Support Us

ދީލަތިކަމުގެ ކޮޅުނެތް ކޮޅު!

ރޯދަ އަންނަންވާއިރަށް ހަތައިފުށީ ކުޑަމިސްކިތުގެ އާބާތުރަފިލުވައި، މަތިވަޑާންގަނޑުން މަކުނުވައު ފޮޅައި، ފުރާޅަށް އައު ފަންލައި، ދެންވެސް ކުރާންހުރި ކަމެއް ހުރިތޯ ބަލައިހަދާން އާލާތްކުރާން ވެއްޖެއެވެ. ކަމުގައި އިސްކޮށް އުޅުއްވަނީ ރަށުގެ ނަގައިގަތް ކަތީބާއި، ފަހުން އައި ބޮޑު ކައުންސިއްލަރެއްތޯ އެއްޗެއް ކިޔާ މީހެކެވެ. ބައެއް ކަހަލަ ކަންކަމުގައި މި ދެކަލުންގެ ފިކުރާއި ޚިޔާލު ބައެއް ފަހަރު މުޅީން އެއްގޮތް ނުވިޔަސް، ކުރިމަތީގައި އޮތް ކަމަކީ ދުނިޔޭގެ މާލުން ބައެއް ވަކި ބަޔަކަށް ލިބިގެން އެކަމާ އެހެން ބަޔަކު މައްސަލަ ޖައްސައި، އަޑުގަދަކޮށް ހަދާނެ ކަމެއް ކަމަށް ނުފެންނާތީ، ދެ ބޭކަލުންވެސް ތިއްބެވީ ވަރަށް ސާބިތުކަމާއެކު އެއް ހިރިގަލުގެ މެދުގައެވެ. އެއް ބޭކަލަކު އަނެއް ބޭކަލެއްގެ އަތުގައްޔާއި ވިސްނުމުގައި ވަރަށް ބަދަހިކޮށް ހިއްޕަވައިގެން މެއެވެ. ހިތުގެ ދީލަތިކަމަކީ އެއީއެވެ!

ހަތައިފުށީ ކުޑަމިސްކިތު ފުރާޅު ފަންގިލާން ރަށު އަންހެނުން ކޮމިޓީގެ ފަރާތުން ފަންގި ވިދެ، ބޮނޑި ބަނދެ، ޢަދަދު ހަމަކޮށްފިއެވެ. އަދި ގަމުތެރެޔަށް މުޅީން ނުވާގޮތަށް، ވަލަށްވެސް މުޅީން ނުވާގޮތަށް އޮތް ހިސާބަކުން ވިނަނޮޅައި، ފިޔަފާޅި ޖަހައިފައި، ފަންބޮނޑިތައް އެތަނަށް ޖަމާކޮށް ނިންމައިފިއެވެ. އެކަމަށް ހިނގި ޚަރަދެއް އޮތިއްޔާ އެކަން ނިންމާނީ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން ކަމަށްވެސް ކަނޑައަޅައި، އެކަން ރަށުތެރަށް އިޢުލާނުވެސް ކޮށް ނިންމައިފިއެވެ. ރަށު އަންހެނުންގެ ހިންމަތާއި މިންނަތުގެ ދީލަތިކަން އެހެރީ ދިމާޔަށް ފެންނާށެވެ!

-އަދިވެސް ފޮޓޯ: އަބްދުއްސަމަދު

ހަތައިފުށީ މުސްކުޅި މާވަޑިބެއަކީ ތަންކޮޅެއް އިހުގެ ފިކުރެއްގެ ވެރިޔެކެވެ. އެހެންކަމާއެކު، ކުޑަމިސްކިތު ފުރާޅު ފަންގިލުމުގެ މަސައްކަތް ފެށުމުގެ ކުރީން މިސްކިތު މަތިވަޑާންގަނޑު މިހައިރު ހުރީ ކިހިނެއްތޯ ބަލައިލަން ޖެހޭނޭ ކަމަށް އޭނާ ބުންޏެވެ. އެ މަތިވަޑާންގަނޑު ޖެހީ މީގެ ފަންސާހަކަށް އަހަރުކުރީން، އޭނާވެސް ބައިވެރިގެންނޭ، އެހެންވީމައި ބައެއް ވަކަރު މިހައިރު ފީވެފައި ހުރުން ވަރަށް ގާތޭވެސް ބުންޏެވެ. އެންމެންގެ ރައްކާތެރިކަމަށް ބެލުމުގައި އެކަހަލަ މީހަކަށް ދީލަތި ވެވޭނީ އެކަހަލަ ގޮތަކަށެވެ.

މާވަޑިބޭ ބުނި ބަހަށް އިހުކަތީބާއި ފަހުވެރިޔާ ތާއީދުކުރެއްވުމާއެކު، ފަހަރުގައި ފީވެސް ވެފައިވާ ދެތިން ވަކަރެއް އޮތް މަތިވަޑާންގަނޑަށް އަރައި ބެލޭނީ ވަރަށް ހިތްވަރުގަދަ މީހަކަށޭ އެންމެންވެސް ބުންޏެވެ. އަދި އެކަމާ ގިނަ މީހުން ފިކުރު ކުރިވަރަކަށް އެންމެނަށްވެސް ވިސްނުނީ ހިތްވަރުގަދަކަމަކީ އެކަން ކުރަން ކުފޫހަމަވުމުގެ ހަމައެކަނި ޝަރުޠު ނޫން ކަމެވެ. ގައިބާރު ހުރުމާއި، ވަޒަނުން ލުއިވުމާއި، ލޮލާއި ސިކުނޑި އެއްވަރަށް މަސައްކަތްކުރުމަކީވެސް އެވަގުތު އެތަނަށް އަރަން ބޭނުން މީހެއްގައި ކޮންމެހެން ހުންނަންޖެހޭނޭ ސިފަތަކެކޭ އެމީހުން ބުނަން ފަށައިފިއެވެ. އަދި، ރަށަކީ އެންމެންގެ ކަންކަމުގައި ދަރުމަޔަށް މަސައްކަތްކޮށްދޭން ތައްޔާރަށް ތިބޭ ޒުވާނުން ގިނަ ރަށަކަށް ވާތީ، އެ ހުރިހައި ޝަރުޠު ތަކެއް ހަމަވާ ދިހަވަރަކަށް ޒުވާނުން އިސާހިތަކު އެކަން ކުރަން ތައްޔާރަށް ފޫގަޅައިގެން އަތުވެއްޖެއެވެ. މަތިވަނޑާންގަނޑަށް އަރާނެ ދެކުދީން ހޮވަން ޖެހުނީ ގުރުއަތުލައިގެންނެވެ. ރަށު ޒުވާނުންގެ ދީލަތިކަމަކީ އެއީ ނޫންތޯއެވެ!

އިހުކަތީބާއި ފަހުކައުންސިއްލަރުގެ ރުހުން ދެއްވުމާއެކު، ކަންކުރާނެ ވަގުތު އެ ދެކަލުން ކަނޑައެޅުއްވުމަށްފަހު ދެކަލުންވެސް ތަނަށް ވަޑައިގެންނެވީމައި، އަންހެންވެރީން ފަނިގިރައިގެން އައިސް ތިބޭތާ އިރުކޮޅެއް ވީފަހުން، ފޯރިޔާއި ހިތްވަރާއި ސަލާމަތީ ކަމަރުތަކެއްވެސް ކޮންމެވެސް ތާކުން ހޯދައިގެން އައި ޒުވާނުންގެ ގުރޫޕެއްގެ މެދުގައި ތިބެގެން ގަޑީގެ ދެ ބަޠަލުން އަތުވެއްޖެއެވެ. އަދި އެމީހުންގެ މެދުގައި މަޝްވަރާކޮށް، ރާވައި، ހަމަޖައްސައިފައިވާ ޢަމަލީ ރޭވުމާ އެއްގޮތަށް ޙަރަކާތްތެރިވާން ފަށައިފިއެވެ. ޒުވާން ރައްޔިތެއްގެ ދީލަތިކަން ފެނިގެންދާނީ މިކަހަލަ ގޮތަކަށް ނޫންތޯއެވެ؟

މަތިވަޑާންގަނޑަށް އަރައި ބެލުމުގެ މަސައްކަތް ފެށި ދެކުދީންގެ މަސައްކަތް ފެށިތާ ހަމަ ދިހަވަރަކަށް މިނެޓު ހިނގިތަނާ، ތިމަންމެން އަވަހަށް މިތަނުން ބާލާށޭ އެ ދެކުދީންވެސް ގޮވައިލައިފިއެވެ. ސަލާމަތީ ކަމަރުގައި ޖަހައިފައި ހުރި ވައުތަކަށް ދޫދީ، ހަރުގަނޑުތައް އިސްތިރާޖީ ގޮތަކަށް އަލުން ބަހައްޓައި ހަދައިލަން ނެގީ ހަމަ އެންމެ މިނެޓެކެވެ. އަދި މައްޗަށް އެރި ދެކުދިން ހޯހޯ ގޮވައިލިތާ ދެމިނެޓު ހިނގައި ހަމަވިއިރު އެ ދެކުދީންވެސް ތިބީ ހަމަބިމުގައެވެ. އަދި އެކުދީންނަށް ފެނުނު ކަންކަން ކިޔައިދިނުމުގެ އިތުރުން އެކުދީންގެ ފޯނަށް ނަގައިފައިހުރި ފޮޓޯތައްވެސް ދައްކަން ތައްޔާރަށެވެ. ރޭވުންތެރިކަމާއި، ސިކުނޑީގެ ބޭނުންކުރުމާއި، ޒަމާނީ ތަޢުލީމުން އެކުދީންނަށް ލިބިފައިވާ އެއްޗަކުން ރަށަށް ކަމެއް ކޮށްދިނުމުގައި ދީލަތި ވެވޭނީ އެހައި ވަރަށެވެ.

ހަތައިފުށީ ކުޑަމިސްކިތު މަތިވަޑާންގަނޑު މިހައިރު އެހުރި ގޮތަށް ހުއްޓައި ފުރާޅަށް ފަންގިލާން އަރާނީ ވަރަށް ނުވިސްނޭ ބައެކެވެ. މަތިވަޑާންގަނޑު އެ އޮތީ އެކަށް ފީވެފައެވެ. ބައި ޤަރުނު ވެފައިވާ ވަކަރުތައް ނަގައި، އައު ވަކަރު އަރުވައިގެން މެނުވީ އެކަމާ ހަމަ އެއްގޮަތަކަށްވެސް އުޅޭކަށް ނުވާނެޔޭ ބުނީ މާވަޑިބޭ އެކަންޏެއް ނޫނެވެ. އެކަން ވެގެންދިޔައީ އެންމެންގެ ޚިޔާލަކަށެވެ. އިހުކަތީބާއި އަދުވެރިޔާވެސް އެޚިޔާލުގެ ޙިއްޞާއެއް ނެންގެވިކަމީ ދިމިކުރާޠީ ހެއުވެރިކަމުގެ ދީލަތިކަން ނޫންތޯއެވެ؟

-އަދިވެސް ފޮޓޯ: އަބްދުއްސަމަދު

ދެން ފެށުނީ ކަމުވޮށިގެންވާ އެންމެންގެ މެދުގައި ކަމާބެހޭގޮތުން ބޭއްވުނު މަޝްވަރާއެކެވެ. ކުޑަމިސްކިތަށް ދެން ހަދާނީ ކިހިނެއްތޯ، އައުކުރާނީ މަތިވަޑާންގަނޑު އެކަނިތޯ، މިއީ އެ ބައްދަލުވުމަށް ހުށައެޅުނު އެއް މައްސަލައެވެ. މަތިވަޑާންގަނޑު އިހު ހުރިގޮތަށް އަލުން ޖަހާނަމަ، އެކަމަށް ހޯދަން ޖެހޭ ނިރޮޅު ވަކަރު ކީހަން ކަނޑާނެ ރުއް ރަށު ވަލުގައި ނެތީތީ، އަދި ހުއްޓަސް ރުއް ކެނޑުމުގެ ހުއްދަ ރަށުން ބޭރުން ހޯދަންޖެހުމަކީ ވަރަށް ދަތިކަމަކަށް ވާނެޔޭ ފަހުވެރިޔާ ބުނުއްވިއެވެ. އިހުކަތީބު އެކަމާ އެއްބަސްވެލެއްވުމުގެ ގޮތުން ބޯޖައްސަވައިލެއްވިތަން ތަނުގައި ތިބި އެންމެނަށްވެސް ފެނުނެވެ. މަތިވަޑާންގަނޑު މެރެންޓީއަށް ބަދަލުކުރާއިރު ފުރާޅު މޮޅުޓިނަށް ބަދަލުކޮށްލިއްޔާ ރަނގަޅެއް ނުވާނެތޯ ކޮންމެވެސް އެހެން ބޭކަލަކު އެއްސެވިއެވެ. މަތިވަޑާންގަޑު އައުކޮށްލާއިރު ބައުވެފައިވާ ކުޑަދޮރުތައްވެސް އެލްމުނިޔާޔަށް ބަދަލުކޮށްލަންވާނެ ދެއްތޯއޭ، ކޮންމެވެސް އެހެން ބޭކަލަކު ބުނުއްވިއެވެ. ހުށައެޅުނު ޚިޔާލުތައް ގިނަވާން ފެށުމުން، އެދުވަހުގެ ބައްދަލުވުމުން ނިންމި ނިންމުމަކީ، މިސްކިތަށް ހަދާނޭ ގޮތަކާމެދު  ރަށުގެ އެންމެހައި ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތްވެސް ރަނގަޅަށް ހޯދައިބަލަން، އެންމެންގެ ޚިޔާލު ހުށައަޅަން ފުރުޞަތެއް ދިނުމުގެ ޙަރަކާތެއް އަވަހަށް ހިންގުމަށްފަހު ސީރިޔަސް ނިންމުމެއް ނިންމާށެވެ. މަޞްލަޙަތަށް ބައްލަވާ ވެރީންގެ ދީލަތިކަން ފެނިގެންދާނީ އެހައިކަންހައި ވަރަށެވެ.

ރައްޔިތުންގެ ރައުޔުތައް ހޯދައި ނިމިއްޖެއެވެ. އަދި އޭގެ ތެރެއިން އަޣުލަބިއްޔަތުން ނިކުތް ގޮތަކީ، ހަތައިފުށީ ކުޑަމިސްކިތަކީ ހިރިގަލުން ބިނާކޮށްފައިވާ، ގަލުވަޑާމާއި، ލިޔެލާޖެހުމުގެވެސް ލާމަސީލު މިސާލަކަށް ވާތީ، މިސްކިތް މިހައިރުވެސް ހުރިގޮތަށް ބަހައްޓައި، މުޅި މިސްކިތް ފުރާޅާވެސް އެކީގައި ހިޔައުކުރެވޭ ވަރުގެ ބިނާއެއް މިސްކިތުގެ ހަތަރު ކަނާދިމާއިން ބޭރުގައި ދަގަނޑު ތަނބުޖަހައިގެން ހަދާށެވެ. އަދި މިސްކިތް އެ ހުރިގޮތަށް ބަހައްޓަން ބައިނަލް އަޤްވާމީ މާހިރުންގެ ފަންނީ އެހީވެސް ހޯދާށެވެ. އަަދި ކުޑަމިސްކިތާ މާ ދުރުނޫން ހިސާބެއްގައި ތަންކޮޅެއް ބޮޑު މިސްކިތެއް އަލުން އަޅާށެވެ. މިޚިޔާލަކީ ރައްޔިތުންގެ ރައުޔުގެ އަޣުލަބިއްޔަތުކަން އެނގުމާއެކު، އެންމެންވެސް އެ ޚިޔާލުގެ ފަހަތަށް އަރައި، އެއްބާރުލައިދޭން އެއްބަސްވިއެވެ. އެންމެން އެއްގަލަކަށް އެރުމުގެ ދީލަތިކަމަކީ މިއީ ނޫންތޯއެވެ!

ޚިޔާލުގެ ތަނަވަސްކަން ޚިޔާލީ ފޮލަޔަށް ބަދަލު ކޮށްލާ ޙަޤީޤަތަކީ މާލީ ތަނަވަސްކަމަށް ވެފައި އޮތުމަކީ ދުނިޔޭގެ ޙަޤީޤަތެކެވެ. އެހެންކަމާއެކު، ހަތައިފުށީ ކުޑަމިސްކިތް އާސާރީ ބިނާޔަކަށް ބަދަލުކޮށްލަން ބޭނުންވާނެ ފައިސާ ހޯދާނީ ކޮންތާކުން ކިހިނެއްތޯ ބަލަންވެސް ބައްދަލުވުމެއް ބޭއްވުނެވެ. އެ ބައްދަލުވުމުގެ އިއްތިފާޤުން ނިމުނީ، ފަންޑެއް ހުޅުވާށެވެ. އަދި ރަށު އެންމެން އެމީހަކަށް ދެވެން އޮތް އެއްޗެއް ހިތްހެޔޮކަމާއެކު އެ ފަންޑަށް ދިނުމަށެވެ. ރަށުގައި ތިބި ތަނަވަސްކަމުގެ އަހުލުވެރީންނަށް މިވާހަކަ ދަންނަވައިލަންވެސް ނިމުނެވެ. ވަކީން ޚާއްޞަކޮށް، ރަށުގައި ހިންގާ ހަމައެކަނި ގެސްޓުހައުސް ކަމަށްވާ ”ހަތައި ސޮޖަރން“ ގެ ވެރިޔާ އަރިހު ދަންނަވައިގެން ކޮންމެވެސް ގޮތެއް ވޭތޯ ބެލުމަށްފަހު މެނުވީ، ރަށުން ބޭރަށް އިހަށް އަތްދިމާނުކުރާން ވެސް ނިންމުނެވެ. ބައެއްކަހަލަ ރަށްރަށުގެ ރަށު ކަންކަން ރަށާ ހަމައިން ނިންމުމުގެ ރޫޙަކީ ކިހައިވަރެއްގެ ކަމެއްކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނުކެރޭނެއެވެ.

ރަށު ކުޑަހުއްތުއިބުރާހިމުގެ އަޙުމަދު ޙަމީދުގެ ”ހަތައި ސޮޖަރން“ ރަށުގައި ހުޅުވުމާ ވިދިގެން ރަށަށް އެކި ވައްތަރުގެ ތަރައްޤީ އައެވެ. ރަށު ރައްޔިތުން އަމިއްލަޔަށް ފައިސާ ހޯދައިގެން ހަދައިފައި އޮތް ފާލަމަކީ ރަށުމީހުން ލަފައިފުރަން ހަމަ އެންމެ ރަނގަޅު ފާލަމަކަށް ވިޔަސް، ޔޫރަޕު ހިސާބުން ރަށަށް އަންނަ މެހުމާނުންނަށް ކަމުދާ ފެންވަރުގެ ފާލަމަކަށް އެ ފާލަން ނުވާތީ، ރަށުގައި ވަރުގަދަ، ބަލައިލަން ރީތި، ހިޔާކުރި ފާލަމެއް އެޅުނެވެ. ރަށުފަޅަށް ފަހުގެ ކަންނެލި ދޯނި ހިކިދިޔައިގައި ވަންނައިރު ކިރިޔާ ނުބިހޭ ވަރުން ވަދެވުނަސް، ޙަމީދުގެ ގެސްޓުހައުސް އަށް ވައިގެބަނދަރުން ފަތުރުވެރީން ގެނައުމުގެ ނަމުގައި، ގެސްޓުހައުސް ފުރޭ ދަނޑިވަޅުތަކުގައި ފަތުރުވެރީން ބައިތިއްބަން ބޭރު ރަށެއްގައި ބަނދެގެން ގެނައި އޮޑި ރަށު ފަޅަށް ނުވަދެވޭތީ، ފަޅު ފުންކުރެވުނެވެ. ”ހަތައި ސޮޖަރން“އަށް އަންނަ ފަތުރުވެރީން ކުޑަހެދުން އަޅައިގެން ނިކުމެލާނެ އަތިރިމައްޗެއް ޚާއްޞަކުރެވިފައި ނެތީމައި، އެކަމަށް ޙައްލެއް ހޯދުމުގެ ގޮތުން ރަށުގައި އޮތް އެންމެ ނަލަ ގޮނޑުދޮށް ބިތްގަނޑުޖަހައި ވަކިކޮށްލައިފައި، އެތަނަށް ވަދެވޭނީ ހަމައެކަނި ފަތުރުވެރީންނަށް ކަމަށްވެސް ނިންމުނެވެ. މިހުރިހައި ކަމެއް ކޮށްނިމުނީ ރައްޔިތުންގެ ފައިސާއިން ނުވަތަ ސަރުކާރު ޚަރަދުގައެވެ. އެއީވެސް ވަރަށް ބޮޑު ދީލަތިކަމެއް ދެއްތޯއެވެ؟

ހަތައިފުށީ ކުޑަމިސްކިތް އާސާރީ ތާކަށް ހެދުމާބެހޭ މަޝްރޫޢުގެ ފަންޑަށް ފައިސާ ޖަމާވަމުން ދިޔައެވެ. ބައެއް މީހުން އެމީހުންގެ އެމަހުގެ މުސާރައިގެ ދެބައިކުޅަ އެއްބައި ފަންޑަށް ޖަމާކުރިއެވެ. ބައެއްމީހުން އެމީހުންގެ އަމިއްލަ ގަސް ރުއް ވިއްކައިގެން ލިބުނު ފައިސާވެސް ޖަމާކުރިއެވެ. ރަށުން ބޭރުގައި ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަކުދީންނަށް ދެތިން މަހު ލިބުނު ޓިޕުސްވެސް އެޅީ ފަންޑަށެވެ. ރަށު ރޫޙާއި ދީލަތިކަމަކީ އެއީ  ނޫންތޯއެވެ!

ދެެން އޮތީ ރަށު ކުޑަހުއްތުއިބުރާހިމުގެ އަޙުމަދު ޙަމީދުގެ ”ހަތައި ސޮޖަރން“ގެ ވާހަކައެވެ. އެތަނުން ނިންމީ، އެތާނގައި މިހައިރު ހުރި ސާދަ ކޮޓަރި، ކުރިޔަށް އޮތް ހަތަރު މަސްދުވަހު އެކީ ފުރިއްޖިއްޔާ، އެގޮތަށް ފުރޭ ކޮންމެ މަހަކު، އެތަނުން އެއް ކޮޓަރިޔަށް ލިބޭ ފައިސާ ފަންޑަށް ލުމަށެވެ. ވަރަށް އާދައިގެ ކުޑަ ޝަރުޠަކާވެސް އެކުގައެވެ. އެއީ، ރަށަށް ފެންނަ ހިސާބުގައި އޮންނަ ހޭހަންފިނޮޅަކީ ”ހަތައި ސޮޖަރން“އަށް އަންނަ ފަތުރުވެރީން ކުޑަހެދުން އަޅައިގެން ޕިކުނިކު ދާން އޮންނަ ފިނޮޅެއް ކަމަށް ރަސްމީކޮށް ކަނޑައެޅޭނޭ ގޮތް ކައުންސިލުން މަސައްކަތްކޮށްގެން ހަދައިދޭށާއި، އޭގެ ފަހުން އެ ފިނޮޅަށް އެހެން ބަޔަކަށް ނުއެރޭގޮތް ހަދައިދިނުމެވެ. ގަމުތެރެޔަށް ނުވާގޮތަށް، ވަލަށްވެސް ނުވާގޮތަށް، ރަށުގައި އަޅައިފައި ހުރި ފިޔަފާޅިޔަކަށް ޖަމާކޮށްފައި ހުރި ފަންބޮނޑިތަކުގެ ވާހަކަ ނުދެއްކެވީ ޙަމީދު މީން ދުވަހަކު ރަށަށް ވަޑައިނުގަންނަވާތީ އެ އެއްޗިހި ފެނިވަޑައިނުގަންނަވާތީ ކަމަށްވެސް ވެދާނެއެވެ. އެހެން ނޫންނަމަ… ފަތުރުވެރިކަން ފަދަ ނާޒުކު ޞިނާޢަތެއްގައި، ހުޅުވައިލެވިފައިވާ ވާދަވެރި މާރުކޭޓެއްގައި، ވަރަށް ބަލައިގެން ކުރިއްޔާ ނޫނީ މީހާ މުޅިން ބަނގުރޫޓު ވެދާފަދަ ޙައްސާސް ވިޔަފާރިޔަކަށް ދީލަތި ވެވޭނީ އެހައިވަރަށެވެ. ދީލަތިކަމުގެ ކޮޅުނެތްކޮޅަކީ އެއީއެވެ!