Support Us

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުހައްމަދު އެސެމްބްލީގައި ވާހަކަ ދައްކަވަނީ -ފޮޓޯ: ޖޭ.އެސް/ އެފް.ބީ

ޖަމާލުއްދީންގެ ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކޮވިޑަށް މިއަދު 145 މީހުން ޕޮޒިޓިވްވެއްޖެ

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރު ވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެ، ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފިއެވެ.

އިތުބާރު ހުރި ގޮތަކަށް "އަދިވެސް" އަށް ކަށަވަރުވެފައިވާ ގޮތުގައި ޕްރިންސިޕަލް ހަސަން މުހައްމަދު ކޮވިޑަށް ޕޮޒިޓިވްވީ އިއްޔެއެވެ. އެޑްމިނިސްޓްރޭޓަރ މުހައްމަދު ޝަފީގު ޕޮޒިޓިވްވީ މިއަދުއެވެ.

ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލާއި އެޑްމިނިސްޓްރޭޓަރު ޕޮޒިޓިވްވިއިރު، އެ ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ޑެޕިއުޓީ ޕްރިންސިޕަލާއި ލީޑިން ޓީޗަރެއްގެ އިތުރުން ހަ ދަރިވަރަކު ވެސް މިހާރު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކޮވިޑަށް ޕޮޒިޓިވްވި ދަރިވަރުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން ކުދިން ހިމެނެއެވެ. ގްރޭޑް 1، 5 އަދި 6ގައި ކިޔަވާ މި ތިން ދަރިވަރުން ތިބީ ވެލިދޫ ކަރަންޓީނު ފެސިލިޓީގައެވެ.

ޖަމާލުއްދީން ސްކޫލްގެ އިދާރީ މުވައްޒަފަކު "އަދިވެސް" އަށް މިއަދު ކިޔައިދިން ގޮތުގައި އެޑްމިނިސްޓްރޭޓަރު ޕޮޒިޓިވްވުމުން، އެހެން މުވައްޒަފުންވެސް އެކަމާ ކަންބޮޑުވެގެން، ޓެސްޓްކުރަން ބޭނުންވެގެން އުޅެންފެށުމުން ސްކޫލުން ވަނީ ހުކުރު ދުވަހުގެ ކުރިން އެކަކުވެސް ޓެސްޓްނުކުރާން އެދިފައެވެ.

"ސިމްޓަމްސް (ބަލީގެ އަލާމާތްތައް) ފެންނާނީ ދެ ދުވަހެއް ފަހުންނޭ އެހެންވެ ހުކުރު ދުވަހުގެ ފަހުން ޓެސްޓްކުރާށޭ ބުނީ. އެކަމަކު ތިމާ އާއި އާއިލާގެ ސަލާމަތަށްޓަކައި ވެސް އަވަހަށް ޓެސްޓްކުރުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެނީ،" ޖަމާލުއްދީންގެ އިދާރީ މުވައްޒަފަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ. "އެހެންވެ އަޅުގަނޑު މިއައީ ޓެސްޓްކޮށްގެން. ނަތީޖާއަށް މި އިންތިޒާރުކުރަނީ."

ޖަމާލުއްދީންގެ އޮފީހުގައި ހެނދުނުގެ ދަންފަޅީގައި އިދާރީ އަށެއްކަ މުވައްޒަފުން އަދި މެންދުރުފަހު ދަންފަޅީގައި ދެ މުވައްޒަފުން މަސައްކަތްކުރެއެވެ. މީގެ އިތުރުން ކޮންމެ ދަންފަޅިއެއްގައި ފަސް ލީޑިން ޓީޒަރުން މަސައްކަތްކުރެއެވެ.

ޖަމާލުއްދީން ސްކޫލްގެ ބައެއް ޓީޗަރުން.. -ފޮޓޯ: ޖޭ.އެސް/ އެފް.ބީ

ޖަމާލުއްދީން ސްކޫލްގެ އިސްވެރިޔަކު "އަދިވެސް" އަށް މިއަދު ވިދާޅުވީ އެ ސްކޫލްގެ ޕްރިންސިޕަލާއި އިދާރީ މުވައްޒަފަކު ޕޮޒިޓިވްވުމުން، މާދަމައާއި ބުރާސްފަތީގައި އިދާރީ މުވައްޒަފުން ސްކޫލަށް ނުނުކުންނާނެ ކަމަށެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިދާރީ މުވައްޒަފުން މި ދެ ދުވަހު ސްކޫލަކަށް ނުނުކުންނާނެ. އެ މީހުން މަސައްކަތްކުރާނީ ގޭގައި ތިބެގެން،" އޭނާ ވިދާޅުވިއެވެ.

ގްރޭޑް 1-10ށް ކިޔަވައިދޭ ޖަމާލުއްދީންގައި ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދެއެވެ. އޭގެތެރެއިން ދެބައިކުޅައެއްބައި ކުދިން ކިޔަވަނީ ހެނދުނުގެ ދަންފަޅީގައެވެ. އެ ސްކޫލްގައި 200 އަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދެއެވެ. އޭގެތެރެއިން ދެބައިކުޅައެއްބައި ޓީަޗަރުން ކިޔަވައިދެނީ ހެނދުނުގެ ދަންފަޅީގައެވެ.

މީގެ އިތުރުން މަޖީދިއްޔާ ގްރޭޑް 5ގެ ޓީޗަރަކު ޕޮޒިޓިވްވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ގްރޭޑް 5ގެ ދަރިވަރަކު ވެސް ވަނީ ޕޮޒިޓިވްވެފައެވެ. މަޖީދިއްޔާ ގްރޭޑް 5ގެ އެހެން ޓީޗަރެއް ކޮވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގެ މުއްދަތު ހަމަކޮށް މި ހަފުތާގައި ވަނީ ސްކޫލަށް ނުކުންނަން ފަށައިފައެވެ.

ކޮވިޑް19ގެ ވައިރަސް ރާއްޖެއަށް ފެތުރެން ފެށުމުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މާލޭގެ ސްކޫލްތައް މިދިޔަ އަހަރު މާޗު 6ން ފެށިގެން ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލްތައް އެއްކޮށް ހުޅުވީ މި ޖަނަވަރީ މަހު 10ގައެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު ފާއިތުވި ދެތިން ދުވަހަކު ވަނީ 100 އިން މައްޗަށް އަރައިފައެވެ. މިގޮތުން މިއަދުވެސް ވަނީ 145 މީހުން ޕޮޒިޓިވްވެފައެވެ. އަދި މި މަހުގެ 24 ގައި 108 އަދި 25 ގައި 109 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް 15،247 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ވެސް ފަރުވާކުރަމުންދާ 1،273 މީހުން ތިބިއިރު 93 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. ކޮވިޑް ޖެހުނު 13،916 މީހަކު ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑްގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 51 އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް