Support Us

ފަންނުވެރިޔަކު ހެދި ބުދެއްގެ ވާހަކަ

ފަންނުވެރިޔަކު ބުދެއް ހެއްޖެވެ. އަދި އެ ބުދަށް 'މަސްއޫލު ވެރިޔާ' އޭ ކިޔައި ނަންދިނެވެ. ދެން ބާޒާރަށް ގޮސް އޭނާ ހެދި ބުދު ވިއްކަން އުޅުނެވެ. އަދި 'އެއް ރުފިޔާއަށް މަސްއޫލުވެރިޔާ' ގަންނާނެއްބާ އޭ ކިޔައި ބާޒާރުގައި އަޑު ހަރުކޮށް ގޮވަމުން ގެންދިޔައެވެ. "އަންނާށެވެ! އަހަރެން އަތުން މަސްއޫލުވެރިޔާ އެއް ރުފިޔާއަށް ގަންނާށެވެ.

މި ފަންނުވެރިޔާގެ އަޑު ސިއްރު ފުލުހުންގެ މީހަކަށް އިވިގެން އައިސް އޭނާކުރެން އެއްސެވެ. މި ބުދު ހެދީ ކަލޭ ހެއްޔެވެ؟ ޖަވާބުގައި އާނއެކޭ ފަންނުވެރިޔާ ބުންޏެވެ. ދެން ބުދެއް ވިއްކާ އަގު ފުލުސް މީހާ އެއްސެވެ. ޖަވާބުގައި އެއްރުފިޔާއަށޭ ފަންނުވެރިޔާ ބުންޏެވެ.

ދެން ފުލުސް މީހާ ބުންޏެވެ. ތިހާ ހެޔޮ އަގެއްގައި ބުދު ވިއްކަނީ ކީއްވެ ހެއްޔެވެ؟ ބުދު ހެދީ ކޮންކޮން އެއްޗިއްސަކުން ހެއްޔެވެ؟

ފަންނާނު ވެރިޔާ ބުންޏެވެ. ފެނާއި ވެއްޔާއި ކުނިބުނިންނެވެ.

ފުލުސް މީހާ ރުޅިއައިސްގެން ފަންނުވެރިޔާ ހިފައި ހައްޔަރުކުރަން އަމުރު ނެރުނެވެ.

އަދި ފަންނުވެރިޔާ ޖަލަށްލައި އަނިޔާކުރެވުނެވެ. އެއަށް ފަހު މަސްއޫލުވެރިންނޭ ކިޔައި ބުދު ނުހެދުމަށް ޝަރުތުކޮށްފައި ދޫކޮށްލެވުނެވެ.

ދެން ދުވަސްކޮޅެއް ފަހުން، ފަންނުވެރިޔާ އަނެއްކާވެސް ބުދެއް ހަދައި ވިއްކަން ފަށައިފިއެވެ. މިފަހަރު ބުދަށް ދިން ނަމަކީ ރައްޔިތު މީހާ މި ނަމެވެ. އަދި ބާޒާރަށް ގޮސް، ރައްޔިތު މީހާ ރުފިޔާއަކަށް ގަންނާނެއްބާއޭ ކިޔައި ގޮވަމުން ދިޔައެވެ.

މާ ގިނައިރުތަކެއް ނުވަނީސް އެއްކަލަ ސިއްރު ފުލުހުންގެ މީހާ އަށް މިތަން ފެނިއްޖެއެވެ. އަދި ފަންނުވެރި ކަލޭގެ ކައިރިއަށް އައިސް ރައްޔިތުމީހާގެ ބުދުގެ އަގަކީ ކޮބައިތޯ އެއްސެވެ. އެންމެ ރުފިޔާއެކޭ ފަންނާނުކަލޭގެ ބުނުމުން، ބުދު ހަދާފައި ވަނީ ކޮން އެއްޗަކުންތޯ އެއްސެވެ.

ޖަވާބުގައި ފަންނާނުކަލޭގެ ބުންޏެވެ. ފެނާއި ވެލިންނެވެ. ދެން ފުލުސް މީހާ ބުންޏެވެ. ކުނިބުނި ނޭޅީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި ފަންނާނުކަލޭގެ ބުންޏެވެ. އޭރުން ބުދުވާނީ މަސްއޫލުވެރިޔަކަށް ނޫން ހެއްޔެވެ؟

(ތަރުޖަމާއެއް)