އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމަށް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ މިއަދު ހަމަޖައްސަވައިފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަޤާމު ހަވާލުކުރި ކަމުގެ ލިޔުން ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއަށް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިއާ އަޙްމަދު ދީދީއެވެ.
ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ބަދަލުކުރުމުގެ ގޮތުން ދެވޭ ސިލޭހަ ހަވާލުކުރައްވާފައިވަނީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ޒޫމް މެދުވެރިކޮށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގައި ކުރިން ހުންނެވި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އާއި، އެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި ކޮމާންޑް ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވައިފައެވެ.

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމުގެ ޒިންމާ ކުރިން އަދާކުރެއްވި ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އަށް ޚިދުމަތުގެ އައްޑަނަ ވަނީ ހަވާލުކުރައްވައިފައެވެ. މި އައްޑަނަ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފެވެ.
މި ރަސްމިއްޔާތުގައި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.



advertisment