ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ބައްޔަށް 215 މީހުން އިއްޔެ ޕޮޒިޓިވްވުން މިއީ "…ފިކުރުބޮޑުވާންޖެހޭ ހާލަތެއް" ކަމަށާއި ކަންކަން ރަނގަޅުކުރުމަށް ދިން "ހުރިހައި ނަސޭހަތްތަކެއް (ދިޔައީ) ބީރު ކަންފަތްތަކަކަށް" ކަމަށް ވިދާޅުވެ އެތެރެހަށީގެ ތަޖުރިބާކާރު ޑޮކްޓަރު، ޑރ. އަލީ ނަޒީމު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އައި.ޖީ.އެމް.އެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން އިންޓާނަލް މެޑިސިން، ޑރ. ނަޒީމުގެ ފޭސްބުކްގައި ރޭ ވިދާޅުވީ ކޮވިޑް19 ޖެހުނު މީހުންގެ އަދަދު 16،000 އަދި އެކްޓިވް ކޭސްތަކުގެ އަދަދު 1،800 ފަހަނަޅައި ދިއުމުން، އެކަމާމެދު އާންމުންނާއި އެޗް.ޕީ.އޭ އާއި ފުލުހުން ދެކެނީ ކިހިނެއްބާއޭ އަދި މި މައްސަލައިގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާނީ ކޮން އިރަކުންބާއޭ ހިތްޕުޅަށްއަރާ ކަމަށެވެ.
"…މިއީ ފިކުރުބޮޑުވާންޖެހޭ ހާލަތެއް. ހުރިހައި ނަސޭހަތެއް ބީރު ކަންފަތްތަކަކަށް،" ޑރ. ނަޒީމު ވިދާޅުވިއެވެ.
"އަދިވެސް" އަށް އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒީމު ވިދާޅުވީ ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތައް އަޅަން ނަސޭހަތްދީފައިވާ ކަމަށެވެ.
ޑރ. އަލީ ނަޒީމުގެ ބައެއް ކަންބޮޑުވުންތައް
- ފުލުހުން ބުނީ މާސްކު ނާޅާ މީހުން އިތުރު އިންޒާރެއް ނުދީ ޖޫރިމަނާ ކުރާނެ ކަމަށް. އެކަމަކު އިއްޔެ ހަވީރު އަޅުގަނޑު ކްލިނިކަށް ދިޔަ މަގުމަތީގައި ދުށިން 55 މީހަކު މާސްކު ނާޅައި، ޖުމްހޫރީ މައިދާނުގައި، ޕޮލިސް ހެޑްކުއާޓަރު ކުރިމަތީގައި ތިއްބާ. މާސްކު ނާޅައި ޝަހީދު ހުސެއިން އާދަމް ބިލްޑިން ކައިރީގައި 15 ވަރަކަށް މީހުން އެކި ގަޑިތަކުގައި އުޅުނުތަން ދުށިން.
- އެސް.ޓީ.އޯ ހޯމް އިމްޕްރޫވްމަންޓާއި ކަސްޓަމްސް ބިލްޑިންގުގެ ބޭރުގައި އެ ތަނުގެ މުވައްޒަފުންނާއި ގްރޫޕުތައް ވާހަކަ ދައްކާށާއި ސިނގިރޭޓް ބޯން ތިބޭތަން ފެނޭ މާސްކް ނާޅައި.
- ލޯކަލް މާރުކޭޓުގައި ވެސް އެއްވެސް ސޭޓަކު މާސްކް އަޅައިގެން އުޅޭތަނެއް ނުދެކެން.
- ނަލަހިޔާ ގްލާސް އަދި އާރް.ސީ.އެން.ސީގެ މަސައްކަތު މީހުން ވެސް ފެނުނީ އެ މީހުންގެ ދަތްދޮޅީގައި މާސްކު އަޅުވާފައި ހުއްޓާ.
- ވެލާނާ ބިލްޑިންގެ ބޭރުގައި ތިބި ގާޑުން ވެސް މާސްކު ނާޅާ.
- ވެޑިން ޕާޓީތަކާއި މަސްދަތުރުތައް ކުރިޔަށްގެންދޭ
- މާސްކު ނެތި ސޯޝަލް ސެންޓަރުތެރޭގައި ވެސް ތިބިތަން ފެނުނު
- ސްކޫލްތައް ވެސް އެއްކޮށް ހުޅުވާލީ. ޓީޗަރުންތައް ކަރަންޓީނުގައި. އެކަމަކު ކުދިން ސްކޫލަށް ގެންދަން ބެލެނިވެރިންނަށް މަޖުބޫރުކުރުވަނީ
- ޕްރީސްކޫލާއި ޕްރައިމަރީ ސްކޫލްތައް ބަންދުކުރަންޖެހޭ
- ގިޔާސުއްދީން ސްކޫލް ވަނީ މިދިޔަ ނޮވެމްބަރުގެ ނިޔަލަށް، 2020ގެ ސިލަބަސް އެއްކޮށް ކަވަރުކޮށް ނިންމާފައި. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން މަޖުބޫރުކުރުވަނީ އަދި ހަ މަސް ވަންދެން، 2020ގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދަން. އިތުރު ހަ މަހުގެ ފީ ބެލެނިވެރިން އަތުން ދައްކަންޖެހޭ.
- ރައްކާތެރިކަމުގެ ފިޔަވަޅުތައް ޓެކްސީތަކުން ވެސް ނާޅާ. މާސްކު ވެސް ނާޅާ ޓެކްސީތަކުގައި ތިބެނީ



advertisment