ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލުން ކޮވިޑް19 އަށް ޕޮޒިޓިވްވި ޓީޗަރު ކިޔަވައިދޭ ކްލާހެއްގެ ދަރިވަރަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
އިތުބާރު ހުރި ގޮތަކަށް "އަދިވެސް" މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރޭޑް 8ގެ ދަރިވަރު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރޯގާޖެހި، ކޮވިޑްގެ އަލާމާތްތައް ފެންނަން ފެށުމުން، އާދިއްތަ ދުވަހު ޓެސްޓްކުރުމުންނެވެ. ޓެސްޓުގެ ނަތީޖާ ލިބުނީ ރޭގައެވެ.
މި ދަރިވަރު ޕޮޒިޓިވްވި ނަމަވެސް، އާއިލާގެ އެއްވެސް މީހެއް ޕޮޒިޓިވްނުވާ ކަމަށް ވެސް ވަނީ އެނގިފައެވެ.
ބިލަބޮންގގެ ގްރޭޑް 8ގެ އަންހެން ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވީ މިދިޔަ ހަފުތާގައެވެ. އެކަމާ ގުޅިގެން ސެކަންޑްރީ ތިން ގްރޭޑުގެ ދަރިވަރުންނަށް މި ހަފުތާއިން ފެށިގެން ދެ ހަފުތާއަށް ސްކޫލް ބަންދުކޮށް، ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.
ބިލަބޮންގގެ ގްރޭޑް 10،9،8ގެ ބެލެނިވެރިންނަށް ބިލަބޮންގ ސްކޫލްގެ މެނޭޖްމަންޓުން، ހަފުތާ ބަންދުގައި ފޮނުވާފައިވާ މެސެޖެއްގައި ވަނީ ދަރިވަރުގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ޓީޗަރު ސްކޫލަށް ނުނުކުންނަ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ޓީޗަރަށް ވައިރަސް ޖެހުނީ ސްކޫލްތެރެއިން ނޫން ކަމަށް ވެސް އެ މެސެޖްގައި ވެއެވެ.
ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް "އަދިވެސް" އަށް ވިދާޅުވެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަރުން ދެ ހަފުތާއަށް ސްކޫލަށް ނުނުކުތަސް، ގްރޭޑް 1ން 7ގެ ދަރިވަރުންނަށް ގަވައިދުން ސްކޫލް އޮންނާނެ ކަމަށެވެ.
"މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް. ދެ ހަފުތާ ވަންދެން އޮންލައިންކޮށް ކިޔަވައިފައި ދަރިވަރުން ދެން ސްކޫލަށް ނުކުންނާނީ ކޮވިޑް ޓެސްޓް ހެދުމަށްފަހު،" ޝާނިމް ވިދާޅުވިއެވެ.



advertisment