Support Us

ޒުވާނުން މިޔުޒިކް އަޑުއަހާލައި މަޖާކުރާ މަރުކަޒެއް ޤާއިމުކުރުމާ ބެހޭ ގަރާރާ ދެކޮޅަށް އިލްމުވެރިން ތެދުވެެއްޖެ

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި މަޖާކުރާ މަރުކަޒެއް ޤާއިމު ކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އެމް.ޑީ.ޕީން ހުށަހަޅައިފައިވާ ގަރާރާ ދެކޮޅަށް ރާއްޖޭގެ ބައެއް އިލްމުވެރިން ތެދުވެެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، "މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް" ސަރުކާރަށް ގޮވާލައި މި މަހުގެ އަށް ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި، ބަހުސްކޮށްފައިވާ ޤަރާރާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަރާތުން މަޝްހޫރު ފަސް ދީނީ ޢިލްމުވެރިއަކު ސޮއި ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް މިއަދު ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ އެއީ "ދީނާ ޚިލާފަށް ދާ ކަންކަން ހަމަ މަގަށް އެޅުވުމަށް ޢިލްމުވެރިންގެ ކޮނޑުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއާއި ވާޖިބު އަދާކުރުމުގެ ގޮތުންނާއި، މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަން މަނާ ނުކޮށް ތިބެއްޖެ ނަމަ އެންމެންގެ މައްޗަށް ޢާންމުވެގެންވާ ގޮތުގައި ފޮނުއްވަފާނެ ކަމަށް ﷲ ތަޢާލާ އިންޒާރު ދެއްވާފައިވާ ފަދަ ކޯފާއަކުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށް އެކަމުގައި އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ގޮތުން ތިޔަ ޢިއްޒަތްތެރި މަޖްލީހުގެ މެންބަރުންނަށް ހަނދުމަފުޅުކޮށް އެރުވުމަށް ދަންނަވާ ދެންނެވުމެއް" ކަމަށެވެ.

"އިސްލާމް ދީނުގައި ޝަރުޢު ކުރައްވާފައިވާ އިމުން ބޭރުން، މުނިފޫހިފިލުވުމުގެ ނަމުގައި، މި ލޮބުވެތި އިސްލާމީ ފަސްގަނޑުގައި ފާޙިޝް ކަންކަން އިތުރަށް ފެތުރި، ބޮޑެތި މުންކަރާތްތަކާއި ފަސާދަތައް އެކަމުގެ ސަބަބުން ޢާންމުވެ ދެމިގެންދާނެ ފަދަ ގޮތަކަށް ހިލޭ އަންހުންނާއި ފިރިހެނުން މަސްހުނިވެ، މުރޫއަތްތެރިކަމުގެ ފޭރާން ވީދިގެންދާނޭ ފަދަ ކަންކަމަށް ތިޔަ ޢިއްޒަތްތެރި މަޖްލީހުގައި ވަކާލާތު ކުރެވި، ތާޢީދުކުރެވެން އެއްވެސް މިންވަރަކަށް ޖާގަދެވުމަކީ، މާތް ﷲގެ ދަރުބާރުގައި ކުށްވެރިވެ އެހުރިހާ ކަމެއްގެ ހިތި ނަތީޖާގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަންކަން ކަމުގައިވާތީ އެކަލާނގެއަށް ބިރުވެތިވެ ތަޤްވާވެރިވުމަށް، ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމަށްޓަކައި ދިވެހި ރައްޔިތުން ޢައްޔަނުކޮށްފައިވާ އެންމެހާ މަންދޫބުންނަށް ވަޞިއްޔަތް ކުރަމެވެ. އަދި ބަޔާން ކުރެވުނު ފަދަ މާޙައުލަކަށް މަގުފަހިވާ އެއްވެސް ކަމަކީ މިއިސްލާމީ އުންމަތުގެ އިހާއި ފަހުގެ އެއްވެސް ޢިލްމުވެރިއެއް ކުޑަވެސް ޚިލާފެއް ނެތް ފަދައިން ހުއްދަ ނޫން ކަމަށް އިއްތިފާޤުވެފައިވާ ކަންކަން ކަމުގައި ބަޔާންކުރަމެވެ." މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޢިޔާޟް އަބްދުލްލަތީފާއި އައްޝައިޚް ޢަލީ ޒާހިރާއި އައްޝައިޚް ޢަބްދުﷲ މުޙައްމަދާއި އައްޝައިޚް ނިމާލް މުޙައްމަދާއި އައްޝައިޚް އިބްރާހީމް ފަރީދު ސޮއިކުރައްވާފައިވާ އެ ސިޓީގައި ވިދާޅުވެފައިވެއެވެ. "މިއީ ހަނދުމަށް ކޮށްދިނުމަށާއި، ދީނާ ޚިލާފަށް ދާ ކަންކަން ހަމަ މަގަށް އެޅުވުމަށް ޢިލްމުވެރިންގެ ކޮނޑުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއާއި ވާޖިބު އަދާކުރުމުގެ ގޮތުންނާއި، މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަން މަނާ ނުކޮށް ތިބެއްޖެ ނަމަ އެންމެންގެ މައްޗަށް ޢާންމުވެގެންވާ ގޮތުގައި ފޮނުއްވަފާނެ ކަމަށް ﷲ ތަޢާލާ އިންޒާރު ދެއްވާފައިވާ ފަދަ ކޯފާއަކުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށް އެކަމުގައި އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގެ ގޮތުން ތިޔަ ޢިއްޒަތްތެރި މަޖްލީހުގެ މެންބަރުންނަށް ހަނދުމަފުޅުކޮށް އެރުވުމަށް ދަންނަވާ ދެންނެވުމެކެވެ."

ރައްޔިތުންގެ މަޖުލީހުގެ ހުރިހައި މެންބަރުންނަށާއި ރައްޔިތުންގެ މަޖްލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ކޮޕީކޮށް ފޮނުއްވާފައިވާ ދެ ސަފުހާގެ އެ ސިޓީގައި އަދިވެސް ވެއެވެ.

"މުސްލިމު އުންމަތެއްގެ ކަންކަން ހިންގާނެ ގޮތްތައް ކަނޑައެޅުމުގެ މަސްއޫލިއްޔަތާއި ޒިންމާއާ ހަވާލުވެ ހުންނަވާ ކޮންމެ ފަރާތަކީ، އެބައެއްގެ ތެރޭގައި ދީނީ އުޞޫލުތައް ހިފަހައްޓައި އިސްލާމް ދީން ނެގެހެއްޓޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ބައްޓަންކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ ފަރާތެކެވެ. އެކަމަށްޓަކައި މުސްލިމުންނަށް ނިސްބަތްވާ ކޮންމެ ތަނަކާއި ތަކެއްޗެއް ޙިމާޔަތްކޮށް ރައްކާތެރިކޮށް މިނިވަންކަން ދެމިއޮންނާނެ ގޮތަށް ދެމެހެއްޓުމާއި، އެބައެއްގެ ތެރޭގައި އޭގެ އަޞްލު ނުގެއްލި ރައްކާރެތިކަމާއެކު ދެމިއޮންނާނެގޮތަށް ކަންކަން ރާވަންޖެހެއެވެ. އެހުރިހައި ކަމަކަށް ބަސްބުނުމުގެ ބާރު މާތް ﷲ ގެ ޙަޟްރަތުން ދެއްވައި، އެ ޒިންމާތަކަކާ ޙަވާލުކުރައްވައި އިމްތިޙާނު ކުރިމަތި ކުރައްވާފައިވާ ފަރާތްތަކުގެ ގޮތުގައި މިއަދު މި ދިވެހި ފަސްގަނޑުގައި ތިއްބެވި އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

"ކަން މިހެން އޮތް ނަމަވެސް، މަޖްލިސް ތެރޭގައި ކަންހިނގާ ގޮތާއި ދެކެވޭ ވާހަކަތަކުގައި އިސްލާމް ދީނާއި ރާއްޖޭގެ ޤާނޫނު އަސާސީއާ ވެސް ޚިލާފުވާ މަގުން ބައެއް ފަހަރު ކަންކަން ހިނގައިދާކަމީ ފެނި ފާހަގަވާ ކަމެކެވެ. އެގޮތުން، މިފަހުން ރައްޔިތުންގެ މަޖްލީހުގެ ތަޅުމަށް ހުށައެޅިގެން ދިޔަ "މާލޭގައި ޒުވާނުންނަށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ޤާއިމު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރު އަކީ އެފަދައިން ފާހަގަވާ ކަންތައްތަކެއް އޭގައި ހިމެނިފައިވާ، އަދި އެފަދަ ރޫޙެއް އެކުލެވިގެން އެއާ މެދުގައި ތަޅުމުގައި ވާހަކަ ދެކެވިގެން ދިޔަ ޤަރާރެއް ކަމުގައި ކަންބޮޑުވުމާއެކު ދަންނަވަން ޖެހެއެވެ."

އެ ސިޓީގައި ޒުވާނުންގެ މުސްތަގުބަލް ބިނާކުރަންޖެހޭ ގޮތާ ބެހޭގޮތުން ވެސް އަލިއަޅުވާލައްވައިފައި ވެއެވެ.

"ފަހެ، އިސްލާމީ އުޞޫލުތަކާއި މުޖުތަމަޢުގެ އަޚްލާޤިއްޔަތު ފުނޑުފުނޑުވެ، ޤައުމުގެ ޒުވާނުންނަކީ ހަރުދަނާ ވިސްނުމެއްނެތި މުނިފޫހިފިލުވުމުގެ ނަމުގައި މަޖަލުގެ ތެރޭގައި ޚިޔާލެއް ފިކުރެއް ނެތި ވިއްސިވިހާލި ވެގެންދާ ކުނިބުނިތަކެއް ފަދަ ބައެއް ކަމުގައި ވެގެންދިއުމަކީ ޤައުމަށް ހެވެއް އެދޭ އެއްވެސް ފަރާތަކުން ބޭނުންވާނެ ގޮތެއްނޫނެވެ. އެހެނީ، ޤައުމެއްގެ ކުރިމަގު ބިނާވެފައި އޮންނާނީ އެ ޤައުމެއްގެ ޒުވާންޖީލުގެ ހަރުދަނާކަމާއި އެމީހުންގެ އަތްމައްޗަށް އުފަންވާ މުސްތަޤްބަލުގެ ޖީލުތައް ތަރުބިއްޔަތު ވެގެންދާ ގޮތެއްގެ މައްޗަށެވެ. އެކަންކަން ބޮއްސުންލައިފި ނަމަ އެ ޤައުމެއްގެ ކުރިމަގުގެ އުޖާލާކަން ގެއްލި ހަލާކުގެ ތެރެއަށް އެބަޔަކު ވެއްޓިގެން ދާނެކަން ހަމަބުއްދި ހުރި ކޮންމެ މީހަކަށްވެސް ކަށަވަރު ވާނެއެވެ.

"އެހެންކަމުން، ﷲ ތަޢާލާ ތިޔަ ޢިއްޒަތްތެރި މަޖްލީހުގެ މެންބަރުންނާ މިއަދު ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ބާރުވެރި ކުރެއްވުމުން، ދުނިޔެ އިޞްލާޙުކުރާ ހެޔޮލަފާ އަދި ހެޔޮ ވިސްނޭ މީހުން ޢަމަލުކުރާނެ ގޮތް ކަމަށް އެކަލާނގެ އަންގަވާފައިވާ މަގު ޚިޔާރުކުރެއްވުމަށް ވަޞިއްޔަތް ކުރަމެވެ."

މި ސިޓީއާ ބެހޭ ގޮތުން މަޖިލިހުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *