Support Us

މާކަނާކަލޯ ބަނދިވެސް…

އޭނާގެ ހިތަށް މި ވާހަކަތައް މިދަންނަވާ ގޮތަށް އަރަމުން ދިޔައެވެ.

އަޅެ އަހަރެން މިއީ ކޮންކަހަލަ މީހެއްހެވެ؟ އޭނާ އެއީ އެއްގޮތަކުން ބަލައިފިއްޔާ އަހަރެންގެ ޚާއްޞަ އުސްތާޒެވެ. އަނެއް ގޮތަކުން ބަލައިފިއްޔާ، އެ މީހަކަށް އަހަރެން އެތައް އެތައް ގޮތަކުން ދަރަނިވެރި ވެފައިވާ ރަޙުމަތްތެރިޔާއެވެ. އެކަމަކު އަހަރެން މިއީ ކޮންކަހަލަ މީހެއްހޭ އަމިއްލަ ނަފުސާ މުޚާޠަބުކޮށް މިއަހަނީ ސަބަބުތަކެއް ކުރިމަތީގައި އޮވެގެންނެވެ. ނޫން، ފަހަތުގައި، މޯހިރުގައި، އޮވެގެންނެވެ. ދެރައިގެ ކޮޅުނެތްކޮޅަށް ދެރައެވެ.

ހަނދާނަށް އަންނަނީ އަހަރެންގެ މަދުރަސީ ދުވަސްވަރެވެ. ނުލާހިކު ރަނގަޅަށް ކިޔަވަމުން، އިމްތިޙާނުތަކުން ރަނގަޅު ވަނަތައް ޙާޞިލް ކުރަމުން، އައިސް އައިސް ހުއްޓައި، އަހަރެން ނުކުރާ ވައްކަމެއް އަހަރެންގެ ބޮލުގައި ފިސާރި ރަނގަޅަށް އެޅިގެން ދިޔަ އެ ދުވަހެވެ. އެ އަނދިރި، ތާރީޚީ ދުވަހެވެ.

އަހަރެން އެ ކޮމްޕިޔުޓަރު ވަގަކަށް ނުނަގަމެވެ. އެކަމަކު، އަހަރެން އެ ކޮމްޕިޔުޓަރު ދުށީމެވެ. އޭގައި އަތްވެސް ލީމެވެ. އެ ކޮމްޕިޔުޓަރަކީ ބޭރު ޤައުމެއް ތަމްޘީލު ކުރައްވަން ރާއްޖެވަޑައިގެން ހުންނެވި ސަފީރެއްގެ ގެކޮޅުގައި ހުރި ކޮމްޕިޔުޓަރެކެވެ. ކޮމްޕިޔުޓަރުގައި އަހަރެންނަށް އަތްލެވޭގޮތްވީ، ކޮމްޕިޔުޓަރުގެ ވެރި ސަފީރުގެ ދަރިކަލުން، އަހަރެންނާ އެއް ކުލާހުގައި އުޅޭ އަހަރެންގެ ރަޙުމަތްތެރިޔާ، އަހަރެންނަށް އެ ފުރުޞަތު ދިނީމައެވެ. މިހިރީ ކޮމްޕިޔުޓަރެކޭ، މީތި ބޭނުންކުރަން ދަސްކުރަންވާނެ ނޫންހޭ ބުނީމައެވެ.

ކޮމްޕިޔުޓަރަކީ އެދުވަސްވަރު ރާއްޖެޔަށް ވަރަށް އައުވެސް އެއްޗަކަށް ވީތީ، އަހަރެން އެ ލިބުނު ފުރުޞަތުގެ ބޭނުން ފިސާރި ރަނގަޅަށް ހިފީމެވެ. އަދި އިސާހިތަކު އަހަރެންގެ ރަޙުމަތްތެރިޔާއަށްވުރެ، އަދި ޚުދު ސަފީރަށް ވުރެވެސް، މާ ހަލުއިކަމާއި ކުޅަދާނަކަމާއެކު އެ ކޮމްޕިޔުޓަރު ބޭނުންކުރަން ދަސްވެސްކޮށްލީމެވެ. އެހެންކަމާއެކު، ސަފީރު އެއިން ކުރައްވަންވާ ކިތަންމެ ކަމެއްވެސް އަހަރެންނާ ޙަވާލު ކުރައްވަމުން ގެންދެވީމައި، އެޚިދުމަތް އެމަނިކުފާނަށް އަރުވަމުން ގެންދިޔައިމެވެ.

ދެން އައީ އަނދިރި ދުވަހަކެވެ. ކޮންމެވެސް މީހަކު ކޮމްޕިޔުޓަރު ވަގަށް ނަގައިފިއެވެ. ސަފީރު ޝައްކު ކުރެއްވީ އަހަރެންގެ މައްޗަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ކޮމްޕިޔުޓަރު ވަގަށް ގެންދާނީ އެ ހުރިތަން ރަނގަޅަށް އެނގޭ މީހެކެވެ. އަދި އެ ގެންގޮސްގެން އޭގެ ބޭނުން ހިފަންވެސް ރަނގަޅަށް ދަންނަ މީހެކެވެ. އެ ދުވަސްވަރަކީ ރާއްޖޭގައި ކޮމްޕިޔުޓަރު މިހައިރުހައި ގިނަ ދުވަސްވަރެއް ނޫނެވެ. އެއީ ކޮމްޕިޔުޓަރެއްގެ ބޭނުންކުރަން ދަންނަމީހުން ރާއްޖޭގައި އެހައި ގިނަވެސް ދުވަސްވަރެއް ނޫނެވެ. އެހެންކަމުން، އެންމެންގެވެސް ޝައްކުގެ ނަޒަރު ހުއްޓުނީ ހަމަ އަހަރެންގެ މައްޗަށެވެ.

ތަޙުޤީޤެއް އަދި ނުކުރެވުނަސް، އިޢުތިރާފެއް ޢަމުދުން ނެތަސް، އަހަރެން އުޅޭ ގެ ފާސްކޮށްގެން ކޮމްޕިޔުޓަރު ނުފެނުނަސް، ސަފީރާއި ސަފީރުގެ ދަރިކަލުންގެ ބަހަކީ ފަސޭހައިން ވިކޭ ބަހަކަށް ވީތީ، އަހަރެންނަކީ ވަގެއްކަމަށް ރަސްމީކޮށް ނިމިއްޖެއެވެ. އަދި އެޔާވިދިގެން އަހަރެން އިސްކޯލުން ކަނޑައިލުމުގެ މަސައްކަތްވެސް ފެށިއްޖެއެވެ.

އެ ދުވަސްވަރު ދަރިވަރަކު އިސްކޯލުން ކަނޑައިލެވޭނީ އެ ދަރިވަރަކު އުޅޭ ކިލާހަކަށް ކިޔަވައިދެއްވަން ދުރުވާ އެންމެހައި މުދައްރިސުންނާއި މުދައްރިސާއިން އެ ކަމަށް ރުހިލައްވާކަން ލިޔުމުން ލިބުމަށްފަހުއެވެ. އަހަރެން އިސްކޯލުން ކަނޑައިލަން ތައްޔާރުކުރެވުނު ލިޔުމުގައި ސޮއި ނުކުރެއްވީ އެންމެ މުދައްރިސެކެވެ. އެއީ ފަށަމުންވެސް މިބުނި، އަހަރެންގެ ޚާއްޞަ އުސްތާޒެވެ. އެހެންކަމުން، އަހަރެން އިސްކޯލުން ކަނޑައިލަން ރޭވި ބަޔަކަށް އެ ކަން ކާމިޔާބެއް ނުކުރެވުނެވެ. ކިޔެވުމުގެ ރާސްތާޔަކަށް ހުރަހެއް ނުއެޅުނެވެ. އެޔާ ވިދިގެން އަހަރެންނަށް ނުކޮށް ދޫކޮށްެލެވުނީ އެންމެ ކަމެކެވެ. އެއީ އަހަރެން ސަލާމަތްކޮށްދެއްވި ޚާއްޞަ އުސްތާޒަށް ޝުކުރު އަދާކުރުމެވެ.

އަހަރެން އިސްކޯލު ނިންމީ ފަހު އިމްތިޙާނުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދައިގެނެވެ. އަދި އެކަމާ ވިއްދައިގެން އަހަރެން ރާއްޖޭން ބޭރަށް ކިޔަވަން ދިޔައިމެެވެ. އެކަމަށް ބޭނުންވި ތަކެތީގެ ތެރޭގައި ހިމެނޭ ’ރެފަރެންސް ލެޓަރ‘ އަހަރެންނަށް ލިޔުއްވައިދެއްވީވެސް ހަމަ އެއްކަލަ ޚާއްޞަ އުސްތާޒެވެ. އެފަހަރުވެސް އޭނާޔަށް ޝުކުރުގެ ބަހަކުން ހަދިޔާކުރާކަށް އަހަރެންގެ ހިތަކަށް ނޭރިއެވެ. އެކުން ހަނދާންވެސް ނެތުނީއެވެ.

ރާއްޖޭން ބޭރުން ކިޔަވައިގެން އައިސް އަހަރެން އަމިއްލަ މަސައްކަތެއް ފެށީމެވެ. އެކަމުގައިވެސް އަހަރެންގެ ޚާއްޞަ އުސްތާޒުގެ އެހީ ވަރަށް ބޮޑަށް ލިބުނެވެ. އަހަރެން ވިއްކަން ނިކުތް އެއްޗިއްސާ ބެހޭ ތަފާތު އެކި ލިޔުންތައް މޮަޅަށް ތައްޔާރުކޮށްދެއްވިއެވެ. ބޭރު ކަރަކަރައިން ތަފާތު އެކި ބާވަތްބާވަތުގެ ތަކެތި ހޯދައިގެން ގެނައުމުގެ ދޮރުތައް އަހަރެންގެ އުސްތާޒު އަހަރެންނަށް ހޯއްދަވައިދެއްވިއެވެ. އެހިސާބުން އުސްތާޒު ބަދަލުވީ އަހަރެންގެ ޚާއްޞަ ރަޙުމަތްތެރިޔަކަށެވެ. އަަހަރެންގެ ވިޔަފާރިޔަށް މަގު ކޮށްޓަވައިދެއްވި އަޚަކަށެވެ. އެކަމަކު، އެއްފަހަރުވެސް އަހަރެން އޭނާޔަކަށް ޝުކުރެއް އަދައެއް ނުކުރަމެވެ.

ދެން އައީ އަހަރެންގެ ދިރިއުޅުމުގެ ރަންޒަމާނެވެ. އަދި މިހައިރު ވިސްނޭގޮތުގައި ރަންވަރަނގު ޒަމާނެވެ. ސިޔާސީ ދާއިރާޔަށް ވަން ޒަމާނެވެ. އަހަރެން ސިޔާސީ ޕޯޑިޔަމްތަކަށް އަރައި، ވާހަކަދެއްކީމެވެ. އަހަރެން އެގޮތުން ދެއްކިހައި ވާހަކަތައް އެއީ ސިޔާސީގޮތުން ދެއްކި ވާހަކަޔޭ ފަހުން ބުނީމެވެ. އެކި މީހުންނަށް އަހަރެން ކީ ގިނަ އެއްޗިއްސަކީ ޙަޤީޤަތެއް ނޫންކަން ދެނެހުރީމޭ، އެކަމަކު ސިޔާސީ ވާހަކައިގެ ތެރޭގައި ޙަޤީޤަތަށް ބެލުން އެއީ އޮންނަ ކަމެއް ނޫނޭ ކިޔައިފައި، އެތައް ބައެއްގެ ރީތި ނަން ކިލަނބުކޮށްލަން މަސައްކަތް ކުރީމެވެ. އެތައް ބައެއްގެ އަބުރަށް އައްސުން އަރައިގަތީމެވެ.  ގިނަ ފަހަރަށް މަޖުބޫރުވެގެންނެވެ. އަހަރެން އެކަންތައް ކުރަން ފެށީމައި އަހަރެންގެ ކުރީގެ ޚާއްޞަ އުސްތާޒު، އަދި ފަހުގެ ރަޙުމަތްތެރި އަޚާ، އަހަރެެންނަށް ނަސޭހަތް ދެއްވިއެވެ. އެހެން ނުހަދާށޭ، ޕޯޑިޔަމް ތަކުގައި މަޢުޞޫމު މީހުންނާ ބެހެންހަދައިގެން އެމީހުންނަށް ފުރުޞަތެއް ލިބޭ ދުވަހަކުން ފަހަތުން އައިސް ދަތްއަޅާއިރު ދިލަނަގާނޭވެސް ބުނުއްވިއެވެ. އަހަރެން އެ ނަސޭހަތެއް ނާހަމެވެ. އަދި އެ ނަސޭހަތް ދެއްވި އުސްތާޒަށް ޝުކުރެއްވެސް އަދައެއް ނުކުރަމެވެ. އަހަރެން ހުރީ އަހަރުމެން ވާހަކަ ދައްކަން އެއްވާ ތަންތަނުގައި އެވާހަކަތައް އަޑުއަހައި، ބާރަށް އަތްތިލަބަޑިތަޅަން ތިބޭ މީހުންގެ އަވައިގައި އެޔަށްވުރެ މާރަނގަޅަށް ޖެހިފައެވެ.

ދެންވީ އަދި އެހެން ގޮތެކެވެ. މިހައިރު ވިސްނޭ ގޮތުގައި ދެރަވެސް ގޮތެކެވެ. އަހަރެންގެ އުސްތާޒު އަހަރެންނަށް ނަސޭހަތް ލައިދެއްވިކަން އަހަރުމެންގެ މައްޗަށް ތިބި މީހުންނަށް އެނގިއްޖެއެވެ. އަދި އެމީހުން ނިންމީ، އޭނާ އަހަރެންނަށް އެ ނަސޭހަތް ދެއްވީތީ، އަހަރެންގެ އެ އުސްތާޒަކީ އެމީހުންނާ އިދިކޮޅު މީހެއް ކަމަށެވެ. އަދި އެއީ ’ސައިޒަށް ކަނޑައިލަން‘ޖެހޭ މީހެއް ކަމަށެވެ. އަދި އެ ކަނޑައިލުމެއް ކަނޑައިލަން ޙަވާލުކުރެވުނީވެސް ޚުދު އަހަރެންނާއެވެ.

އަހަރެން އަހަރެންގެ ޚާއްޞަ އުސްތާޒުގެ އަބުރަށް އަރައިގަތީމެވެ. ނަމަށް ކިސަޑު ބުރުވައިލީމެވެ. އެއްވެސް ކަހަލަ ފަސްޖެހުމެއް، ޖެހިލުމެއް ނެތި، އައްސުންނެވެ. އެތައް އެތައް ބަދުނާމެއް އަހަރެން އޭނާގެ ބޮލުގައި ނުޙައްޤުން އެޅުވީމެވެ. އަސާސެއް ނެތް، ޙަޤީޤަތެއް ނެތް، ހުތުރު އެތައް އެތައް އިލްޒާމެއް، ހަމަ ޤަޞްދުގައި، އެއީ ބޭއިންސާފުން ކުރެވޭ ކަމެއްކަން އެނގިއެނގިހުރެމެ، އުސްތާޒުގެ ބޮލުގައި އެޅުވީމެވެ. އަހަރެން އޭނާގެ އަބުރު ކަތިލައިލީ އެއްވެސް ކަހަލަ އަގަލެއް، ކުލުނެއްވެސް ނެތިއެވެ. ’ޝުކުރު‘ މި ލަފުޒު އެއީ އެއިރު އަހަރެން ދަންނަވެސް ލަފުޒެއް ނޫނެވެ.

’މާކަނާ ކަލޯތާ، މަގައިގައި ޖެހީތާ! ޖަހައިފައި ފިލީތާ، ފިލައި އިނދެ…‘ ދެން އެ ބަނދީގައި އެ ކިޔާއެއްޗެއް އަހަރެން އެއިރަކު ހަނދާނެއް ނެތެވެ. އަދި ހަނދާން އައުކޮށްލައިދޭނޭ އުސްތާޒެއްވެސް އެއިރަކު އަހަރެން ގާތަކު ނެތެވެ. އެހެންކަމުން އަހަރެން އެކުރި މަސައްކަތް ހޭބޯނާރާ ކުރުމުގައި ދެމިހުރީ ކަމަށް ދެވިހިފައިފައި ތިބި މީހުންގެ ތެރެއިންވެސް ހުނިޖެހިގެން ނެގޭ މީހުންގެ ތެރޭގައެވެ.

ސިޔާސީ ޙަޔާތަކީ ވަރަށް އެހެންކަހަލަ ޙަޔާތެކެވެ. މަތިންނާއި ދަށުންނާއި ވަތުން ދިޔުމުގައި އެއްވެސް ތަރުތީބެއްވެސް ނެތް، ތޮށަލިދުޅަޔަށް ވާވަރުވެސް ނުވާ ޙަޔާތެކެވެ. އަހަރެން ކުރިން މިބުނި ރަންވަރަނގު ޒަމާނުގައި އަހަރެން ހުރީ ވަރަށް މަތީގައެވެ. ނަމަވެސް މިއަދު ހުންނަން މިޖެހުނީ ވަރަށް އަޑީގައެވެ.

ދުނިޔޭގައި ބައެއްކަހަލަ ކަންކަމަކީ ވަށައި ބުރުޖަހައިފައި އަންނާނެ ކަންކަމޭ ބައެއް މީހުން ބުނެ އުޅެއެވެ. މިއަދަކު އެއްކަލަ ސަފީރެއް ނެތެވެ. ކޮމްޕިޔުޓަރެއްވެސް ނެތެވެ. އެކަމަކު އަހަރެން ނުވެސް ދަންނަ ބަޔަކު ކުރި އެތައް އެތައް ވައްކަމެއް އަހަރެންގެ ބޮލުގައި އަޅުވައިފިއެވެ. އެހެން ބަޔަކު ކުރި އެތައް އެތައް ކަމެއް އަހަރެންގެ ނަމުގައި އޮތް ވިކުރައިގައި ލިޔެވިއްޖެއެވެ. ޝަރުޢީ ކޯޓަކުން ނޫނެވެ. އެކަންވެސް ކުރެވެމުން ދިޔައީ ޕޯޑިޔަމް ތަކުންނެވެ. އަހަރެންވެސް ހަމަ އެގޮތަށް އެހެން މީހުންނަށް ’ޙުކުމްކުރި‘ ޕޯޑިޔަމް ތަކުންނެވެ.

އަހަރެންގެ އަބުރެއް، އަގެއް، ރީތި ނަމެއް، މިހައިރަކު ނެތެވެ. އެކަމަކު އަހަރެންނެއް ވައްކަމެއް ނުކުރަމެވެ. ޖަރީމާތަކެއް ނުހިންގަމެވެ. އެހެންނަމަވެސް، އަހަރެން ވައްކަން ކުރިކަމަށް ލިޔެ، ސޮއިކުރާނެ މީހުން ބައިވަރެެވެ. ޖަރީމާތައް ހިންގިކަމަށް ދޮގުހެކި ދޭނޭ މީހުންވެސް ހަމަ އެހައި ގިނައެވެ. މިއަދުގެ ނިމުން އޮތީ ވަކިމީހަކު ސޮއި ނުކުރީމާ އަހަރެން ބަދުނާމުން ސަލާމަތްވާ ގޮތަކަށްވެސް ނޫނެވެ. އެހެންނޫނަސް، އަހަރެންގެ އެ ޚާއްޞަ އުސްތާޒެއްވެސް މިއަދަކު ގާތަކު ނެތެވެ. އޭނާ ކޮއްޕައި ދުރަށް ލީވެސް ޚުދު އަހަރެންނެވެ.

މިއަދު އަހަރެން މިހުރީ މަޢާފާއި، ރުހުމާއި، ކުލުނާއި، ޞަދަޤާތަށް ވުރެވެސް މާ ދުރުގައެވެ. ދިމާވި ހުރިހައި ކަމަކަށް ޝުކުރުކޮށްލުން ނޫންގޮތެއް ނެތިފައެވެ. ހިތަށް އަނެއްކާވެސް އެ އަންނަނީ މާކަނާކަލޯ ބަންޖެވެ.

’މާކަނާ ކަލޯތާ، މަގައިގައި ޖެހީތާ! ޖަހައިފައި ފިލީތާ، ފިލައި އިނދެ ރޮނީތާ! ނިކުމެ އިނދެ ހެނީތާ!‘ ބަނދި އެކަށްހެން ހަނދާންވެއްޖެއެވެ. އެކަމަކު ރޮވޭނީ، ހަރު ހިލަޔަށް ހަދަންކަމަށް އުޅުނު ހިތް އެކަން ހުއްދަކުރިއްޔާ ތާއެވެ! ހެވޭނީ މީހުން ކުރިމައްޗަށް ނިކުންނަން އަހަރެންނަށް ކެރިގެންތާއެވެ. އަހަރެން އެބައެއްގެ އަބުރަށް އައްސުން އަރައިގަތް ހާދަ ގިނަ ބަޔަކު އަހަރެން ނިކުންނަ ތަނުން އަހަރެންނާ ދިމާކުރަން އަންނާނެތާއޭ ހިތަށް އަރާތީ، އެކަމާ އިންތިހާ ދަރަޖަޔަށް ބިރުވެސް ގަންނާތީ، ނިކުންނާކަށް ހަމަ ނުކެރޭނެއެވެ.

ދެން ރަނގަޅުވާނީ އެ ބަނދިވެސް، އަދި އަމިއްލަ ނަފުސާ ޤަދަރާ އެއް ޖުމުލައެއްގައި ކިޔަންވެސް، ހަނދާން ނައްތައިލިއްޔާއެވެ.“

އޭނާގެ ހިތަށް އަރަމުން ދިޔަ ވާހަކަތަކާއި ޝުޢޫރުތަކަށް މެދުކެނޑުމެއް އައެވެ. އެކަމަކު އެ ވާހަކަތަކާއި ޝަކުވާތަކަށް ނިމުމެއް އައީކީ ނޫނެވެ. ނިމުމެއް އަންނާނެހެނެއްވެސް ހީއެއް ނުވެއެވެ.