Support Us

އިންޑިއާއިން ވިއްކާ ކޮންމެ ފަސް ބޭހަކުން އެއް ބޭހަކީ ފޭކް ބޭސް: ރިޕޯޓް

ދުނިޔޭގައި ދައުރުވާ ފޭކު ބޭހުގެ 35 އިންސައްތަ އުފައްދައި ވިއްކަމުންދަނީ އިންޑިއާއިން

އިންޑިއާއިން ވިއްކާ ކޮންމެ ފަސް ބޭހަކުން އެއް ބޭހަކީ އޮޅުވައިލައި މަކަރުހަދައިފައިވާ ބޭހެއް ކަމަށް، އިންޑިއާގެ އެސޯސިއޭޓެޑް ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެސޯޗަމް) އިން ހާމަކޮށްފިއެވެ. މި ވިޔަފާރި ޖަމުޢިއްޔާއިން އެތާނގެ ފެދުރާލީ ސަރުކާރަށް ހުށަހެޅި ރިޕޯޓެއްގައި ވާ ގޮތުން މުޅި ދުނިޔޭގައި ދައުރުވާ މިފަދަ މަކަރުވެރި ބޭހުގެ 35 އިންސައްތަ އުފައްދައި ވިއްކަމުންދަނީ އިންޑިއާއިންނެވެ.

އެސޯޗަމްގެ ރިޕޯޓްގައި ވާ ގޮތުން 2005 ވަނަ އަހަރުން ފެށިގެން މި މަކަރުވެރި (ފޭކް) ބޭހުގެ ބާޒާރު އިންޑިއާގައި ހެދި ބޮޑުވަމުންދަނީ ހައިރާންވާ ފަދަ މިންވަރަކަށެވެ. ރުޕީސް އިން އަގުކުރާނަމަ، 2005 ވަނަ އަހަރު 30 ބިލިޔަން ރުޕީސްގެ ބޭސް ބާޒާރަށް ނުކުމެފައިވާއިރު، މި ދިޔަ އަހަރު މި ޢަދަދު ވަނީ 40 ބިލިޔަނަށް އިތުރުވެފައެވެ. މި ކަމުގައި އެންމެ ހިތާމަވެރި ކަމަކީ ބޭހުގެ ފެންވަރު ބަލަހައްޓާ ސަރުކާރުގެ ހޮސްޕިޓަލްތަކުން ބޭނުންކުރާ ބޭހުގެ 38 އިންސައްތަ ބޭހަކީ މިފަދަ އޮޅުވައިލައިފައިވާ ބޭހަށް ވާކަމެވެ.

މުޅި އިންޑިއާގައި ބޭނުންކުރާ ބޭހަށް ބަލާއިރު، މި ބޭހުގެ އިންސައްތަ ދެ ގުނައަށް އަރާނެ ކަމަށް އެސޯޗެމްއިން ހާމަކޮށްފައިވެއެވެ. އެސޯޗެމްއިން ބަޔާންކުރާ ގޮތުގައި މި ފަދަ "ފޭކް" ބޭސްތަކުގައި އެކުލެވޭ މާއްދާތަކުގެ ތެރެއިން 60 އިންސައްތަ ބޭހުގައި ފައިދާހުރި އެއްވެސް މާއްދާއެއް ހިމެނިފައެއް ނުވެއެވެ. އަދި 19 އިންސައްތަ ބޭހުގައި ގޯސް މާއްދާތައް ހިމަނައިފައިވެއެވެ. އަދި 16 އިންސައްތަ ބޭހުގައި ފަރުވާއާ ނުގުޅޭ ނުރައްކާތެރި މާއްދާތައް ހިމަނައިފައި ހުރެއެވެ. އަދި ޓެލްކަމް ޕަވްޑަރ ފަދަ މާއްދާތައް ވެސް ވަނީ ހިމަނައިފައެވެ.

މި ގްރޫޕުން ލަފާކުރާ ގޮތުގައި މި ފަދަ "ފޭކް" އެހެން މުދާތައް ވެސް ގިނަ ޢަދަދަކަށް އިންޑިއާއިން ބާޒާރަށް ނެރޭއިރު، މި ފަދަ މުދަލުގެ ސަބަބުން ޤައުމުގެ އިޤުތިޞާދަށް އަހަރަކު 150 ބިލިއަން ރުޕީހުގެ ގެއްލުން ލިބޭނެއެވެ. ހީލަތް ހަދައިފައިވާ މުދަލުގެ ތެރެއިން އެންމެ ގޯހީ ރަނާއި މިފަދަ އަގުބޮޑު މަޢުދަންތަކުގެ ބާޒާރެވެ. (އިންޑިއާ އަކީ ރަނުގެ އެންމެ ބޮޑު އަމިއްލަ ބާޒާރެވެ.)

މި ވިޔަފާރި ޖަމާޢަތުން ތުހުމަތުކުރާ ގޮތުގައި މި ފަދަ ކަންކަން އިންޑިއާގައި ހިނގަން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މި ފަދަ ކަންކަން މަނާކުރުމުގެ ޤާނޫނުގެ މަދުކަމާއި ޤާނޫނު ތަނފީޒުކުރާ ފަރާތްތައް މަދުވެފައި ކޯޓު މަރުޙަލާގައި މި ފަދަ މައްސަލަތަކަށް ހޭދަވާ ދިގު މުއްދަތެވެ. އަދި މި ފަދަ ކަންކަން މަނާކުރުމުގެ ހަރުކަށި އެއްވެސް ފިޔަވަޅެއް ނޭޅުމެވެ.

ޙަވާލާ: ދަފާމާލެޓަރ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *