ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު ހަވީރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑް-19 އަށް ވެކްސިން ޖައްސަވައިފިއެވެ. ނައިބު ރައީސް ވެކްސިން މި ޖެއްސެވީ، އިންޑިއާގައި އުފައްދައިފައިވާ ކޮވިޝީލްޑް ވެކްސިން، ފެބްރުއަރީ 1 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ޖެއްސެވިތާ ހަފުތާއެއް ފަހުންނެވެ.
ވެކްސިން ޖެއްސެވުމަށްފަހު ނައިބު ރައީސް ވަނީ ޤައުމީ ރޫޙު އިސްކޮށް، ހުރިހާ ދިވެހި ރައްޔިތުން ވެސް މިކަމުގައި ބައިވެރިވެ، ވެކްސިން ޖެއްސެވުމަށް އެދިވަޑައިގަންނަވާފައެވެ.
"ކޮވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފައްޓަވައިދެއްވާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ރައީސް ޞާލިހެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ބޭނުންކުރަން ފަށައިފައި މިވަނީ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ "އޮކްސްފަރޑް-އެސްޓްރާޒެނެކާ ވެކްސިން،" ގެ މައްޗަށް ބިނާކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން "ކޮވިޝީލްޑް" ބްރޭންޑްގެ ދަށުން އުފައްދާފައިވާ ވެކްސިނެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު އެ ޤައުމުން ވަނީ މި ވެކްސިންގެ 100،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
"ކޮވިޑް-19 ދިފާޢު" ކެމްޕޭންގެ ދަށުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަމަޖައްސާފައިވާއިރު، ރޭގެ ނިޔަލަށް ރާއްޖޭގައި ޖުމްލަ 9,700 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ.



advertisment