Support Us

ކޮލަމް: ރަންދެލި

އުސްމާނީ ޚިލާފަތުގެ އެންމެފަހުގެ މުފްތީ ޝެއިޚުލް އިސްލާމް މުސްޠަފާ ޞަބްރީ

ޝެއިޚު މުސްޠަފާ ޞަބްރީއަކީ، އުސްމާނީ ޚިލާފަތުގެ އެންމެފަހުގެ މުފްތީއެވެ. އަދި ދެ ފަހަރެއްގެ މަތިން ޝެއިޚުލް އިސްލާމްގެ މަޤާމު ލިބިވަޑައި ގެންނެވިއެވެ. އޭނާ އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 1869 އަހަރު އަނަޓޯލިއާގައެވެ. އެއީ މިހާރުގެ ތުރުކީގެ ބައެކެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ، އެދުވަސްވަރު ތިއްބެވި ޢިލްމުވެރިންގެ ތެރެއިންވެސް އެންމެ އަރާހުންނެވި އެއްބޭފުޅެއް ކަމުގައެވެ.

ޝެއިޚުލް އިސްލާމް މުޞްޠަފާ ޞަބްރީގެ މުޅި ޙަޔާތްޕުޅު ހޭދަކުރެއްވީ ޢިލްމު ފެތުރުއްވުމާއި، އިސްލާމްދީނަށް ގޮވާލެއްވުމާއި އަނިޔާއާއި ދެކޮޅަށް ޙައްޤުބަސް ވިދާޅުވުމުގައެވެ. އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ، މުސްޠަފާ ކަމާލް އަތާތުރުކުގެ ނޭޝަލިސްޓް ޕާޓީއާ ދެކޮޅަށް ފާޅުގައި ނުކުމެވަޑައިގެން ދީނީގޮތުން ދެއްވަންޖެހި ވަޑައިގަންނެވި ރައުޔުތައް ދެއްވި ހިތްވަރުގަދަ މުޖާހިދެއްގެ ގޮތުގައެވެ. މުސްޠަފާ ކަމާލް އަތާތުރުކާއި ފާޅުގައި ދެކޮޅުހެއްދެވުމުގެ ސަބަބުން، އޭނާގެ ޙަޔާތްޕުޅުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވީ އަމިއްލަފުޅަށް އަރުވާލެއްވިގެން ތަފާތު ޤައުމުތަކުގައެވެ.

އެގޮތުން، 1913 ވަނަ އަހަރު ޖަނަވަރީމަހު ގެނެވުނު ބަޣާވާތާއި ގުޅިގެން، ފިއްލަވައިގެން މިޞްރަށް ވަޑައިގަތެވެ. އެއަށްފަހު، މިޞްރުން ރޮމޭނިޔާއަށް ވަޑައިގެން އެތަނުގައި އުޅުއްވިއެވެ. އާމްދަނީ ހޯއްދެވުމަށްޓަކައި، ރޮމޭނިޔާގެ ސްކޫލެއްގައި ތުރުކީބަސް ކިޔަވައި ދެއްވިއެވެ. ދުވަސްކޮޅެއްވީތަނާ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ތުރުކީ ސިފައިން، ރޮމޭނިއާ ހިފުމަށްފަހު، ޝެއިޚް މުސްޠަފާ ޞަބްރީ ހައްޔަރުކޮށް އަނބުރާ ތުރުކީއަށް ފޮނުވާލެއްވުނެވެ. އަދި ޖަލުގައި ބަންދުކުރުމަށްފަހު، ދުވަސްކޮޅަކުން ތުރުކީގެ ބަރުސާ ޕްރޮވިންސަށް އަރުވާލެއްވިއެވެ. އެއަށްފަހު، ފުރަތަމަ ބޮޑު ހަނގުރާމަ ނިމި، މިނިވަންވެ ވަޑައިގަތުމުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތެވެ. އަދި ތުރުކީގެ އިސްލާމިކް ޔުނިވަރސިޓީއާ ގުޅިވަޑައިގަތެވެ.

މީލާދީން 1919 ވަނައަހަރު، ފުރަތަމަ ފަހަރަށް، ދަމާދު ފަރީދު ޕާޝާގެ ކެބިނެޓުން، ޝެއިޚުލް އިސްލާމްގެ މަޤާމަށް މުސްޠަފާ ޞަބްރީ އައްޔަން ކުރެއްވުމުން އެފަހަރު މަޤާމުން އިސްތިޢުފާ ދެއްވިއެވެ. އެހެންނަމަވެސް، ދަމާދު ފަރީދު ޕާޝާ "ޕެރިހުގެ ސުލްޙައިގެ ކޮންފަރެންސަށް" ވަޑައިގަތުމުން ވަގުތީގޮތުން ބޮޑުވަޒީރުގެ މަޤާމާއި ޙަވާލުވެ ވަޑައިގެންނެވިއެވެ. އެއަށްފަހު، ދަމާދު ފަރީދު ޕާޝާގެ ކެބިނެޓް އުވާލުމުން، ސެނެޓްގެ މެމްބަރަކަށް އައްޔަން ކުރެއްވުނެވެ. އަދި ސޮސައިޓީ އޮފް އިސްލާމިކް ސްކޯލަރސްގެ ފުރަތަމަ ރައީސަކަށް ހޮވިވަޑައިގެން އެ މަޤާމުގައިވެސް ހުންނެވިއެވެ.

އަދި މީލާދީން 1920 ވަނައަހަރު، ދަމާދު ފަރީދު ޕާޝާގެ ދެވަނަ ކެބިނެޓުން، އަނެއްކާވެސް ޝެއިޚުލް އިސްލާމްގެ މަޤާމަށް މުޞްޠަފާ ޞަބްރީ އައްޔަން ކުރެއްވުމުން އެ މަޤާމުގައި ދެމިހުންނެވިއެވެ.

އެއަށްފަހު، މީލާދީން 1922 ވަނައަހަރު މުސްޠަފާ ކަމާލް އަތާތުރުކުގެ ނޭޝަނަލިސްޓް ޙަރަކާތުން، އެމީހުންނާ ޚިޔާލު ތަފާތުވާ 150 މީހުން ހިފާ ހައްޔަރުކުރުމަށް ރާވާފައިވާކަމާއި އަދި އޭގެތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާކަން އެނގިވަޑައިގަތުމުން ދެވަނަ ފަހަރަށް ރޮމޭނިއާއަށް ވަޑައިގަތެވެ. އަދި ރޮމޭނިއާގައި ހުންނަވައިގެން "ކަމާލިއްޔަ" ފިކުރާއި ދެކޮޅަށް "މާދަމާ" ގެ ނަމުގައި ނޫހެއް ނެރުއްވަން ފެއްޓެވިއެވެ.

ޝެއިޚުލް އިސްލާމް މުޞްޠަފާ ޞަބްރީ ލިޔުއްވާފައިވާ ގޮތުގައި މުސްޠަފާ ކަމާލް އަތާތުރުކުއާއި، އޭނަގެ ނެޝެނަލިސްޓް ޕާޓީގެ މެމްބަރުންނަކީ ފާސިދުންނެވެ. އަދި މާ ވަޠަނީ ބައެއްކަމަށް ހެދިގެން އުޅޭ، ތުރުކީގެ ޒުވާނުންނާއި އަދި އަތާތުރުކުގެ ނެޝެނަލިސްޓް ޕާޓީގެ މެމްބަރުންނަކީ އިނގިރޭސީންނާއި ގުޅިގެން، އިސްލާމްދީނާއި އަދި އިސްލާމީ ޚިލާފަތު ނެއްތައިލުމަށްޓަކައި، ރޭވިގެން މަސައްކަތްކުރާ ބައެކެވެ. އަދި މުޞްޠަފާ ކަމާލް އަތާތުރުކުއަކީ މުސްލިމެއްގެ ނަމުގައި ފޮރުވިގެން އުޅޭ ޔަހޫދީއެކެވެ.

އެންމެފަހުން، ރޮމޭނިއާގައިވެސް ރައްކާތެރިކަމެއް ނެތްކަން އެނގިވަޑައިގަތުމުން ރޮމޭނިއާ ދޫކުރައްވާ، ގްރީސް ވަޑައިގެން އެތަނުގައި ހުންނަވައިގެން އަތާތުރުކުއާއި ދެކޮޅަށް ވަރަށް ވަރުގަދައަށް ލިޔުއްވަން ފެއްޓެވިއެވެ. ގްރީސްގައިވެސް މާގިނަ ދުވަހަކު ހުންނެވޭނެ ގޮތެއް ނުވިއެވެ. އެހެންކަމުން ގްރީސް ދޫކުރައްވައި ޙިޖާޒަށް ވަޑައިގެން ދުވަސްކޮޅަކު މައްކާގައި ހުންނެވުމަށްފަހު، މީލާދީން 1930 ވަނައަހަރު މިޞްރަށް ވަޑައިގެން އެތަނުގައި އަވަހާރަވަންދެން ހުންނެވިއެވެ. އަދި ޢިލްމީ މަސައްކަތްޕުޅާއި ސިޔާސީ މަސައްކަތްޕުޅު ކުރިއަށް ގެންދެވިއެވެ.

ޝެއިޚުލް އިސްލާމް މުޞްޠަފާ ޞަބްރީ، މިސްރުގައި ހޭދަކުރެއްވީ ވަރަށްވެސް ހިތްދަތި ދިރިއުޅުއްވުމެކެވެ. އެގޮތުން ފަޤީރުކަމާއި ބަނޑުހައި ހޫނުކަމުގައި ދުވަސްތައް ހޭދަކުރެއްވިއެވެ. އެހެނެއްކަމަކު، އޭނާއަށް ކުރިމަތިވެ ވަޑައިގެންނެވި ފަޤީރުކަމާއި އަދި ދާއިމީ ބަނޑުހައި ހޫނުކަމުގައިވެސް، އޭނާގެ އީމާންކަމާއި، އަދި މަޤާމުގެ ވާޖިބުތަކާމެދު ކުޑަކޮށްވެސް ފަހަތަށް ޖެހިވަޑައެއް ނުގަންނަވައެވެ. އޭނާ ތުރުކީއިން ގަދަކަމުން ބޭރުކޮށްލެއްވުމުން ކުރިމަތިވެ ވަޑައިގެންނެވި ހިތްދަތި، ފަޤީރު ޙާލުކޮޅާއިއެކުވެސް ވިދާޅުވެފައިވަނީ މިހެންނެވެ.

"އަނިޔާވެރި ވެރީންނަށް ތާއީދުކުރާ މީހަކަށްވެ ހުރުމަށްވުރެ، މި ހިތްދަތި ޙާލުވެސް އަހުރެންނަށް މާ ރަނގަޅެވެ."

އެދުވަސްވަރަކީ، އިންޑިއާ އިސްތިޢުމާރުކޮށްގެން ތިބި އިނގިރޭސި ބާރުތަކާ ދެކޮޅަށް، މޯހަންދާސް ކަރަމްޗަންދު ގާނދީ، މަޝްހޫރު ނަމުންނަމަ، "މަހާތުމާ ގާނދީ" ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަމުންދިޔަ ދުވަސްވަރެވެ. މަހާތުމާ ގާނދީގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލަށް މުޅިދުނިޔޭގެ ސަމާލުކަމުގެ އިތުރުން، މުސްލިމުންގެ ޚަބަރުފަތުރާ ވަސީލަތްތަކުގެ ސަމާލުކަންވެސް އެވަރަށް ލިބިގެން ގޮސްފައިވެއެވެ. މިކަންކަން އަމިއްލަފުޅަށް ދެކެވަޑައިގެން ޝެއިޚުލް އިސްލާމް މުސްޠަފާ ޞަބްރީ ވިދާޅުވެފައިވެއެވެ.

"ގާނދީ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށަން ގަަސްދުކުރިއެވެ. އެހިނދު، މުޅި ދުނިޔެ އޭގެ މަހައްލުން ހެލިގެންފިއެވެ. އެކަމަކު އުސްމާނީ ޚިލާފަތުގެ ޝެއިޚުލް އިސްލާމާއި އޭނާގެ ޢާއިލާ ބަނޑުހައި ހޫނުކަމުގައި އުޅޭތާ އެތައް އަހަރެއް ވީއިރުވެސް އިސްލާމީ އުއްމަތަކަށް އެކަމެއް ނޭނގެއެވެ. އުސްމާނީ ޚިލާފަތު ނިކަމެތި ވެފައިވާ މިންވަރީ، އެ ޚިލާފަތުގެ ޝެއިޚުލް އިސްލާމް ބަނޑުފުރާނަ މުއްތިކުރުމަށްޓަކާ، އެތައް މަހެއް ވަންދެން ހިކި ބަދަން ކާން ޖެހިފައިވާއިރު، އެކަން ދެނެހުރި އެއްވެސް މީހަކު ނެތެވެ."

އެކަމާއި ގުޅިގެން ވަރަށް އަސަރުގަދަ ޅެމެއް ޝެއިޚުލް އިސްލާމް މުސްޠަފާ ޞަބްރީ ލިއުއްވާފައިވެއެވެ. އެ ޅެމުގައި، އޭނާގެ ޙާލަތާއި، ފަރިއްކުޅުއްވާނެ އެއްޗެއް ނެތިގެން ރޯދައަށް ހުންނެވި ހުންނެވުމުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައިވެއެވެ. އޭގެ އިތުރުން އޭނާގެ ބަނޑުހައި ހޫނުކަމާއި އަދި މަހާތުމާ ގާނދީގެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލާއި އަޅުއްވާ ކިޔުއްވާފައިވެއެވެ.

"އެއްކަމެއް ފިޔަވައި، މި ދެ ރޯދައިގެ ދެމެދުގައި، އަންތަރީސްވާވަރުގެ ތަފާތުތައް އެބަހުއްޓެވެ. އެ ތަފާތުތައް އެއްވެސް ޝައްކެތްނެތި އަހުރެން އޮޅުންފިލުވައިދޭނަމެވެ."

"އޭނަ ރޯދައަށް ހުންނަނީ އޭނާގެ އަތުގައި ކާބޯތަކެތި ހުރެމެއެވެ. އެކަމަކު އަހުރެން ރޯދައަށް ހުންނަނީ އަހުރެންގެ އަތުގައި ކާނެ އެއްވެސް އެއްޗެއް ނެތިގެންނެވެ. ދަތުރުވެރިއެއް ފަދައިން މިސްރަށް އައިއްސުރެ އަހުރެންގެ ޙާލަކީ މިއީއެވެ."

"އެންމެން ދައްކަނީ އޭނާގެ ރޯދައިގެ ވާހަކައެވެ. އަހުރެން ރޯދައަށް ހުރިކަން އެނގެނީ އަހުރެންނަށް އެކަންޏެވެ. އަހުރެން ރޯދައަށް ހުންނަނީ އިސްލާމް ދީނަށްޓަކައެވެ."

ޝެއިޚުލް އިސްލާމް މުސްޠަފާ ޞަބްރީ އަވަހާރަވީ، 12 މާރިޗް 1954 ގައި މިސްރުގެ ޤާހިރާގައެވެ. އަދި ފަސްދާނު ލެވިފައިވަނީވެސް މިސްރުގެ ޤާހިރާގައެވެ. މާތް ﷲ، ޝައިޚުލް އިސްލާމް މުސްޠަފާ ޞަބްރީގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އަދި އިސްލާމްދީން ނެއްތައިލުމަށް މަސައްކަތްކުރާ ސިހުޔޫނީ އޭޖެންޓުންގެ ނުރައްކާތެރި ރޭވުންތަކުން، އިސްލާމްދީނާއި އިސްލާމީ އުއްމަތް ސަލާމަތްކުރައްވާށި. އާމީން.