ހއ. އިހަވަންދޫ ފިހާރައެއް ފަޅާލައިގެން މިދިޔަ މަހު ވަގަށް ނެގި 230,000 ރުފިޔާގެ ތެރެއިން އެއްބައި މޫދުންނާއި ގެއެއްގައި ފޮރުވައިފައި ހުއްޓައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އިހަވަންދޫ ފިހާރައެއް ފަޅާލައިގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފައިވާ ކަމަށް މިދިޔަ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 28 އަހަރާއި 39 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެގޮތުން، ވަގަށް ނަގައިފައިވާ 230,000 ރުފިޔާގެ ތެރެއިން މިހާތަނަށް 72،620 ރުފިޔާ ހޯދައިފައިވާ ކަމަށެވެ. އެ ފައިސާ ހޯދައިފައި ވަނީ މޫދުންނާއި އެރަށު ގެއެއްގައި ފޮރުވައިފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަންމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.



advertisment