Support Us

ކޮލަމް: ރަންދެލި

މިޞްރުގެ އަލް މުޤައުޤިސްގެ ނަސްލީ ތަޢައްސުބާއި ޢުބާދާ އިބްނު އަލް ޘާބިތު

ޢުބާދާ އިބްނު އަލް ޘާބިތު رضي الله عنه އުފަންވެ ވަޑައިގަތީ ހިޖުރައިގެ 38 އަހަރު ކުރިން، މަދީނާގައެވެ. ޢުބާދާއަކީ އިސްކޮޅުން ދިގު، ހަށިކޮޅާއި ރޫފަ ރަނގަޅު، ބާރުގަދަ އަދި ވަރަށް ކަޅު ބޭކަލެކެވެ. ޢުބާދާއަކީ ޚަޒުރަޖުވަންހައިގެ ބޮނޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ކީރިތި ރަސޫލާ صلّي الله عليه وسلّم ސުވަރުގެ ވަޑައިގަތުމަށްފަހު، އިސްލާމީ ޚިލާފަތުގެ ފުރަތަމަ ތިން ޚަލީފާއިންގެ ދައުރުގައިވެސް އިސްލާމީ ދައުލަތަށް ޚިދުމަތް ކުރެއްވިއެވެ.

ޢުބާދާ އެންމެ ފުރަތަމަ ބައިވެރިވެ ވަޑައިގެންނެވި ހަނގުރާމައަކީ ބަދުރު ހަނގުރާމައެވެ. ޢުބާދާގެ ޙަޔާތްޕުޅުގައި ޖުމްލަ 18 ހަނގުރާމައެއްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. އެންމެފަހުން ބައިވެރިވެ ވަޑައިގެންނެވި ހަނގުރާމައަކީ މުސްލިމުންގެ ތިންވަނަ ޚަލީފާ عثمان بن عفّان رضي الله عنه ގެ ޚިލާފަތުގައި، ދެވަނަ ފަހަރަށް ސައިޕްރަސް ފަތަޙަ ކުރެއްވި ހަނގުރާމައިގައެވެ. މި ހަނގުރާމައިގައި އިސްލާމީ ލަޝްކަރުގެ އެންމެ ކާމިޔާބު ކޮމާންޑަރަކީވެސް ޢުބާދާއެވެ. ޢުމަރު رضي الله عنه ގެ ޚަލީފާކަމުގެ ފަހުކޮޅު، ފަލަސްޠީނުގެ ޤާޟީއެއްގެ މަޤާމަށް އައްޔަން ކުރެއްވުމުން އެ މަޤާމުގައި އަވަހާރަވަންދެން ހުންނެވިއެވެ.

ޢުބާދާއަކީ ކީރިތި ރަސޫލާ صلّي الله عليه وسلّم ގެ ވަރަށް އަރިސް ޞަޙާބީއެކެވެ. ޢުބާދާއަކީ ވަރަށް ގިނަ ޙަދީސްތައް ރިވާކުރެއްވި ރާވީއެކެވެ. އިބްނު ޙަޖަރު ބަޔާންކުރައްވާ ގޮތުގައި، މަދުވެގެން ސަތޭކަ އަށްޑިހަ އެއް ޙަދީސް، ޢުބާދާ ރިވާކުރައްވާފައި ވެއެވެ. މި ޙަދީސްތައް ވެފައިވަނީ ގިނަ ކަންތައްތަކެއްގެ ފިޤުޙީ އަސާސް ކަމުގައެވެ.

މުޙައްމަދު އިބްނި ކަޢުބު ބަޔާންކުރައްވާ ގޮތުގައި، ރަސޫލާ صلّي الله عليه وسلّم ގެ ޙަޔާތްޕުޅުގައި ކީރިތި ޤުރުއާން ލިޔުއްވުމުގައި، މުޢާޛް އިބްނި ޖަބަލު، ޢަލީ އިބްނި ކަޢުބު، އަބޫ އައްޔޫބު އަލް އަންސާރީ، އަދި އަބޫ އައްދަރުދާއުލް އަންސާރީއާއެކު ޢުބާދާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އެންމެ ބޭކަލުންނަށް ﷲ ރަޙުމަތް ލައްވާށިއެވެ. އާމީން.

ދުވަސްވަރަކީ މުސްލިމުން މިސްރު ފަތަޙަކުރުމަށް ހަނގުރާމަ ކުރަމުން ދިޔަ ދުވަސްވަރެވެ. އެ ދުވަސްވަރު މިޞްރާއި ސީރިއާ އޮތީ ބައިޒެންޓައިންގެ ބާރުގެ ދަށުގައެވެ. މުސްލިމުންގެ ލަޝްކަރު ދަތުރު ކުރަމުންދިޔައީ، ބައިޒަންޓައިންގެ އެންމެ ބާރުގަދަ އެއް ކިއްލާ ކަމަށްވާ، ބާބިލުގެ ކިއްލާ ޙިޞާރު ކުރުމަށެވެ. އެ ޚަބަރު ބައިޒަންޓައިންގެ ފަރާތުން މިސްރުގެ އިސްކަންދަރިއްޔާގައި ވެރިޔަކަށް ހުންނެވި ސައިރަސްއަށް ލިބިވަޑައިގަތެވެ. މުސްލިމުން އޭނާގެ ނަމަކަށް ކިއުއްވަނީ އަލް މުޤައުޤިސްއެވެ. މުސްލިމުން ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ބެއްލެވުމަށް އަލް މުޤައުޤިސް ވަފުދެއް ފޮނުއްވިއެވެ. އަދި އޭނާއާއި ބައްދަލު ކުރެއްވުމަށް މުސްލިމުންގެ ވަފުދެއް ފޮނުއްވައި ދެއްވުމަށް އެދޭކަމަށްވެސް އެންގެވިއެވެ. އެހެންކަމުން މުސްލިމުންގެ ލަޝްކަރުގެ ވެރިޔަކަށް ހުންނެވި ޢަމުރު ބިން އަލްޢާޞް رضي الله عنه، ދިހަ ބޭކަލުންގެ ވަފުދެއް އެކުލަވާލެއްވިއެވެ. އެ ވަފުދުގެ ވެރިޔަކަށް އައްޔަން ކުރެއްވީ ޢުބާދާ އިބްނު އަލް ޘާބިތު رضي الله عنه އެވެ. އަދި އަލް މުޤައުޤިސްއާއި ވާހަކަފުޅު ދެއްކެވުމުގެ ހުއްދަ ދެއްވީވެސް ހަމައެކަނި ޢުބާދާ އިބްނު އަލް ޘާބިތު رضي الله عنه އަށެވެ.

އެ ވަފުދު، އަލް މުޤައުޤިސްއާއި ބައްދަލުވުމުން ޢުބާދާ އިބްނު އަލް ޘާބިތު رضي الله عنه  ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އެވަގުތު، އަލް މުޤައުޤިސް، ޢުބާދާ އިބްނު އަލް ޘާބިތު رضي الله عنه ގެ ބޭރުފުށުގެ ކުލައަށް ހަމައެކަނި ބައްލަވާ ލައްވާފައި ވަފުދުގެ އެހެން ބޭކަލުންނަށް ވިދާޅުވިއެވެ. "މިހިރަ ކަޅުމީހާ އަހުރެންގެ ކުރިމަތިން ދުރަށް ގެންދާށެވެ. އަދި ތިޔަ ބޭކަލުންގެ ތެރެއިން އެހެން މީހަކު އަހުރެންނާއި ވާހަކަ ދައްކާށެވެ!"

އެވަގުތު އެ ވަފުދުގެ ބޭކަލުން އެއް އަޑަކުން އަލް މުޤައުޤިސްއަށް ދެންނެވިއެވެ. "އެއީ އަހުރެމެންގެ ތެރޭގައި ހުރި އެންމެ ޢިލްމުވެރި، އެންމެ ޙިކުމަތްތެރި، އެންމެ ޢަދުލުވެރި، އެންމެ ދުރުވިސްނޭ އަދި ހުރިހާ ގޮތަކުން އެންމެ މަތިވެރި މީހާއެވެ. އަދި އެއީ މި ވަފުދުގެ ވެރިޔާއެވެ. އަދި އަހުރެމެން ލަފަޔާއި އިރުޝާދު ހޯދަނީވެސް އޭނާގެ ކިބައިންނެވެ. މީގެ އިތުރުން އަހުރެމެންގެ ލަޝްކަރުގެ ވެރިޔާވަނީ، އޭނައަށް ޚާއްޞަ އިރުޝާދުތަކަކާއި އިމްތިޔާޒުތަކެއް ދެއްވާފައެވެ. އަދި އޭނާއާއި އެއްވެސްކަމެއްގައި ދެކޮޅު ނުހެދުމަށް އަހުރެމެންނަށް ވަނީ އަމުރު ކުރައްވާފައެވެ."

އެބޭކަލުން އެހެން ދެންނެވުމުން އަލް މުޤައުޤިސް އެ ވަފުދުގެ ބޭކަލުންނަށް ވިދާޅުވިއެވެ. "އޭނާ، ތިޔަބޭކަލުންގެ ވެރިޔަކަށް ވުމަށް ތިޔަބޭކަލުން ރުހުނީ ކޮންފަދައަކުން ހެއްޔެވެ؟ ފެންނަފެނުމަށް ބަލާއިރު، އޭނާ ވާންޖެހޭނީ ތިޔަބޭކަލުންގެ ދަށުން މަސައްކަތްކުރާ މީހަކަށް ނޫންހެއްޔެވެ؟"

އަލް މުޤައުޤިސް އެހެން ވިދާޅުވުމުން އެވަދުގެ ބޭކަލުން ދެންނެވިއެވެ. "މަނިކުފާނަށް، އޭނާ ކަޅު މީހެއްގެ ގޮތުގައި ފެނުނުކަމުގައިވިޔަސް، އޭނާއަކީ އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ ޢިލްމުވެރި، އެންމެ ޙިކުމަތްތެރި، އެންމެ ޢަދުލުވެރި، އެންމެ ޝަރަފްވެރި އެންމެ ރަނގަޅުމީހާއެވެ. އަޅުގަނޑުމެން ބަލަނީ މީހާގެ ކުލައަކަށް ނޫނެވެ."

އެ ވަފުދުގެ ބޭކަލުން އެހެން ދެންނެވުމުން، އަލް މުޤައުޤިސް، ޢުބާދާއަށް ވިދާޅުވިއެވެ. "ކަޅުމީހާއެވެ. ކުރިއަށް އަންނާށެވެ! އަދި މަޑުމައިތިރި ކަމާއެކު އަހުރެންނާ ވާހަކަ ދައްކާށެވެ! އެހެނީ ކަލޭގެ ކުލަ ދެކެ އަހުރެން ބިރު ގަނެއެވެ. އަދި ކަލޭ ހަރުކަށިކޮށް ވާހަކަ ދައްކައިފިނަމަ، އަހުރެން ގެންފައިވާ ބިރު އިތުރަށް ބޮޑުވާނެއެވެ."

ޢުބާދާ އިބްނު އަލް ޘާބިތު رضي الله عنه އަށް، އަލް މުޤައުޤިސް ބިރުފުޅުގެންފައިވާ މިންވަރު އެނގިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ލަޝްކަރުގައި އަޅުގަނޑަށްވުރެ ކަޅު، އެއްހާސް އަސްވާރުން އެބަތިއްބެވެ. އެ މީހުން، އަޅުގަނޑަށްވުރެ ބާރުގަދަވެފައި މާ ނުރައްކާތެރި ވާނެއެވެ. އަޅުގަނޑު މިވަނީ އެމީހުންގެ ވެރިޔަކަށް އައްޔަން ކޮށްފައެވެ. އަދި އަޅުގަނޑުގެ ޒުވާން ޢުމުރު މިވަނީ ފަހަނައަޅާ ގޮސްފައެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އެނގި ވަޑައިގަންނަވާތޯއެވެ؟ މަނިކުފާނުގެ ލަޝްކަރުގެ ސަތޭކަ ފަހުލަވާނުންނާއި އަޅުގަނޑު އެކަނި މާއެކަނި ހަނގުރާމަ ކޮށްފާނަމެވެ. އަދި އަޅުގަނޑުގެ ދަށުގައިވާ އެއްހާސް އަސްވާރުންވެސް ހަމައެފަދައިން ހަނގުރާމަ ކުރާނެއެވެ."

އެއަށްފަހު، މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ ޢަމްރު ބިން އަލްޢާޞް رضي الله عنه އިރުޝާދު ދެއްވާފައިވާ ގޮތުގެމަތިން ތިން ޝަރުޠެއް އަލް މުޤައުޤިސްއަށް ހުށަހެޅުއްވިއެވެ. އެއީ އިސްލާމްދީން ޤަބޫލުކުރުމާއި، ޖިޒްޔަ ދައްކައިގެން ތިބުމާއި ނުވަތަ ހަނގުރާމަ ކުރުމެވެ.

އެ ޝަރުޠުތައް ޤަބޫލުނުކޮށް އެމީހުން ހަނގުރާމަ ކުރުމުން، މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރެއް ކަމަށްވާ الزبير بن العوام އެ ކިއްލާގެ ފާރުމަތިން ފުންމާލައިގެން ދޮރޯށިތައް ހުޅުވާ، މުސްލިމުންގެ ލަޝްކަރު ކިއްލާގެ ތެރެއަށް ވަދެ، ހަނގުރާމަކޮށް ބައިޒަންޓައިންގެ ލަޝްކަރު ބަލިކޮށް، އެ ކިއްލާ ފަތަޙަ ކުރިއެވެ.

އެއަށްފަހު، ޢަމްރު ބިން އަލްޢާޞް رضي الله عنه، ޢުބާދާއަށް ފީލްޑް ކޮމާންޑަރުކަން ޙަވާލުކޮށް، ލަޝްކަރަކާއެކު މިސްރުގެ އިސްކަންދަރިއްޔާ ފަތަޙަ ކުރުމަށް ފޮނުއްވިއެވެ. ޢުބާދާ އެ ލަޝްކަރާއެކު ވަޑައިގެން ހަމަ އެ ދުވަހު އިސްކަންދަރިއްޔާއަށް ޙަމަލާ ދެއްވައި އެ ރަށް ފަތަޙަ ކުރެއްވިއެވެ.

ޢުބާދާ އިބްނި އަލް ޘާބިތު رضي الله عنه އަވަހާރަވީ، ޙިޖުރައިން 34 ވަނައަހަރު ފަލަސްޠީނުގައެވެ. އޭރު ޢުމުރުފުޅުންވީ 72 އަހަރުފުޅެވެ. ފަސްދާނު ލެވިފައިވަނީ މަސްޖިދުލް އަޤްޞާގައެވެ. މާތް ﷲ، ޢުބާދާ އިބްނި އަލް ޘާބިތު رضي الله عنه ގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށި. އާމީން.