Support Us

ކޮލަމް: ރަންދެލި

އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި އިމާމް އަލް އަޥްޒާޢީގެ ހިތްވަރުފުޅު

ޢަބުދުﷲ ބިން ޢަލީ ޢައްބާސީ ދިމިޝްޤު ފަތަޙަކުރުމަށްފަހު އެންމެ ގަޑިއިރެއްގެ ތެރޭގައި އެއްވެސް ޙައްޤަކާނުލައި އެތައް ބައެއްގެ ލޭ އޮހޮރުވާލިއެވެ. ޢަބްދުﷲ ބިން ޢަލީ ޢައްބާސީއަކީ، ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ ކާފަ ދަރިކަލެކެވެ. އަދި ޢައްބާސީ ޚިލާފަތުގެ ފުރަތަމަ ދެ ޚަލީފާއިންކަމުގައިވާ އަބޫ ޢަބްދު ﷲ އައްސައްފާޙު އާއި އަބޫ ޖަޢުފަރު އަލްމަންޞޫރުގެ އަޚެކެވެ.

އެދުވަހު ދިމިޝްޤު ފަތަޙަ ކުރުމަށްފަހު، އުމަވީ ޚިލާފަތުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ސަވާރުވެ އިން އަހާއެކު ވަދެ އޭނާގެ ވަޒީރުންނާއެކު މަޖިލިސްކުރިއެވެ. އަދި ފަޚުރުވެރިކަމާއެކު ސުވާލުކުރިއެވެ. "އަހަރެންނާ ކުރިމަތިލައި މުޤާބަލާކުރަން ކެރޭނެ އެއްވެސް މީހަކު މިހާރު އެބަހުރިހެއްޔެވެ؟" ޖަވާބު ލިބުނެވެ. "ނޫނެކެވެ!" އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ. "ތިމަންގެ މައްޗަށް އިޢުތިރާޟުކުރުމުގެ ހިތްވަރު ހުރި މީހަކު ހުރިކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟" ވަޒީރުން ޖަވާބުދިނެވެ. "ނޫނެކެވެ. އެކަމަކު ޖަވާބު ދިނުމުގެ ހިތްވަރު ކުރަންކެރޭނެނަމަ، އެމީހަކީ އިމާމް އަލް އަޥްޒާޢީ رحمه الله އެވެ." ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ވިދާޅުވިއެވެ. "ތިމަންގެ ކައިރިއަށް އަޥްޒާޢީ ގެންނާށެވެ!"

އަމުރުލިބުމާއެކު ސިފައިން އިމާމް އަލް އަޥްޒާޢީ رحمه الله ގެ އަރިހަށް ދިޔައެވެ. އިމާމް އަލް އަޥްޒާޢީ رحمه الله އަކީ ވަރަށް ބޮޑު މުޙައްދިޘެކެވެ. ޙަދީޘް ޢިލްމުގައި މުއުމިނުންގެ އަމީރެވެ. ޒާހިދު އަޅުވެރިއެކެވެ. ބުޚާރީއާ މުސްލިމްގެ ރާވީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ސިފައިން ފެނުމުންވެސް އިމާމް އަލް އަވްޒާޢީ رحمه الله އެއްވެސް ޙަރަކާތެއްނުކޮށް އިންނެވިއެވެ. ސިފައިން ދެންނެވިއެވެ. "ޢަބްދުﷲ ބިން ޢަލީ ޢައްބާސީގެ ދަރުބާރަށް ކަލޭގެފާނު ވަޑައިގަންނަވަންވީއެވެ." އިމާމް އަލް އަޥްޒާޢީ رحمه الله ވިދާޅުވިއެވެ. "ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!" (ސޫރަތު އާލަ އިމްރާން 173 ވަނަ އާޔަތް).

އަދި ސިފައިންނަށް ވިދާޅުވިއެވެ. "ކަލޭމެން ކުޑަ އިރުކޮޅަކަށް އަހުރެންނަށް އިންތިޒާރުކުރާށެވެ." ދެން އެތެރެއަށް ވަދެވަޑައިގެން ނާނޭފުޅުފިއްލަވައި ކަފުންކޮޅު ތުރުކުރެއްވިއެވެ. މަރަށްޓަކައި އަމިއްލަ ނަފްސު ތައްޔާރުކުރެއްވިއެވެ. ދެން އަމިއްލަ ނަފްސަށް މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އޭ އަޥްޒާޢީއެވެ! ޙައްޤުބަސް ބުނަންވީ ވަގުތު އަތުވެއްޖެއެވެ. މަލާމާތްކުރާ މީހެއްގެ މާލާމާތަށް ތިބާ ފަހަރެއްގައިވެސް ޖެހިލުންވެ ބިރު ނުގަންނަ ހުށިކަމެވެ."

ޚުދް އިމާމް އަލް އަޥްޒާޢީ رحمه الله މިވާހަކަ ބަޔާންކުރައްވައެވެ. "ތިމަން، ޢަބްދުﷲ ބިން ޢަލީ ޢައްބާސީގެ ދަރުބާރަށް ވަންއިރު، އެތާނގައި ވަނީ ހުސް ސިފައިންނެވެ. އެމީހުން ތިބީ ދެ ސަފަކަށެވެ. އަދި ކޮންމެ މީހަކުވެސް އެމީހެއްގެ ކަނޑި އުރައިން ދަމައިގަނެގެން ތިއްބެވެ. ތިމަން ކަނޑިތަކުގެ ހިޔަލުގައި ހުރެ ހިނގަމުން ގޮސް ޢަބްދުﷲ ބިން ޢަލީ ޢައްބާސީއާ ހަމައަށް ދިޔައީމެވެ. އޭނާ، އޭނާގެ ތަޚުތުގައި އިށީނދެގެން އިނެވެ. އޭނާގެ އަތުގައި ޗާބޫކެއް އޮތެވެ. އޭނާގެ ނިތްކުރީން ރުޅިވެރިކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ."

އިމާމް އަލް އަޥްޒާޢީ رحمه الله ވިދާޅުވެއެވެ. "އެވަގުތު ތިމަންގެ ނަޒަރުގައި، ޢަބްދުﷲ ބިން ޢަލީ ޢައްބާސީ، މެއްސެއް ފަދައިން ނިކަމެތިވެގެންވިއެވެ. ތިމަން އެވަގުތު އެއްވެސް މީހެއްގެ މައްޗަކުން ހަނދާނެއްނުކުރަމެވެ. އަންބެއްގެ މަތިންވެސް ދަރިއެއްގެ މަތިންވެސް މުދަލެއްގެ މަތިންވެސް މެއެވެ. އަދި ކިއެއްތަ! ތިމަން ހަނދުމަކުރީ އިލާހީ ޢަރުޝީގެ މަތިންނެވެ. ޤިޔާމަތްދުވަހުގައި ﷲ ތަޢާލާ، މީސްތަކުންގެ ކުރިމަތީގައި ފާޅުވެވޮޑިގަންނަވާނެ ވަގުތުގެ މަތީންނެވެ."

ޢަބްދުﷲ ބިން ޢަލީ ޢައްބާސީ އިސް އުފުލައިލިއެވެ. ރުޅީގެ ސަބަބުން އޭނާގެ މޫނު ރަތްވެފައި ހުއްޓެވެ. އޭނާ ބުންޏެވެ. "އޭ އަޥްޒާޢީއެވެ. އަހުރެން މިއަދު، އުމައްޔަތު ވަންހައިގެ އަނިޔާވެރިކަމުން، މިބިމާއި، މި ބިމުގެ އަހުލުވެރިން ސަލާމަތްކޮށްފީމެވެ. ވީމާ އެއީ ޖިހާދުކުރުން ކަމުގައި ބެލެވޭނެ ހެއްޔެވެ؟ އަދި އެއީ އިސްލާމްދީން ޙިމާޔަތްކުރުން ކަމުގައި ބެލެވޭނެ ހެއްޔެވެ؟"

އިމާމް އަލް އަޥްޒާޢީ رحمه الله ޖަވާބުދެއްވިއެވެ. "އޭ ޢަބުދުﷲ ބިން ޢަލީ ޢައްބާސީއެވެ. ކީރިތި ރަސޫލާ صلّي الله عليه وسلُم ޙަދީސްފުޅު ކުރެއްވިކަމަށް، ޢުމަރު އިބްނު އަލް ޚައްޠާބު رضي الله عنه ރިވާކުރައްވާފައިވެއެވެ. "ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްމެ، އެމީހަކު ގަސްދުކުރިކަމެއްގެ ޖަޒާ ލިބޭ ހުއްޓެވެ."

ޢަބުދުﷲ ބިން ޢަލީ ޢައްބާސީ އަނެއްކާވެސް ސުވާލުކުރިއެވެ. "އޭ އަޥްޒާޢީއެވެ! އަހުރެމެންގެ އަތުން އޮހޮރިގެން މިދިޔަ އުމައްޔަތު ވަންހައިގެ މީހުންގެ ލެއާ މެދު ކަލޭގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟"

އިމާމް އަލް އަޥްޒާޢީ رحمه الله ޖަވާބުދެއްވިއެވެ. "ޢަބްދުﷲ ބިން މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ صلّي الله عليه وسلّم ޙަދީޘްފުޅު ކުރެއްވިއެވެ. (لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ إِلاَّ بِإِحْدَى ثَلاَثٍ : اَلثَّيِّبُ الزَّانِي ، وَالنَّفْسُ بِاانَّفْسِ ، وَالتَّارِكُ لِدِيْنِهِ الْمُفَارِقُ لِلْجَمَاعَةِ – رواه البخاري ومسلم

މާނައީ: "ތިންކަމެއްގެ ސަބަބުން މެނުވީ މުސްލިމެއްގެ ލޭ އޮހޮރުވުން ހަލާލުވެގެން ނުވެއެވެ. އެއީ: ކައިވެންޏަށް ފަހުގައި ޒިނޭ ކުރުމާއި، ނަފްސެއް ގަތުލު ކޮށްފިނަމަ އެ ނަފްސުގެ ބަދަލުގައި ޤިޞާޞްގެ ހިފުމުގެގޮތުންނާއި، ދީން ދޫކޮށްލައި މުސްލިމުން ޖަމާޢަތާއި ވަކިވުމެވެ. އެހެންކަމުން ކަލޭ ޤަތުލުކުރި މީހުން ހިމެނެނީ މިތިން ބާވަތުގެ މީހުންގެ ތެރޭގައިނަމަ ރަގަޅެވެ. އެހެންނޫންނަމަ ޙައްޤަކާނުލާ އޮހޮރުވާލެވުނު އެމީހުންގެ ލޭވަނީ ކަލޭގެ ކަނދުރާގައެވެ."

އިމާމް އަލް އަޥްޒާޢީ رحمه الله ވިދާޅުވެއެވެ. މިޖަވާބުގެ އަޑު އިވުމާއެކު އޭނާ ޗާބޫކުގެ ކޮޅު މޮހައިލިއެވެ. އަދި ތިމަން، ތިމަންގެ ބޮލުގައިވާ ފަގުޑި ނަގައި، ކަނޑީގެ އެތިފަހަރަށް ތައްޔާރުވީމެވެ. އޭނާގެ ވަށައިގެން ތިބި ވަޒީރުންތައް އެމީހުންގެ ހެދުން ބޮޑިކުރާތަން ތިމަންނައަށް ފެނުނެވެ. އެއީ ތިމަންގެ ލޭގެ ތިކިތައް އެމީހުންގެ ހެދުމަށް ބުރައިފާނެ ކަމަށްޓަކައެވެ.

ޢަބްދުﷲ ބިން ޢަލީ ޢައްބާސީ އަނެއްކާވެސް ސުވާލުކުރިއެވެ. "އަހުރެން ޣަނީމާކުރި އުމައްޔަތު ވަންހައިގެ މީހުންގެ މުދަލާ ފައިސާ އާމެދު ކަލޭގެ ޚިޔާލަކީ ކޮބައިހެއްޔެވެ؟"

އިމާމް އަލް އަޥްޒާޢީ رحمه الله ޖަވާބުދެއްވިއެވެ. "އެއީ ޙަލާލު މުދަލެއްނަމަ ހިސާބު ދައްކަން ޖެހޭނެއެވެ. އަދި އެއީ ޙަރާމް މުދަލެއްނަމަ ސަޒާ ދެއްވޭނެއެވެ. އަދި އެ މުދަލާއި ފައިސާ އެއީ، އުމައްޔަތު ވަންހައިގެ މީހުންގެ ޙަލާލު މުދަލެއްނަމަ، ކަލެއަށް އެ މުދާ ޙަރާމްވާނެއެވެ. އަދި އެ މުދަލާއި ފައިސާ އެއީ އުމައްޔަތު ވަންހައިގެ މީހުންނަށް ޙަރާމް އެއްޗެއްނަމަ، ކަލެއަށް އަދި މާބޮޑަށް ޙަރާމްވާނެއެވެ."

ޢަބުދުﷲ ބިން ޢަލީ ޢައްބާސީ، ސުވާލުކުރެއްވިއެވެ. "ޚިލާފަތާއި ބެހޭގޮތުން ބުނަނީ ކީކޭހެއްޔެވެ؟ ކީރިތި ރަސޫލާ صلّي الله عليه وسلّم ވަޢުދު ކުރައްވާފައިވާ ގޮތުން، ޚިލާފަތު ވާރުތަވާން ޖެހޭނީ އަހުރެމެންނަކަށް ނޫން ހެއްޔެވެ؟"

އިމާމް އަލް އަޥްޒާޢީ رحمه الله ވިދާޅުވިއެވެ. "ތިޔައީ ތިޔަކަންތައް އޮތްގޮތްނަމަ، علي إبن أبو طالب رضي الله عنه، އެކަލޭގެފާނުގެ ކުރިން އެހެން މީހަކަށް ޚަލީފާކަމަށް އިސްވުމުގެ ފުރުޞަތު ނުދެއްވީހެވެ."

ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ބުންޏެވެ. "ރަން އަޅާ ފުރާފައިވާ މިކީސާ ޤަބޫލުކުރާށެވެ!" އިމާމް އަލް އަޥްޒާޢީ رحمه الله ވިދާޅުވިއެވެ. "ތިމަން މުދަލެއް ބޭނުމެއްނޫނެވެ."

އިމާމް އަލް އަޥްޒާޢީ رحمه الله ވިދާޅުވެފައިވެއެވެ. އެތަނުން ވަޒީރަކު އޭނާގެ ލޮލުގެ އިޝާރާތުން އެ ކީސާ ޤަބޫލުކުރުމަށް ތިމަންނައަށް ބުންޏެވެ. އެހެންކަމުން އިމާމް އަލް އަޥްޒާޢީ رحمه الله އެ ކީސާ ޤަބޫލުކުރެއްވިއެވެ. އަދި ހަމަ އެވަގުތު އެތަނުގައި ތިބި ފަޤީރުންނާއި މިސްކީނުންނަށް އެ ދިނާރުތައް ބައްސަވައިލެއްވިއެވެ. އަދި ހުސް ކީސާ އެތަނަށް އެއްލަވައިލެއްވުމަށްފަހު ކީރިތިޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ 173 ވަނަ އާޔަތް ވިދާޅުވަމުން އެތަނުން ނުކުންނެވިއެވެ. އެ އާޔަތުގެ މާނައަކީ "ތިމަންމެންނަށް، ﷲ ފުދެއެވެ. އަދި، ވަކީލުކުރެވޭ ފަރާތުގެ މޮޅުކަމާއެވެ!"

ނިކަން ވިސްނަވަބައްލަވާށެވެ! ﷲ ތަޢާލާ، އެކަލާނގެ ވަޙީ ބަސްފުޅާއި އެއްގޮތަށް އެކަލާނގެ ފަޟްލާއި ނިޢުމަތް އެކަލޭގެފާނަށް މިންވަރު ކުރެއްވިގޮތް ދެކިބަލާށެވެ. ކީރިތި ޤުރުއާނުގެ އާލު ޢިމްރާން ސޫރަތުގެ 174 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ. "ފަހެ، ﷲ ގެ ޙަޟްރަތުން ދެއްވި ނިޢުމަތާއި ފަޟްލުވަންތަވެރިކަމާގެން ގެއްލުމެއް ނުލިބި، އެއުރެން އެނބުރި އައޫއެވެ. އަދި، އެއުރެން ﷲ ގެ ރުއްސެވުންހުރި މަގަށް ތަބާވޫއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟްލުވަންތަކަމުގެ ވެރި ރަސްކަލާނގެއެވެ.