Support Us

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ އާއި އެހެނިހެން އޮފިޝަލުން  -ފޮޓޯ: ސްޓެލްކޯ

ކޮންމެ މަހަކުވެސް އެއް ޢަދަދަކުން ކަރަންޓް ބިލް ދެއްކޭނެ "ލުއިފަސޭހަ ޕްލޭނެއް" ތައާރަފުކޮށްފި

ކޮންމެ މަހަކުވެސް އެއް ޢަދަދަކުން ކަރަންޓް ބިލް ދެއްކޭނެ "ލުއިފަސޭހަ ޕްލޭނެއް" ސްޓެލްކޯ އިން މިއަދު ތައާރަފުކޮށްފިއެވެ.

ސްޓެލްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ "އީކުއަލް ޕޭމަންޓް ޕްލޭން" އަކީ ފާއިތުވީ ދެ އަހަރުގެ ކަސްޓަމަރުންގެ ވާހަކަތަކަށް ބަލައި، ކަރަންޓު ބިލަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތެއް ހަދައިދިނުމުގެ ބޭނުމުގައި ތައާރަފުކުރި ޕްލޭނެއް ކަމަށެވެ. މިގޮތުން ގޭބިސީތަކުން ކަރަންޓު ބޭނުން ކުރެވޭ ނިސްބަތުގެ އެވްރެޖަށް ބަލައި، ކޮންމެ މަހަކުވެސް އެއް ޢަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް މި ޕްލޭނުގައި ބައިވެރިވާ ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާނެ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓާ މެދު ކަސްޓަމަރުންގެ ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އަހަރުގެ ވަކި މަސްތަކެއްގައި ކަރަންޓް ބިލް ބޮޑުވުމާއި އެކި މަހު އެކި ވަރަށް ބިލަށް ފައިސާ ދައްކަން ޖެހުމާއި ބޭނުންވެއްޖެ ހިނދެއްގައި ދިގު މުއްދަތަކަށް ފައިސާ ދެއްކޭނެ ފުރުޞަތު ނެތުން ހިމެނޭ ކަމަށެވެ.

"އީކުއަލް ޕޭމަންޓް ޕްލޭން"ގައި ބައިވެރި ވެވޭނީ ކަރަންޓުގެ މަސްއޫލު ވެރިފަރާތަށް ނުވަތަ އިމާރާތް ކުއްޔަށް ހިފައިފައިވާ ފަރާތަށެވެ. ނަމަވެސް އިމާރާތް ކުއްޔަށް ހިފައިފައިވާ ފަރާތަށް ބައިވެރިވެވޭނީ ކަރަންޓް މަސްއޫލު ވެރިފަރާތުގެ ޢިއުތިރާޒެއް ނެތްކަމުގެ ސިޓީއެއް ހުށަހެޅުމުންނެވެ.

"އީކުއަލް ޕޭމަންޓް ޕްލޭން"ގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ހުށަހަޅއި، "އީކުއަލް ޕޭމަންޓް އެގްރީމަންޓް" ހަދަންްޖެހެއެވެ. އަދި އެ ފަރާތަކީ ވޭތުވެދިޔަ ހުރިހާ މަހެއްގެ ބިލަކަށް ފައިސާ ދައްކާފައިވާ ފަރާތަކަށް ވެސް ވާންޖެހެއެވެ.

ކަރަންޓު ބިލަށް މަހުންމަހަށް ދައްކަންޖެހޭ ޢަދަދު ކަނޑައެޅުމަށްޓަކައި، ބޭނުން ކުރަމުންދާ ކަރަންޓެއް ނަމަ، ފާއިތުވި 12 މަސްދުވަހު ކަރަންޓް ބޭނުންކޮށްފައިވާ މިންވަރުގެ އެވްރެޖް ޔޫސޭޖަށް ބަލާނެ އެވެ. އަލަށް ބޭނުން ކުރާ ކަރަންޓެއް ނަމަ، އެތަނެއްގެ ކުޑަ ބޮޑުމިނާއި، ބޭނުންކުރާ ތަކެތީގެ ލޯޑާއި އަދި ކަރަންޓް ބޭނުންކޮށްފައިވާ މިންވަރުގެ އެވެރަޖަށް ބަލާނެއެވެ.

"އީކުއަލް ޕޭމަންޓް ޕްލޭން"ގެ ސަބަބުން ކަސްޓަމަރަށް ލިބޭނެ މަންފާތަކުގެ ތެރޭގައި، ކަރަންޓު ބިލް ބޮޑުވާ  މަސްމަހުގައި މަދު ޢަދަދަކުން ފައިސާ ދެއްކޭނެ ގޮތެއް ހަމަޖެހިގެންދިއުމާއި އަހަރުގެ ތެރޭގައި ކަރަންޓު ބިލް ދެއްކުމުގެ ބަޖެޓިން ޕްލޭނަކަށް މަގުފަހިކޮށްދިނުން ހިމެނެ އެވެ. އަދި "އީކުއަލް ޕޭމަންޓް ޕްލޭނު"ގައި ދައްކަން އެއްބަސްވާ ޢަދަދުގެ ފަސް އިންސައްތަ އަށްވާ ޢަދަދުން "ފެއަރ ޔޫސޭޖު"ގެ ގޮތުގައި ކަނޑައެޅުމާއި ހުރިހާ މަހެއްގައި ވެސް އެއް އަދަދަކުން ބިލަށް ފައިސާ ދެއްކުން ހިމެނެއެވެ.

"އީކުއަލް ޕޭމަންޓް ޕްލޭން"ގެ ދަށުން ކަސްޓަމަރު ކޮންމެ މަހަކުވެސް ބޭނުންކުރާ ކަރަންޓް ހަ މަސްދުވަހުގެ މުއްދަތަށްފަހު ރިވިއުކުރެވޭނެ އެވެ. މިގޮތުން ރިވިއުކުރާއިރު ވޭތުވެދިޔަ މަސްތަކުގައި "އީކުއަލް ޕޭމަންޓް"ގެ އިތުރުވި އަދަދު ނުވަތަ މަދުވި އަދަދު ރިވިއުކުރާއިރު އެއްކޮށް ނުވަތަ ބަހާލައިގެން ދެއްކުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން ކުންފުނިން ނުވަތަ ކަސްޓަމަރު ބޭނުންވެއްޖެނަމަ ވެސް މި ޕްލޭން ރިވިއުކުރެވޭނެ އެވެ. އަދި
ބިލަށްއަރާ ޢަދަދު "އީކުއަލް ޕޭމަންޓް"ގައި ދައްކަން އެއްބަސްވެފައިވާ ޢަދަދަށްވުރެ 100 އިންސައްތަ ކުޑަ ނުވަތަ ބޮޑުވެއްޖެނަމަ ވެސް ސްޓެލްކޯގެ ފަރާތުން މި ޕްލޭން ރިވިއުކުރެވޭނެއެވެ.

"އީކުއަލް ޕޭމަންޓް ޕްލޭން"ގެ އެއްބަސްވުން އާކުރެވޭނީ ފާއިތުވި މަސްތަކުގައި އެތަނަކަށް ހަދާފައިވާ ހުރިހާ ބިލަކަށް ޤަވާއިދުން ފައިސާ ދައްކާފައިވާނަމައެވެ. އަދި "އީކުއަލް ޕޭމަންޓް ޕްލޭން"ގެ އެއްބަސްވުން ހެދުމަށްފަހު، ސްޓެލްކޯ ނުވަތަ ކަސްޓަމަރު ބޭނުންވެއްޖެ ހިނދެއްގައި 30 ދުވަހުގެ ނޯޓިސްއެއް ލިޔުމަކުން ދިނުމަށްފަހު އެއްބަސްވުން އުވާލެވިދާނެ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.