Support Us

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމަށް، 18 ނޮވެމްބަރު 2018 ގައި ޝިދާތާ އައްޔަންކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލީ މީހަކަށް އަޅުގަނޑު ވާނެ: ޝިދާތާ

"މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް"

ރައީސުމްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހުގެ ކޯލީޝަން ސަރުކާރުގެ "އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތިކަމަކާ ކުރިމަތިލީ" އެކަކަށް ތިމަންކަމަނާ ވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ކުރީގެ ޖެންޑަރ މިނިސްޓަރު، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން މަގާމުން މިދިޔަ އަހަރުގެ ފެބްރުއަރީގައި އިސްތިއުފާ ދެއްވުމަށްފަހު ގޭގައި ހުންނަވާތާ މިއަދަށް އެއް އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި، އަދާލަތު ޕާޓީގެ އިސް މެމްބަރު ޝިދާތާ ޝަރީފު ވިދާޅުވީ "މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް" ކަމަށެވެ.

"އަޅުގަނޑު ވަޒީރުކަމުން އިސްތިއުފާ ދިންތާ މިއަދަށް އެއް އަހަރު. ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން އެކަކަށް އެންމެ ބުރަ މަސައްކަތް މި ސަރުކާރު ގެންނަން ކުރިމީހަކަށް އަޅުގަނޑު ވާނެ. ސަރުކާރު ގެނައީ އަނިޔާ ވެރިކަން ނިމުމަކަށް ގެނެސް އިންސާފު ޤާއިމް ކުރަން. އެހެނަސް އަމިއްލައަށް ގެނައި ސަރުކާރުގެ އެންމެ ބޮޑު ބޭއިންސާފަކާއި ހިތްދަތި ކަމަކާއި ކުރިމަތިލީ މީހަކަށް ވާނެ އަޅުގަނޑު. ކޯލިޝަން ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ހައްޤުގައި ބިރެއްނެތި ވަކާލާތުކުރިން. މިއަދު އަޅުގަނޑު މަގުމަތިކޮށް ބާކީކޮށް ހުރުމަކީ ރައީސް ސޯލިހް ހިމެނޭހެން ކޯލިޝަންގެ ހުރިހާ ލީޑަރުން ލަދުގަންނަންޖެހޭ ކަމެއް. އެހެނަސް ސިޔާސީ ގޮތުން ފަހަތަށް ޖެހުމުގެ ވިސްނުމެއްނެތް. ދާނީ ކުރިއަށް އިންޝާاﷲ،" ޝިދާތާ ވިދާޅުވިއެވެ.


ކޯލިޝަން ޕާޓްނަރެއް ކަމަށްވާ އަދާލަތު ޕާޓީގެ ސްލޮޓެއްގައި މި ސަރުކާރުގެ ފުރަތަމަ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސެކިއުރިޓީގެ މަގާމަށް، 18 ނޮވެމްބަރު 2018 ގައި އައްޔަންކުރި ޝިދާތާ، ތަފާތު ސަބަބުތަކާ ހުރެ އިސްތިއުފާ ދެއްވީ 6 ފެބްރުއަރީ 2020 ގަ އެވެ. އޭގެ ފަހުން އެކަމަނާ އިންނެވީ ގޭގައެވެ.

ޝިދާތާ އިސްތިއުފާ ދެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްސަލަތަކާ ހެދި ޖެންޑަރ މިނިސްޓްރީ ކައިރިއަށާއި މާލޭގެ ބައެއް ތަންތަނަށް މީހުން އެއްވެ މުޒާހަރާކޮށް، ރައްޔިތުންގެ މަޖިލީހުގައި ވެސް އެ މައްސަލަތަކަށް ބަހުސްކުރަމުން ދަނިކޮށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *