Support Us

ކޮލަމް: ވިނަވި

ދުނިޔޭގައި ފެތުރުނު ބޮޑު ތިން ރޯގާއާއި ކޮވިޑް 19ގެ މުސްތަޤްބަލު

ކޮވިޑް 19 އަކީ ދުނިޔެ ދުށް އެންމެ ބޮޑު އެންމެ ނުރައްކާތެރި އެއް އާލަމީ ރޯގާއެވެ. އެއާ ދާދި އެއްވަރު ނުވަތަ އެއަށްވުރެން ވެސް ނުރައްކާތެރި ދެ އާލަމީ ރޯގާއެއް ދުނިޔޭގެ ތާރީޚުން ފެނެއެވެ. އެއީ މީލާދީގޮތުން 1350 ހާ ހިސާބުގައި މުޅި ދުނިޔެއަށް ފެތުރުނު 'ބްލެކް ޑެތު' އާއި 1918 ގައި ދުނިޔެއަށް ފެތުރުނު 'ސްޕެނިޝް ފްލޫ' އެވެ.

ބްލެކް ޑެތުއަށް ކިޔާ އަނެއް ނަމަކީ ބިއުބޯނިކް ޕްލޭގެވެ. ބިއުބޯނިކް މި ބަސް އައިސްފައި ވަނީ އެ ބަލީގައި ގައިން ނުކުންނަ ބިއުބޯތަކުންނެވެ. ބިއުބޯއަކީ ދޮސްހެދިފައި ހުންނަ ބޮޑެތި ފޮޅުތަކެކެވެ. އެންމެ ގިނައިން އެ ފޮޅުތައް ހުންނަނީ ކަރުދޮށުގައެވެ.

ޕްލޭގަކީ ޔާސީނިއާ ޕެސްޓިސް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖައްސާ ބައްޔެކެވެ. އެ ބަލި ފުރަތަމަ ފެތުރެނީ މީދާ ފަދަ ޖަނަވާރުތަކުގައެވެ. ފެތުރެނީ ސެއްޅީގެ ޒަރީއާއިންނެވެ. މީދާތައް މަރުވެ ހުސްވީމާ ސެއްޅިތައް އިންސާނުން ގައިގައި ހަފައި އެ މީހުންނަށް ބަލި ފަތުރަނީއެވެ. އެ ޒަމާނުގެ ވިސްނުންތެރިން ލަފާދީ އުޅުނީ ރަށެއްގައި މީދާތަކެއް މަރުވާތަން ފެނިއްޖެނަމަ އަވަހަށް އެ ރަށެއް ދޫކޮށްފައި ދިޔުމަށެވެ. އެއީ މީދާ މަރުވުމަށްފަހު ދެން އޭގެ ފަހަތުން އަންނާނީ ޕްލޭގްކަން އެ މީހުންގެ ތަޖުރިބާއިން އެނގޭތީއެވެ.

ބްލެކް ޑެތު ރޯގާ ފެށުނީ މެދު އިރުމަތީން ކަމަށް ބެލެވެއެވެ. އެ ތަނުން ދިޔައީ ޔޫރަޕަށެވެ. އެތަނުގެ އެތަކެއް ޝަހަރުތަކެއް ފަޅުވެގެން ދިޔައެވެ. ދެން ފެތުރުނީ އޭޝިއާ ބައްރަށެވެ. އޭގެފަހުން މުޅި ދުނިޔެއަށް ފެތުރުނީއެވެ. އަންދާޒާކުރެވޭ ގޮތުން މުޅި ދުނިޔޭގައި 100 މިލިޔަން މީހުންނަށް ރޯގާ ޖެހުނެވެ. އަދި 50 އަކަށް މިލިޔަން މީހުން މަރުވިއެވެ.

ކޮވިޑް 19 އާ އަޅާ ބަލާއިރު ޕްލޭގް އެހާ ހަލުއިކޮށް ނުފެތުރެއެވެ. އެހެނަސް އެބަލީގައި މަރުވި މީހުންގެ ނިސްބަތް މާ މައްޗެވެ. މި ޒަމާނުގައި އައިނަމަ ބްލެކް ޑެތު އެހާ ނުރައްކާތެރިއެއް ނުވީހެވެ. އަދި ދާދި ފަސޭހައިން ކޮންޓްރޯލް ވެސް ކުރެވުނީހެވެ. އެހެނީ ޕްލޭގަކީ މިހާރު ގެންގުޅޭ އެންޓިބައޮޓިކް ތަކުން ވަރަށް ފަސޭހައިން ފަރުވާކުރެވޭ ބައްޔެކެވެ. އަދި އެންޓިބައޮޓިކަށް ނުގުޑާ ޖަރާސިމް އުފެދުމަކީ ވެސް އެ ބަލީގައި ދިމާވާ މައްސަލައެއް ނޫނެވެ.

ހަޤީޤަތުގައި ޕްލޭގް މިހާރުވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި މަދުމަދުން އުޅެއެވެ. މިދިޔަ އަހަރު ވެސް ޗައިނާގެ ސަރަހައްދަކުން އޭގެ ބަލިމީހުންތަކެއް ފެނުނެވެ. އެހެނަސް ދާދި ފަސޭހައިން އެ މައްސަލަ ރޯގާއަކަށްނުވެ ކޮންޓްރޯލް ކުރެވުނެވެ. މި ދުވަސްވަރުގެ ގޮތުން ނޫންނަމަ އެ ވާހަކަ މީޑިއާގެ ސުރުޚީތަކަށް ނައީހެވެ.

 

ސްޕެނިޝް ފްލޫއަކީ ކޮވިޑް 19 ޖައްސާ ވައިރަސްއާ ވަރަށް ތިމާގެ ވައިރަސް އަކުން ޖެހުނު ބައްޔެކެވެ. އެހެން ކަމުން އެ ދެ ބަލީގެ އަލާމާތްތަކާއި ބަލި ކުރިއަށްދާގޮތް ވަރަށް އެއްގޮތެވެ. މައިގަނޑު ގޮތެއްގައި ދެ ބައްޔަކީ ވެސް ނޭވާލާ ނިޒާމުގެ ދެ ބައްޔެވެ. އަދި އަރިދަފުހާއި ކެއްސުމާއި ހުން އައުމަކީ ދެ ބަލީގެ ވެސް މުހިންމު އަލާމާތްތަކެވެ. އެހެނަސް ބަލި ފެތުރޭ ހަލުއި މިނާއި މަރުވާ ރޭޓް ތަފާތެވެ.

ސްޕެނިޝް ފްލޫ ގާތްގަނޑަކަށް 500 ވަރަކަށް މިލިޔަން މީހުންނަށް ޖެހުނު ކަމަށް އަންދާޒާކުރެވެއެވެ. އެއީ އޭރުގެ ދުނިޔޭގެ އާބާދީގެ ތިން ބައިކުޅަ އެއް ބެއެވެ. މިހާ ގިނަ ބަޔަކަށް ބަލި ޖެހުމުގެ އެއް ސަބަބަކީ އެއިރު ހިނގަމުންދިޔަ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައިގައި ސިފައިންގެ ދަތުރުފަތުރު އިތުރުވުން ކަމަށް ބެލެވެއެވެ. މިއާ އަޅާބަލާއިރު ކޮވިޑް 19 މިހާތަނަށް ޖެހުނު ކަމަށް އަންދާޒާ ކުރެވެނީ 100 މިލިޔަން މީހުންނަށެވެ. މީގައި ނޯޓުކުރަން ޖެހޭ ކަމަކީ ދުނިޔޭގެ އާބާދީ 1918 އިން ފެށިގެން މިހާތަނަށް އައިއިރު އެތައް ގުނައަށް އިތުރުވެފައިވާ ކަމެވެ. އަދި ދަތުރުތައް އިތުރުވެފައި ހަލުއިވެފައިވާކަމެވެ. މިހުރިހާ ކަމަކަށް ބަލާއިރު ވެސް 1918 ގެ ރޯގާއަށްވުރެ ކޮވިޑް ޖެހުނު މީހުން މާ މަދެވެ. އެއިން އެނގޭ ކަމަކީ ސްޕެނިޝް ފްލޫއަކީ ކޮވިޑް 19 އަށްވުރެން މާ ހަލުއިކޮށް ފެތުރުނު ރޯގާއެއްކަމެވެ.

ސްޕެނިޝް ފްލޫގައި މުޅި ދުނިޔެއިން މަރުވި ކަމަށް އަންދާޒާކުރެވެނީ ގާތްގަނޑަކަށް 50 މިލިޔަން މީހުންނެވެ. އެއި ބަލި ޖެހުނު 500 މިލިޔަން މީހުންގެ 10 އިންސައްތަ އެވެ. ކޮވިޑް 19 ގައި މިހާތަނަށް މަރުވެފައިވަނީ ގާތްގަނޑަކަށް 2 މިލިޔަން މީހުންނެވެ. އެއީ ބަލިޖެހުނު 100 މިލިޔަން މީހުންގެ 2 އިންސައްތަ އެވެ. މިއިން އެނގޭކަމަކީ ސްޕެނިޝް ފްލޫއަކީ ކޮވިޑް 19 އަށްވުރެން ފުރާނައަށް މާ ނުރައްކާތެރި ބައްޔެއް ކަމެވެ. އެހެނަސް މީގައި ވިސްނާލަން ޖެހޭ ނުކުތާއެއް އެބައޮތެވެ. އެއީ 1918 އާ އަޅާބަލާއިރު މިހާރު ލިބެން ހުރި ފަރުވާ މާ މޮޅެވެ. ސީދާ ވައިރަސްއަށް ދޭ ބޭހެއް ނެތަސް ބަލީގައި ދިމާވާ އިތުރު އިންފެކްޝަންތަކަށް ދޭނޭ މާ މޮޅެތި އެންޓިބައޮޓިކް ބޭސް މިހާރު އެބަހުށްޓެވެ. އަދި ވެންޓިލޭޓަރު ފަދަ ޒަމާނީ އާލާތްތައް މާ ރަނގަޅަށް ލިބެން އެބަހުށްޓެވެ. މި ކަންކަމުން ކޮވިޑް 19 ގައި މީހުން މަރުވާ މިންވަރު ކޮންމެވެސް ވަރަކަށް ދަށްވާނެއެވެ.

މިހާރު ކުރިމަތިވާ ސުވާލަކީ މިހާތަނުން ފެށިގެން ކޮވިޑް 19 އަށް ދެން ވާނީ ކިހިނެއްހެއްޔެވެ؟ އެއް ބައްޔަށް ވާ ގޮތުން އަނެއް ބައްޔަށް ވާނޭގޮތް ކުރިއަށް ލަފާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ނަމަވެސް ހާލަތު ނިޔާކުރާ ގޮތުން ކޮވިޑް 19 ކަންތަކުގައި މިހާރަކު އެ ނޫން ގޮތެއް ނެތެވެ. ވީމާ ސްޕެނިޝް ފްލޫއަށް ވީގޮތަށް ބަލައިލަމާ ތޯއެވެ؟

ސްޕެނިޝް ފްލޫ އޭގެ ކުރީކޮޅުގައި ހަތަރު ފަސް ރާޅެއް އައިސްފައި އާދައިގެ އިންފުލުއެންޒާއަކަށް ބަދަލުވީއެވެ. އެ ސިފައިގައި އަހަރަކު އެއް ފަހަރު ކަހަލަ ގޮތަކަށް (ދުނިޔޭގެ އުތުރާއި ދެކުނަށް ބަލާނަމަ އަހަރަކު ދެ ފަހަރު) މޫސުމީ ރޯގާއެއްގެ ގޮތުގައި އާދެއެވެ. ކޮންމެ އަހަރަކު ވެސް އަންނަނީ ތަފާތު ސްޓްރޭނެއްގެ (ބާވަތެއްގެ) ގޮތުގައެވެ. އެހެންކަމުން އެއް އަހަރު ބޭނުންކުރި ވެކްސިން، ޖެހިގެން އަންނަ އަހަރު ބޭނުމެއް ނުކުރެވެއެވެ. ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް މޫސުމަށް ބޭނުންވާނޭ ވެކްސިން އަންދާޒާކޮށް ވެކްސިން އުފައްދާ ކުންފުނިތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ ބައްދަލުވުމެއްގައި ލަފާދެނީއެވެ. އިންފުލުއެންޒާއަކީ ރާއްޖޭގައި މަޝްހޫރުވެފައިވާ 'ހައްޖު ރޯގާ’އެވެ. ހައްޖު ރޯގާއަށް ކޮންމެ އަހަރަކު ވެކްސިން ޖަހާކަން ގިނަ ދިވެހީންނަށް އެނގޭނެއެވެ. ނޭނގި އޮވެދާނެކަމަކީ ކޮންމެ އަހަރަކު ގެންނަނީ ތަފާތު ވެކްސިނެއްކަމެވެ. ލަފާކުރެވޭ ގޮތުން ކޮވިޑް 19 އަށް ވެސް ކޮންމެ އަހަރަކު އައު ވެކްސިނެއް ގެންނަން ޖެހޭނެއެވެ.

އިންފުލުއެންޒާ ދުނިޔެއިން ނައްތާނުލެވުނު ގޮތަށް ކޮވިޑް 19 ވެސް ނައްތާލެވޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ. އަދި މިހާރު އުފައްދާ ވެކްސިން ފަހުން ބޭނުންކުރެވޭނެ ކަމަކަށް ވެސް ލަފައެއް ނުކުރެވެއެވެ. އަޅުގަނޑުމެންނަށް ޖެހޭނީ އަބަދުގެ އަބަދަށް ކޮވިޑާއެކު އުޅޭށެވެ. އެކަމަކު ރަނގަޅު ކަމެއް އޮވެދާނެއެވެ. ބަލީގެ ބާރު ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ.