Support Us

ކޮލަމް: ރަންދެލި

ތަޤްވާވެރި އަދި ފަޤީރު ގަވަރުނަރު

މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު އިބްނު އަލް ޚައްޠާބު رضي الله عنه ގެ ޚިލާފަތުގައި ސީރިއާގެ ޙިމްސުގެ ވަފުދެއް އެކަލޭގެފާނާއި ބައްދަލުކުރެއްވުމަށް މަދީނާއަށް ވަޑައިގަތެވެ. އެހިނދު، ޙިމްސުގެ ރައްޔިތުންގެ ތެރޭގައި ތިބި ފަޤީރުންނާ މިސްކީނުންގެ ލިސްޓެއް ހެއްދެވުމަށް އެންގެވިއެވެ. އެއީ ބައިތުލް މާލުން ފަޤީރުންނާއި މިސްކީނުންނަށް އެލަވަންސް ދެއްވުމަށްޓަކައެވެ.

ޢުމަރު އިބްނު އަލް ޚައްޠާބު رضي الله عنه ގެ އަތްޕުޅަށް އެ ލިސްޓް ލިބިވަޑައިގަތްއިރު، އެ ލިސްޓުގައި ހުރި ނަންތަކުގެ ތެރޭގައި ސަޢީދު ބިން ޢާމިރުގެ ނަން އޮތްވައި ފެނިވަޑައިގެން، ޢުމަރު رضي الله عنه ހައިރާންފުޅުވެ ވަޑައިގެން ސުވާލުކުރެއްވިއެވެ. "މިއީ ކޮން ސަޢީދު ބިން ޢާމިރެއް ހެއްޔެވެ؟"

އެވަފުދުގެ މީހުން ދެންނެވިއެވެ. "އެއީ އަޅުގަނޑުމެންގެ އަމީރު ސަޢީދު ބިން ޢާމިރެވެ."

ޚަލީފާ ޢުމަރު رضي الله عنه ހައިރާންފުޅުވެ ވަޑައިގެން، އެމީހުންނާ ސުވާލު ކުރެއްވިއެވެ. "އޭނައަކީ ފަޤީރެއް ހެއްޔެވެ؟"

އެމީހުން ދެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑުމެންގެ އަމީރު ސަޢީދު ބިން ޢާމިރަށް ލިބިވަޑައިގަންނަވާ މުސާރައިގެ ބޮޑުބައެއް ހޭދަކުރައްވަނީ ފަޤީރުންނާ މިސްކީނުންނަށެވެ. އަދި ގިނަ ދުވަސް ދުވަހު، އެ ގޭގެ ބަދިގޭގައި އަލިފާނެއް ނުލާނެއެވެ. އަދި ވިދާޅުވާނެއެވެ. ﷲ ގެ ކުރިފުޅުމަތީގައި، ރައްޔިތުންގެ މަސްއޫލިއްޔަތު ތިމަންނައާ ޙަވާލުކުރެވިފައިވާއިރު ތިމަން ކުރާނީ ކީއްހެއްޔެވެ؟"

އެހިނދު، އެ ވަފުދާއި ޙަވާލުކުރައްވާ އެއްހާސް ދީނާރު، ގަވަރުނަރު ސަޢީދު ބިން ޢާމިރަށް ފޮނުއްވިއެވެ. ސަޢީދު ބިން ޢާމިރަށް އެ ދީނާރުތައް ލިބިވަޑައިގަތުމުން، އެ ދީނާރުތައް ދުރަށް ޖައްސަވާލައްވައި ވިދާޅުވިއެވެ. " إنّا للّه وإنًا إليه راجعون."

އެހިނދު އަނބިކަލުންނަށް އެ އަޑު އިވިވަޑައިގެން ނުކުމެވަޑައިގެން ވިދާޅުވިއެވެ. "ކިހިނެއްވީތޯއެވެ؟ ޚަލީފާ އަވަހާރަވީތޯއެވެ؟" އާމިރު ވިދާޅުވިއެވެ. "ނޫނެކެވެ. އެއަށްވުރެވެސް ބޮޑުކަމެއް ކުރިމަތިވީއެވެ." އަނެއްކާވެސް އަނބިކަނބަލުން އެއްސެވިއެވެ. "ހަނގުރާމައަކުން މުސްލިމުންގެ ބަލިވީ ހެއްޔެވެ؟" އާމިރު ވިދާޅުވިއެވެ. "ނޫނެކެވެ. އެއަށްވުރެވެސް ބޮޑުކަމެއް ކުރިމަތިވީއެވެ. ދުނިޔެ އަހުރެންގެ މައްޗަށް ހުށަހެޅި، އަހުރެންގެ އާޚިރަތް ފަސާދަކޮށް އަހުރެންގެ ގޭތެރެ ފިތުނަވެރި ކޮށްފިއެވެ." ކޮންކަމެއްކަން އެނގިވަޑައިނުގެން އަނބިކަނބަލުން ވިދާޅުވިއެވެ. "އެހެންވެއްޖެއްޔާ އަވަހަށް އެކަމަކުން ސަލާމަތްވާށެވެ."

ޢާމިރު ވިދާޅުވިއެވެ. "މިކަމުން ސަލާމަތްވާން އަހުރެންނަށް އެހީތެރިވާނަން ހެއްޔެވެ؟"

އަނބިކަނބަލުން އެކަމަށް އެއްބަސްވެ ވަޑައިގަތުމުން، ޢާމިރު އެ ދީނާރުތައް ނަންގަވާ، ޢާއިލާގެ ބޭނުންތަކަށް އެންމެ ދީނާރެއްވެސް ނުބާއްވަވާ، ވަގުތުން ހުރިހާ ދީނާރެއް ފަޤީރުންނާ މިސްކީނުންނަށް ބައްސަވާ ލެއްވިއެވެ.

އަދި އެއްފަހަރަކު، ޙިމްސުގެ ރައްޔިތުންގެ ޙާލު ބެއްލެވުމަށް ޢުމަރު رضي الله عنه ޙިމުސަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެމީހުންނަށް ދެންނެވިއެވެ. "ގަވަރުނަރު ސަޢީދު ބިން ޢާމިރުއާ ދެކޮޅަށް ތިޔަބައިމީހުންގެ އެއްވެސް ޝަކުވާއެއް އެބައޮތް ހެއްޔެވެ؟"

އެބައިމީހުން ދެންނެވިއެވެ. "އާދޭހެވެ. އަޅުގަނޑުމެންގެ ތިން ޝަކުވާއެއް އެބައޮތެވެ. ހެނދުނުގެ ޟުޙާ ވަގުތުގެ ފަހުން ނޫނީ އަހުރެމެންގެ ތެރެއަށް އޭނާ ނުކުމެވަޑައެއް ނުގަންނަވައެވެ. އަދި ރޭގަނޑު އެއްގޮތަކަށްވެސް އަޅުގަނޑުމެން އޭނާއެއް ނުދެކެމެވެ. އަދި ކޮންމެ ހަފްތާއަކު އެއްދުވަހު އޭނާ، އަހުރެމެންގެ ތެރެއަށް ނުކުމެވަޑައެއް ނުގަންނަވައެވެ."

އެހިނދު، ޙިމްސުގެ ރައްޔިތުންގެ އެ ޝަކުވާތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ގަވަރުނަރު ސަޢީދު ބިން ޢާމިރުގެ އަރިހުން، ޢުމަރު رضي الله عنه އެދިވަޑައިގަތެވެ.

ސަޢީދު ބިން ޢާމިރު ދެންނެވިއެވެ. "އޭ މުއުމިނުންގެ އަމީރެވެ. އެމީހުން އެ ދެންނެވީ ތެދެވެ. އެކަމުގެ ސަބަބުތައް އަޅުގަނޑު މި ދަންނަވަނީއެވެ. ފުރަތަމަ، ކޮންމެ ދުވަހަކު ޟުޙާ ވަގުތުގެ ފަހުން މީސްތަކުންގެ ތެރެއަށް އަޅުގަނޑު ނުކުންނަނީ، އަޅުގަނޑުގެ ޢާއިލާގެ ހެނދުނުގެ ނާސްތާގެ ކަންކަން ހަމަޖެއްސުމުގައި އަނބިމީހާއަށް އެހީތެރިވެ އަދި އެމީހުންނަށް ޚިދުމަތް ކުރުމުގައި އުޅެން ޖެހުމުގެ ސަބަބުންނެވެ. އަދި އަޅުގަނޑުގެ އަނބިމީހާއަކީ ބަލި މީހެކެވެ. އަޅުގަނޑުމެންގެ ގޭގައި ނޯކަރު ނުގެންގުޅެމެވެ. އަދި އެމީހުންނަށް ރޭނގަޑު އަޅުގަނޑު ނުފެންނަނީ، ދުވާލުގެ ވަގުތުތައް އަޅުގަނޑު ހޭދަކުރަނީ ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި އެމީހުންގެ ބޭނުންތައް ފުއްދައިދީ އެމީހުންނަށް ޚިދުމަތް ކުރުމުގައެވެ. އެއަށްފަހު، ރޭގަނޑު އަޅުގަނޑު ހޭދަކުރަނީ ﷲ އަށް އަޅުކަން ކުރުމުގައެވެ. ހަފްތާއަކު އެއް ދުވަހު އެމީހުންގެ ތެރެއަށް އަޅުގަނޑު ނުނުކުންނަނީ އެ ދުވަހަކީ އަޅުގަނޑުގެ މި ހެދުން ދޮވެ ހިއްކާ ދުވަސްކަމަށް ވެފައި، އަޅުގަނޑުގެ އަތުގައި ލާނެ އެހެން ހެދުމެއް ނޯންނާތީއެވެ."

ސަޢީދު ބިން ޢާމިރު އެހެން ދެންނެވުމުން ޚަލީފާ ޢުމަރު އިބްނު އަލް ޚައްޠާބު رضي الله عنه ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ. އަދި އެއްހާސް ދީނާރު ސަޢީދު ބިން ޢާމިރަށް ފޮނުއްވިއެވެ.

އެފަހަރު ދީނާރުތައް ލިބިވަޑައިގަތުމުން އަނބިކަނބަލުން ވިދާޅުވިއެވެ. " ﷲ އަށް ޙަމްދު ހުއްޓެވެ. ކަލޭގެފާނުގެ މަޤާމުގެ ސަބަބުން އަހުރެމެން މުއްސަދި ކުރައްވައިފިއެވެ. މި ފައިސާއަށް ގެއަށް ބޭނުންވާ ކާބޯތަކެއްޗާއި އެހެނިހެން ސާމާނު ހޯއްދަވަންވީ ނޫންތޯއެވެ؟"

ޢާމިރު ވިދާޅުވިއެވެ. "މި ފައިސާ ހޭދަކުރާނެ ތިއަށްވުރެ ރަނގަޅު ގޮތެއް ނެތް ހެއްޔެވެ؟ ﷲ ގެ މަގުގައި މިފައިސާ ހޭދަކުރަމާ ހިނގާށެވެ." އެއަށްފަހު އެ ދީނާރުތައް ހުވަފަތްވެފައި ތިބި އަންހެނުންނާއި، ޔަތީމުންނާއި ފަޤީރުންނަށް ބައްސަވާ ލެއްވިއެވެ.

ބުނެވޭގޮތުގައި، ސަޢީދު ބިން ޢާމިރު ޙިމްސުގެ ގަވަރުނަރަކަށް ހުންނެވިއިރު، އެކަލޭގެފާނުގެ މަޤާމުގެ ހައިސިއްޔަތަށް ނުބައްލަވާ، ޚިޔާރު ކުރެއްވީ ވަރަށްވެސް ފަޤީރު އަދި ތަވާޟުޢުވެރި ދިރިއުޅުއްވުމެކެވެ. މިއީ އަޅުގަނޑުމެންގެ ޞަލަފުއްޞާލިޙުންގެ ތަޤުވާވެރިކަމާއި، ތަވާޟުޢުވެރިކަމާއިި، އެބޭކަލުންގެ ސާދާ ދިރިއުޅުއްވުމާއި، އަދި ރައްޔިތުންގެ ޙައްޤުތަކަށް އެބޭކަލުން ރައްކާތެރިވެ ވަޑައިގެންނެވި މިންވަރެވެ.

ސަޢީދު ބިން ޢާމިރު އަވަހާރަވީ ޙިޖުރައިން 20 ވަނަ އަހަރު ސީރިއާގެ ޙިމްސުގައެވެ. އޭރު އެކަލޭގެފާނުގެ ޢުުމުރުފުޅުންވީ ސާޅީސް އަހަރުފުޅެވެ. އަދި ފަސްދާނު ލެވިފައިވަނީވެސް ޙިމްސުގައެވެ. މާތް ﷲ ސަޢީދު ބިން ޢާމިރުގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ. އާމީން.