Support Us

ކޮލަމް: ވިނަވި

ބަނޑު އަތްޖެހި މަލާފަތުން ގައިނެކޯލޮޖީ ޚިދުމަތަށް ކުރި ދަތުރު

ބަނޑު އަތްލުމަކީ ބޭކެތްނބަކު، މާބަނޑު އަންހެނަކާ ހަވާލުވީމާ އެކަން ފާހަގަކުރުމަށް ބައެއް ރަށްރަށުގައި ބާއްވައި އުޅުނު ހަފްލާއެކެވެ. މި ބާވަތުގެ ޘަޤާފީ ކަންކަމަކީ ރާއްޖޭގައި މައިންނަށް ދެވޭ ސިއްހީ ޚިދދުމަތްތައް ޒަމާނީ ކުރުމުގެ ކުރިން ކޮށްއުޅުނު ކަންކަމެވެ.

ރާއްޖެތެރޭގެ ސިއްހީ ޚިދުމަތްތައް ތަރައްޤީ ކުރަން ފެށުނީ 1960 ގެ ކުރީކޮޅުގެ އަހަރުތަކުގައެވެ. އެ ދުވަސްވަރު ހެލްތު އިސިސްޓެންޓުން (ފަހުގެ ނަމުން ޖަމާއަތުގެ ސިއްހީ އެހީތެރިން) ތަމްރީނު ކުރަން ފެށިއެވެ. އެ މީހުން ކިޔެވި މުޤައްރަރުގައި ދަރިމައިވުމާއި މާބަނޑު އަންހެނުން ވިއްސުމުގެ ސިއްހީ ޚިދުމަތްތައް ހިމެނުނެވެ. ހެލްތު އެސިސްޓެންޓުން މަސައްކަތް ކުރާ ތަނެއްގެ ގޮތުގައި ހެލްތު ސެންޓަރުތައް ޤާއިމު ކުރެވުނެވެ. ފުރަތަމަ ސެންޓަރު ހުޅުވުނީ 1965 ގައި ޅ. ނައިފަރުގައެވެ. އެ ހިސާބުން ފެށިގެން އެ ދުވަސްވަރު، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި (އައްޑޫ ފިޔަވައި) ހެލްތު ސެންޓަރުތައް ޤާއިމުކުރެވުނެވެ. އެހެނަސް އެ ދުވަސްވަރު ވެސް އާއްމު ގޮތެއްގައި ވިހެއުމަށް ހެލްތު ސެންޓަރުތަކަށް މާބަނޑު މީހުންނެއް ނުދެއެވެ. ދަނީ ހަމައެކަނި ބޮޑު މައްސަލައެއް ދިމާވީމައެވެ. އެހެންކަމުން ވިހެއުމުގެ ތެރޭގައި މައްސަލަ ޖެހުމާއި މަރުވާ ރޭޓް ހުރީ ދުނިޔޭގެ ނިސްބަތުން ވެސް މަތީގައެވެ. އެ ދުވަސްވަރު ރާއްޖޭގައި ވިހެއުމާ ގުޅިގެން މައިން މަރުވާ ނިސްބަތް އުޅުނީ ދިރިތިބެ އުފަން ވާ ކޮންމެ ލައްކަ ކުއްޖަކަށް 800 މައިންގެ މަރެވެ. މިއީ އެފްރިކާގެ ތަރައްޤީ ނުވާ ޤައުމުތަކާ އަޅާކިޔާލެވޭ މިންވަރެކެވެ.

މި ހާލަތު ރަނގަޅުކުރުމަށްޓަކައި 70 އިގެ އަހަރުތަކުގައި ފޫޅުމައިން ތަމްރީނުކުރަން ފެށުނެވެ. އަދި އެ މީހުންނަށް ފޫޅުމައި ފޮށި ދެވުނެވެ. ވިހެއުމުގެ ސިއްހަތަށް ދެން ކުރިއެރުމެއް އައީ ރީޖަނަލް ހޮސްޕިޓަލްތައް ހުޅުވުމުންނެވެ. ފުރަތަމަ ރީޖަނަލް ހޮސްޕިޓަލް ހުޅުވުނީ 7 އެޕްރީލް 1982 ގައި ހދ. ކުޅުދުއްފުށީގައެވެ. އޭގެ ފަހުން ރ. އުނގޫފާރުގައި 1984 ގައި އެމެރިކާގެ އައިހެޕް ޖަމާއަތުގެ އެހީގައި ހޮސްޕިޓލެއް ހުޅުވުނެވެ. ދެން ރީޖަނަލް ހޮސްޕިޓަލުތައް ހުޅުވުނީ މ. މުލީގައާއި ސ. ހިތަދޫގައާއި ގދ. ތިނަދޫގައާއި ލ. ގަމުގައެވެ.

ރީޖަނަލް ހޮސްޕިޓަލްތަކުގައި ވެސް ކުރީކޮޅުގައި މާބަނޑު މީހުންގެ ސިޒޭރިއަން އޮޕަރޭޝަނެއް ނުކުރެވެއެވެ. އެހެންކަމުން އިމާޖެންސީގައި މާލެ ގެންނަން ޖެހި ދަތުރުމަތީގައި އެތަކެއް މައިން މަރުވެފައި ވެއެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން 1995 ހާ ހިސާބބުގައި އޮޕަރޭޝަން ތިއޭޓަރުތައް ބިނާކޮށް ލެބޯރެޓްރީ ޚިދުމަތް ގާއިމު ކުރެވުނެވެ. ފަހުން މި ޚިދުމަތްތަކާއެކު އަތޮޅު ހޮސްޕިޓަލުތައް ގާއިމު ކުރެވުނެވެ. ފުރަތަމަ އަތޮޅު ހޮސްޕިޓަލެއް ހުޅުވުނީ 1996 ގައި ފުވައްމުލަކުގައެވެ. ދެން ހުޅުވުނީ ޅ. ނައިފަރުގައާއި ބ. އޭދަފުށީގައެވެ. އޭގެ ފަހުން ހުރިހާ އަތޮޅުތަކެއްގައި ވެސް ހޮސްޕިޓަލު ހުޅުވުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން މައިން މަރުވާ ނިސްބަތް 2000 ވަނަ އަހަރާ ހަމައަށް އައިއިރު ދިރިތިބެ އުފަންވާ ލައްކަ ކުއްޖަކަށް 100 މައިންގެ މަރަށް ތިރި ކުރެވުނެވެ. އަދި މިހާރު ވަނީ 50 އަށް ވުރެން ދަށަށް ގެނެވިފައެވެ.

ހޮސްޕިޓަލްތައް ހުޅުވުމުގެ ފަހުން ވެސް، ކުރީކޮޅުގައި ގިނަ އަންހެނުން ބޮޑަށް އިތުބާރުކުރީ ބޭކެނބީންނަށެވެ. އަދި ވިހަމުންދިޔައީ ގޭގައެވެ. މީގެ ސަބަބުން ވިހެއުމުގައި މައްސަލަ ޖެހޭ މީހުންނަށް ލިބެންވާ ފަރުވާ ލަސްވެ ހިތާމަވެރި ހާދިސާތަކެއް ވެސް ދިމާވެފައިވެއެވެ. ހޮސްޕިޓަލުގެ އިތުބާރު އިތުރުކުރުމަށް މާބަނޑު މީހުން ހޭލުންތެރިކޮށް ރަޖިސްޓްރީކޮށް ވިޓަމިނާއި އަޔަން ބޭސް ދިނުމަށް 1980 ހާ ހިސާބުގައި ފެމިލީ ހެލްތުވޯކަރުން ތައާރަފު ކުރެވުނެވެ. އަދި 1985 ހާ ހިސާބުގައި ތަމްރީނު ލިބިފައިވާ ފޫޅުމައިންނަށް ހޮސްޕިޓަލާއި ހެލްތު ސެންޓަރުތަކުގައި ވަޒީފާ ދެވުނެވެ. އޭގެ ފަހުން އެ މީހުން ވެސް ލަފާދެމުން ދިޔައީ ވިހަން ހޮސްޕިޓަލަށް ދިޔުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މިހާރު ރާއްޖޭގައި ވިހާ ގާތްގަނޑަކަށް 100 އިންސައްތަ މީހުން ވިހަނީ ހޮސްޕިޓަލުގައެވެ. އެގޮތުން މިހާރު އަތޮޅުތަކުގައި ޒަމާނީ ފެންވަރަށް މާބަނޑު އަންހެނުން ވިއްސުމުގެ ޚިދުމަތް ލިބެއެވެ. މިހާ ހިސާބަށް މިކަން ގެނެވުނީ 1960 ގައި ފެށި ދިގު ދަތުރަކަށް ފަހުގައެވެ.

ފަސްދޮޅަހުގެ ކުރިން މާބަނޑުމީހުންނަށް ލިބުނުހާ ވެސް ޚިދުމަތަކީ ބޭކެނބިން އެމީހުންނަށް ލިބިފައި ހުރި މައުލޫމާތަކަށް ބިނާކޮށް ދިން ޚިދުމަތެކެވެ. ބޭކެނބިން މަސައްކަތް ދަސްކޮށް ހެދީ ތަޖުރިބާކާރު ފޫޅުމައެއްގެ ކައިރީގައި އަތްދަށު ފޫޅުމަޔަކަށް އުޅެގެންނެވެ. އާއްމުކޮށް މިކަން ހިނގީ މައްމަ ދަރިފުޅަށް ދަސްކޮށްދޭ އުސޫލުންނެވެ. އެ ޒަމާނުގައި ބޭކެނބި ކަމުގެ ކަންތައްތައް އެކި އަތޮޅުތަކުގައި ކުރިޔަށް ގެންދިޔައީ އެކި ގޮތަށެވެ. މި ޕޯސްޓުގައި މި ބަޔާން ކުރެވިފައިވަނީ އެންމެ ދެކުނުގެ ދެ އަތޮޅުގައި އެކަން ކޮށްއުޅުނު ގޮތެވެ.

1. އަންހެނަކު މާބަނޑުވެ ހަތް މަސް ވަރު ވީމައި ފޫޅުމަޔަކު ޚިޔާރުކުރާނެއެވެ. ޚިޔާރު ކުރަނީ އޭނަގެ ތަޖުރިބާއާއި އާއިލާއާ އެކު އޮންނަ ގުޅުމަށް ބަލައިގެންނެވެ. ފޫޅުމަޔަކު ޚިޔާރުވީމާ އޭނައާ ގަވާއިދުން ހަވާލުކުރުމަށް 'ބަނޑުގައި އަތްލުން' އޮންނާނެއެވެ. އެކަން ކުރާނީ ރަނގަޅު އިރުވަރެއް ބަލައިގެންނެވެ. އެ އިރުވަރުގައި ފޫޅުމައި މީހާ ދެ އެހީތެރިއަކާއެކު މާބަނޑުމީހާ ގާތަށް ގޮސް ބަނޑުގައި އަތްލައި އުނގުޅާނެއެވެ. މިހެން ހެދުމުން ތަޖުރިބާކާރު ބޭކެނބީންނަށް ބަނޑުގައި ދަރި އޮތީ ވިހަން ފަހިވާ ގޮތަށްތޯނުންތޯ އެނގޭނެއެވެ. ފަހުން ވެސް ބަނޑަށް އުދަނގޫ ވަންޏާ ފޫޅުމައި މީހާ ގޮސް އަތްއުނގުޅައިބަލައި ފެންނަ މައްސަލައެއް ރަނގަޅުކޮށްދޭނެއެވެ.

2. އަތްޖެހުމަށް ފަހު ރަނގަޅު ދުވަހެއް ބަލައި އަތްޖެހި މަލާފަތެއް ހަދާނެއެވެ. އެ މަލާފަތުގައި ހުންނާނީ ކުބުހާއި ބޯފޮޅިއާއި ބޮނޑިބަތް ފަދަ އެއްޗެއްސެވެ. އެ އެއްޗެހި ބަހާނީ ފޫޅުމައިމީހާއަށާއި ގާތްތިމާގެ މީހުންނަށެވެ. ދެން ފޫޅުމައިމީހާ ފަންޑިތަވެރިޔަކު ހޯދައިގެން ފާތިހާ ސަލަވާތް ކިޔުއްވާނެއެވެ. އަދި ވިހެއުމުގެ ކަންތައް ފަހިކޮށް ދެއްވާތޯ ދުއާ ކުރުވާނެއެވެ.

3. ނުވަ މަސްފުރި ވިހަން ބަނޑުގައި ރިއްސަން ފެށުމުން ފޫޅުމައިމީހާއަށް ގޮވާނެއެވެ. އަދި އޭނާ އެހީތެރިންނާއެކު އައިސް ވިހައި ނިމެންދެން މަޑުކުރާނެއެވެ. ކުރީ ޒަމާންތަކުގައި މައިމިހާ ވާގިލާން ހިފެހެއްޓުމަށްޓަކައި ބައިނެއް އެލުވާނެއެވެ. ފަހުން އޭނާ ހިފަހައްޓައި ހަދަނީ ފޫޅުމާމައާއި އެހީތެރިންނެވެ. ނުވިހައި ލަސްވާ ނަމަ ފަންޑިތަ ވެރިއަކު ގެނެސް ތަށިލިޔެ ބޯންދީ ފަންވަތުގައި ލިޔެ އްތުގައާއި އުނަގަނޑުގައި ބަންނާނެއެވެ. އަދި މަރިޔަމްމާ ފެންތަށްޓަކަށް ލައިގެން މަރިޔަމް ސޫރަތް ކިޔަވާނެއެވެ. ޒިޔާރަތްޒިޔާރަތަށް ހިނގައި ނަދުރު ވެސް ބުނެ ހަދާނެއެވެ.

4. ވިހެއުމަށް ފަހު ފޫޅު ކަނޑާނެއެވެ. ކުރީގައި އެކަން ކޮށްހެދީ ކުރަފަތުންނެވެ. ފޮށި ލިބުނު ފަހުން ފޫޅު ކަނޑައި ހެދީ ފޮށީގައި ހުންނަ ސާމާނު ބޭނުންކޮށްގެންނެވެ. ކެނޑުމުގެ ކުރިން ރޮދިފަށަކުން ލޭ މަނާވާވަރަށް ބާރަށް ފޫޅު އައްސާނެއެވެ. ފޫޅު ވެއްޓެންދެން ފޫޅު މާމަ އައިސް އޭގައި ޒައިތޫނި ތެޔޮ އުނގުޅައި ދޭނެއެވެ.

5. ވިހެއުމަށްފަހު ކުއްޖާ ސާފުކޮށް ކިނދު ފިލުވައި ފެންވަރުވައި ދޭނެއެވެ. އެކަން ކޮށްދޭނީ ވެސް ފޫޅުމާމައެވެ. އޭގެ ފަހުން ކުއްޖާގެ ދުލުގައި ޝަހާދަތުގެ ދެކަލިމަ ޖައްސާނެއެވެ. އެކަން ކުރަނީ ތަށްޓެއްގައި އިލޮށިކޮޅަކުން މާމުއިން ލިޔެގެންނެވެ. ދުލުގައި ޖައްސަނީ ކަފަކޮޅަކުންނެވެ. އެކަން ކުރާނީ އެދުރުބޭކަލެކެވެ. ޝަހާދަތް ޖެއްސުމުގެ ބޭނުމަކީ ކުއްޖާ ބޮޑުވެގެން ދޫ ހެލޭ، ކިޔަވައިގެން ހުރި ހެޔޮލަފާ މީހަކަށް ވުމެވެ. ވިހައި ނިމުމަށްފަހު ގެށިވެށި ހަދައި ގާތް ތިމާގެ މީހުންނަށް ބަހާނެއެވެ. ގެށިވެށްޓަކީ ތެލުލި އަލައާއި ބަނބުކެޔޮ މުގުރައިގެން ދިޔާހަކުރު ފަންޏާއި އެއްކޮށްގެން ހަދާ ފޮނި ކާއެއްޗެކެވެ.

6. މައިމީހާއަށް ވިހެއުމުގެ ތެރޭގައި ލިބޭ ގެއްލުމާއި ކަނޑައިގެންގޮސްފައި ހުންނަ ތަންތަނަށް ފަރުވާއެއްގެ ގޮތުން ބޮނޑި ދެމުން އޮންނާނެއެވެ. ބޮނޑިއަށް އަޅާ އެއްޗެއްސަކީ ހަބަރާއި ހިންދޫރިއާއި ވަށަހުނގުލިއާއި ކާފޫރު ފަދަ އެއްޗެއްސްވެ. އެ ތަކެތި އެއްކޮށް މޮޑެފައި ފޮތިކޮޅެއްގައި ބޮނޑި ބަންނާނީއެވެ. ދެން ހަލާކުވެފައި ހުންނަ ހިސާބުގައި ބޮނޑި ދަމާނީއެވެ.

7. މައިމީހާގެ ބަޑު ހިންދުމަށްޓަކައި ބަނޑިބޭސް ބޯން ދޭނެއެވެ. އެއަށް އަޅާއެއްޗެއްސަކީ އަރޮޅިއާއި ބުރޮޅިއާއި އެސްމަލާއި ގޯބިއްޔާއި ފަރެހެ ދަމުއިއާއި ކުޑަ އުއްކޮޅެކެވެ. އެތަކެތި ފުނޑާފައި އަޅަނީ ދިޔާހަކުރު ފަންޏަށެވެ. އިހުގައި ބަނޑު ހިންދުމަށްޓަކައި މައިމީހާ އެކޮޅުކޮޅުން ބާއްވައި ހެދިއެވެ. އެހެނަސް ފަހުން އެކަން ވަނީ ހުއްޓާލައިފައެވެ.

8. ކުއްޖާއަށް ހަތް ދުވަސްވާ ދުވަހު ނަން ކިޔުމުގެ ހަފްލާއެއް އޮންނާނެއެވެ. އެ ކަމަށް ކުކުޅު ރިހަ ކައްކައި ކެއުން ތައްޔާރުކޮށް ގާތްތިމާގެ މީހުންނަށް ދައުވަތު ދޭނެއެވެ. ނަން ކިޔާނީ އެދުރުބޭކަލެކެވެ. ކުއްޖާވިހޭ ހަފްތާދުވަހާއި ނަކަތް ރާއްސާ ގުޅޭ ނަންތަކެއް އޭނާ ހުށަހަޅާނެއެވެ. އޭގެ ތެރެއިން ނަމެއް ޚިޔާރުކުރާނީ ބެލެނިވެރީންނެވެ. ދެން ސަލަވާތް ފާތިހާ ކިޔަވައި ކުއްޖާއަށް ނަން ކިޔާނީއެވެ. އެއާ އެކު ބޮލުވަޅިޖަހާނެއެވެ. ކުރީ ޒަމާނުގައި އެއީ ބޯ ބޭލުމެވެ. ފަހުން އެއީ ބޮލުން އިސްތަށިކޮޅެއް ބުރިކޮށް ލުމެވެ.

9. ވިހެއުމަށްފަހު 40 ދުވަސް ވީމާ މައިމީހާ އެނދުން ބޭރު ކުރުން އޮންނާނެއެވެ. އެކަން ވެސް ކޮށްދޭނީ އެދުރު ބޭކަލެކެވެ. އޭނާ އައިސް ބިންމަތީގައި އެނދުކައިރީގައި ދޮން ވެލިން ރޮނގެއް އަޅާނެއެވެ. އެކަމަށް ކިޔަނީ ހަނޮ ކުރެހުމެވެ. ދެން އެދުރު މީހާ ސަލަވާތް ފާތިހާ ކިޔަވައި މައިމީހާ ލައްވައި ރޮނގުން ބޭރަށް ފިޔަވަޅެއް އަޅުވާނީއެވެ. އޭގެ ފަހުން އޭނާއަށް ގޭތެރެއަށް ނުކުމެ މަސައްކަތް ކޮށް ހެދޭނެއެވެ. މިހާ ހިސާބުން ވިހެއުމާ ގުޅިގެން ކުރާ ކަންކަން ނިމުނީއެވެ.

ނޯޓު:

(މި ލިއުމަށް މައުލޫމާތު ދެއްވި އެއް ބޭފުޅަކީ 1993 އިން 2003 އަށް ސިއްހީ ވަޒީރުކަން ކުރެއްވި އަހުމަދު އަބުދުﷲ އެވެ. ރާއްޖޭގެ އެންމެ ފަހުގެ ދެ ރީޖަނަލް ހޮސްޕިޓަލާއި ހުރިހާ އަތޮޅު ހޮސްޕިޓަލެއްގެ ބާނީ އަކީ އެ މަނިކުފާނެވެ. މި ޕޯސްޓްގެ ލިޔުންތެރިޔާއަކީ 1984 ން ފެށިގެން 2000 އަށް ރާއްޖެތެރޭގެ ސިއްހީ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އަމަލީގޮތުން އުޅެފައިވާ މީހެކެވެ. އަދި 1994 ން 2000 އަށް ސިއްހީ ދާއިރާގެ ފަންނީ އެންމެ އިސް މަޤާމު ފުރާފައިވާ މީހެކެވެ. އެހީތެރިޔާއަކީ ފުވައްމުލަކާއި އައްޑޫ މީދޫގައި ވިހެއުމާ ގުޅިގެން ޘަޤާފީ ގޮތުން ކުރާކަންކަން ދެކެފައިވާ މީހެކެވެ.)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ރާއްޖޭގައި މާބަނޑު އަންހެނުން ވިއްސުމުގެ ސަގާފަތާއި ތާރީޚާ ގުޅޭ ވަރަށް މުއިންމު މައުލޫމާތުތަކެއް ހިމެނޭ މި މަޒުމޫނަށް ޓަކައި ޑރ.ޢަބްދުﷲ ވަޙީދަށް ފަށްފަށުން ޝުކުރާއި ތަހުނިޔާ ދަންނަވަން!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *