ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދުއަށް ދަތުރުކުރަމުންދިޔަ ސަފާރީ ދޯންޏެއްގައި ރޭ ދަންވަރު ރޯވެ، ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެއެވެ. "ނޮޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީގައި ރޯވެ އަޑިއަށްދިއުމުގެ ކުރިން އޭގައި ތިބި ހަ ފަޅުވެރިން ވަނީ ސަލާމަތުން ޑައިވިން ދޯންޏަށް އަރައިފައެވެ.

އެމް.އެން.ޑީ.އެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާށިދޫގެ ހުޅަނގުން 13 ނޮޓިކަލް މޭލު ބޭރުން ދަތުރުކުރި މި ސަފާރީގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ ދަންވަރު 3.40 ހާއިރު ކަމަށާއި އެއާއެކު ކޯސްޓްގާޑުގެ އަލިފާން ނިއްވާ ލޯންޗު އެ ސަރަހައްދަށް ފުރުވާލެވުނު ކަމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހެނދުނު 6.45 ގައި ސަފާރީ ކަނޑުއަޑިއަށް ހިނގައްޖެ ކަމަށެވެ.
ސަފާރީގައި ތިބި ހަ ފަޅުވެރިންގެ ތެރޭގައި ތިބީ ފަސް ދިވެހިންނާއި ބިދޭސީއެއް ކަމަށާއި އެ މީހުން ތިބީ ސަފާރީގެ ޑައިވިން ދޯނީގައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނެތް ކަމަށް ވެސް އެމް.އެން.ޑީ.އެފުން ބުންޏެވެ.



advertisment