ހުޅުމާލެ ސެންޓްރަލް ޕާކުގައި އަލަށް ތަރައްޤީ ކުރި ރެކްރިއޭޝަނަލް ޒޯނާއި އިންޓެރެކްޓިވް ޒޯން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހަވީރު ބޭއްވުނު ރަސްމިއްޔާތުގައި މި ސަރަހައްދުތައް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް. ޖަޔަޝަންކަރެވެ.

މީގެ އިތުރުން ހުޅުމާލެ ޖެޓީ ސަރަހައްދުގައި މަރާމާތުކޮށްފައިވާ ޖެޓީވެސް މިއަދު ވަނީ އިފުތިތާޙްކޮށްދެއްވައިފައެވެ.
ސެންޓްރަލް ޕާކްގެ މިއަދު ހުޅުވާލެވުނު ދެ ސަރަޙައްދުގެ މަސައްކަތަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މިގޮތުން މި ދެ ޒޯންގެ ތެރޭގައި މިއަދު ހުޅުވާލެވުނު ރެކްރިއޭޝަނަލް ޒޯން އަދި އިންޓެރެކްޓިވް ޒޯންގައި ހިމެނެނީ ސްކޭޓިން އޭރިއާ، އައުޓްޑޯ ޖިމް، ވިއުއިންގ ޕްލެޓްފޯމް، ކުޑަކުދިން ކުޅޭ ސަރަހައްދެއް އަދި ޕާކިންގ ޒޯން އާއި ބައިސިކަލް ދުއްވުމަށް ޙާއްޞަ ރޫޓެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަކީ ހުޅުމާލެ ތަރައްޤީ ކުރުމުގެ ވަރަށް މުހިއްމު ޕްރޮޖެކްޓެއް ކަމުގައި ފާހަގަކުރައްވައި އިންޑިއާ ސަރުކާރަށާއި އެމްބަސީން ވެދިން އެހީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. އަދި މިގޮތަށް އާއްމުނަށް ހުޅުވާލެވޭ ސަރަޙައްދުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.



advertisment