Support Us

ދިވެހީންގެ އަސްލު ވަޒަންވެރީން ދެނެގަންނާން ދާންވީ ކޮން ދިމާއަކަށް؟

ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮޅުންބޮޅުންވެފައިވާ އެއްޗެކެވެ. ދިވެހީން މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާކަމާއެކު ނުވަތަ ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު ހުރީ ވީރާނާ ވެފައެވެ. ބައެއް ތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާއެކު ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބިއެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބިދާނެ ބައެއް ދިމަދިމާއަށް އަޅުގަނޑުމެންގެ ވިސްނުން މިޞްރާބުކުރެވޭތޯ މަސައްކަތެއް ކުރަމާ ހިންގަވާށެވެ!

ދިވެހިރާއްޖެއަކީ އެފްރިކާ އާއި އޭޝިޔާއާ ދެމެދުގައި އިންޑިއާ ކަނޑުގެ މުހިންމު އިސްތިރާޖީ ނުކުތާއެއްގައި އޮންނަ ޤައުމެކެވެ. މި ސަބަބަށްޓަކައި، ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވަނީ އިންޑިއާ ކަނޑު ހުރަސްކޮށް އުތުރުކަރަ (އިންޑިއާ) އަށް ނާފަހަރުގައި މީހުން ދަތުރުކުރާން ފެށީއްސުރެ ދިވެހި ރާއްޖޭގައި ދިރިއުޅެންފަށައިފައިވާނޭ ކަމުގައެވެ. އަދި ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީ ދުވަސްވަރެއް އެނގިއްޖެ ނަމަ އިންޑިއާ ކަނޑުގައި މީހުން ދަތުރުފަތުރުކުރާން ފަށައިގަތް ދުވަސްވަރެއް ވެސް އެނގޭނެއެވެ.

އޮޅުދޫކަރައިގެ ނުވަތަ ސިލޯނުގެ (މިހާރުގެ ނަމުންނަމަ ސްރީ ލަންކާގެ) އެންމެ މުހިންމު ތާރީޚީ، އެއް ފޮތް ކަމުގައިވާ "މަހަވަންސާ"ގައި ވާ ގޮތުން މީލާދީ ސަނަތުގެ 500 އަހަރުކުރިން އުތުރު އިންޑިއާގެ އަމީރެއް ކަމުގައިވާ ވިޖެޔާ އޮޅުދޫކަރަޔަށް ވަޑައިގަތް އިރު އެ މަނިކުފާނުގެ މީހުން ދަތުރުކުރި ނާތަކުގެ ތެރެއިން ނަމެއް ދިވެހި ރާއްޖެއަށް އައެވެ. "ފިރިހެން ކުދީންގެ ނާ ދަތުރުކުރީ ނަގަދީޕާ (ލަންކާ) އަށެވެ. އަންހެންކުދީންގެ ނާ ދަތުރުކުރީ މަހިލާވްދިވީޕިކާ (ދިވެހިރާއްޖެ) އަށެވެ. މިއީ ތާރީޚީ ފުލޯކު ވާހަކައެއް ނަމަވެސް  "މަހަވަންސާ" އަކީ ސިންގަޅައިންގެ ވެއްދާއިންނާއި ބުރަހުމަނުންގެ އަތްއަތް މަތީން ލިޔެ ރައްކާކޮށްފައިވާ (އަޅުގަނޑުމެންގެ ރާދަވަޅި ފަދަ ތާރީޚީ) ފޮތެކެވެ. އެހެންވީމާ މި ފޮތުގައި ލިޔެފައިވާ މި ފަދަ ފުލޯކު ވާހަކަތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮތުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަމަށް ނަސީމާ މުޙައްމަދު (2007) ވެސް ދެކެވަޑައިގަނެއެވެ.

ސިންހަޕްރަ (ގުޖްރާތު) ރަސްގެފާނުގެ ދަރިކަލުން އަމީރު ވިޖެޔާގެ ޢަމަލުތަކާމެދު އެ ރަދުން ކޯފާ އިސްކުރައްވައި، އަމީރު ވިޖެޔާއާއި އެ މަނިކުފާނުގެ އެކުވެރިންގެ ތެރެއިން 700 ވަރަކަށް ބޭފުޅުންނާއެކު ފޮނުވައިލެއްވީ ކަމަށާއި މިއީ އަމީރު އަމިއްލަފުޅަށް ވަޑައިގަތް ވަޑައިގަތުމެއް ނޫންކަމަށް ނަސީމާ މުޙައްމަދު (2007) ބުރަވެވަޑައިގަތެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑިޔާގެ ގުޖްރާތު ސަރަހައްދަކީ އިންދޫސް ވާދީ ރަށްވެހިކަމުގެ އަސަރު ވެސް އެ ހިސާބުގަނޑަށް ފޯރައިފައިވާ، ތަރައްޤީއާއި ރަށްވެހިކަމުގެ ނާރެހެކެވެ. މި ސަރަހައްދުގެ ރަސްކަލުންގެ ޢިއްޒަތްތެރިކަމާއި ހައިބަތަށް ވިސްނާއިރު ރަސްގެފާނުގެ ދަރިކަލުން ރަސްމީ ޢިއްޒަތުގައި އަރުވައިލެވޭއިރު 700 ބޭފުޅުން އެންމެ ދެ ނަވަށް ބައްސަވައިލައްވައިގެން ދަތުރުފުޅު އިންތިޒާމު ކުރައްވައިފައިވާތީ އެ ނާފަހަރުގެ ބޮޑުކަމާއި ފުރިހަމަކަން އަންދާޒާކޮށްލާކަށް އުނދަގުލެއް ނޫނެވެ.

އިންޑިޔާގެ ގުޖްރާތު ސަރަހައްދުން ފުރައިގެން ރިޔާ ނެގި އުޅަނދެއްގައި ދަތުރުކުރާ ބަޔަކަށް އޮޅުދޫ ކަރަޔަށް ދިޔުމަށްވުރެ ދެ މޫސުމުގައި ވެސް ފަސޭހަވާނީ ރާއްޖެއަށް ދަތުރުކުރާށެވެ. އެހެނީ އާންމު ގޮތެއްގައި ވައިޖެހެނީ ހުޅަނގާއި އިރުން ކަމަށްވާތީ ކޮންމެ މޫސުމެއްގައި ވެސް އުތުރުން ދެކުނަށް ދަތުރުކުރުން ފަސޭހަވާނެތީ އެވެ.

"ދިވެހި ތާރީޚަށް އައު އަލިކަމެއް" ގައި ބަޔާންކޮށްފައި ވާ ގޮތުން މީލާދުގެ ކުރީގެ ފަސްވަނަ ނުވަތަ ހަވަނަ ޤަރުނުގައި ސިލޯނުން (ސްރީލަންކާއިން) ރާއްޖެއަށް ފުރަތަމަ އައީ ޢާރިޔަނުންނެވެ. އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖެއަށް ފުރަތަމަ އައީ ޢީސާގެފާނުގެ ކުރީގެ ފަސްވަނަ ނުވަތަ ހަ ވަނަ ޤަރުނުގެ ތެރޭގައި ސިލޯނުން ޢާރިޔަނުން އައި ދުވަސްވަރު އޭގެ މީހުންނެވެ. (ޢާރިޔަނުންނަކީ  ވަރަށް އިހު ޒަމާނުއްސުރެ އެއް އުޞޫލެއްގެ މައްޗަށް ބިނާކޮށްފައިވާ ބަސްތަކަކުން ވާހަކަދައްކާ ބަޔެކެވެ. މިބައިމީހުންނަކީ ދުނިޔޭގެ ވަރަށް ގިނަ ދިމަދިމާއަށް ފެތުރިގެން ދިޔަ ބަޔެކެވެ.) ނުވަތަ ހަމަ ސީދާ ސިންގަޅައިންނެވެ. މިއީ މި ޒަމާނުގައި ޝައްކުކުރާން ތަން ލިބިގެންވާ ތަނެއް ނޫނެވެ." (ދިވެހި ތާރީޚަށް އައު އަލިކަމެއް (1990) ޞަފުޙާ 36) މި ވާހަކައަކީ ޚާއްޞަ ދިރާސާއެއްގެ އަލީގައި ބަޔާންކޮށްފައި އޮތް ވާހަކައަށް ވުރެ ބޮޑަށް ވައްތަރީ ހީއެއްގެ މައްޗަށް ފާޅުކޮށްފައިވާ ޚިޔާލެއްކަމުގައެވެ. އެހެނީ މި ވާހަކަ ސާބިތުކޮށްދޭނޭ ހެތްކެއް ބަޔާންކޮށްފައެއް ނުވެއެވެ.

ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ ސިލޯނު މަގުން ކަމަށް ވުމީ ވަރަށް އެކަށީގެން ނުވާކަމެކެވެ. ސަބަބަކީ އެބައިމީހުންނަކީ ކުރީ ޒަމާނުގައި ކަނޑުދަތުރުފަތުރުކޮށް އުޅުނު ބައެއް ކަން ތާރީޚީ ގޮތުން އެނގޭން ނެތުމެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވާނީ ސިލޯނަށް ވެސް ޢާރިޔަނުން ދިޔަ ދުވަސްވަރު ހަމަ އިންޑިއާ މަގުންނެވެ. އެހެނީ ރާއްޖެއަށް ޢާރިޔަނުން އައީ ސިލޯނު މަގުން ކަމަށް ވާނަމަ، މި ވާހަކަ މަހަވަންސާގައި ބަޔާންކޮށްފައި އޮތީހެވެ. ނަސީމާ މުޙައްމަދު (2007) ވެސް ބޮޑަށް ބުރަވެވަޑައިގަންނަވަނީ މި ޚިޔާލަށެވެ.

ސްރީލަންކާގެ އާސާރީ ލިޔުމެއް ކަމަށްވާ ދީޕަވަންސާ (400 މކ) ގައި ވެސް ދިވެހިރާއްޖޭގެ ވާހަކަ "ގަސްގަހާގެހި ގިނައިން ހެދިފައިވާ 'ގިރި' ނަމަކަށް ކިޔާ ރަށެއް"ގެ ގޮތުގައި ސިފަކޮށް އެ ވާހަކަ ގެނެސްފައިވެއެވެ. މިއީ ތާރީޚީ ނާޑުކަތާއެއް ކަމަށް ވިޔަސް މީލާދީ ސަނަތުގެ ކުރީން ވެސް ދިވެހިރާއްޖެއަކީ ލިޔުންތެރީން ދަންނަ، މީހުންނަށް އެނގޭ ޤައުމެއްކަން މި ވާހަކައިން ވެސް ދޭހަވެއެވެ.

ދިވެހި ތާރީޚާ ބެހޭ މުހިންމު ގިނަ މަޢުލޫމާތު ލިބޭ އެއް ވަސީލަތަކީ އެޗް ސީ ޕީ ބެލްގެ މޮނޮގްރާފް(1940)ކަމަށް ބެލެވެއެވެ. މި ފޮތުގައި ވެސް ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ މީލާދީ ސަނަތުގެ ކުރީން ކަމަށް ބަޔާންކުރައްވައިފައިވެއެވެ.  އެކަމަކު ޢާރިޔަނުން ރާއްޖެ އައީ ލަންކާއިން ކަމެއް ނުވަތަ އިންޑިއާއިން ކަމެއް ބެލް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

ޢީސާއީ ސަނަތުގެ ކުރީން ދިވެހިރާއްޖެއަށް އާރިޔަނުން އައި ކަމަށާއި އެ މީހުންގެ ތެރޭގައި ޑްރެވީޑިއަނުން ހިމެނޭ ކަމަށް ޙަބީބާ ޙުސައިން ޙަބީބު (ތާރީޚަށް އަވަސްކަޅިއެއް (ޞަފުޙާ 2)) ގައި ބަޔާންކުރައްވައިފައިވެއެވެ. މިއީ އެޗްސީޕީ ބެލްގެ ލިޔުއްވުމުގެ އަލީގައި ލިޔުއްވައިފައިވާ ލިޔުއްވުމެއްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލްމަސްޢޫދީ ލިޔުއްވައިފައިވާ "މުރޫޖުއްޛަހަބް"ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚާ ބެހޭ ވާހަކަތައް ގެންނަވައިފައި ވިޔަސް، ރާއްޖޭގައި ވަޒަންވެރިވީ ކޮން ދަރިކޮޅަކުން އައި ބަޔެއްކަމާއި، ރާއްޖެ އާބާދުވި ދުވަހަކާއި ރާއްޖޭގެ ވެރިކަމަށް ވީ މުއްދަތު ފަދަ މަޢުލޫމާތެއް އެ ފޮތުގައި ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ.

މުޙައްމަދު އަމީން ("ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު"، (1978)، ޞ 21 ން 22 އަށް) ބަޔާންކުރައްވައިފައިވަނީ "މިހާ ތަނަށް ކުރެވިފައިވާ ތަޙުޤީޤުތަކުން އަޅުގަނޑުމެންނަށް ޔަޤީންވާން އުޅެނީ ކޮންމެވެސް ޒަމާނެއްގައި ސިލޯނުން ސިންގަޅަ ބަޔަކު ދިވެހިރާއްޖެއަށް އައިސް ރާއްޖެ ޢިމާރާތްކުރިކަމެވެ. ޢީސާގެފާނު ދުނިޔެއަށް ވަޑައިގަތް ދުވަސްވަރާ ގާތް ދުވަސްވަރެއްގައި އެ ބަޔެއްގެ ވެރިކަން ދިވެހިރާއްޖޭގައި ދެމި އޮތްކަމެވެ."

މުޙައްމަދު އަމީނުގެ މި ޚިޔާލުފުޅަކީ ސާބިތު ހެތްކެއްގެ މައްޗަށް ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއް ނޫނެވެ. އަދި އެ ގޮތަށް އަމީންގެ ވިސްނުންފުޅު ހުރި ކަމަށް ވިޔަސް އެ ގޮތަށް އެމަނިކުފާނަކަށް ވެސް ސާބިތެއްނުވެއެވެ. "އަޅުގަނޑުމެނންނަށް ޔަޤީންވާން އުޅެނީ" އޭ ވިދާޅުވެފައިވުމުން ޔަޤީންނުވާކަމާއި އެ ގޮތަށް ސާބިތު ނުވާކަން ކަނޑައެޅިގެން ދޭހަވެއެވެ.

ދިވެހިރާއްޖޭގެ އަޞްލު ވަޒަންވެރީންނަކީ ކޮންތާކުން ކޮން އިރަކު އައި ކޮން ބަޔެއްކަން އަދި ސާބިތުވެފައި ނުވިޔަސް ގަބޫލުކުރެވޭ ހަގީގަތްތަކެއް ވެސް އެބަހުއްޓެވެ. އެއީ ކޮންމެ ބަޔަކު ނަމަވެސް އެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފަހު، އެ ބަޔަކީ ދީވީން(ދިވެހީން)ކަމެވެ. އަދި އެ ބަޔަކީ އެހެން ޤައުމަކާ ނުގުޅި އެހެން ޤައުމެއްގެ ބަޔެއްގެ ގޮތުގައި ނުހިމެނި، އަމިއްލަ ވެރިކަމެއް ޤާއިމުކޮށްގެން އަމިއްލަވަންތަކަމާއި އަމިއްލަ ފުދުންތެރިކަމާއެކު އުޅެމުން ގެންދިޔަ ބަޔެއް ކަމެވެ. މި ގޮތަށް "ދީވީން" އުޅެމުން އައި އިރު، އެ ބައިމީހުންގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކުގެ ވެރީންނާއި  އަދި އެ ދުވަސްވަރު އިންޑިއާ ކަނޑަށް ބާރު ފޯރުވައިގެން އުޅުނު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވެރީންނާއެކު "ދީވީން"ގެ ރަސްރަސްކަލުން ވަޑައިގަތީ އެކުވެރިކަން ދަމަހައްޓަވަމުން އައިކަމެވެ. ފެށުނީއްސުރެ ރާއްޖޭގައި ހަރުދަނާ ރަސްކަމެއް ފެށި އެ ރަސްކަން ދެމިގެން އައި ކަމެވެ.

މީލާދީން 1980ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގަތް ޕްރޮފެސަރ ތޯރ ހައިދާލް ލަފާކުރެއްވި ގޮތުގައި އިންޑިއާއާއި ޕާކިސްތާނު ހިމެނޭ ސަރަހައްދުގައި އިހަށް އޮތް ރަށްވެހިކަން (އިންޑަސް ވެލީ ސިވިލައިޒޭޝަން) އުވިގެން ދިޔައިރު ދިވެހި ރާއްޖެއަށް އެ ހިސާބުން މީހުން އައިސްފައިވެދާނެއެވެ. ތޯރ ހައިދާލްގެ މި ޚިޔާލަށް މި ރާއްޖޭގައި އޮތް ނާޑުކަތާއަކުން ބާރު ލިބޭކަމަށް ނަސީމާ މުޙައްމަދު  ދެކެވަޑައިގަނެއެވެ.(ފަތްތޫރަ، 306، ސެޕްޓެމްބަރ 2004). "މި ވާހަކައިގައި ބުނާ ގޮތުގައި ދިވެހިރާއްޖެއަށް ފުރަތަމަ އައީ، އިންޑަސްވާދީގެ ކޯރެއް ކަމުގައިވާ ސަރަސްވަތީ ކޯރުގެ އައްސޭރީގައި އޮތް 'ކާލީބަންގަން' ނަމަކަށް ކިޔުނު ރަށެއްގެ މީހުންނެވެ. އިންޑަސް ވާދީގެ ރަށްވެހިކަން އުވިގެން ދިޔައީ މީލާދީ 1400 އަހަރު ކުރިންނެވެ."

"ވާހަކައިގައި ބުނާ ގޮތުގައި ދިވެހިރާއްޖޭގައި ރަސްކަމެއް ފުރަތަމަ އުފެއްދީ އިރުމަތީ އިންޑިއާގެ ކާލިންގާއޭ ކިޔާ ސަރަހައްދުން (މިހާރުގެ އޮރިއްސާ) ވަޑައިގެންނެވި ސޫރިޔަވަންޝަ (އިރު ވަންހަ) ދަރިކޮޅުގެ އަމީރެކެވެ. މި ރަސްގެފާނުގެ ނަންފުޅުކަމަށް ވާރިދުވެފައިވާ ވާހަކައިގައި ބުނެފައިވަނީ ސޫރުދަސަރުނަ ރަދުންނެވެ.

މީލާދީން 1925 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގައި 'ދަސަ ރަދުން' ކިޔުނު ރަސްކަލެއް ރައްޔިތުންނަށް ބިންތަކެއް ދެއްވި ވާހަކަ ލިޔެފައިވެއެވެ. އެހެންކަމާއެކު އެ ލޯމާފާނުގައި އެ ވަނީ އެ ޒަމާނުގައިވެސް އެވޭލާ ކަމަށް ހިމެނުނު ދުވަސްވަރެއްގައި އުޅުއްވި ސޫރުދަސަރުނަ ރަދުންގެ ވާހަކަކަމަށް ވެދާނެބާ އެވެ؟" (ނަސީމާ މުޙައްމަދު، ފަތްތޫރަ، 306، ސެޕްޓެމްބަރ 2004)

"ދިވެހި ތާރީޚަށް އައު އަލިކަމެއް"ގައި ދިވެހިބަހަކީ ސިންގަޅަބަހުން އުފެދުނު ބަހެއް ކަމަށް ނިންމައިފައި ވީނަމަވެސް މިއަދުގެ ހޯދުންތައް މިޔާ މުޅިން ތަފާތެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ، ފަތްތޫރައިގައި "ދިވެހި ތާރީޚުގެ ތެރެއިން ހޯދުން" މި ސިލްސިލާގެ ދަށުން ލިޔުއްވައިފައިވާ "ކޮއިމަލާކަލޯއަކީ ކާކުބާ" މި މައިގަނޑުނަމަށް ލިޔުއްވައިފައިވާ ތާރީޚީ ލިޔުމެއްގައި ބަޔާންކުރައްވައިފައިވެއެވެ. "އޮޅުމެއް ނެތް ގޮތުގައި ދިވެހިބަހުގެ މައިގަނޑަކީ އެވޭލާ ސިންގަޅަ ބަހެވެ. ތަޢައްޞުބެއް ނެތި މިކަން ގަބޫލުކުރާންޖެހެއެވެ. އެވޭލާ ސިންގަޅަ ބަހުގެ ލަފުޒުތަކާއި އެ ބަހުގެ ހަމަތައް ދިވެހި ބަހުގައި ވާކަން އެނގޭއިރު ޕާލީ ބަހާއި ސާންސްކިރިތާއި ޕަރާކިރިތާއި ހިންދީ އާއި މެލޭ އާއި ފާރިސީ އާއި އުރުދޫއާއި ޢަރަތްބާއި ޕޯޗުގީޒާއި އިނގިރޭސި މި ބަސްބަހުގެ ލަފުޒުތަކާއި ހަމަތައް ދިވެހިބަހާ އެކުވެފައިވެއެވެ.

ދިވެހިބަހަށާއި ދިވެހިރާއްޖޭގައި ހުރި އާސާރުތަކަށް ބަލާއިރު މީލާދީން ގާތްގަނޑަކަށް 900 – 800 ގެ ފަހުގައި އެވޭލާ ސިންގަޅަބަހާއި ދިވެހިބަސް ވަނީ ވަކިވެފައެވެ. ސިންގަޅައިން އެބައި މީހުންގެ އެވޭލާ ބަސް ތަރައްޤީކުރަމުން ދިޔަ ފަދައިން ދިވެހީން ވެސް އެބައި މީހުންގެ މުސްކުޅި ދިވެހިބަސް ތަރައްޤީކުރަމުން ގެންގޮސްފައިވަނީ ލިޔެކިޔުމަށް އަމިއްލަ އަކުރެއް އުފައްދައިގެން ކުރީގެ ބަހަށް ބަދަލުތަކެއް ގެންނަމުންނެވެ. މިއީ ބަސްބަސް އުފެދި ތަރައްޤީވަމުން އަންނަ ހަމައެވެ."

އިސްވެ ދެންނެވުނު ތާރީޚީ ލިޔުންތަކާއި ދިވެހިބަހުގެ އުޞޫލުތަކާއި ބަހުގެ ތާރީޚާމެދު ފުންކޮށް ވިސްނައިލުމުން ވަރަށް މުހިންމު ނުކުތާއެއް އެބަ ހާމަވެއެވެ. އެއީ ދިވެހިރާއްޖެއަށް ފުރަތަމަ އައި ބަޔަކީ އިންޑިއާގެ ނުވަތަ ލަންކާގެ ބަޔަކަށްވުމަކީ ވަރަށް ކައިރިކަމެއް ކަމެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް ފުރަތަމަ މީހުން އައިސްފައިވަނީ ކޮން ދުވަސްވަރެއްގައިކަން ބަޔާންކުރުމަކީ އަދި ފަސޭހަކަމެއް ނޫނެވެ. އިންދޫސްވާދީ ރަށްވެހިކަމުގެ އަހުލުވެރީންނަކީ ކަނޑުދަތުރުފަތުރު ކޮށް އުޅުނު ބަޔަކަށް ވާތީ ދެކުނު އިންޑިއާ އާއި ދިވެހިރާއްޖެއާ އޮންނަލެއް ކައިރިކަމުން އިންޑިއާގެ އައްސޭރި ފަށުން މަސްވެރިން އެކި ދުވަސްވަރު ބެހިގެން ވެސް ރާއްޖެ އައިސްފައިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މި ކަން މި ގޮތަށް ހިނގައިފައިވާ ނަމަ، އެއީ ޑްރެވީޑިއަނުންކަމަށްވުމީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެނީ ރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރު ޑްރެވީޑިއަން ނަންތައް ހުރިކަން އެބަ ފާހަގަކުރެވެއެވެ.

ދިވެހީންގެ އާދަކާދަތަކާއި އުޞޫލުތައް ހުރި ގޮތުން ދިވެހިންގެ ތެރެއަށް ޚާއްޞަކޮށް ދިވެހިބަހަށް އިންޑޯ ޢާރިޔަނުންގެ އަސަރުކޮށްފައި ވާކަން ހާމަވާން އެބަހުއްޓެވެ.  އަޅުގަނޑުމެންގެ ސަގާފަތުގައި ހިންދީ ދީނުގެ އަސަރުތަކާއި ބުދު ދީނުގެ އަސަރުތައް ފެނިފައިވެއެވެ. މި ކަންކަމުން ދޭހަވަނީ ދިވެހީންގެ އަޞްލަކީ އިންޑިއާއިން ނުވަތަ ލަންކާއިން އައި މީހުންކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމެވެ.

މިއަދުގެ ހޯދުންތަކުގެ އަލީގައި ވަކި ކޮޅަކަށް ނިންމައި ސިއްކަޖެހުމަކީ ވެވޭނޭ ކަމެއް ނޫންކަން ކަށަވަރެވެ. ލިޔެފައި ހުރި އެކި ލިޔުންތެރީންގެ ދިރާސާތަކަށް އެކަނި ބަރޯސާވެގެން މިފަދަ ނިންމުމެއް ނިންމޭކަށް ނެތެވެ.

އިސްވެ ދެންނެވުނު ވާހަކަތަކުގެ އަލީގައި އެއްޗެއް ދަންނަވާ ނަމަ، ދީވީންނާއި ސަރަންދީވީންނަކީ އެއް ދިމާއަކުން ދެކަފިވެގެން އައި ތިމާގެ ދެ ދަރިކޮޅު ކަމަށް ބެލިދާނެއެވެ. އަދި މި ބަޔަކު ފުރަތަމަ އައީ އިންޑިއާއިންކަމަށް ވެސް ވެދާނެއެވެ.

އެއްވެސް ޝައްކެއް ނެތެވެ. މި މައުޟޫޢާމެދު ހޯދައި ބަލައި ދިރާސާކުރުމުގެ ކޮޅުތައް ފެންނާން އެބަ ހުއްޓެވެ. ދިވެހީންގެ ތެރޭގައި ޢާރިޔަނުންނާއި ޑްރެވީޑިއަނުންނާއި ޢަރަބީންނާއި ޢަޖަމީން (ފާރިސީން) އުޅެފައިވާކަން އެނގެއެވެ. އަދި ދުނިޔޭގެ އެހެން ހުރިހައި ނަސްލުތަކެއްގެ މަސްހުނިވުން ވެސް ދިވެހީންގެ ތެރެއިން އެބަ ފެނެއެވެ. މި ހުރިހައި ނަސްލުތަކެއް އެކުވެގެން އުފެދިފައިވާ ދިވެހީންނަކީ މިއަދު އެއް ބަހެއްގެ އެއް ދީނެއްގެ އަހުލުވެރިންނެވެ.

ކޮންމެއަކަސް މިއަދު ދިވެހީންނަކީ، އެއްބައެއްވަންތަ، ބަޔެކެވެ. އާދެ! ސައްތައިން ސައްތަ މުސްލިމު ދިވެހީންނެވެ. މިއީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މައި ތަނބެވެ. އަޅުގަނޑުމެންގެ އިސްލާމީ ވަޙުދަތު ޙިމާޠަތްކުރުމަކީ ދިވެހީންގެ އެއްބައިވަންތަ ޤައުމިއްޔަތު ދެމެހެއްޓުމަށް ޓަކައި ކުރާންޖެހޭ އެންމެ މުހިންމު މަސައްކަތެވެ. މި ކަމާމެދު އަޅުގަނޑުމެންގެ ހިތުގައި ޝައްކެއް ނެތެވެ. ދިވެހީންގެ އެއްބައިވަންތަކާއި އިސްލާމީ ވަޙުދަތު ދެމެހެއްޓުމަކީ ދިވެހި ޤައުމިއްޔަތު ޙިމާޔަތްކުރުމަށްޓަކައި ކުރާންޖެހޭ އެންމެ މުހިންމު މަސައްކަތްކަމާ މެދަކު އަޅުގަނޑުމެން ޝައްކެއް ނުކުރަމެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަޞްލަކީ ކޮބައިކަމާމެދު ސައްތައިންސައްތަ ކަށަވަރުކަމެއް ލިބިފައެއް ނުވެއެވެ. އާދޭހެވެ! ދިވެހީންގެ އަޞްލަކީ އުތުރުކަރައިން ނުވަތަ އޮޅުދޫކަރައިން އައި ބަޔަކަށް ވެސް ވެދާނެއެވެ. އަދި ހުޅަނގުން އިރަށް، އިރުން ހުޅަނގަށް ދުނިޔޭގެ ކަނޑުތަކުގައި ދަތުރުކުރި ބަޔަކު އެކި ފަހަރު މަތީން، ރާއްޖޭގެ ތަންތަނަށް އުރި އެ މީހުން މި ރާއްޖޭގައި ވަޒަންވެރިވީ ކަމަށް ވެސް ވެދާނެއެވެ. ޢަރަބިކަރައާއި ފާރިސީކަރައާއި އަސޭކަރައިން ވެސް މި ރާއްޖެއަށް އައިސް މީހުން މަސްހުނިވެ ވަޒަންވެރިވީ ކަމަށް ވެސް ވެދާނެއެވެ. މި ހުރިހާ ޤައުމެއްގެ މީސްމީހުންގެ ސިފަތަކާއި އެ ޤައުމުތަކުގައި ވާހަކަދައްކާ ބަސްބަހުގެ އަސަރު ދިވެހިބަހާއި ދިވެހި މުޖުތަމަޢުން ފެންނާންހުރިކަމީ ހަގީގަތެކެވެ. މިއީ އުތުރުކަރައާއި އޮޅުދޫކަރައިން މި ރާއްޖެއަށް މީހުން އައުމުގެ ކުރީން ނުވަތަ ފަހުން ހިނގައިފައިވާ ކަމެއް ކަމަށް ވެސް ވެދާނެއެވެ.

އާދޭހެވެ! ދިވެހީންގެ އަޞްލު ދެނެގަތުމުގައި ދާންވީ ދިމަދިމާ އަޅުގަނޑުމެންނަށް އެބަ ވިސްނެއެވެ. ނަމަވެސް އަދިއަދަށް ދާންދެން ވެސް ދިވެހީންގެ އަޞްލު (ޔަޤީންކަމާއެކު) ކަނޑައެޅުމަކީ އަދި މާ ފަސޭހަކަމެއް ކަމެއްކަމަކަށް ނުވެއެވެ. އެކަމަކު އެ ކަން ހޯދައި ބަލައި ދިރާސާކޮށް ދެނެގަތުމަކީ މި ޖީލުގެ ކޮޑުގައި އެޅިފައި އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑު ދެކެމެވެ.

 

* ޙަވާލާ:
ޙަބީބާ ޙުސައިން ޙަބީބު.(؟) ތާރީޚަށް އަވަސްކަޅިއެއް (ޞަފުޙާ: 2)

ނަސީމާ މުޙައްމަދު. (2002). ދިވެހީންގެ އަޞްލު 2. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ނަސީމާ މުޙައްމަދު. (؟). އިހުގެ ވަޒަންވެރީން. ފަތްތޫރަ 2.
އަޙުމަދު ޝަފީޤު، (؟)، ސާސްތުރަ    މާލެ: ؟
މުޙައްމަދު އަމީން. (1978)"ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު" ، (1978)، ޞ 21 ން 22 އަށް)