ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމުން، ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކާފިއު ހިންގައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ނެރުއްވި އިއުލާނެއްގައި ވަނީ ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މިހިނދުން ފެށިގެން ހުއްޓައިލުމަށް ވެސް އަންގަވައިފައެވެ. އަދި މިހިނދުން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރަން ނިންމައި، 29 ޖަނަވަރީން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރަން ވެސް ވަނީ ނިންމވަައިފައެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ފާއިތުވި ދެތިން ދުވަހަކު ވަނީ 100 އިން މައްޗަށް އަރައިފައެވެ. މިގޮތުން އިއްވެސް ވަނީ 145 މީހުން ޕޮޒިޓިވްވެފައެވެ. އަދި މި މަހުގެ 24 ގައި 108 އަދި 25 ގައި 109 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް 15،247 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ވެސް ފަރުވާކުރަމުންދާ 1،273 މީހުން ތިބިއިރު 93 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. ކޮވިޑް ޖެހުނު 13،916 މީހަކު ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑްގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 51 އެވެ.



advertisment