މާލޭ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހޮވަން ތާއީދުކުރައްވާ ކަމަށް އެމް.ޑީ.ޕީ މެމްބަރެއްގެ ގޮތުގައި ކުރީގެ ރައްޔިތުންގެ މަޖިލިސްގައި އިންނެވި ރުކުމާ އަހުމަދު އަބްދުލްކަރީމު ވިދާޅުވެއްޖެއެވެ.
ރުކުމާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ކުރީ ސަރުކާރުން ދީފައިވާ ޕޮއިންޓް، މަޤްބޫލު އުޒުރެއް ނުދެއްކި މި ސަރުކާރުން މަދުކޮށްފައިވާތީ އެކަމާ ހިތްހަމަނުޖެހޭ ފަރާތްތަކުން މިއަދު ކުރި އިހުތިޖާޖުގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތުމަކީ "މާލޭ ރައްޔިތުން އެކަނި ދޫނުކޮށްލާނެ ކަމުގެ އަލިގަދަ ހެއްކެއް" ކަމަށެވެ.
Shukuriyya Rukuma https://t.co/U86DhBn5vV
— Dr Mohamed Muizzu (@MMuizzu) February 12, 2021
ރުކުމާގެ މި ޓްވީޓަށް ޑރ. މުއިއްޒު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި، ޑރ. މުއިއްޒު އިސްކޮށް ހުންނަވައި ފެއްޓެވި ހިޔާ މަޝްރޫއަށް ކުރިމަތިލި 25،000 އަށް ވުރެން ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލެއްވި ފްލެޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު މިދިޔަ ހަފުތާގައި ވަނީ ނެރެފައެވެ. އާ ލިސްޓު ނެރުނުއިރު، ފްލެޓް ލިބޭނެކަމުގެ ލިއުން ކުރިން ލިބިފައިވާ އެތައް ބަޔަކު ވަނީ އުނިކޮށްފައެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުގެ އަދަދަކީ 7،000 ކަމަށް ކުރީގެ ސަރުކާރުން ކަނޑައަޅައިފައި ވިޔަސް މި ސަރުކާރުން ވަނީ އެ އަދަދު 6،720 އަށް މަދުކޮށްފައެވެ. އެއީ ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކާއި ވިޔަފާރި އަށް ފްލެޓްތަކުގެ ގްރައުންޑް ފްލޯ ޚާއްސަކުރުމުންނެވެ.
އިދިކޮޅު ޕީ.ޕީ.އެމުން ބޭއްވި މިއަދުގެ އިހުތިޖާޖުގައި، ފްލެޓް އަތުލި ފަރާތްތަކަށް އަލުން ފްލެޓް ދިނުމަށް ވަނީ ގޮވާލައިފައެވެ.



advertisment