...

Support Us

އަތުކުށް- 7

ސިލްސިލާ ގޮތެއްގައި އަޅުގަނޑު ލިޔަމުން މި ގެންދާ ލިޔުމުގައި މި ފަހަރު އަޅުގަނޑު ބަލައިލާން މި ގަސްތުކުރަނީ ވަރަށް އާދައިގެ ޖުމުލައެއްގެ މައްޗަށެވެ. މިއީ ވެސް މަޝްހޫރު އޮންލައިން ނޫހަކުން އަޅުގަނޑު ނަކަލުކުރި ޖުމުލައެކެވެ. އެނގިވަޑައިގަންނަވާ ފަދައިން އަޅުގަނޑުގެ މި ސިލްސިލާގެ ބޭނުމަކީ ނޫހުގައި ލިޔުއްވާ ޒުވާން ކުދީން ގަވާއިދަށް އަހުލުވެރިކުރުވުން ކަމަށް ވާތީ، ކުށް ޢިބާރާތް ނަކަލުކުރީ ކޮން ނޫހަކުންކަމެއް އަޅުގަނޑު ބަޔާނެއް ނުކުރަމެވެ.

މިއަދު އަޅުގަނޑު މި ފާހަގަކޮށްލަނީ ނޫހުގައި ލިޔެފައިވާ ޚަބަރެއްގެ ސުރުޚީގެ ގޮތުގައި އޮތް ޖުމުލައެކެވެ. އެ ޖުމުލައަކީ "ގޮތް ނޭނގޭ ކަދުފަށްޗެއް އައްޑުއަށް ލައްވެއްޖެ."އެވެ. މި ޖުމުލައިން އަޅުގަނޑު ފުރަތަމަ ފާހަގަކޮށްލާނީ "ކަދުފަށްޗެއް" މި ލަފުޒެވެ. މިއީ "ކަނދުފަތި" މި ލަފުޒު އެކަހެރިކޮށްގެން އުފައްދައިފައި އޮތް ލަފުޒެކެވެ. މިއީ ނަމެކެވެ. މި ލަފުޒުގެ މާނައަކީ "ނަރުވިލިކޮށް ހަދައިފައި ހުންނަ ލަކުޑިތަކެއް އެއްކޮށް ބަނދެ ފެނުބާރުހިފާ ގޮތަށް ހަދައިފައި ހުންނަ އެއްޗެކެވެ." ނުވަތަ "ފެނުބާރު ހިފާ ގޮތަށް ހަދައިފައިވާ އެއްޗެކެވެ." އެހެންވީމާ މި ލަފުޒު ރަނގަޅަށް ލިޔާ ނަމަ، ކާފާއި ދާލާ ދެމެދުގައި ހުސްނޫނެއް އޮންނާންޖެހެއެވެ. ހުސްނޫނަކީ ފަޅިނޯށުގެ އަޑުގެ ނިޝާނެއްގެ ގޮތުން ބޭނުންކުރާ ހުސް އަކުރެކެވެ. ހުސްނޫނު ބޭނުންކުރާންޖެހެނީ ނޯށަށްއަރުވައި ކިޔާންޖެހޭ އަކުރު ފާހަގަކުރުމަށް ޓަކައެވެ.

ދެވަނައަށް ރަނގަޅުކޮށްލާންޖެހެނީ މި ލަފުޒުގައި އެ އޮތް ށަވިޔަނި ސުކުނެވެ. މި ތަނުގައި ޖަހާންޖެހެނީ އަލިފު ސުކުނެވެ. މިއީ އަލިފުކުންކިޔާ ގޮތަށް (ތަޝްދީދަށް) ކިޔާ ގޮތަށް ކިޔޭ ކަމަށް ވެފައި ސުކުނުގެ ބަދަލުގައި ފިލިޖެހޭނޭ އަކުރެއް ނެތް ހަމައިގެ މަތީންނެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ތާ އިބިފިއްޔަށް ނިމިފައި ހުންނަ ލަފުޒު އެކަހެރިކުރުމަށް ޓަކައި ފަހަތަށް "އެއް" މި އަކުރު އިތުރުކުރުމުން އެ "ތާ" ޗަވިޔަންޏަކަށް ބަދަލުވުމާއެކު "އެއް"ގެ ފުރަތަމަ އަލިފު އުނިކޮށް އެ އަކުރުގެ އެބެފިލި، ޗަވިޔަނީގައި ޖެހޭނެއެވެ. މި ބަދަލާއެކު ޗަވިޔަނި ތަޝްދީދަށް ކިޔުމަށް ޓަކައި ކުރިއަށް އަލިފު ސުކުނެއް އިތުރުކުރެވެނީއެވެ. އެހެންވީމާ އިސްވެ މި ދަންނަވައިލެވުނީ ރަނގަޅުކޮށްލާން ޖެހޭ ދެ ކުށް ކަމަށް ދަންނަވާންޖެހެއެވެ.

ދެން އޮތީ ކުށެކޭ ދެންނެވޭން ނެތް، އެކަމަކު އެއަށްވުރެ ފުރިހަމަވާނޭ ގޮތެކެވެ. އެ ޖުމުލައިގައި އެ އޮތް "ލައްވެއްޖެ"އަށްވުރެ ބޮޑަށް ރަނގަޅީ "ލައްގައިފި"އޭ ލިޔުމެވެ. ސަބަބަކީ ލެއްގުމުގެ އެއް މާނައެއް ކަމުގައި "ލައްވުން" ބޭނުންކުރެވުނަސް ލައްވުމުގެ އެންމެ އާންމު މާނައަކީ "މީހެއްގެ ގައިގައި ނުވަތަ ތަނެއްގައި ލެނގިފައިވުމެވެ. ލައްވެއްޖެޔޭ ބުނުމަށްވުރެ ގޮނޑުދޮށަށް ލައްގައިފިއޭ ބުނީމާ، ތަންކޮޅެއް ފުރިހަމަ ކަމަށް އަޅުގަނޑަށް ފެނެއެވެ. ނަމަވެސް މިހާރު އޮތް ގޮތަކީ ކުށެކޭ ނުދަންނަވާނަމެވެ. އެއީ ވެސް ހަމަ ބޭނުންކުރެވިދާނޭ ގޮތެކެވެ. ކުރީން ދަންނަވައިލެވުނީ ރަންގަޅުކޮށްލާންޖެހޭ ދެ ކުށް ކަމުގައި ވިޔަސް ފަހުން މި ދެންނެވީ ލިޔުންތެރިޔާގެ އިޚުތިޔާރުގައި ބޭނުންކުރެވިދާނޭ ދެ ލަފުޒުގެ ވާހަކައެވެ.

ކޮންމެއަކަސް ބަހުގެ ހަމަތަކާއި ޢިބާރާތްކުރުމުގެ ހަމަތަކަށް ބަލައި، އަޅުގަނޑު އެ ޖުމުލަ ލިޔާ ނަމަ، ލިޔުނީހީ އަންނަނިވި ގޮތަށެވެ.

"ގޮތް ނޭނގޭ ކަނދުފައްޗެއް އައްޑުއަށް ލައްގައިފި."އެވެ.

ކޮންމެއަކަސް "ލައްވެއްޖެ" ނުވަތަ "ލައްގައިފި" މިއިން ކޮންމެ ލަފުޒެއް ވެސް ލިޔުންތެރިޔާގެ އިޚުތިޔާރުކުރާ ގޮތެއްގެ މަތީން ބޭނުންކުރެވުނަސް އިސްވެ ދަންނަވައިލެވުނު ހުސްނޫނާއި އަލިފު ސުކުން އަޅުގަނޑު ދަންނަވައިފައިވާ ގޮތުގެ މަތީން ބޭނުންކުރުމަކީ އެ ޢިބާރަތް ހެޔޮ ގޮތުގައި ބޭނުންފުޅުކުރެއްވުމަށް ޓަކައި ގެންނަވާންޖެހޭނެ ބަދަލެއް ކަމަށް ދަންނަވާންޖެހެއެވެ.

 

 

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.