލްއަވީވެ އެއަރޕޯޓަށް ދެވުމުން، ހަމަ އެއްކަލަ ސުވާލު އިޒުރޭލުގެ ކަސްޓަމުގެ އޮފިސަރު ކުރިއެވެ. "މިއީ ކޮން އެއްޗެއް ހެއްޔެވެ؟" ޖަވާބުގައި ބުދުގެ ވެރިޔާ ބުންޏެވެ. "މަނިކުފާނުގެ ސުއާލުކުރެއްވުން ގޯހެވެ. މިއީ ނުލަފާ ޖައްބާރު ވެރިޔެކެވެ. އަދި އޭނާގެ އަނިޔާވެރިކަމާ ހުރެ، އަހަރެންގެ އުފަން ބިން ކަމުގައިވާ ރޫސީވިލާތުގައި އުޅެން ނުކުޅެދި އެތަން ދޫކޮށްލަން މަޖުބޫރު ކުރުވި މީހާއެވެ. އެހެންވެ، އޭނާގެ ނުލަފާ ޖައްބާރުކަން ހަނދާންކުރުމުގެ ގޮތުން އޭނާގެ ބުދެއް ހިފައިގެން އައީމެވެ. އޭނާގެ ބުދަށް އަބަދުމެ ލައުނަތްދީ ބަދުބަސް ބުނުމަށްޓަކައެވެ. އެހެންވެ، މަނިކުފާނުގެ ސުވާލު އޮންނަން ޖެހޭނީ "މީ ކާކު ހެއްޔެވެ؟' މިހެންނެވެ". ކޮންމެއަކަސް ކަސްޓަމުގެ އޮފިސަރުވެސް ހިތްހަމަޖެހި، ބުދުގެ ވެރިޔާ ދޫކޮށްލިއެވެ.

ދެން، ބުދުގެ ވެރިޔާ އޭނާ އުޅެން ހަމަޖެހިފައި އޮތް ގެއަށް ދެވުމުން، އެ ގެއަށް ވަދެ އުޅޭ މީހުންނަށް ފެންނަހެން ބުދު ބެހެއްޓިއެވެ. އެއް ދުވަހަކު ގެއަށް އައި ބުދުގެ ވެރިޔާގެ ތިމާގެ ކުއްޖަކު، ބުދު ދައްކާފައި އޭނާ ކުރެން އެއްސެވެ. "ބޭބޭއެވެ. މިއީ ކޮން ބޭފުޅެއް ހެއްޔެވެ؟" ބުދުގެ ވެރިޔާ ބުންޏެވެ. ކޮއްކޮގެ ސުއާލުކުރުން ގޯހެވެ. މިއީ ދިހަ ވަރަކަށް ކިލޯގެ ރަނެވެ. މި ރަންގަނޑު ރޫސީވިލާތުން ބޭރުކޮށް އަދި މި ރަށަށް ގެނެސްފައިވަނީ އެއްވެސް ޑިޔުޓީއެއް ނުދައްކައެވެ. މީހުން އަހާ ހިތްވާ ގޮތަށް ވާހަކަދައްކައި މުނާފިގު ހެދިގެންނެވެ. އެހެންވެ، ކޮއްކޮގެ ސުއާލުގައި ބުނަން ޖެހޭނީ މިއީ ކޮން އެއްޗެއް ހެއްޔެވެ؟"

އާދެ، މިއީ އިންތިހާޒީ (އޮޕޮޗުނިސްޓުން) ސިޔާސީ ވެރިންގެ ވާހަކަ ހުންނަ ގޮތެވެ. އެމީހުން މުޚާތަބު ކުރާ މީހުން ރުހޭ ގޮތަކަށް އެމީހުންގެ ވާހަކަތައް ދައްކައި މުނާފިގު ހެދެއެވެ. އެމީހުން ތެދުވެރިވަނީ އެމީހުންގެ އަމިއްލަ އެދުންތަކުގެ މައްޗަށެވެ. މިފަދަ އިންތިހާޒީ މުނާފިގު ސިިޔާސީ ވެރިންގެ ވާހަކަތަކަށް އެންމެންވެސް ސަމާލުވެ، އެފަދަ ކެހިވެރި ވާހަކަތަކުގެ ދަލުގައި ނުޖެހިވޭތޯ ބަލަން ޖެހެއެވެ. މި ދުވަސްވަރަކީ މިނަންގަތް ބުދުގެ ވެރިޔާ ފަދަ އިންތިހާޒީ ސިޔާސީވެރިންގެ ވާހަކަ ގިނަދުވަސް ވަރެކެވެ. ނުރަނގަޅު ރަނގަޅަށް ހެދުމަށްޓަކައެވެ. ވޯޓު ހޯދުމަށްޓަކައިވެސް މެއެވެ.